ރިޕޯޓް

ހަނގުރާމައާއި އިގްތިސާދީ ހީނަރުކަމުގެ ހިޔަލުގައި ޖީ20 ގެ ލީޑަރުން ބައްދަލުކުރެއްވުން

ޑެންޕާސާ، ބާލީ – ޔޫރަޕްގެ ހަމަނުޖެހުންތަކުގެ ސަބަބުން ޖިއޮޕޮލިޓިކަލް ޓެންޝަންތަކާއި ކާބޯތަކެއްޗާއި ހަކަތަގެ އަގުތައް ދުނިޔޭގެ ފެންވަރުގައި އުފުލިގެން ދިއުމުން އަންގާރަ ދުވަހު ގްރޫޕް އޮފް 20 ގެ ލީޑަރުންގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ އެހެން ހުރިހާ ކަމަކަށް ހިޔަނި އެޅިފައިވާ ކަމަށް ފެނުނެވެ .

ޖީ20 ގެ މެމްބަރު ގައުމުތަކާއި ދައުވަތު ލިބިފައިވާ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ލީޑަރުން ބާލީއަށް އެއްވެ ރިސެޝަނަށް ދަތުރުކުރަމުންދާ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި ގޮންޖެހުންތަކާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރައްވަމުންނެވެ.

ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމު އަދި އިރުމަތީ ދެކުނު އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު އިންޑޮނޭޝިއާ އިން މި ސަމިޓް ހޯސްޓްކުރަނީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި އޭގެ އިގްތިސާދީ ނަތީޖާތަކާ ގުޅިގެން “ރިކަވަރ ޓުގޭޑް، ރިކަވަރ ސްޓްރޯންގް” ޝިއާރުގެ ދަށުންނެވެ.

ސަމިޓުގެ ރަސްމީ ސަމާލުކަން ދީފައިވަނީ މާލީ ހަމަޖެހުމާއި ސިއްހަތާއި ދެމެހެއްޓެނިވި ހަކަތައާއި ޑިޖިޓަލް ޓްރާންސްފޯމަޝަނަށް ނަމަވެސް، ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން ޖީ20 ގެ ތެރޭގައި އުފެދިފައިވާ ފިތުނަތައް ފިލުވަން މަސައްކަތް ކުރަމުންދާއިރު، ހޯސްޓް އިންޑޮނޭޝިއާއަށް ކުރިމަތިވަނީ އިތުރު ކޮމްޕްލެކްސިޓީގެ ފަށަލައެކެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ މަޝްވަރާތައް ފެށުމުގެ ކުރިން އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި އެ މޫޑު ގަބޫލުކުރައްވާފަ އެވެ.

“އަޅުގަނޑަށް ވިސްނޭ މި ދަނޑިވަޅުގައި ޤައުމުތައް އެކުގައި އިށީނދެވޭތޯ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ،” ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދުނިޔެއަށް “އަނެއްކާވެސް ފިނި ހަނގުރާމައަކަށް” ވެއްޓުމުގެ ފުރުސަތު ދެވެންނެތް ކަމަށާއި، ގައުމުތަކުން މަސައްކަތް ކުރަން ޖެހޭނީ “ހަނގުރާމަ ނިމުމަކަށް ގެނައުމަށް” ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ދުނިޔޭގެ ނަޒަރު ހުރީ އަޅުގަނޑުމެންގެ ބައްދަލުވުމަށެވެ. އަހަރެމެން ކާމިޔާބީ ހޯދާނެ ހެއްޔެވެ؟ ނުވަތަ ނާކާމިޔާބީތަކުގެ ލިސްޓަށް އިތުރު އެއްޗެއް އިތުރުކުރާނަން ހެއްޔެވެ؟ އަޅުގަނޑުމެންނަށް ޖީ20 ކާމިޔާބުވާން ޖެހޭނެ އަދި ނާކާމިޔާބު ވާން ދުލެއް ނުކޮށްލެވޭނެ.”

މި ހަފްތާގެ ސަމިޓުގައި ޖީ20 ގެ 17 ލީޑަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހިމެނެ އެވެ.

އިންޑޮނޭޝިއާ އިން ބައިވެރިވުމަށް އެހެން ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ދައުވަތު ދިނުމުން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ހިމެނޭ ދުނިޔޭގެ ލީޑަރުންގެ ދިގު ލިސްޓަށް އިތުރު ކުރި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ސަމިޓުގެ ފުރަތަމަ ދުވަހު ވީޑިއޯ ލިންކް މެދުވެރިކޮށް ޖީ20 ގެ ލީޑަރުންނާ މުހާތަބު ކުރައްވައި، ކޮންފްލިކްޓް ނިމުމަކަށް އައުން ފެނިދާނެ ކަމުގެ އުންމީދު ހިއްސާ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ “އަޅުގަނޑަށް ޔަގީން މިހާރު މިއީ ރަޝިޔާގެ ފަނާކުރަނިވި ހަނގުރާމަ ހުއްޓުވަން ޖެހޭ އަދި ހުއްޓުވޭނެ ވަގުތު ކަމަށެވެ.”

