ކްރައިމިއާގެ ބްރިޖުގައި ހިނގި ގޮވުމާއި ގުޅިގެން ރަޝިއާގެ އިންފްރާސްޓްރަކްޗާ ސެކިއުރިޓީ ހަރުކަށިކޮށްފި
ކްރައިމިއާގެ ބްރިޖުގައި ހިނގި ގޮވުމާއި ގުޅިގެން ޕޫޓިން އިންފްރާސްޓްރަކްޗާ ސެކިއުރިޓީ ހަރުކަށިކޮށްފިއެވެ.
ހޮނިހިރު ދުވަހު ހިނގި ގޮވުމެއްގެ ސަބަބުން ކްރައިމިއަން ޕެނިންސުލާ އާއި ރަޝިޔާ ގުޅުވާލާ ބްރިޖެއްގެ ބައެއް ވެއްޓި، ދެކުނު ޔޫކްރޭންގައި ކްރެމްލިން އިން ކުރަމުންދާ ހަނގުރާމައިގެ މުހިންމު ސަޕްލައި އާޓާރީއަކަށް ގެއްލުންތަކެއް ވެފައެވެ.
ތިން މީހަކު މަރުވި ގޮވުމުގެ ޒިންމާ އެއްވެސް ބަޔަކު ނުނަގަ އެވެ. ކްރައިމިއާގައި ހުންނަ ރަޝިޔާގެ ތާއީދު އޮންނަ ސަރަހައްދީ ޕާލަމެންޓުގެ ރައީސް ޔޫކްރޭންގެ މައްޗަށް ތުހުމަތު ކުރެއްވި ނަމަވެސް މޮސްކޯއިން އެކަން ވަކިބައެއްގެ ބޮލުގައި އަޅުވާފައެއް ނުވެ އެވެ. ޔޫކްރޭންގެ އޮފިޝަލުން ތަކުރާރުކޮށް ބްރިޖުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު ބައެއް މީހުން ވަނީ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާއަށް ތައުރީފު ކޮށްފައެވެ.
ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަކް ބޮމެއް ގޮއްވާލި އެ ގޮވުމުގެ ސަބަބުން އެނގެނީ ރަޝިޔާގެ އަށް މަސް ދުވަހުގެ ހަނގުރާމައިގައި އޮތް ނުރައްކާގެ މިންވަރެވެ. ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ރައީސް ވްލަޑިމިއާ ޕޫޓިން “ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް” އިއުލާން ކުރުމަށް ގޮވާލާފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޕޫޓިން ވަނީ ބްރިޖާއި ކްރައިމިއާ އާއި ރަޝިޔާއާ ދެމެދު ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާގެ ސެކިއުރިޓީ ހަރުކަށި ކުރުމަށް އަމުރެއްގައި ސޮއިކޮށްފައެވެ. އެ މަސައްކަތާ ހަވާލުވެ ފައިވަނީ ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް އެފްއެސްބީ އެވެ.
އެބޮން ގޮވިތާ ގަޑިއެއްހާއިރު ފަހުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ވައިގެ ސިފައިންގެ ވެރިޔާ ޖެނެރަލް ސަރގޭ ސުރޮވިކިން މިހާރު ޔޫކްރޭނުގައި ތިބި ރަޝިޔާގެ ހުރިހާ ސިފައިންނަށް ކޮމާންޑް ކުރައްވާނެ ކަމަށް އިއުލާންކޮށްފަ އެވެ. ހޫނު މޫސުމުގެ ތެރޭގައި ދެކުނު ޔޫކްރޭންގެ ސިފައިންނާ ހަވާލުވެވަޑައިގެންނެވި ސުރޮވިކިން ވަނީ ސީރިއާގައި ތިބި ރަޝިޔާގެ ސިފައިން ލީޑް ކުރައްވާފައިވާ ކަމަށާއި ހަލަބުގެ ބޮޑު ބައެއް ހަލާކުކޮށްލި ބޮމުގެ ހަމަލާތައް އިންތިޒާމު ކުރުމުގައި ކަންކަން ބަލަހައްޓާފައިވަނީ އޭނާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ނަމަވެސް މޮސްކޯއަށް ދަނީ ހަނގުރާމައިގެ މައިދާނުގައި ހީނުކުރާވަރުގެ ބޮޑެތި ގެއްލުން ލިބެމުންނެވެ.
