ޚަބަރު

250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަނީ

ރާއްޖޭގައި ތެރަޕިސްޓުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ. މި މަޝްރޫޢު 2026 ވަނަ އަހަރު ފައްޓަވާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިރޭ ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން 250 ދިވެހި ރައްޔިތުންނަށް ތެރަޕީގެ ދާއިރާއިން ފުޅާ ތަމްރީނުތަކެއް ފޯރުކޮށްދެވޭނެ އެވެ. މި މަޝްރޫޢުގެ ތަފްސީލު މައުލޫމާތު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ފިޔަވަޅަކީ ދިވެހި މުޖުތަމަޢަށް ދިގުދެމިގެންދާނެ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ރާއްޖެއަށް ތަމްރީންވެފައިވާ ތެރަޕިސްޓުން، ޚާއްސަކޮށް ދިވެހި ތެރަޕިސްޓުންގެ ދަތިކަން ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި ބޮޑެތި މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް ހޯދުމަށް ދިމާވާ ދަތިތަކާހެދި ބެލެނިވެރީންގެ ފަރާތުން ކަންބޮޑުވުންތަކެއް ހުރިކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށް ވެއެވެ. މި މަޝްރޫޢުގެ މައިގަނޑު އެއް މަޤްޞަދަކީ މި ދަތިކަން ކުޑަކޮށް، ފަރުވާއާއި ތެރަޕީގެ ކަންކަން ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަމުން އާދެ އެވެ. މިދިޔަ މަހު އެކަނިވެސް 12.4 މިލިއަން ރުފިޔާ ދައުލަތުން މިކަމަށް ހޭދަކޮށްފައި ވެއެވެ. ދިވެހި ތެރަޕިސްޓުން އިތުރުވުމަކީ ދިގު މުއްދަތުގައި މި ޚަރަދަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ވެސް އުންމީދު ކުރެވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close