އިންފްލޭޝަން، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ ދުނިޔޭގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް އިންޑޮނޭޝިއާގެ ހޯސްޓުން މަޝްވަރާކޮށް އެއްބާރުލުން ދިނުމަށް ގޮވާލި ނަމަވެސް ސަމިޓުގެ ފަހު ކޮމިއުނިކްގައި ހަނގުރާމަ ފާހަގަކޮށްލެވޭނެ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

މިދިޔަ ޑިސެމްބަރު މަހު އިންޑޮނޭޝިއާ އިން އެ ގްރޫޕްގެ ރިޔާސަތާ ހަވާލުވި ފަހުން ޖީ20 ގެ ވަޒީރުން އެއްވެ ޖޮއިންޓް ޑިކްލެރޭޝަންތައް ނެރެވޭ ގޮތެއް ނުވެ އެވެ. ޔޫކްރޭނުގައި ހިނގަމުންދާ ކަންކަން ބަޔާންކުރާނެ ގޮތް ހިމެނޭ ގޮތަށް ސީދާ ބަހާއި މެދު ރަޝިޔާ އާއި އެހެން މެމްބަރުންނާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެ އެވެ.

އޮސްޓްރޭލިއާގައި ހުންނަ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑްގެ އިންޑޮނޭޝިއާގެ ބައިނަލްއަގްވާމީ ގުޅުންތަކުގެ ދިރާސާވެރިއެއް ކަމަށްވާ ޑރ އަޙްމަދު ރިޒްކީ މަރްދާއްތިލާ އުމަރު އަރަބް ނިއުސްއަށް ވިދާޅުވީ، މިސާލަކަށް ބައެއް ސިޔާސީ ކަންކަމުގައި އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޓެންޝަންތަކަށް ބަލާއިރު އަދި އޭގެ ފަހުން ޔޫކްރޭންގައި ހަނގުރާމައަށް ބަލާއިރު، ޖީ20 ސަމިޓުން މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ދުނިޔޭގެ ގޮންޖެހުންތައް ހައްލުކުރެވޭނެ އެއްބަސްވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ފެންނަ ކަމަށެވެ. އެހެނީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ދުނިޔޭގެ ގޮންޖެހުންތަކަކީ ބޮޑު ތަނުން ސިޔާސީ މައްސަލައެކެވެ.

“އެހެންވީމާ، ދުނިޔޭގެ ހުރިހާ ގޮންޖެހުންތަކެއް ހައްލުކުރެވޭނެ ޖޮއިންޓް ކޮމިއުނިކެއް ފޯރުކޮށްދިނުމަކީ އިންޑޮނޭޝިއާއަށް އުނދަގޫ މަސައްކަތެއް.”

އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ “އިންޑޮނޭޝިއާގެ އަތްފޯރާފަށުން ބޭރަށް ދާ ކަމެއް” އެވެ.

އުމަރު އިތުރަށް ވިދާޅުވީ އެކަން އެހެން އެވަނީ “މިއަދު ދުނިޔޭގެ މުސީބާތަށް ސިޔާސީ ހައްލުތަކެއް ބޭނުންވާތީ، އަދި މިސާލަކަށް ރަޝިޔާއާއި ޔޫކްރޭނާ ދެމެދު މެދުވެރިވާން އިންޑޮނޭޝިއާއަށް އުނދަގޫވާތީ” ކަމަށެވެ.

ބާލީގައި ބާއްވާ މި ޖަލްސާ ކުރިއަށް ގެންދަނީ ހަނގުރާމަ ކުރަމުންދާ ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް އިންޑޮނޭޝިއާ އިން ކުރާ އެއްބައިވަންތަ މަސައްކަތްތަކާ ގުޅިގެންނެވެ. ޖޫން މަހުގެ ފަހުކޮޅު ވިޑޯޑޯ އަކީ ބައިނަލްއަގްވާމީ މުޖުތަމައަށް މި ހަމަނުޖެހުންތަކުގެ އަސަރު ކުޑަކުރުމުގެ މަސައްކަތުގައި ޔޫކްރޭނާއި ރަޝިޔާގެ ވެރިންނާ ބައްދަލުކުރުމަށް ކިއެވް އާއި މޮސްކޯއަށް ދަތުރުކުރި ފުރަތަމަ އޭޝިއާގެ ލީޑަރެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ސެންޓަރ އޮފް އިކޮނޮމިކް އެންޑް ލޯ ސްޓަޑީޒްގެ ޑިރެކްޓަރު ބީމާ ޔޫޑިސްޓިރާ ވެސް ވިދާޅުވީ ދުނިޔޭގެ ހާލަތު އިންޑޮނޭޝިއާގެ ކޮންޓްރޯލުން ބޭރުގައި އޮތް ކަމަށް ހީވާކަމަށެވެ.

