ދިވެހިރާއްޖޭގެ ދީނީ ދައުވަތުގެ ދާއިރާއިން މިހާރު މަޝްހޫރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތަކީ އަލީ ރަމީޒުއޭ ބުނުމަކުން މިއަދު ދޮގަކަށް ނުވާނެއެވެ. އޭނާގެ ނަން ނޭނގޭ ކުޑަކުއްޖަކު ނުވަތަ ބޮޑުމީހަކު ވިޔަސް ރާއްޖޭގައި ހުންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ދީނީ ދައުވަތު ދިނުމުގައި ވަރަށް ހީވާގިކަމާއެކު ރާއްޖޭގެ އެކި ރަށްރަށަށް ކޮންމެ ހަފްތާބަންދެއްގައި ޒިޔާރަތްކޮށް، ރަށްރަށުގެ މިސްކިތްތަކުގައި ބަންގިގޮވައި، އިމާމުވެ ނަމާދުކޮށް، ހުކުރު ޚުޠުބާ ދިނުންފަދަ ކަންކަމުގައި އަލީ ރަމީޒު އަކީ މިފަހަކަށް އައިސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އެގޮތުން ނިމިދިޔަ ހަފްތާ ބަންދުގައި އޭނާ ޒިޔާރަތް ކުރެއްވީ ނ. ލަންދޫއަށެވެ. އެއީ އޭނާއަށާއި، ލަންދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް ހާއްސަ އުފާވެރި 3 ދުވަހުގެ ދަތުރެކެވެ.

ބުރާސްފަތި ދުވަހުގެ ރޭ 9:00 ހާއިރު، ލަންދޫގެ ބަނދަރުގައި އަލީ ރަމީޒަށް ހޫނު މަރުޙަބާއެއް ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ޒުވާނުންނާއި، ލަންދޫގައި ހިންގާ ޤުރުއާން ކްލާހެއް ކަމަށްވާ “އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރުއާން” ގެ ދަރިވަރުންނާއި އަދި ލަންދޫގައި އޮންނަ ދީނީ ޖަމިއްޔާއެއް ކަމުގައިވާ ލަންދޫ އިސްލާމިކް ފްރޮންޓްފޯ އެޑިޔުކޭޝަންގެ (ލައިފް)ގެ ޝޫރާ މަޖިލިސްގެ އެންމެހައި މެމްބަރުންނާއި، އެޖަމިއްޔާގެ ވެރިން ބައިވެރިވެލެއްވިއެވެ.
އަލީގެ މި ހާއްސަ ދަތުރުގެ މައިގަނޑު އެއް ބޭނުމަކީ، “އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރުއާން” ގެ ފުރަތަމަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެ، އެ ޖަލްސާ ޝަރަފުވެރިކޮށްދިނުމެވެ. ހުކުރު ދުވަހުގެ ހަވީރު ބޭއްވުނު މި ޖަލްސާގައި، ދަރިވަރުންނަށް އިނާމާއި، ސެޓްފިކެޓާއި، ޓްރޮފީތައް ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައެވެ. ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކާއި، ޤުރުއާން ރީތިކޮށް ތިލާވަތު ކުރުމުގެ ކްލާސްތަކާއި، ބަންގި ދަސްކޮށްދޭ ކްލާސްތައް ވެސް މި އިންސްޓިޓިއުޓުން ލަންދޫގައި ކުރިއަށް ގެންދެއެވެ. މި ޖަލްސާގައި، އެ ކްލާސްތަކުން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދެވުނެވެ. ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި މިޖަލްސާ އަލީ ރަމީޒުގެ ބައިވެރިވުމާއެކު ވަރަށް ފުރިހަމައަށް ކުރިއަށް ގެންދިޔައެވެ.
ހޮނިހިރު ދުވަހު އަލީ ބައިވެރިވީ ލަންދޫ އިސްލާމިކް ފްރަންޓްފޯ އެޑިޔުކޭޝަން (ލައިފް) ޖަމިއްޔާގެ މެމްބަރުންނާއެކު ހެނދުނުގެ ހާއްސަ ސައިފޮދެއްގައެވެ. މި ސައިފޮދު ކުރިއަށް ގެންދިޔައީ ލަންދޫގެ “ވެލިގަނޑުމަތި” ސަރަހައްދުގައެވެ. މި ބައްދަލުވުމުގައި ދީނީ ދައުވަތާއި، ތަޢުލީމީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ހޮނިހިރު ދުވަހު އަލީ ލަންދޫގެ ތަންތަން ބައްލަވައިލެއްވުމަށް ޒިޔާރަތްކުރެއްވިއެވެ. އޭނާ ލަންދޫ ކުޅިދޮށުޕާކަށް ޒިޔާރަތްކޮށް އެތަނުގެ މަންޒަރުތައް ވީޑިއޯކޮށް، ފޮޓޯ ނަންގަވައި، އެތަން ވީރާނާވެފައިވާތީ އެކަމާ ދެރަވާ ވާހަކަ ބަޔާންކޮށް، ވީޑިއޯ ރިޕޯޓެއް ހައްދަވައި ފޭސްބުކަށް އަޕްލޯޑް ކުރެއްވިއެވެ.