ހޮނިހިރު ދުވަހު ޔޫކްރޭންގެ ކެރްސަން ސަރަހައްދުގެ ކްރެމްލިންގެ ތާއީދު އޮންނަ އޮފިޝަލަކު ވަނީ މިދިޔަ ހަފްތާގައި މޮސްކޯއިން ގަވާއިދާ ހިލާފަށް ހިމެނުނު ހަތަރު ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސު އާންމުންގެ ބައެއް މީހުން ނެރުނުކަން އިއުލާންކޮށްފަ އެވެ. ކިރިލް ސްޓްރެމޫސޯވް ރަޝިޔާގެ ދައުލަތުގެ އާރުއައިއޭ ނޮވޮސްޓީ އެޖެންސީއަށް ވިދާޅުވީ ކުޑަކުދިންނާއި އެމީހުންގެ މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުން ރަޝިޔާގެ ދެކުނުގެ ދެ ސަރަހައްދަކަށް ބަދަލުކުރަނީ ޚެރްސަން އަށް ކުރިމަތިވެދާނެ ދަތިދުވަސްތަކަކަށް ތައްޔާރުވަމުންދާތީ ކަމަށެވެ.
ކަޅު ކަނޑާއި އަޒޯވް ކަނޑާ ދެމެދުގައިވާ ސްޓްރެއިޓްގައި ހުންނަ 19 ކިލޯމީޓަރު (12 މޭލު) ދިގުމިނުގައި ހުންނަ ކެރްޗް ބްރިޖަކީ ކްރައިމިއާއާ މެދު މޮސްކޯއިން ކުރާ ދައުވާތަކުގެ ރަމްޒެއްގެ އިތުރުން 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނުން ހިފެހެއްޓި ޕެނިންސުލާއާގެ މުހިންމު ގުޅުމެކެވެ. 3.6 ބިލިއަން ޑޮލަރުގެ ބްރިޖަކީ ޔޫރަޕްގައި އޮތް އެންމެ ދިގު ބްރިޖެވެ. އެއީ ދެކުނު ޔޫކްރޭންގައި ރަޝިޔާގެ އަސްކަރީ އޮޕަރޭޝަންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ބްރިޖެކެވެ. 2018 ވަނަ އަހަރު ބްރިޖު ހުޅުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ޚުދު ޕޫޓިން އެވެ.
އެ ހަމަލާއިން “ރަޝިޔާގެ މޯރަލްއަށް އިތުރު ގެއްލުމެއް ލިބޭނެ، އަދި ޔޫކްރޭންގެ ހިތްވަރަށް އިތުރު ބާރެއް ލިބޭނެ،” ލަންޑަންގެ ތިންކް ޓެންކެއް ކަމަށްވާ ޗެތަމް ހައުސްގެ ޖޭމްސް ނިކްސީ ވިދާޅުވި އެވެ. “ވިސްނޭ ގޮތުގައި ރަޝިޔާއަށް އެތަން އަލުން ބިނާކުރެވޭނެ، އެކަމަކު ހަނގުރާމައަކުން ބަލިވެގެން ތިއްބާ އެމީހުންނަށް އެކަން ދިފާއު ނުކުރެވޭނެ.” އޭނާ އިތުރަށް ވިދާޅުވިއެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ދެއްވި ވީޑިއޯ ޚިޠާބުގައި، ނުސީދާ ގޮތެއްގައި ބްރިޖަށް ހަމަލާދިންކަމަށް އިޢުތިރާފުވި ނަމަވެސް، އެ ހަމަލާދިން ސަބަބަކަށް ނުދައްކަވައެވެ.
“މިއަދަކީ އަޅުގަނޑުމެންގެ ދައުލަތުގެ ސަރަހައްދުގައި ރަނގަޅު އަދި ގިނައިން އަވިގަދަ ދުވަހެއް، ހޫނުވެސް ގަދަ ނަމަވެސް، ހިތާމައަކީ ކްރައިމިއާގެ މަތީގައި ވިލާގަނޑެއް އޮތް ކަން” އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ނޭޝަނަލް އެންޓި ޓެރަރިޒަމް ކޮމިޓީން ބުނީ ޓްރަކް ބޮމެއް ގޮއްވާލުމުން ތެޔޮ ހިފައިގެން ދިޔަ ހަތް ރޭލު ކާރެއްގައި އަލިފާން ރޯވެ، “ބްރިޖުގެ ދެ ބައެއް ވެއްޓުނު” ކަމަށެވެ. ބްރިޖުގައި ދުއްވާފައި ދިޔަ ފިރިހެނަކާއި އަންހެނަކު މަރުވެފައިވާ ކަމަށް ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނެފައިވެއެވެ. މަރުވި ތިންވަނަ މީހަކީ ކާކު ކަމެއް ބުނެފައެއް ނުވެއެވެ.
