ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް އެމީހުންގެ ދެލޯފަދަ ލޯބިވާ ދަރިން ފުރިހަމަ ސިއްޙަތެއްގައި، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް ރަނގަޅު އެކަށީގެންވާ ތައުލީމެއް ދެވޭތޯ ބަލާނެއެވެ.
އިޖްތިމާޢީ އިޤްތިޞާދީ އަދި ދީނީ ގޮތުން ދުނިޔޭގައި ތަފާތު ވިސްނުންތަކާއި، ފިކުރުތައް ހިނގަމުންދާއިރު ރަނގަޅު ތަރުބިއްޔަތެއް ދަރިފުޅަށް ދޭންބޭނުންވާހިނދު މައިންބަފައިން އެމީހުންގެ ކުދިން ނަށް ކޮށްދެންޖެހޭނެ ކަންކަމާއި، ކޮށްދެން ނުޖެހޭނެ ކަންކަން ހުންނާނެކަން އަހަރެމެން ޤަބޫލުކުރަންޖެހެއެވެ. އެގޮތުން މި ލިޔުމުގައި މިބަލައިލަނީ އެފަދަ ހަތަރު ކަމެއްގެ މައްޗަށެވެ.
1. ކުއްޖާގެ ހޮބީއަކީ ވަގުތު ބޭކާރު ކުރުމެއްގެ ގޮތުގައި ނުދެކުން:
ކޮންމެ ކުއްޖަކީވެސް ކުޅިވަރު، ވީޑިއޯ ބެލުން، ވާހަކަ ކިޔުން ފަދަ ކޮންމެވެސް ކަމެއް ހޮބީއެއްގެ ގޮތުގައި އެކުދިން ކުރާނެ ކުއްޖެކެވެ. އެކުދިންގެ ސްކޫލް ވަގުތުގައި ކްލާހުގައި ހޭދަކުރާ ވަގުތު ތަކުގެ އިތުރުން ޓިއުޝަން ކްލާހަށް ދިއުންފަދަ އުގެނުމުގެ އެކްޓިވިޓީތަކުގެ ބޭރުން އެކުދިންގެ ހޮބީއަށް ފުރުޞަތު ދޭންވާނެއެވެ. ކުދިންގެ ހޮބީއަކީ ވަގުތު ބޭކާރުކުރުމެއް ކަމުގައި ދެކިގެންނުވާނެއެވެ. އެހެނީ ނަފްސާނީ މާހިރުން ވިދާޅުވާގޮތުން ހޮބީއަކީ އެމީހުން ނަފްސާނީ ގޮތުން ހަރަކާތްތެރިކޮށް ނުވަތަ އެކްޓިވް ކޮށް ހުރުމަށް ބާރުއަޅައިދޭ ކަމެކެވެ.
ބައެއް ކުދިން އެކުދިންގެ ޢުމުރުން ހަގުއިރު ނުވަތަ ކުޑައިރު ޝައުޤުވެރިކަން ހުރި ކަންކަން ނުވަތަ ހޮބީއަކަށް ވެގެން އުޅުނު ކަންކަން އެކުދިން ބޮޑުވުމުން ނުކޮށްފާނެއެވެ. މުޅިން އެހެން މިސްރާބަކަށްވެސް ކުދިން ހިނގައިދާނެއެވެ. އެހެންދާއިރާއެއްގެ ވަޒީފާއެއް ނުވަތަ މަސައްކަތެއްވެސް ކޮށްފާނެއެވެ.
މިސާލަކަށް ކުޑައިރު ފުޓްބޯޅައަށް ވަރަށް ޝައުޤުވެރިކަން ހުރު ކުއްޖަކު ބޮޑުވުމުން އޭނާގެ ކެރިއަރުގައި ފުޓްބޯޅައާ ގުޅުމެއް ނެތް ކަމެއްގެ ތެރެއަށްވެސް ވަދެފާނެއެވެ. ނަމަވެސް، ކުޑައިރު އެ ދަރިފުޅު ހޮބީއަކަށް ވެގެން އުޅުނު އެ ކުޅިވަރުން ވަރަށް ގިނަ ގްރިޓާއި ރެސިލިއެންސް ތަރައްގީކުރާނެކަމީ އެއްވެސް ޝައްކެއް ނެތި އެނގޭކަމެކެވެ. ކުޅިވަރުގެ ތެރޭން ޑިސިޕްލިންޑް ވާން ޖެހޭނެއެވެ. އޯގަނައިޒްކޮށް އަދި ޓީމް ވޯކްގެ ސިޔާސަތު ދަސްކުރާނެއެވެ. އަދި އޭގެ އިތުރުން ކެޕްޓަން އަކަށް ނުވަތަ ލީޑަރަކަށް ވާން ޖެހޭ ކަންތައްތައްވެސް ދަސްކުރާނެއެވެ.