އެއަށްފަހު އަލީ ޒިޔާރަތް ކުރެއްވީ ރަށުގެ އާސާރީ ބިނާތަކަށެވެ. އެގޮތުން، ލަންދޫ މާބުދުގެ ހުރި ސަރަހައްދަށް ޒިޔާރަތްކޮށް އެތަނުގެ ފޮޓޯއާއި ވީޑިއޯ ނަންގަވައި، އެ ތަކެތި ފޭސްބުކަށް އަޕްލޯޑް ކުރެއްވިއެވެ. މީގެ އިތުރުން އަލީ ވަނީ ރަށުގެ ކުއްޅަވައްފަލަށާއި، ކަނޑޫ ފަލަށާއި، އެހެނިހެން މުހިންމު ތަންތަނަށްވެސް ޒިޔާރަތްކޮށްފައެވެ.

ލަންދޫގައި ހުރި ހަމައެކަނި ކެފޭ ކަމަށްވާ “ކުއްޅަވަށް ރެސްޓޯރެންޓް” އަށްވެސް އަލީ ޒިޔާރަތް ކުރެއްވިއެވެ. އެތަނުގައި ކުއްޅަވައް މޮހީޓޯއާއި، ކުއްޅަވަށް މިލްކް ޝޭކް ހަދާގޮތް ވީޑިއޯ ކުރެއްވިއެވެ. މި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހިޓްވެގެން ދިޔައެވެ.
ހޮނިހިރު ދުވަހުގެ ރޭ އޮތީ އަލީގެ ޝަރަފުގައި ބޭއްވި ހާއްސަ ބާބަކިއުއެކެވެ. ލަންދޫ ގުލްބާކާގެ ކޮފީ މާލަމްގައި ބޭއްވި މި ބާބަކިއުގައި އަލީ ބައިވެރިވީ ވަރަށް ހިތްހަމަޖެހުމާއި އުފަލާއެކު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ޖެހިގެން އައި އާދިއްތަ ދުވަހުވެސް އަލީ ވަނީ ރަށުގެ އެކި ހާއްސަ ތަންތަނަށް ޒިޔާރަތްކޮށް، ފޮޓޯ ނަންގަވައި، ވީޑިއޯ ކުރައްވާފައެވެ. އެގޮތުން، ރަށުގެ ދުވަސްވީ އިސްރަށްވެއްސެއް ކަމަށްވާ ނ. ލަންދޫ މަލަ ޒުބެއިދާ މޫސާއާ ވަނީ އިންޓަވިއު ކުރައްވައި، އިހުޒަމާނުގެ ދިވެހިންގެ މަސައްކަތްތެރިކަމާ ބެހޭގޮތުން ސުވާލުކޮށް، މައުލޫމާތު ހޯއްދަވާފައެވެ.
އަލީގެ މި އުފާވެރި ދަތުރު ނިންމަވާލެއްވީ އާދިއްތަ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. އޭނާ މާލެ ފުރީ އާދިއްތަ ދުވަހުގެ ރޭ 7:10 ހާއިރު، މާފަރު އިންޓަނޭޝަނަލް ވައިގެ ބަނދަރުންނެވެ.
އަލީ ރަމީޒުގެ ލަންދޫ ދަތުރުފުޅަކީ ދީނީ ދައުވަތާއި، ތާރީހާއި، ސަގާފަތް ދިރުވުމަށް ކުރެވުނު މުހިންމު ދަތުރެކެވެ. ލަންދޫގައި ހޭދަކުރެއްވި ތިން ދުވަހުގެ ތެރޭގައި އޭނާ ވަނީ ރަށުގެ ރައްޔިތުންނާ ގުޅިލާމެހި، އިޖުތިމާއީ އަދި ދީނީ ހަރަކާތްތަކުގައި ބައިވެރިވެ، ރަށުގެ ތާރީހާއި ސަގާފަތް ހިމާޔަތްކުރުމަށް އަހައްމިއްޔަތުކަން ދެއްވާފައެވެ. މި ދަތުރުން ދައްކުވައިދެނީ އަލީ ރަމީޒުގެ ހިތްހެޔޮކަމާއި، ދީނީ ހިދުމަތުގައި ހުރި ގަދަފަދަ އަޒުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...