“ޔޫކްރޭންގެ ހަނގުރާމައިގެ ހިޔަނި އެ ސަމިޓަށް އަރައިފި، އަދި ބައްދަލުވުމުގެ ކާމިޔާބީގެ ތަޅުދަނޑި އޮތީ މި ކޮމިއުނިކްގައި ނަމަވެސް ފައިނަލް ކޮމިއުނިކަކަށް ނުފޯރުވުމަކީ އެކަށީގެންވާ ކަމެއް،” އަރަބް ނިއުސްއަށް ވިދާޅުވި އެވެ.

“އިންޑޮނޭޝިއާގެ މަގާމަކީ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި، މާނަކުރާ ވެރިންނަކީ ކޮންފްލިކްޓް އަދި ތަރައްގީވެފައިވާ ގައުމުތަކުގައި ތިބި ވެރިން، އެހެންވީމަ ޖީ20ގައި އެމެރިކާގެ ޖޯ ބައިޑަން އާއި ޗައިނާގެ ޝީ ޖިންޕިންގެ ބައްދަލުވުމަށް މަގުފަހިކޮށްދެވޭނެ ގޮތް ހެދުމަކީ ވެސް މިވަގުތު ލިބުނު ކާމިޔާބީއެއް،” ޔޫޑިސްޓިރާ ވިދާޅުވިއެވެ.

އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އިންޕާސަން ބައްދަލުވުމެއް އަންގާރަ ދުވަހު ބައިޑަން އާއި ޝީ ވަނީ ބާއްވާފައެވެ. އެއީ ވިޔަފާރިން ފެށިގެން ޓައިވާންގެ ދަރަޖައާ ހަމައަށް އެކި މައްސަލަތައް ހިމެނޭ ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެހެންނަމަވެސް މިއަހަރުގެ ޖީ20 ސަމިޓް ތާރީހުގައި ލިޔެވިގެންދާނެ ކަމުގެ ޔަގީންކަން ޔޫދިސްޓިރާއަށް އޮތެވެ.

“އަޅުގަނޑަށް ހީވަނީ މިއީ ތާރީހީ ޖީ20 އެއްހެން. އެއީ ޕޮލަރައިޒޭޝަންގެ ސަބަބުން، މަލްޓިލޭޓަރަލިޒަމްގައި ރެނދުލުމުގެ ސަބަބުން ތާރީހީ ކަމެއް، އެކަމަކު އަދިވެސް އެއީ އެމެރިކާއާއި ޗައިނާ ފަދަ ތަފާތުތައް އެއްކޮށްލާ އެއް ފޯރަމް،” އޭނާ އިތުރަށް ވިދާޅުވި އެވެ.

އަނެއް ބަޔަކަށް އަދިވެސް އޮތީ ސަމިޓުން ހަމަޖެހުން ގެނެސްދެވޭނެ ކަމުގެ އުންމީދުގައެވެ.

އަންގާރަ ދުވަހު ޝީ އާއި އޮސްޓްރޭލިއާގެ އާ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒްގެ ބައްދަލުވުތައް ހިމެނޭއިރު، މިއީ 2016 ވަނަ އަހަރަށް ފަހު ދެގައުމުގެ ލީޑަރުންގެ މެދުގައި ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

ސަމިޓްގެ އެއްފަރާތުގައި ސައުދީ ވަލީއަހުދު ވަނީ ގިނަ ބައްދަލުވުންތަކެއް ވެސް ބާއްވާފައި ކަމަށާއި އޭގެ ތެރޭގައި ޔޫއޭއީގެ ރައީސް، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އާއި ތުރުކީގެ ރައީސް ރަޖަބް ތައިބް އުރުދުޣާން ވެސް ހިމެނޭ ކަމަށެވެ.