ބްރިޖު ހުރަސްކުރާ ހުރިހާ ވެހިކަލްތަކެއްގައި ވެސް ގޮވާތަކެތި ހުރިތޯ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޗެކްކުރަން ޖެހެއެވެ. ގޮވި ޓްރަކަކީ ދެކުނު ރަޝިޔާގެ ކްރަސްނޯޑާ ސަރަހައްދުގެ ރައްޔިތެއްގެ ޓްރަކެއް ކަމަށް ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނީ އެމީހާގެ ގެ ބަލައިފާސްކުރުމަށްފަހުގައެވެ. ތަޖުރިބާކާރުން ދަނީ ޓްރަކް ދަތުރުކުރާ މަގު އިތުރަށްބަލަމުންނެވެ.
ބްރިޖުގެ މަތިން ރޭލާއި އޮޓޯމޮބައިލް ދަތުރުތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ.
ރޭލު ދަތުރުފަތުރު އަލުން ފެށެމުން ދިޔައީ މަޑުމަޑުންނެވެ. ކްރައިމިއާގެ ސިޓީތަކެއް ކަމަށްވާ ސެވަސްޓޮޕޯލް އާއި ސިމްފެރޯޕޯލް އިން ފުރައިގެން ހޮނިހިރު ދުވަހުގެ ހަވީރު ބްރިޖާ ދިމާއަށް ދަތުރުކުރި ދެ ރޭލު ދަތުރުކުރި އެވެ. ކްރައިމިއާ އާއި ރަޝިޔާ ދެމެދު ފަސިންޖަރު ފެރީ ގުޅުންތައް އާދީއްތަ ދުވަހު އަލުން ފަށަން ވަނީ ނިންމާފައެވެ.
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ދުވަސްވަރުގެ ކުރީކޮޅު ކްރައިމިއާގެ އުތުރުގެ ސަރަހައްދުތައް އަތުލައިގަނެ، އަޒޯވް ކަނޑުގެ ކައިރީގައި އެތަނަށް ލޭންޑް ކޯރިޑޯއެއް ހަދާފައިވާއިރު، އެ ސަރަހައްދު އަނބުރާ ހޯދުމަށް ޔޫކްރޭނުން ދަނީ ކައުންޓަރ އޮފެންސިވް އަކަށް ޕްރެޝަރު ކުރަމުންނެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ދެކުނުގައި ތިބި އެގައުމުގެ ސިފައިންނަށް އެ ކޮރިޑޯ މެދުވެރިކޮށް އަދި ކަނޑުމަގުން ބޭނުންވާ ތަކެތި ލިބެމުންދާ ކަމަށެވެ. ރަޝިޔާގެ އެނާޖީ މިނިސްޓްރީން ބުނީ ކްރައިމިއާގައި 15 ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ހުރި ކަމަށެވެ.
ރަޝިޔާގެ ހަނގުރާމަވެރި ބްލޮގަރުން ވަނީ ބްރިޖް ހަމަލާއަށް ރުޅިވެރިކަމާއެކު ރައްދުދީ، ޔޫކްރޭންގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދީ ބަދަލު ހިފުމަށް މޮސްކޯއަށް އިލްތިމާސްކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު ބެލުމަށް ސަރުކާރުގެ ޕެނަލެއް އުފެއްދުމަށް ޕޫޓިން އަމުރު ކުރެއްވި އެވެ.
ރަޝިޔާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ޖެނާޑީ ޒިއުގަނޯވް ވިދާޅުވީ “ޓެރަރިޒަމްގެ ހަމަލާ” ދިނުމަކީ ހޭލާތިބެންޖެހޭ ކަން އަންގައިދޭ ކަމެއް ކަމަށެވެ. “އެ ހާއްސަ އޮޕަރޭޝަން ކައުންޓަރ ޓެރަރިސްޓް އޮޕަރޭޝަނަކަށް ބަދަލުކުރަން ޖެހޭ،” އޭނާ އިއުލާން ކުރެއްވި އެވެ.
ރަޝިޔާގެ ޕާލަމެންޓްގެ ދަށުގޭގައި ހުންނަ ފޮރިން އެފެއާޒް ކޮމިޓީގެ ވެރިޔާ ލިއޮނިޑް ސްލޫޓްސްކީ ވިދާޅުވީ ޔޫކްރޭނުން ޒިންމާދާރު ނަމަ “ނަތީޖާތަކެއް ކުރިމަތިވާނެ” ކަމަށެވެ. އަދި ޖަސްޓް ރަޝިޔާ ފެކްޝަންގެ ލީޑަރު ސަރގޭ މިރޮނޯވް ވިދާޅުވީ ރަޝިޔާއިން ރައްދު ދޭން ޖެހޭނީ ޔޫކްރޭންގެ މުހިންމު އިންފްރާސްޓްރަކްޗަރަށް ހަމަލާދީގެން ކަމަށެވެ.
މިފަދަ ބަޔާންތަކަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް އިޢުލާން ކުރުމަށް ޕޫޓިން ނިންމެވި ނިންމެވުމެއް ކަމަށް ވެދާނެ އެވެ.
