ރިޕޯޓް

މަނަދޫ ރަސްމީ ބޯޅަދަނޑު، މަސައްކަތް ހުއްޓިފައި، ޓަރފްތައް ހަލާކުވަނީ، ޒިންމާވާނެ ބަޔަކުނެތް

ނ.މަނަދޫގައި ސަރުކާރުން ތަރައްޤީ ކޮށްދެއްވުމަށް ހަމަޖެހިފައިވާ ޓަރފް ދަނޑުގެ މަސައްކަތް ވަކިހިސާބަކުން ހުއްޓިފައި އޮވެމެ އެދަނޑުގައި އަޅަންގެނައި ޓަރފް ރޯލްތައް ހަލާކުވަމުންދާތީ މަނަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނާރެސް އަށް މައުލޫމާތު ހިއްސާކުރައްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބުދުއްރަހްމާނު ޞަބީޙް ވިދާޅުވީ މަނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުމުގެ މަސައްކަތަކީ ދިގުލައިގެން ދާ މަސައްކަތެއްކަމަށެވެ. އެގޮތުން ދަނޑުގެ ބިންގަނޑު އެއްވަރުކޮށް ސަބްބޭސް އެޅުމުގެ މަސައްކަތްވެސް ކަނޑައެޅި މުއްދަތަށްވުރެ މާ ދިގުލައިގެން ދިޔަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޓަރފް އެޅުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި އޮންނަތާ މިހާރު އަހަރުވަނީ ކަމުގައެވެ.

މަނަދޫ ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ 2021 އޮގަސްޓް މަހުގެ 5 ދުވަހު “ޓްރިޕްލް އެއިޓް ޕްރައިވެޓް ލިމިޓެޑް” ކިޔާ ކުންފުންޏަކާއެވެ.

ޓަރފް އެޅުމަށް ބޭނުންވާ ޓަރފް ރޯލްތައް ގެނެސް ދަނޑުގައި ގިނަދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު މިދިޔަ ރަމަޟާން މަސް ތެރޭގައި ވަނީ ދަނޑުގެ ސަބްބޭސް މަތީގައި ފަތުރާފައެވެ. ޓަރފް ތައް ދަނޑުގައި ފެތުރީ ޓަރފްރޯލްތައް ގިނަދުވަހު އަތްވާ ވާރޭގައި ހުރެ ހަލާކުވަމުންދާތީ ރޫފިލުވުމުގެ ބޭނުމުގައި ކޮންޓްރެޓަރ އަމިއްލައަށެވެ.

ޓަރފްރޯލްތައް ފެތުރި ފަހުންވެސް އޭގެ މައްޗަށް ރަބަރާއި ހިލަވެލިފަދަ ޓަރފްތައް ޕްރޮޓެކްޓް ކުރާނެ އާލާތްތައް ނާޅާ އޮއްވާ ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ވަޔާ ޓަރފްތައް އެއްލައިލާ ބޮނޑިބޮނޑި ވުމުގެ ސަބަބުން ޓަރފްތައް މިހާރުވަނީ ހަލާކުވާން ފަށާފައެވެ.

މަނަދޫ ކައުންސިލްގެ ރައީސް ޞަބީހް ވިދާޅުވީ އެފަދަ ގޮތަކަށް ކަންތައްތައް ވަމުންދާތީ އެތައް ފަހަރެއްގެ މަތިން ކުޅިވަރާ ބެހޭ ވުޒާރާއަށް އަންގާފައިވާނެކަމަށެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރާވެސް އެތައް ފަހަރެއްގެ މަތިން ރަސްމީ ހައިސިއްޔަތުންނާއި، ނުރަސްމީކޮށްވެސް ވާހަކަ ދެކެވިފައިވާނެކަށެވެ.

އެމަސައްކަތް ނިންމުމަށްޓަކައި ކޮންޓްރެކްޓަރ މަނަދުއަށް އަރަން އެތައްފަހަރެއްގެ މަތިން އެތައް ޑޭޓްތަކެއް ދިންކަމަށާއި، އެންމެފަހުން ކޮންޓްރެކްޓަރ މަނަދުއަށް އަރަންބުނި ޑޭޓަށް ނޭރުނީ ފުވައްމުލަކުގައި ހަދަމުންދާ ޓާރފް ދަނޑުގެ މަސައްކަތް ފުރިހަނުވާތީ އެތަން ރަނގަޅުކުރުމަށް އެރަށަށް ދިއުމަށް މިނިސްޓްރީގެ ފަރާތުން އަންގައިގެން ދާންޖެހިގެން ކަމަށް ކޮންޓްރެކްޓަރ  ބުނާކަމަށް މަނަދޫ ކައުންސިލްގެ ރައީސް ޞަބީޙް ވިދާޅުވިއެވެ.

