އޯޑަރ ކުރިޔަސް ފައިސާ ދޭންވާނީ އަތަށް ލިބުނީމަ….!
ރާއްޖޭގައިވެސް މިހާރު އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިންކޮށް ތަކެތި ގަނެ ހެދުމަކީ ވަރަށް ގިނަބަޔަކު ކުރަމުން އަންނަކަމެކެވެ. ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ތަކެތި ގަނެލެވެއެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ތަކެތީގެ މަޢުލޫމާތު ޙިއްސާކޮށްލެވެއެވެ. ގޭގައި އިނދެގެން، އޮންލައިން ވިޔަފާރި ކުރާ ފަރާތާއި ފަސޭހަކަމާއެކު ވާހަކަދައްކާލައި، މުދަލުގެ މަޢުލޫމާތު ހޯދާލެވެއެވެ.
އެހެންނަމަވެސް، މިކަމުގައި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށްވުރެ ބޮޑަށް، އޮންލައިންކޮށް ތަކެތި ގަންނަ ފަރާތްތައް މިވަނީ ވިސްނަން ޖެހިފައެވެ. އެހެނީ، ކޮންމެކަމެއްގައިވެސް އޮޅުވާލުމާއި މަކަރާއި ޙީލަތުން ކަންކަން ކުރާ ބަޔަކު މި މުޖުތަމަޢުގެ ތެރޭގައި އުޅޭތީވެއެވެ. ޚާއްޞަކޮށް އޮންލައިން ވިޔަފާރީގެ ނަމުގައި ދޮގާއި މަކަރުން، އެތައް އޮޅުވާލުންތަކެއް އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ރާއްޖޭގައި ވަރަށްވެސް އިތުރު ވެއްޖެއެވެ.
އޮންލައިންކޮށް ތަކެއްޗަށް އޯޑަރު ދިނަސް ފައިސާ ދޭންވާނީ އަތަށް ލިބުނީމައެވެ. އޯޑަރު ކުރާއިރަށް، ޑެލިވަރީ ކޮށްލެވޭނީ ފައިސާ ޖަމާކުރީމައޭވެސް ބުނާނެއެވެ. ނޫނީ ހާފް ޕޭމަންޓް ދެއްކީމައޭވެސް ބުނާނެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް ނުހެއްލެއްޗެވެ. ރަނގަޅު އޮންލައިން ވިޔަފާރިއެއް ކުރާބައެއްނަމަ، އެމީހުން ތަކެތި ޑެލިވަރީ ކުރުމުގެ ކުރިޔަކަށް ފައިސާ ޖަމާކުރުމަކަށް ނުބުނާނެއެވެ. ބުނެގެންވެސް ނުވާނެއެވެ.
އަނެއްކަމަކަށް ވިސްނަންވީ، މުދާ ލިބުނަސް އަދި ލިބުނީ ރަނގަޅު މުދާތޯ ބަލާށެވެ. އޯޑަރުކުރި މުދާތޯ ބަލާށެވެ. އޯޑަރު ދިން އިރު ބުނި ކޮލިޓީތޯވެސް ބަލާށެވެ. ފައިސާ ދައްކަންވާނީ އެއަށްފަހުއެވެ.


