މިހާސް

ޝާޔާ: ލެއްވި ކިޑްނީވެސް ފެއިލްވެ ޑޯނާއެއްގެ އިންތިޒާރުގައި ހުންނަތާ 4 އަހަރު، އަދިވެސް ޑޯނާއެއް ނުލިބެ

އެއީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. ނ.ލަންދޫ ގުލްބަކާގެ އިބްރާހީމް ދާއޫދު އާއި ނިޢުމާ މުޙައްމަދުގެ އެންމެ ހަގު އަންހެން ދަރިފުޅު، މަރްޔަމް ޝާޔާ ޑޮކްޓަރަށް ދެއްކީ ބޮލުގައި ރިއްސާފަ ހޮޑުލެވޭތީއެވެ. ނ. އަތޮޅު ހޮސްޕިޓަލުން ޝާޔާ ބެލި ޑޮކްޓަރު ލަފާދިނީ ޝާޔާ މާލެ ގެންގޮސް ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން އިތުރު ތަހުލީލުތައް ކުރުމަށެވެ. އެގޮތުން ބެލި ބެލުމުން އެނގުނީ، އޭރު ޢުމުރުން އެންމެ 11 އަހަރުގެ، މަރްޔަމް ޝާޔާގެ ދެކިޑްނީވެސް ފެއިލްވެފައިވާކަމެވެ. އާއިލާއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ.

އެހާ ހިސާބުން ޝާޔާގެ ކުޑަކުޑަ އާއިލާއިން ފެށީ ޝާޔާއަށް ކިޑްނީއެއް ހޯދުމުގެ މަސައްކަތެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މުޅި ނ.ލަންދޫގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަކަމީ މިއަދުވެސް ނުހަނު އުފަލާއެކު، ހެޔޮދުޢާ ކުރާ ޙާލު އެއާއިލާއިން ފާހަގަ ކުރާކަމެކެވެ. އަދި ލަންދޫގެ ރައްޔިތުންގެ އިތުރުން ނ.އަތޮޅުގެ އެކިއެކި ރަށްރަށުގެ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެހީތެރިކަމާއި ބައެއް ވިޔަފާރިވެރިންނާއި ދިވެހި ސަރުކާރުގެވެސް އެހީތެރިކަން ލިބިގެން ދިޔަކަން ފާހަގަ ޝާޔާގެ އާއިލާއިން ފާހަގަ ކުރެއެވެ.

އިސްވެ ދެންނެވުނު ހުރިހާ ފަރާތެއްގެވެސް އެހީތެރިކަމާއި އެއްބާރުލުމާއެކު ﷲ ތަޢާލާގެ ރަޙުމަތުން، 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހު، ޝާޔާގެ ލޯބިވާ ބައްޕަ އިބްރާހީމް ދާއޫދުގެ ކިޑްނީއެއް ކާމިޔާބު އޮޕަރޭޝަނަކަށްފަހު ޝާޔާއަށް ލެއްވިގެން ދިޔައެވެ. އޮޕަރޭޝަން ކުރެވިގެން ދިޔައީ އިންޑިއާގައެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހު ކުރެވުނު އޮޕަރޭޝަނަށްފަހު، ޑޮކްޓަރުންގެ ލަފާގެމަތިން ޝާޔާ ހަމަޔަކަށް އެޅެންދެން އިންޑިއާގައި ތިބުމަށްފަހު އެނބުރި ރާއްޖެއައިސް ޝާޔާގެ އުފަންރަށަށް ދެވުނީ 2016 ވަނަ އަހަރުގެ ފެބުރުއަރީގައެވެ.

ޝާޔާގެ ކިޑްނީ އޮޕަރޭޝަނަށްފަހު، ހުއްޓިފައިވާ ކިޔެވުންވެސް ފަށާ، ސްކޫލަށާއި ޤުރްއާން ކުލާހަށްވެސް ދާން ފެށިއެވެ. ކިޔަވާ މޮޅުކުއްޖަކަށްވުމަކީ އަބަދުވެސް ޝާޔާ ދެކެމުން އަންނަ ހުވަފެނަކަށްވާތީއެވެ. ޝާޔާގެ ޞިއްޙީ ޙާލަތަށް ބަލައިގެން ޝާޔާގެ ކިޔެވުމާއި ދިރިއުޅުމުގެ އެންމެހާ ކަންކަން ބައްޓަން ކުރަމުން ދިޔައެވެ. އެކަމުގައި ލަންދޫ ސްކޫލުގެ އެއްބާރުލުމާއި ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ ފުރިހަމަ އެއްބާރުލުންވެސް ލިބެމުން ދިޔައެވެ.