އަދި އޭގެ ފަހުންވެސް ކޮންޓްރެކްޓަރާއި ގުޅުމުން އަދިވެސް ފުވައްމުލަކު މަސައްކަތް ނުނިމޭތީ މަނަދުއަށް އެރުން ލަސްވަނީ ކަމަށް ކޮންޓްރެކްޓަރ ބުނިކަމަށް ޞަބީޙް ވިދާޅުވިއެވެ.

ބޯޅަދަނޑުގެ މަސައްކަތް ނުނިމޭތީ ދަނޑު ބަންދުކޮށްފައެއްވެސް ނުވެއެވެ. ދަނޑު އޮންނަނީ ބޭނުން އިރަކު ބޭނުން މީހަކަށް ވަދެވޭގޮތަށް ހުޅުވާލެވިފައެވެ. އެހެންކަމުން އެތަނަށް ކުޑަކުދިންވެސް ވަދެގެން ޓަރފް މައްޗަށް އަރާ ބޯޅަކުޅެ ހަދާ ކަމަށާއި، އެއީވެސް ޓަރފްތައް ވަރަށް އަވަހަށް ހަލާކުވެގެންދާނެކަމެއް ކަމަށްވެސް ޞަބީޙް ފާހަގަކުރެއްވިއެވެ.

މަނަދޫގައި ސަރުކާރުން ތަރައްޤީ ކުރައްވަމުން އަންނަ ޓަރފް ދަނޑު / ފޮޓޯ: ކިޔުންތެރިއެއް

ޞަބީޙް ވިދާޅުވީ ދައުލަތުގެ އަގުބޮޑު މުދާތަކަކަށް މިފަދަ ބޮޑު ގެއްލުމެއް ވަމުން ދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މިކަމުގައި ޒިންމާ އުފުލަން ޖެހޭ ބަޔަކު ތިބެންޖެހޭނެކަމަށެވެ.  

މަނަދޫން ނާރެސް އާއި ވާހަކަ ދެއްކި ޒުވާނަކު ބުނީ ޓަރފް ދަނޑު މިއަދު ބޭނުންކުރަނީ ހަވީރު ގަޑީގައި މީސްމީހުން ގޮސް އެތާމަތީގައި ތިބެ ސައިބޯލާ ހިތްއުފާކޮށްލާ ޕާކެއްގެ ގޮތުގައި ކަމަށެވެ. އަދި ޓަރފް މަތީގައި ސިނގިރެޓް ފިލްޓަރާއި، ހުސްދަޅުތަކާއި، ޗިޕްސް ހުސްކުރި ޕެކެޓްތައް އުކާލެވިފައި އޮތުމުގެ ސަބަބުން މިހާރުއެތަން ސިފަވަނީ ކުނި ގޮޑެއްގެ ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.

ކޮންމެއަކަސް މަނަދޫ ރަސްމީ ފުޓްބޯޅަ ދަނޑު އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުވެފައި އޮތުމަކީ އެރަށުގެ ދެޖިންސްގެ ޒުވާނުންވެސް ކަންބޮޑުވާ މައްސަލައެކެވެ.

މަނަދުއަކީ އަންހެނުންނާއި ފިރިހެނުންވެސް ވަކިވަކި ޓީމްތައް ހަދައިގެން ތަފާތު ނަންނަމުގައި މުބާރާތްތައް ބާއްވާ، ފޯރީގައި އާދަވެގެން ފުޓްބޯޅަ ކުޅެ ޕްރެކްޓިސް ކުރަމުން ގެންދާ ރަށަކަށްވާއިރު އެމީހުންނަށް ކުޅެލުމުގެ ފުރުޞަތު މިހާރު ލިބެނީ ހަމައެކަނި އެރަށު ފުޓްސަލް ދަނޑުގައެވެ. ފުޓްސަލް ދަނޑު ކުޑަކަމާއި އެތަނަށް ކުޅެންދާންތިބި މީހުން ގިނަކަމުގެ ސަބަބުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެރަށު ޒުވާނުންވެސް ދަނީ ބުނަމުންނެވެ.

ޒިންމާ އުފުލަން ޖެހޭ ބަޔަކު ޒިންމާ އުފުލައިގެން މިކަން އަވަސްވީ މަގަކުންކޮށް ނިންމާލަ ދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް މަނަދޫ ރައްޔިތުންގެ ނަމުގައި ގޮވާލަމެވެ.

އެއް ކޮމެންޓް

  1. މަނަދޫ ރަށު ކައުންސިލުން ތިކަމުގެ ޒިންމާ ނަގަންޖެހޭނެ. ސިޔާސީ މަޤްޞަދެއްގައި ތިކަހަލަ ފިތުނަ އުފެއްދުމަކީ ކައުންސިލްގެ ރައީސަށްވިޔަސް ކުރެވިގެން ވާނެކަމެއް ނޫން. ޒިންމާއިން ރެކެވޭނެ ގޮތެއް އޮވެގެން ނުވާނެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close