2. ކުދިންނަށް އެކުދިންގެ އަމިއްލަ ޗޮއިސް އަށް ޖާގަ ނުދިނުން:
ކުދިންނަކީ އުމުރުން ހަގު ކުދިންކަމަށްވީތީ އެކުދިންނަށް މާބޮޑު އެއްޗެއް ނުވިސްނޭނޭ ހިތާ ކޮންމެކަމެއްގައިވެސް ކުދިންނަށް ޗޮއިސް ނުދީ ބެލެނިވެރިން އެކުދިންގެ ނިންމުންތައް ނިންމުމަކީ އިންތިހާއަށް އެކުދިންނަށް ނުތަނަވަސްކަން ލިބޭ ކަމެކެވެ. ކުދިންނަށް އެކުދިންގެ ކަންކަން ނިންމުމަށް އަމިއްލަ ޗޮއިސް ދޭންވާނެއެވެ. އެހެނީ ތިބާގެ ދަރިފުޅު އެންމެ ބޮޑަށް އެނގޭނީ އެހެން މީހުންނަށްވުރެ ތިބާއަށެވެ. އެހެންކަމުން ކަމެއްގައި ދަރިފުޅު ދޭ ޚިޔާލެއް ނުވަތަ ނިންމާ ނިންމުމެއް ނިންމި ގޮތް އެއީ ދަރިފުޅުގެ އަމިއްލަ ވިސްނުންތޯ ނުވަތަ އެހެން މަޖުބޫރެއް އޮތްކަމެއްތޯ ތިބާއަށް މާރަނގަޅަށްވެސް އެނގޭނެއެވެ.
ކާމިޔާބު ކަމާއެކު ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާ މައިންބަފައިން ކުދިންނަށް އެކުދިންގެ ކަންކަން ނިންމުމަށް ފުރުޞަތު ދޭފަދައިން މައިންބަފައިންވެސް އެކުދިންނަށް ގޮތްކިޔައިދީ ހެޔޮގޮތް ވިސްނައިދޭނެއެވެ.
3. ކުދިންގެ އުފާވެރިކަމަށްވުރެ ފައިސާ ނުވަތަ ބޮޑު މުސާރަ ލިބޭ ޑިގްރީތަކަށް އަގު ނުކުރުން:
ކުދިންނަށް އެކުދިންގެ ޅައުމުރުން ފެށިގެން ތައުލީމްދީ ހެޔޮ ތަރުބިއްޔަތެއް ދެވޭތޯ ބަލަންޖެހެއެވެ. ކޮންމެ މަޔަކުވެސް ބަފަޔަކުވެސް އެކަމަށް ސަމާލުކަންދޭނެކަމީ އެއްވެސް ޝައްކެއް ހުރިކަމެއްނޫނެވެ. އެހެންނަމަވެސް ކުދިންގެ ތައުލީމީ ހަޔާތަކީ އެކުދިންނަށް ހުރި ބުރައަކަށް ވެގެން ނުވާނެއެވެ. މިސާލަކަށް ކޮންމެ ކުއްޖަކީ ޕީއެޗްޑީ ލެވަލަށް ނުވަތަ މާސްޓަރސް ލެވަލަށް ނުވަތަ ޑިގްރީ ލެވަލަށް ތައުލީމް ހޯދޭނެ ކުއްޖަކަށް ނުވެދާނެއެވެ. އެހެންކަމުން ތަޢުލީމް ހޯދައިދިނުމުގައިވެސް ތިބާގެ ދަރިފުޅަށް އެކަށީގެންވާ މިންވަރެއް ދެނެގަނެއް އެގޮތުގެ މަތިން ކުރިއަށް ގެންދެވޭތޯ ބަލަންވާނެއެވެ.
