ޒަމާނުއްސުރެ ނ.އަތޮޅު ލަންދޫއަކީ އެކުވެރި އެއްބައިވަންތަ “އެއްބަޑު އެއްބަފާ” އަޚުންތަކެއް ފަދަ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ. ވަކިން ޚާއްޞަކޮށް ލަންދޫގެ ތަރައްޤީއަށް ކުރެވޭ އެންމެހައި މަސައްކަތަކުގައްޔާއި އަދި ލަންދޫގެ ރައްޔިތަކަށް ހިތާމައެއް ނުވަތަ ދެރައެއް ދިމާވާ ކޮންމެ ދަޑިވަޅެއްގައެވެ.
މިދިޔަ މަހުގެ އެންމެ ފަހު ދުވަސް ނުވަތަ މިދިޔަ ހަފްތާގެ ބުދަ ދުވަސް ވެގެން ދިޔައީ ނ.ލަންދޫއަށް ފުން ހިތާމައަކާއި ދެރައެއް ކުރިމަތިވެގެން ދިޔަ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. އެއް އިރެއްގައި ނ.ލަންދޫގެ ފަޚްރެއްގެ ގޮތުގައި ބެލެވުނު ، އަދި ނ.އަތޮޅު އުތުރު ބިތުގެ ގިނަ ރައްޔިތުންތަކެއް މާލެ ދަތުރު ކުރުމުގައި ބޭނުންކުރި އަދި މިހާރު ނ.އަތޮޅުގެ 5 ރަށަކަށް މާލެއިން މުދާ ގެނެސްދޭ ލަންދޫ ބޯޓް ކ.ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހިތާމަވެރި ހާދިސާ ހިގި ދުވަހެވެ.

އެދުވަހުގެ ހެދުނު ހިގި މި ހިތާވެރި ހާދިސާ އާއި ގުޅިގެން މުޅި ލަންދޫގައި ހިތާމަވެރިކަމުގެ ސާލެއް ލެވިގެން ދިޔައިރު ލަންދޫގެ ފިރިހެންވެރިން ތައްޔާރުވަމުން ދިޔައީ ލަންދޫ ބޯޓަށް މިދިމާވި ހިތާމަވެރި ހާދިސާއަށްފަހު ބޯޓް ސަލާމަތްކޮށް ދިނުމަށްތަކައި އެބައިމީހުންނަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބެލުމަށެވެ.
ލަންދޫގެ ރައްޔިތުންނަށާއި އަދި ވަކިން ޙާއްޞަކޮށް ލަންދޫގެ ޒުވާނުންނަށްޓަކައި އެތައްކަމެއް ކޮށްދީފައިވާ ލަންދޫ ބޯޓްގެ ވެރިފަރާތުގެ ޢާއިލާއިން އެދުނު އެދުމުގެ މަތިން ލަންދޫ ކައުންސިލުން ކުއްލި ގޮތަކަށް ގޮވާލި ގޮވާލުމަކަށް ލަންދޫގެ 60 ވަރަކަށް ރައްޔިތުން މިއޮތް ގަދަ ވިއްސާރާގައި ލަންދޫ ބޯޓް ސަލާމަތްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ގާފަރަށް ދިޔަކަމީ ލަންދޫ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރުވެސް އޮތްކަން ދައްކުވައިދިން ކުލަގަދަ ހެއްކެކެވެ.
މޫސުން މިހާ ގޯސް ދުވަސްވަރެއްގައި ، ގަދަ ވިއްސާރައިގައި ވެހޭހާވާރެއެއްގައި ، މިއޮތް ގަދަ ފިނީގައި ލޯބިވާ، ރަށާއި، މައިންބަފައިންނާއި އަދި އަބިދަރިން ދޫކޮށް ފަސްވަރަކަށް ދުވަހު ކަނޑުމަތީގައި ލަންދޫ ބޯޓް ސަލާމަތްކުރުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދިނުމަކީ ހަމަ ހަޤީގަތުގައިވެސް ލަންދޫރައްޔިތުންނަކީ އެކުވެރިކަމާއި އެއްބައިވަންތަ އަދި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ރަށުލޯބީގެ އިތުރުން އެއްބަޑު އެއްބަފާކަމުގެ އަޚްވަންތަ ގުޅުން ފިސާރި ރަނގަޅަށް ފެނިގެން ދިޔަކަމެކެވެ.
މާލެއަތޮޅު ގާފަރު ފަރަށް އަޑިއަށް ދިޔަ ލަންދޫ ބޯޓް ނެގުމުގެ މަސައްކަތް ކުރުމަށް ލަންދޫން ބައިވެރިވި ޓީމުގައި ލަންދޫގައި ޤާއިމުވެފައިވާ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އަދި އަރަމުން އަންނަ ނޫކަށި ފުރައިގެ ޒުވާނުން ހިމެނޭކަމީ ލަންދޫގެ ރައްޔިތުންނަކީ ޒާމަނުންސުރެ އެއްބަޑު އެއްބަފާ އަޚްވަންތަ ބައެއްކަން މުޅި ރާއްޖެއަށް ދައްކުވައިދިން ކަމެކެވެ.

ލަންދޫން ގާފަރަށް ދިޔަ ޓީމާއި ، ގާފަރުގެ ސަތޭކައެއްހާ ރައްޔިތުންނާއި އަދި އެމް.އެން.ޑީ.އެފް ކޯސްޓަގާރޑުގެ އެހީތެރިކަމާއިއެކު ލަންދޫ ބޯޓް ފަރުމަތިން ނަގައިގެން މިހާރު ގާފަރު ފަޅަށް ވައްދާ ބޯޓްގެ އިންޖީނާއި އަދި ސަލާމަތް ކުރެވެންހުރި ނަމަ ހުރި މުދަލެއް މޫދު އަޑިން ނަގައި މުދާތަކުގެ ވެރިފަރާތަށް ރައްދުކޮށްދިނުމަށް ރ.އަތޮޅުގެ ބޯޓަކަށް ބަރުކޮށްފައިވާ އިރު ލަންދޫން މި މަސައްކަތުގައި ބައިވެރި ޓީމުގައި ހިމެނޭ ބައެއް މެމްބަރުން މިއަދު ލަންދުއަށް އައުމުން ލަންދޫގެ ހީވާގި ލޮބުވެތިކަބަލުންނާއި، ކުދިބޮޑު އެންމެން ބަނދަރު ސަރަހައްދަށް ނިކުމެ އެޓީމަށް މަރުހަބާ ކީ ކިޔުމަކީ ލަންދޫގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚްވަންތަކަން ދެމެހެއްޓުމުގައި ވަކި ޖިންސެއް ކުޑައެއް ބޮޑެއް ތަފާތުވުމެއް ނެތްކަން ދައްކުވައިދިން ކަމެކެވެ.
ހަމަ ހަޤީގަތުގައިވެސް ލަންދޫ ބޯޓް އަޑިއަށް ދިއުމުގެ ހާދިސާ އާއި ގުޅިގެން ލަންދޫގެ އެންމެހައި ރައްޔިތުން މުޅި ރާއްޖެއަށް ދަށްކައިދެމުން ދަނީ ލަންދޫގެ ރައްޔިތުންނަކީ އެކަކު އަނެކަކަށް އަޅައިލައި، އޯގާތެރި، އަދި އެހީތެރި ވުމުގައި އެއްބައިވަންތަ ރައްޔިތުބައެއް ކަމެވެ.
