މިއަހަރު ވާނީ ދިވެހި ރައްޔިތުންގެ އަމާޒަށް ޤައުމު ގެންގޮސްދޭ ކާމިޔާބީގެ އަހަރަކަށް: ރައީސް

މިއަހަރަކީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރެވޭނެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި، ދިވެހީންގެ ތާރީޚީ ކުރިއެރުމާއި، ތަރައްޤީގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހީންނަކީ އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ޙާޞިލުކުރެވޭތޯ މަސައްކަތްކުރާ، އަދި ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީޚުން ސާބިތުކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، ދިވެވެހީންގެ އެންމެ އެވޭލާ ތާރީޚުއްސުރެ މިއަދާ ހަމަޔަށް، ކުރިއެރުން ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުން އައިސްފައިވާ ކަމަށެވެ. މި ހިތްވަރާއެކު، ޤައުމީ އަމާޒުތަކަށް ވާސިލުވުމަށް މިއަހަރުވެސް ކުރެވޭނެ ގިނަ މަސައްކަތްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ޤާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަން ރައީސް ފާހަގަކުރެއްވިއެވެ. މި ވިސްނުމަކީ ޤައުމުގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޒުވާން ޖީލު ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށާއި، ތަޢުލީމީ އަދި ފަންނީ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚުގެ ގޮތުގައި ސިފަކުރައްވާފައެވެ. މި މުނާސަބަތު ފާހަގަކުރުމުން، ދިވެހީންގެ ދީނީ ވަހުދަތާއި ޤައުމިއްޔަތު އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު އުންމީދުކުރެއްވިއެވެ. މި ދުވަސް މުނާސަބާކޮށް ހިންގާނެ ޙަރަކާތްތަކުގެ ތެރެއިން ޒުވާނުންނަށް އިސްލާމީ ތާރީޚުން ފިލާވަޅު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކޮންމެ އައު އަހަރަކީވެސް، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ތިމާއަށް، ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތުކަންވެސް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ހަނދުމަފުޅުކޮށްދެއްވާފައެވެ. ޤައުމީ މަޞްލަޙަތު އިސްކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. މިކަމަށްޓަކައި އެންމެން އެއްބައިވަންތަވެ، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