ބައިނަލްއަގްވާމީ ގިނަ ސުރުޚީތަކުގައި ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން އެމެރިކާ އާއި ޗައިނާގެ ސަމިޓުގައި ބައިވެރިވުމަށް ފޯކަސް ކުރި ނަމަވެސް، ސައުދީ އަރަބިއްޔާގެ ދައުރު “ވަރަށް މުހިންމު” ކަމަށް އިންޑޮނޭޝިއާގެ އިސް ނޫސްވެރިޔާ އެންޑްރިއަސް އިސްމާރު އަރަބް ނިއުސް އަށް ވިދާޅުވި އެވެ.

“ތެލަށް ބަރޯސާވުން މަދުކުރުމަށް ސައުދީ އަރަބިއްޔާގެ އިގްތިސާދު ޑައިވަރސިފައި ކުރަން ޖެހޭ އަދި މި ފޯރަމްގައި އެކަން ކުރުމުގެ ފުރުސަތު ބޮޑު،” ހައިޑްރޯކާބަން އާއި ދުރަށް ކިންގްޑަމްގެ އިގްތިސާދު ޑައިވަރސިފައި ކުރުމަށް އަމާޒު ހިފާފައިވާ ވިޝަން 2030 އިސްލާހީ ޕްލޭނަށް އިޝާރާތް ކުރައްވައި އިސްމާރު ވިދާޅުވި އެވެ.

ސައުދީ އަރަމްކޯ އާއި އިންޑޮނޭޝިއާގެ ދައުލަތުގެ ޕަރޓަމިނާ އިން ދާދި ފަހުން އެއްބަސްވީ ސާފު އެމޯނިއާ އާއި ހައިޑްރޯޖަން ވެލިއު ޗޭން އެއް ތަރައްގީ ކުރުމުގެ ފުރުސަތު އޮތްތޯ އެވެ.

“އަހަރެން ލަފާކުރާ ގޮތުގައި ސައުދީ އަރަބިއްޔާ އާއި އިންޑޮނޭޝިއާއާ ދެމެދު އިތުރު ގިނަ ކަންތައްތަކެއް އަންނާނެ. ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަކީ ކުރިން ސިޔާސީ އަދި ސަގާފަތުގެ މައްޗަށް މާބޮޑަށް އެއްބާރުލުން ދިން ނަމަވެސް މިހާރު ހަލުވިކަމާއެކު އިގްތިސާދީ ދާއިރާއަށް ބަދަލުވަމުން އަންނަ ކަމެއް،” އިސްމާރު އިތުރަށް ވިދާޅުވި އެވެ.

ޖަކާޓާގައި ހުންނަ އިންޑޮނޭޝިއާގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޗެޕްޓަރުގެ ޗެއާމަން ޑަޔާނާ ޑެވީ އަރަބް ނިއުސްއަށް ވިދާޅުވީ މިކަމުގެ ސަބަބުން ދުނިޔޭގެ ސުލްހަ ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ ، ރައީސް ވިޑޯޑޯ ވިދާޅުވެފައިވާ ފަދައިން މިއީ އެއްބައިވަންތަވާން ޖެހޭ އިވެންޓެކެވެ.

ނިއުސް އެޖެންސީތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުތަކުގެ ލީޑަރުން ޔޫކްރޭނަށް ރަޝިޔާއިން އަރައިގަތުން ކުށްވެރިކޮށް ވަރުގަދަ މެސެޖެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށް ފެނެ އެވެ.

އޭޝިއާގެ މާލީ ދަތިކަމުގެ ތެރޭގައި 1999 ވަނަ އަހަރު އުފެދުނު ޖީ20 ފުރަތަމަ ގަސްތުކުރީ ދުނިޔޭގެ އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށެވެ. އެކަމަކު އޭގެ ފަހުން ވަނީ ދުނިޔޭގެ ކުއްލި މައްސަލަތަކަށް ހައްލެއް ހޯދައިދޭ ފޯރަމަކަށް ބަދަލުވެފަ އެވެ. މިއަހަރުގެ ސަމާލުކަން ދީފައިވަނީ ސިއްހީ އިންފްރާސްޓްރަކްޗަރ އާއި ކާބޯތަކެތީގެ ރައްކާތެރިކަމަށެވެ.

އަހަރީ ލީޑަރުންގެ މިސަމިޓަކީ ވެސް ނުރަސްމީ ޑިޕްލޮމެޓިކް އެކްސްޗޭންޖްތަކުގެ ފުރުސަތެއް ކަމަށާއި، މިބޮޑު ބައްދަލުވުމުގެ އެއްފަރާތުގައި ގައުމުތަކުގެ ވެރިން ބައިވެރިވާ ދޭދޭ ގައުމުތަކުގެ މަޝްވަރާތައް ކުރިއަށް ދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close