ޒެލެންސްކީގެ ޕާޓީގެ ޕާލަމެންޓްރީ ލީޑަރު ވިދާޅުވީ މި ގޮވުމުގެ ނަތީޖާއަކީ މޮސްކޯއިން ކްރައިމިއާ ހިފުމުގެ ނަތީޖާއެއް ކަމުގައެވެ.
ޔޫކްރޭންގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އޮލެކްސީ ޑެނިލޯވް ޓްވީޓް ކުރެއްވި ވީޑިއޯއެއްގައި ކެރްޗް ބްރިޖުގައި އަލިފާން ރޯވެ، މެރިލިން މޮންރޯ އޭނާގެ “ހެޕީ ބާރތްޑޭ މިސްޓަރ ޕްރެޒިޑެންޓް” ލަވަ ކިޔާފައި ވެއެވެ. ހުކުރު ދުވަހު ޕޫޓިންއަށް 70 އަހަރު ވަނީ ފުރިފައެވެ.
މޮސްކޯގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ “މަދަނީ އިންފްރާސްޓްރަކްޗާ ނައްތާލުމުން ކިއެވްގެ ވެރިކަމުން ދިން ރިއެކްޝަން އިން ދައްކުވައިދެނީ އެ ވެރިކަމުގެ ޓެރަރިސްޓް ޠަބީޢަތް” ކަމަށެވެ.
ކްރައިމިއާގެ ލޯކަލް އޮތޯރިޓީތަކުން ވަނީ ހަލާކުވެފައިވާ ބްރިޖުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކާ ބެހޭ ގޮތުން ފުށުއަރާ ބަޔާންތަކެއް ދީފަ އެވެ. މި ޕެނިންސުލާއަކީ ރަޝިޔާގެ ފަތުރުވެރިންނަށް މަގުބޫލު މަންޒިލެއް ކަމަށާއި ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ވެސް ހުންނަ މަންޒިލެކެވެ. ރަޝިޔާގެ ޓޫރިސްޓް އެސޯސިއޭޝަނަކުން ލަފާކުރި ގޮތުގައި ހޮނިހިރު ދުވަހު ކްރައިމިއާގައި 50،000 ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން ދިޔައެވެ.
އެހެން ތަނެއްގައި އދ.ގެ ނިއުކްލިއާ ވޮޗްޑޮގުން ބުނީ ޔޫކްރޭންގެ ޒަޕޮރިޒިއާ ނިއުކްލިއާ އިންޖީނުގެއަށް ބޮމުގެ ހަމަލާ ދިނުމުގެ ސަބަބުން އެންމެ ފަހުން ބާކީ އޮތް ބޭރުގެ ހަކަތަ ގެއްލިފައިވާ ކަމަށާއި މިހާރު ބަރޯސާވެފައިވަނީ ކުއްލި ޑީސަލް ޖަނަރޭޓަރުތަކަށެވެ.
ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޔޫކްރޭންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޚާރކިވް ވެސް ގޮވުންތަކުގެ ސަބަބުން އުޑުމައްޗަށް ދުންތައް އަރައި އިތުރު ގޮވުންތައް ހިނގި އެވެ. ޔޫކްރޭންގެ އޮފިޝަލުން ތުހުމަތު ކުރެއްވި ގޮތުގައި ރަޝިޔާއިން ގިނައިން މީހުން ދިރިއުޅޭ ދެ އަވަށް ސަރަހައްދެއްގައި ވައިގެ މަގުން ފޮނުވާލާ މިސައިލް ބޭނުންކުރި އެވެ.
މި ހަމަލާގައި ޚާރކިވްގެ ރައްޔިތެއް ކަމަށްވާ ޓެޓިއާނާ ސަމޮއިލެންކޯގެ އެޕާޓްމަންޓުގައި އަލިފާން ރޯވިއެވެ. ގޮވުން ގޮވިއިރު އޭނާ ހުރީ ބަދިގޭގައި ކަމަށާއި، ބިއްލޫރިތައް އުދުހެމުން ދިޔަ ކަމަށެވެ.
“މިހާރު އަހަރެންގެ ބޯމަތީގައި ފުރާޅެއް ނެތް. މިހާރު ދެން ކުރާނެ ކަމެއް ނޭނގެ،” އުމުރުން 80 އަހަރުގެ އެމީހާ ބުންޏެވެ.


“މިހާރު އަހަރެންގެ ބޯމަތީގައި ފުރާޅެއް ނެތް. މިހާރު ދެން ކުރާނެ ކަމެއް ނޭނގެ،” އުމުރުން 80 އަހަރުގެ ޒުވާނާ ބުންޏެވެ.