ސަވާދީއްތަ ދަތުރުގެ މިއަދުގެ މަންޒިލަކީ ނ.ލަންދޫ
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމުކުރާ “ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް މިއަދު ނ.ލަންދޫގައި ބަނދަރުކޮށްފިއެވެ.
ސަވާދީއްތަ ދަތުރުގެ މިއަދުގެ މަންޒިލަކި ނ.ލަންދޫކަމަށް ވެފައިވާއިރު މިޔޮޓްރެލީ ފަށާފައިވަނީ ހއ.ހޯރަފުށިންނެވެ. ހޯރަފުށިން މި ދަތުރު ފެށިއިރު ޖުމްލަ 12 ޔޮޓެއް ދަތުރުގައި ވަނީ ބައިވެރިވެފައެވެ. ނަމަވެސް ބައެއް އެކިކަހަލަ ސަބަބުތަކާހެދި ބައެއް ޔޮޓްތައް ރެލީއިން ވަކިވެފައިވުމުން މިހާރު މި ދަތުރުގައި ހިމެނެނީ ޖުމުލަ 7 ޔޮޓެކެވެ.

މިއަދު ހަވީރުން ފެށިގެން ޔޮޓްތައް ލަންދުއަށް އަންނަން ފަށާފައިވާއިރު އެންމެފަހު ޔޮޓް އެރަށަށް ބަނދަރުކޮށްފައިވަނީ މިރޭ 9 ޖަހާ ކަށް ހާއިރުއެވެ.
ކުރިއަށް އޮތް ތިން ހަފްތާއަށް ދެމިގެންދާ މި ދަތުރުގެ އެންމެ ފަހު މަންޒިލަކަށް ބ.އަތޮޅު ހަމަޖެހިފައި ވާއިރު މިހާތަނަށްވަނީ ހއ، ހދ އަދި ށ ގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށްފައެވެ.
ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްދާ ހަރަކާތެކެވެ. މިހަރަކާތުގެ ތެރެއިން ޔޮޓްތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ހުރިހާ ރަށްރަށަކުންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ލަންދޫގެ މަގުތަކާއި، ބަނދަރުގެ އެކިހިސާބުތަކުގައި ގިޑިގެ ތަކާއި ތަފާތު އެކިޒާތްޒާތުގެ ބިނާތައް ހަދާފައިވާއިރު ސަޤާފަތާއި، ދުވަސްވީތަރިކަތައް ރަމްޒުކޮށްދޭ ތަންތަންވެސް އަވަށްތަކުގެ ވާދައަށް އެކިއެވަށުން ތައްޔާރުކޮށްފައިވެއެވެ.

މި ދަތުރުގައި ޔޮޓުތައް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާ ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ޔޮޓުތައް ހިމެނޭކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތް ފަތުރުވެރިންނަށް ދައްކާލެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ކަނޑައަޅުއްވާ ކުރިއަށް ގެންދާ މިރެލީގައި ހިމެނޭ ޔޮޓްތައް ލަންދުއަށް މިރޭ އައި ކަމުގައިވިޔަސް ލަންދޫގެ ހަރަކާތްތައް ރަސްމިކޮށް ފެށުން އޮތީ މާދަމާ ހެނދުނު 9:00 ގައެވެ. އެގޮތުން ލަންދޫގެ ހަރަކާތްތައް ފެށިގެނދާނީ ފަތުރު ވެރިންނަށް މަރުހަބާ ކިޔުމަށް ރަސްމީކޮށް އޮންނަ ޚާއްޞަ އިވެންޓަކުންނެވެ.
ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ލަންދޫވަނީ ހަތަރު އަވަށަކަށް ބަހާލައި ވާދަވެރި ރޫހެއްގައި ރަށް ޒީނަތްތެރިކޮށް މައިޒާންތައް ހަދައި މިރެލީއަށް ތައްޔާރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ރައްޔިތުންކޮށްފައެވެ. ކައުންސިލްގެ އިސްނެގުމާއެކު ރަށުގެ ހުރިހާ މުއައްސަސާތަކަކުންވެސް ވަނީ މި ޚާއްޞަ އިވެންޓްގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.

ލަންދޫގެ ކުދިބޮޑު އެންމެ ހައި ރައްޔިތުން ހިމެނޭގޮތުން ރަށްތައްޔާރުކުރުމަށް ލަންދޫ ރައްޔިތުން ކުރި މަސައްކަތްތަކުން ފެނިގެންދިޔައީ ރައްޔިތުންގެ މެދުގައި އޮތްޒަމާންވީ އެކުވެރި ކަމާއި، އެއްބައިވަންތަކަމެވެ. ސިޔާސީ ފިކުރު އެއްކިބާކޮށް ރަށުގެ ރައްޔިތުން ދެއްކި ރީތިމިސާލަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ހުރި ރިވެތި ނަމޫނާއެއްކަމުގައި ފާހަގަކޮށްލަން ޖެހެއެވެ.
މި ދަތުރަށް “ސަވާދީއްތަ” ދަތުރުގެ ނަން ދީފައިވަނީ ބޮޑުތަކުރުފާނުގެ ރަސްކަމުގެ ކޮލީ ނަންފުޅަށް ނިސްބަތްކޮށެވެ. އެ ރަދުންގެ ކޮލީ ނަންފުޅަކީ “ސިރީ ސަވާދީއްތަ މަހާރަދުން”ނެވެ.
