ބަގުރާގެ މުޑުދާރުކަމާއި އޭގެ ނުބައިކަން ބަޔާންކުރައްވާ ﷲ ވަޙީ ކުރެއްވި އެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ،)
”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރަލާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާ ގެ ޢަމަލު ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ތިޔަބައިމީހުން މިތަކެއްޗާއި ދުރުވާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކަ އެވެ.“
ބަނގުރާ ބުއިމަކީ މީހެއްގެ ސިއްހަތަށް އެކިއެކި ގޮތްގޮތުން ހީވެސް ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ. ފުރަމޭއަށް ލިބޭ ގެއްލުންތަކުން ފެށިގެން ހިތުގެ އުދަނގޫތަކާއި ހަމައަށް ބަނގުރާ ބޯމީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެހެންމަވެސް ބަނގުރާ ބުއިމަކީ މިހާރަކަށް އައިސް ހުރިހާ މުޖުތަމަޢު ތަކެއްގައިވެސް ވަރަށް އާންމު ކަމަކަށް ވެފައިވާތީ ގިނަ ފަހަރަށް އެކަމުގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް އަޅާނުލަނީއެވެ. އެކަމަކު މިއީ މިހާރު އަހަރެމެންގެ ސިއްޙަތަށްޓަކައި ވަރަށް ސީރިއަސްކޮށް ވިސްނަން ވެއްޖެ ކަމެކެވެ.
އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯސައިންސެސް (ނިމްހަންސް)ގެ ދިރާސާވެރިން ބުނާ ގޮތުގައި މާގިނައިން މަސްތުވާތަކެތި (ބަނގުރާ) ބޭނުންކުރުމުން ޑީއެންއޭއަށް އިއާދަ ނުކުރެވޭ ވަރުގެ ބަދަލުތަކެއް އަންނާނެ އެވެ. މިއީ ޤަބޫލުކުރަން އުނދަގޫ ވާހަކައަކަށް ވެދާނެއެވެ.
“އެމެރިކަން ޖާނަލް އޮފް މެޑިކަލް ޖެނެޓިކްސް” ގައި އޮންލައިންކޮށް ޝާއިއުކޮށްފައިވާ މި ދިރާސާގައި ސައިންސްވެރިން ވަނީ ހަށިގަނޑަށް އެތެރެވާ އަލްކޮހޯލް (އެތަނޮލް) ވަރަށް އަވަހަށް، އޭގެ ދެ ކާބަން އެޓޮމް (ސީއެޗް3ސީއެޗް2 ނުވަތަ އެތިލް) ސިންގަލް އެޓަމްސް (ސީއެޗް3 ނުވަތަ މެތިލް) އަށް ބަދަލުކޮށް، ޑީއެންއޭ ފަދަ އެހެނިހެން ތަފާތު މާއްދާތަކާ މުއާމަލާތް ކުރެވޭނެ ކަމަށް ބުނެފަ އެވެ. މެތިލޭޝަންގެ ސަބަބުން ގިނަ ޖީންތަކެއް އަމިއްލަ އަށް އުފެދޭ ގޮތް ނުވަތަ އޭގެ ނޭދެވޭ އަސަރުތައް ކޮށްފާނެ އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ގިނައިން އަލްކޮހޯލް ބޭނުންކުރުމުން އަންނަ ޑީއެންއޭ ކެމިސްޓްރީ އަށް އަންނަ ބަދަލުތަކަކީ އަލުން އިއާދަ ކުރެވޭނެފަދަ ބަދަލެއް ނޫނެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުން( 10 އަހަރު ވަންދެން އާދަވެގެން ބަނގުރާ ބޮމުން އައި ފަރުދުން) ބައިވެރިކުރީ އެމީހުންގެ ޑީއެންއޭގެ ކެމިސްޓްރީ ތަހުލީލުކޮށްފައެވެ. އޭގެފަހުން