ރިޕޯޓް

ލަންދޫ ރައްޔިތުންގެ ލޯތްބާއި، ޝުކުރާއި ތަޢުރީފް ގާފަރުގެ ރައްޔިތުންނަށް އޮހެނީ

“މުޅިހަޔާތުގައިވެސް މިވަރުގެ ރަށަކަށް ނާދެވޭ، މިއީ ވަރަށް ތަފާތު ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެއް” މިއީ މި މިވަގުތު ގާފަރު ބޭރުމައްޗަށް އަޑިއަށް ގޮސްފައިވާ “ލަންދޫ ބޯޓް” ފުންކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ލަންދޫއިން ދިޔަ 60 މީހުންގެ ތެރޭގައި ހިމެނޭ އަދި ލަންދޫ ބޯޓްގެ ގިނަ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވެލައްވާ އަޙްމަދު ރަޝީދު ( ލައިބު ) ކ.އަތޮޅު ގާފަރާއި ބެހޭގޮތުން އެންމެ ފުރަތަމަވެސް ބުނި ޖުމުލައެވެ.


މީގެ 2 ދުވަސްކުރިން މާލެއިން ފުރައިގެން އަންނަނިކޮށް ހިގި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ގާފަރުގެ ބޭރުމައްޗަށް ލަންދޫ ބޯޓް އަޑިއަށް ދިޔަވަގުތުން ފެށިގެން މިއަދާއި ހިސާބަށްވެސް ގާފަރުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން އަޙްމަދު ރަޝީދު ފާހަގަ ކުރީ އެފަދަ ދެވަނައެއް ނުފެންނާނެ ފަދަ ފުރިހަމަ ނަމޫނާ ކަމެއްގެ ގޮތުގައެވެ.
ލަންދޫ ބޯޓުން ދަތުރުކުރި 36 މީހުން އެއްވެސް މީހަކަށް ގެއްލުމެއް ވިޔަ ނުދީ ސަލާމަތުން ގާފަރަށް ގެންގޮސް އެމީހުނަން ވަގުތީ ބޯހިޔާވަހިކަން ހަމަ ޖައްސައިދީ ގަޑިން ގަޑިއަށް ކާންދިނުމުގެ ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމައަށް ވަރަށް ބަރާބަރަށް ހަމަޖައްސައި ދީފައިވަނީ އަދި މިހާރުވެސް ހަމަ ޖައްސައި ދެމުން އެ ގެންދަނީ ގާފަރު ރައްޔިތުންގެ ފަރާތުންނެވެ.


