ރިޕޯޓް

މާލޭގެ ޢަދަދުތައް ހާހުން މައްޗަށް، ކަންބޮޑުވާ ބަޔަކު ނެތް ކަހަލަ

ރާއްޖޭގައި އަނެއްކާވެސް ކޮވިޑްގެ ޙާލަތު ގޯހުން ގޯހަށްގޮސް ވެރިރަށް މާލެސިޓީގެ ޙާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ ހާހުން މައްޗަށް ގޮސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެސިޓީން 1200 އަށްވުރެ މީހުން ކޮވިޑް 19 އަށް ފައްސިވެ މުޅި ރާއްޖެއިން 2000 ހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ.

މީގެ އިތުރުން ދުވަހެއް ދުވަހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ މީހުންގެ ޢަދަދު އިތުރުވަމުންގޮސް ރޭ 22:00 ގެ ނިޔަލަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާދެވެމުންދާ މީހުންގެ ޢަދަދުވަނީ 43 ށް އަރާފައެވެ. މިއާއިއެކު ކޮވިޑް 19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 9574 ށް އަރާފައެވެ.

އެހެންނަމަވެސް މިފަދަ ނާޒުކު ޙާލަތަކަށް އަނެއްކާވެސް ކޮވިޑްގެ ޙާލަތު ވެއްޓިގެންދާއިރުވެސް މިކަމާއި ކަންބޮޑުވާ ބަޔަކު ނެތް ކަހަލައެވެ. އެޗް.ޕީ.އޭ އިން މިކަމާއި ގުޅިގެން ގެންގުޅޭ ކުލަތަކުން “ރަތް” ކުލަ ދައްކާލުން ފިޔަވައި އެހެން އެއްވެސް ހަރުދަނާ ފިޔަވަޅެއް އެޅިތަނެއް އަދި ފެނިގެން ގޮސްފައި ނުވެއެވެ. ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރުމުގެ ވިސްނުމެއް ގެންގުޅޭތަންވެސް ފެނިގެނެއް ނުދެއެވެ.

ޢާއްމު ރައްޔިތުންނަށް މާސްކު އަޅައިގެން އުޅުމަށް އެންގުން ފިޔަވައި ކަމެއް ނުކުރެވުނެވެ. މާސްކުއެޅުން ތަންފީޒު ކުރުމަށް ނުކުން ފުލުހުން ވަދެ ތިބީ ކޮންތާކަށް ކަމެއް ނޭންގުނެވެ. މަގެއް މައްޗަކުންވެސް ކުރިން އެކަން ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔަ ބީދައިން މިއަދު ޢަމަލުކުރަމުންދާ ތަނެއް ނުފެނެއެވެ. އަޑަށް ބާރުލައިފައި ހަމަ އެއްޗެކޭ ބުނެލިފަދައެވެ.

މިދަނޑިވަޅަކީ ކޮވިޑްގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޮންވެސް ރާއްޖޭގެ ދިވެހިންތަކަކަށް ޖެހި ފެތުރެމުންދާ ދުވަސްކޮޅަކަށްވާހިނދު ކުރިން އެޅި ފިޔަވަޅުތަކަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅެންޖެހޭނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

މިދިޔަ އަހަރުވެސް މާލެގެ ޢަދަދުތައް ހާހުން މައްޗަށް ދިއުމުން ކާފިއު އިޢުލާންކޮށް ހެދިފައިވާ އުޞޫލުތައް ތަންފީޒުކުރުމަށް މުއައްސަސާތަކުން އަތުގުޅާލައިގެން ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ ރައްޔިތުންވެސް އެކަމަށް އެއްބާރުލުންދިނުމުގެ ސަބަބުން މާލޭގެ ޢަދަދުތައް މަޑުމަޑުން ދަށަށްގޮސް ޢާންމު ޙާލަތަކަށް ގެނެވިގެން ދިއުމެވެ.

މިޙާލަތައް ވެއްޓިގެން ދާއިރުވެސް އެޗް.ޕީ.އޭ ހަނު މިއޮންނަނީ ކީއްވެބާ؟ ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބި އިސްވެރިންގެ ދުލުން ބޭރުކުރާ ބަސްތަކުގެ ސަބަބުން އެޗް.ޕީ.އޭ އަށް ކުރިޔަށްދާ ފިޔަވަޅެއް އެޅުމަށް ނުކުޅެދެނީބާ؟ ނޫނީ ކުރިމަތީގައި އިންތިޚާބެއް އޮތުމުން ކުރީގައިވެސް އިންތިޚާބަކަށް ދޫތަކެއްދީ ޤައުމުގައި ކޮވިޑް ބަލި ފެތުރެން ޖާގަދިންގޮތަށް މިފަހަރުވެސް އިންތިޚާބު ނިމެންދެން ހަމަ މަޑުކޮށްލަނީބާ؟ ނުވަތަ ރައްޔިތުން މިވެރިންގެ ބަސްނާހަ ފާނެތީ ފިޔަވަޅެއް އަޅަން ނުކެރެނީބާ؟ އެހެނަސް އެހެން ބުނެވޭކަށްވެސް ނެތެވެ. މާލެގެ ރައްޔިތުން މީގެ ކުރިންވެސް ކޮވިޑްގެ ޙާލަތުގައި އެޅި ފިޔަވަޅުތަކަށްވަނީ ވަރަށް ރަނގަޅަށް ބޯލަނބާފައެވެ.

މިއަދުވެސް ކޮވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެ، ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 267 ށް އަރާފައެވެ. ބަލިޖެހުނު މީޙުންގެ ޢަދަދު ދުނިޔޭގެ އެންމެބޮޑު އާބާދީއެއް އޮންނަ ޗައިނާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، ކޮވިޑް 19 އާއިއެކު އެއްވެސް ފިޔަވަޅެއް ނާޅާ، ވެކްސިން ޖަހައިގެން އުޅެންވީކަމަށް މަތީފެންވަރުގެ ބޭފުޅުން އަޑަށް ބާރުލާފައި ވިދާޅުވަމުން ދާތީވެ ދެން އިތުރު ފިޔަވަޅެއް ނާޅާ ތިބުންވެސް އެކަށީގެންވެއެވެ.

ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ކުރިޔަށް އޮތް ތާންގައި ވާނެގޮތެއް ނޭންގި ހަދާގޮތް ބަލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close