ޑިގްރީ ނުވަތަ ޕީއެޗްޑީ ފާހަކީ ދަރިފުޅުގެ މަސްލަހަތާ ގުޅުމެއް ނެތް ނުވަތަ އެ ދަރިފުޅަށް ހާޞިލް ނުކުރެވިދާނެ މިންވަރެއްކަމުގައި ހީވާނަމަ އެއީ ވަގުތު ބޭކާރު ކުރުމެއް ކަމަށް ވެދާނެ އެވެ. އަދި އެމީހުން ސްކޫލުގައި ނުވަތަ ކޮލެޖްގައި ހޭދަކުރަނީ ހަމައެކަނި ސެޓްފިކެޓް ހޯދުމަށް ނުވަތަ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއްގެ އުންމީދުގައި ކަމަށްވާނަމަ ހަމަގައިމުވެސް އެއީ ވަގުތު ބޭކާރު ކުރުމަކަށް ނޫނީ ނުވާނެއެވެ.
ކުއްޖާ ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމަށް މިޒަމާނުގައި ކޮންމެހެން އެ ދާއިރާއަކުން ޑިގްރީއެއް އޮތުން މުހިންމެއް ނޫނެވެ. ބޭނުންވަނީ ކެރިގެން ޝައުޤުވެރިކަމާއެކު ކުރިމަތިލުމެވެ. މަސައްކަތުގައި ހީވާގިވެ މުރާލިކަން ހުރި ކޮންމެ ކުއްޖަކަށް މިއަދުވަނީ އެފުރުޞަތު ހުޅިވިފައެވެ. ކެރިއަރުގައި ކާމިޔާބު އެތައްބަޔަކު އެއްވެސް ޑިގްރީއެއް ނެތިވެސް އެންމެ އުހަށް އަރާތަން މިއަދު މިދަނީ ފެންނަމުންނެވެ.
4. މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލު ނުވުން:
ކުޑަކުދިންނަކީ އާކަންތައްތަކަށް އަބަދުވެސް ސަމާލުކަންދީ ފެންނަ ކޮންމެ އެއްޗެއް ބޭނުންވާ ބައެކެވެ. އެކުދިންނަށް ބޭނުންވާނެ ގިނަ ތަކެތި ހޯދައިދިނުމުގައި ބައެއް ބެލެނިވެރިންނަށް އިހުމާލުވެވެނީ އެހެންވެގެން ކަމަށްވެދާނެއެވެ. އެ ކުދިން ބޭނުންވާހާ ކޮންމެ އެއްޗެއް ފަހަރެއްގައި ހޯދައި ނުދެވިދާނެއެވެ. އެހެންނަމަވެސް އެކުދިން ހޯދައިދިނުމަށް އެދޭ ތަކެތި ނުވަތަ ކަންތައްތަކަކީ ބެލެނިވެރިޔާ ދެކޭގޮތުގައި އެކުދިންނަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމުގައިވާނަމަ އެކުދިންނަށް އެއެއްޗެއް ހޯދައިދެވޭތޯ ކޮންމެހެންވެސް ބަލަންވާނެއެވެ.
އަދި އޭގެ އިތުރުން ކުދިންގެ ތައުލީމަށާއި، އަސާސީ ބޭނުންތަކަށްވެސް ފުރިހަމައަށް ޚަރަދު ކުރެވެންވާނެއެވެ. ކުދިންގެ ކޮލެޖް ، ޔުނިވަރސިޓީ ފީ އެކުދިން އަމިއްލައަށް ދެއްކުމުގެ ޤާބިލްކަން ނެތްކުދިންނަށް މައިންބަފައިން ދައްކަދެންވާނެއެވެ.
ކާމިޔާބު ކަމާއެކު ދަރިން ތަރުބިއްޔަތު ކުރާ މައިންބަފައިން ޢަމަލުކޮށްފައި ހުރީ މިދެންނެވި ބީދައިންނެވެ.