ގާފަރުގެ ގިނަ ރައްޔިތުންނަކީ އަބަދުވެސް ބޮޑަތި މަސްއޮޑިތަކުގައި މަސްވެރިކަން ކުރަން އުޅޭ ބަޔަކަށް ވީނަމަވެސް މިއަދު އެރަށުގެ ގިނަ ދޯނިތައް އެދަނީ މި ގަދަ ވިއްސާރާގައިވެސް ލަންދޫ ބޯޓް ފުންކުރުމުގެ މަސައްކަތުގައި އެދޯނިތަކުގެ ހީވާގި އެންމެހާ ފަޅުވެރިންނާއި އަދި ދޯނީގައި ބޭނުން ކުރަމުން ގެންދާ އެންމެހައި ވަސީލަތްތައްވެސް އެންމެ ފުރިހަމައަށް ބޭނުން ކުރަމުންނެވެ. ހަފްތާ ބަންދުގައި ރަށަށް އައުމަށްފަހު ހުކުރު ކޮށްގެން މަހަށް ފުރާ ދޯނިތައް މިއަދު އެތިބީ ލަންދޫ ބޯޓް ނެގުމުގައި އެހީތެރި ވުމަށްޓަކައި އެމީހުންނަށް ކުރެވުނުހާ މަސައްކަތެއް ޖާނާއި މާލުން ކޮންދިނުމަށް ފަހުގައި މެނުވީ މަހަށްވެސް ނުފުރާށެވެ. އިންސާނިއްޔަތު ކަމުގެ ކޮންފަދަ ރިވެތި ނަމޫނާއެއްތޯއެވެ.
ގާފަރު ކައުންސިލްގެ ރައީސް އަލްފާޟިލް މުބާޝިރު ޖަލީލް ފާހަގަކުރެވި ގޮތުގައި މިވަގުތު ގާފަރުގެ ބޭރުމައްޗަށް އަޑިއަށް ގޮސްފައިވާ ލަންދޫ ބޯޓް ފުންކުރުމާއި އަދި އެ ބޯޓުން ދަތުރުކުރި އެންމެގައި ފަރާތްތައް ސަލާމަތްކޮށް ދިނުމުގައި އާއި އަދި ވަކިން ހާއްޞަކޮށް ލަންދޫބޯޓްގައި ހުރި މުދާތަކުގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރި މުދާތައް ސަލާމަތްކޮށް ދިނުމުގައާއި، ލަންދޫ ބޯޓް ފުންކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ލަންދޫއިން ގާފަރަށް އައިސްފައިވާ ފަސްދޮޅަހެއްހާ މީހުންނަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ގާފަރުގެ ރައްޔިތުން ދަނީ ވަރަށް ފުރިހަމަ ނަމުނާ މަސައްކަތްތަކެއް ކޮށްދެމުންނެވެ. ” ޙަޤީގަތުގައި އަޅުގަނޑު އުންމީދު ނުކުރާ ފެންވަރަށް މިރަށުގެ (ގާފަރުގެ) ރައްޔިތުންގެ ފަރާތުން މިކަމުގައި އެއްބާރުލުމާއި އެހީތެރިކަން ލިބެމުން އެބަދޭ” ކައުންސިލްގެ ރައީސް އުފަލާއި ހިތްހަމަޖެހުމާއި އެކު ފާހަގަ ކުރެއްވިއެވެ.
މާލެއިން އުތުރަށް ދަތުރުކުރާ އޮޑި ދޯނިފަހަރަށް ތަފާތު މައްސަލަތައް ޖެހިގެން ގާފަރަށް ވަންނަން ޖެހިފައިވަނީ މަދު ފަހަރަކު ނޫނެވެ. މިއިން ކޮންމެ ފަހަރަކުވެސް ގާފަރު ރައްޔިތުންގެ ފަރާތުން ލިބިގެންދާ މެހެމާންދާރީ އާއި އެއްބާރުލުމަކީ މިއަދުވެސް ގިނަ ބަޔަކު ޝުކުރުވެރިކަމާއި އެކު ބަލައިގަނެ ފާހަގަ ކުރަމުންގެންދާ ކަންތައްތަކެވެ. މި ހުރިހާ ފަހަރަކަށްވުރެ މިއަދު ނ.އަތޮޅު ލަންދޫގައި ދުއްވާ ނ.އަތޮޅުގެ އުތުރުބިތުގެ ގިނަ ރަށްތަކަކަށް މާލެއިން މުދާ ގެނެސްދޭ ލަންދޫ ބޯޓަށް ދިމާވެފައި މިވާ ހިތާމަވެރި ހާދިސާއާއި ގުޅިގެން ގާފަރުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމަކީ މުޅިންތާފާތު މަސައްކަތްތަކެކެވެ.


“ހަމަ ހަޤީގަތުގައިވެސް ގާފަރުގެ ރައްޔިތުންގެ ފަރާތުން ލިބިގެން މިދާ އެއްބާރު ލުމާއި އެހީތެރިކަމާއި ، ލޯތްބާއި ކުލުނަކީ މުޅިން ތަފާތުކަމެއް ، މިފަދަ ކަމެއް ދުވަހަކުވެސް އަދި އަޅުގަނޑެއް ނުދެކެއް” ލަންދޫ ބޯޓް ފުންކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރި ވެލައްވަމަށް ގާފަރަށް ދިޔަ ލަންދޫގެ ޓީމުގައި ހިމެނިލައްވާ ލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މަންސޫރު މުޙައްމަދު (މައްޓޭ) ޝުކުރުވެރި ކަމާއިއެކު ފާހަގަ ކުރެއްވިއެވެ. މަންޓޭގެ އިތުރުންވެސް މި މަސައްކަތުގައި ބައިވެރި ވުމަށް ގާފަރަށް ގޮސްތިބި ލަންދޫގެ ކޮންމެ ރައްޔިތެއްގެ ފަރާތުންވެސް އިވިގެންދާއަޑަކީ ހަމަ މިއީއެވެ.
ލަންދޫ ބޯޓަށް މި ދިމާވި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ހުރިހާ ގޮތަކުންވެސް މުޅި ލަންދޫ މިވަގުތު އެވަނީ ފުން ހިތާމައެއްގެ ތެރޭގައެވެ. މިކަމަށް ލިބިގެންދާ ތަސައްލީއަކީ ގާފަރު ރައްޔިތުންގެ ފަރާތުން ލިބިގެންދާ އަގު ނުކުރެވޭފަދަ ކުލުނާއި، ލޯތްބާއި އެހީތެރިކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close