ލެއްވި ކިޑްނީ ފެއިލްވާން ދިމާވީ ކިހިނެތް ؟

ކިޑްނީގެ އޮޕަރޭޝަނަށްފަހު 2017 ވަނަ އަހަރުގެ ފަހުކޮޅު ފާނަ ބަސަންދު ޖެހުނެވެ. އެހެންނަމަވެސް ކިޑްނީގެ އޮޕަރޭޝަނެއް ކޮށްފައިވާތީވެ ޝާޔާއަށް ކޮންމެ ކޮންމެ ބޭހެއް ދިނުންވަނީ ޑޮކްޓަރުން މަނާކޮށްފައެވެ. އެހެންކަމުން ފާނަ ބަސަންދު ޖެހި ރަނގަޅުވާންވެސް ދުވަސްތަކެއް ނެގިއެވެ. ފާނަ ބަސަންދު ޖެހިގެންވެސް ޝާޔާއަށް ފަރުވާ ކުރަމުންދިޔައީ ޑޮކްޓަރުން ދެއްވާ ފުރިހަމަލަފަޔާ އިރުޝާދުގެ މަތިންނެވެ. އަދި ހަމަ އެހެންމެ 2018 ވަނަ އަހަރުގެ ފަހުކޮޅު، ޝާޔާ އަށް ޑެންގޫ ހުންވެސް ޖެހުނީއެވެ. އޭރު ޝާޔާ ހުރީ ފްލޯއަޕް ހަދަންގޮސް އިންޑިޔާގައެވެ. ޑޮކްޓަރުންގެ ލަފަޔާއެކު އެކަމަށްވެސް ޚާއްޞަ ފަރުވާއެއް ފެށި، ޑެންގޫ ހުން އެއްކޮށް ރަނގަޅުވާންވެސް ދުވަސްތަކެއް ނެގިއެވެ. ޑެންގޫ ހުން ރަނގަޅުވީ އިރުވެސް ޝާޔާގެ ޞިއްޙީ ޙާލަތު ރަނގަޅު ނޫންކަން އާއިލާއަށް އިޙްސާސްވާންފެށުމާއިއެކު 2019 ވަނަ އަހަރުގެ މާރިޗު ހާތާ، މާލެ ގެންގޮސް ޑޮކްޓަރަށް ދެއްކިއެވެ. މާލޭގައި ތިބި ޑޮކްޓަރުންގެ އިރުޝާދުގެ މަތިން އަނެއްކާވެސް ޝާޔާ ގޮވައިގެން އިންޑިޔާއަށްގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ޝާޔާ ލެއްވި ކިޑްނީވެސް ފެއިލްވެފައިވާ ކަމެވެ.

ޝާޔާ ލެއްވި ކިޑްނީ ފެއިލްވާން ދިމާވީ، ޑެންގޫހުންޖެހި ލޭގައި ސީ.އެމް.ވީ ކިޔާ އިންފެކްޝަނެއް އުފެދުމުގެ ސަބަބުންކަމަށް އިންޑިއާގެ ޑޮކްޓަރުން މަޢުލޫމާތު ދިނެވެ.

ޝާޔާ އާއި ޝާޔާގެ އާއިލާއިން ދެކެމުން އައި ފޮނި ހުވަފެންތައް ފެނަށް ވެގެން ދިޔަފަދައެވެ. އެހެންނަމަވެސް، ހިތްވަރުގަދަ ޝާޔާ އާއި ހިތްވަރުގަދަ، އޯގާތެރި ޝާޔާގެ މައިންބަފައިން އުންމީދު ކަނޑައެއް ނުލައެވެ. ޝާޔާ މިއަދާ ހަމަޔަށްވެސް އެދަނީ ހަފްތާއަކު ތިން ދުވަހު ޑައިލިލިސް ހަދަމުންނެވެ. ޝާޔާ ލެއްވި ކިޑްނީ ފެއިލްވުމާއިއެކު ޝާޔާ އާއި ޝާޔާގެ ލޯބިވާ މަންމަގެ ދިރިއުޅުން ރަށުން މާލެއަށް ބަދަލު ކުރެވި މިއަދުވެސް އުޅެމުން އެދަނީ މާލޭގައެވެ.

ޑޯނާއެއް ހޯދުމުގެ މަސައްކަތްގޮސްފައިވާގޮތް ؟

ލެއްވި ކިޑްނީ ފެއިލްވި ދުވަހުން ފެށިގެން އަނެއްކާވެސް ޝާޔާއަށް ކިޑްނީއެއް ހޯދުމުގެ މަސައްކަތް އާއިލާއިން ފެށިއެވެ. އާއިލާގެ ތެރެއިން ކުއްޖެއްގެ ކިޑްނީ ޝާޔާއަށް ދިމާވޭތޯއެވެ. އެހެންނަމަވެސް އާއިލާގައި ދެންތިބި ކުދިންގެ ބަލި ޙާލަތު ހުރިގޮތުން ޑޮކްޓަރުން ލަފާދެނީ އެއިން ކުއްޖެއްގެ ކިޑްނީ ނުނެގުމަށެވެ.

އަދިވެސް އިންތިޒާރު ކުރަނީ އަދި އުންމީދުވެސް ކުރަނީ ޝާޔާ އަށް ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ވުމެވެ. ބީ ޕްޒިޓިވް ލޭ ހުރި، ކިޑްނީ ހަދިޔާ ކުރަން ބޭނުންވާ ބޭފުޅަކުވާނަމަ، ޝާޔާގެ ބައްޕަ އިބްރާހީމް ދާއޫދު 9974408 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަކީ އެ އާއިލާ އާއި ޝާޔާގެ ވަރަށްބޮޑު އެދުމެކެވެ. އަދި މިކަމަށް މަގުފަހިކޮށްދެއްވުން އެދި ތިޔަ އެންމެ ބޭފުޅުންގެ ހެޔޮދުޢާގައި ޝާޔާ، ޝާމިލްކޮށްދިނުމަކީ ޝާޔާ އާއި ޝާޔާގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

(މިލިޔުން ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަކީ ޝާޔާ އާއި ޝާޔާގެ އާއިލާގެ ވަރަށްބޮޑު އެދުމެއް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close