އަލުން އަނެއްކާ އިތުރަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10 ފަހަރު ބައިވެރިން ރާ ބޯން ފެށިއެވެ. ދެން އޭގެ ތިން މަސް ފަހުން އަނެއްކާވެސް އިތުރު ތަހުލީލު ކުރިއެވެ. ނަތީޖާ ދެއްކި ގޮތުގައި އެމީހުންގެ ޑީއެންއޭގެ ކެމިސްޓްރީއަށް ވަނީ ކުރިއަށްވުރެ މާބޮޑަށް ބަދަލު އައިސްފައެވެ. ދެން އަނެއްކާވެސް އެމީހުން އެއްކޮށް ރާބުއިން ހުއްޓާލިއެވެ. އަދި އިތުރު ތިންމަސްފަހުން ޓެސްޓް ކުރިއެވެ. މިފަހަރުގެ ޓެސްޓުން ދެއްކި ނަތީޖާ މެތައިލޭޝަން ވަރަށް ބޮޑަށް ދަށްވިއެވެ. ނަމަވެސް ބަނގުރާގެ މެޓަބޮލިޒަމްއާ ސީދާ ގުޅިފައިވާ ދެ ޖީން ބަނގުރާއަށް ބަރޯސާވާ މީހުންގެ ތެރޭގައި މެތައިލެޓް ވެފައިވާއިރު، ބަނގުރާ ބުއިން ހުއްޓައިލުމަށް ފަހު ވެސް އެގޮތުގައި ދެމިއޮތެވެ. އެކަމުން ދޭހަވަނީ ބަނގުރާއާ ގުޅުން ހުރި ޑީއެންއޭއަށް އަންނަ ކެމިކަލް ބަދަލުތަކަކީ ވަގުތީ ބަދަލުތަކެއް ނޫން ކަމެވެ.
މީގެ އިތުރުން ޒުވާން އުމުރުގައި ބަނގުރާ ބޯން ފެށި މީހުންނަށް ވެސް އެ އަސަރުތައް މާ ވަރުގަދައަށް ތަޖުރިބާ ކުރިކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ. މިއިން ދޭހަވަނީ ޅައުމުރުގައި ބަނގުރާ ބޯންފެށުމަކީ ސިކުނޑިއާ ގުޅުންހުރި ޖީންތައް ހިމެނޭ ގޮތަށް ތަފާތު ޖީންތަކަށް ޖިސްމާނީ ގޮތުން އަސަރުކުރާނެ ކަމެއް ކަމެވެ. މިކަމުގެ ސަބަބުން ސިކުނޑި ތަރައްޤީވެ ފުރިހަމަވާ ގޮތަށް ވަރަށް ބޮޑަށް އަސަރުކޮށް، ފަހުން ބޮޑެތި މީހުންގެ އުމުރަށް ވެސް ދިގުދެމިގެންދާ އަސަރުތަކެއް ކޮށްފާނެއެވެ.
ނޯޓް:
ޑީއެންއޭ (ޑިއޮކްސިރައިބޯނިއުކްލިކް އެސިޑް) އަކީ ހުރިހާ ދިރުންތަކެއް އުފެދުމާއި މަސައްކަތް ކުރުމުގައި ބޭނުންކުރާ ޖެނެޓިކް އިރުޝާދުތައް އުފުލާ މޮލިކިއުލެކެވެ. މިއީ ޑީއެންއޭގެ ބިލްޑިން ބްލޮކްތައް ކަމުގައިވާ ނިއުކްލިއޯޓައިޑްގެ ދިގު ދެ ޗެއިން އެކުލެވިގެންވާ އެއްޗެކެވެ. މި ނިއުކްލިއޯޓައިޑްތައް އެކުލެވިގެންވަނީ ހަކުރު، ފޮސްފޭޓް ގުރޫޕެއް އަދި ހަތަރު ވައްތަރެއްގެ ނައިޓްރޮޖަނަސް ބޭސް (އެޑެނީން، ތައިމިން، ސައިޓޮސިން އަދި ގުއާނީން) ގެ ތެރެއިން އެއް ބާވަތަކުންނެވެ. މި ބޭސްތަކުގެ ވަކި ސީކުއެންސަކުން ޑީއެންއޭގައި ރައްކާކޮށްފައި ހުންނަ ޖެނެޓިކް މައުލޫމާތު ކަނޑައެޅިގެން ދެއެވެ. މި މައުލޫމާތަކީ ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގެ އޮނިގަނޑާއި މަސައްކަތް ތައް ބެލެހެއްޓުމަށް ޒިންމާވާ ޕްރޮޓީންތަކުގެ ސިންތެސިސް ޑައިރެކްޓް ކުރުމަށް ބޭނުންކުރާ މައުލޫމާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...