ރިޕޯޓް

ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖެއަށްވެސް އަތުވެދާނެ، ރާއްޖެ ތައްޔާރުތަ؟

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން މިދާ ނުރައްކާތެރި ކޮވިޑްގެ އައު ވޭރިއަންޓް “އޮމިކްރޯން” ދެކުނު އެފްރިކާގެ ސައިންސްވެރިން ދެނެގަނެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެއީ ނޮވެމްބަރ މަހުގެ 14ން 16ށް ނަގާފައިވާ ސާމްޕަލަކުންނެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން ބުދަ ދުވަހު ވަނީ މިވޭރިއަންޓް އިތުރަށް ސީކުޔެންސްކޮށްފައެވެ. އަދި މިވޭރިއަންޓްގައި ކަންބޮޑުވާކަންތައްތަކެއް ހުރިކަން ދެކުނު އެފްރިކާގެ ސަރުކާރަށް އަންގާފައެވެ. އެއާއެކު ދެކުނު އެފްރިކާ ސަރުކާރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަށް އެޖަމިއްޔާގެ ޓެކްނިކަލް ވޯރކިންގ ގްރޫޕުން ހުކުރު ދުވަހު އެކަމާއި ގުޅިގެން ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ.

ދެކުނު އެފްރިކާއިން މިހާތަނަށް އައިއިރު ވަނީ 100 އާ ގާތްކުރާ އަދަދަކަށް މިވޭރިއަންޓް ފެނިފައެވެ. އޭގެތެރޭގައި އެންމެ ބައިބޯ ހިސާބުތައް ކަމުގައިވާ ޖޮހަނަސްބާގް އާއި ޕްރިޓޯއާ ހިމެނިފައިވާއިރު، ދުނިޔޭގެ ބޮޑެތި ބައްރުތަކަށް މިވަނީ ހަލުވިކަމާއެކު މިވޭރިއަންޓް ފެތުރެންފަށާފައެވެ. އެގޮތުން މިހާތަނަށް އެނިގިފައިވާ ގޮތުގައި އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ބެލްޖިއަމް، ބޮޓްސްވާނާ، އިޒްރޭލް އަދި ހޮންކޮންގ އާއި ނެދަލެންޑްސް ވެސް މިހާރުވަނީ މި އައު ވޭރިއަންޓް ފެނިފައެވެ.

މިހާތަނަށް އައު ވޭރިއަންޓް ފެތުރެމުންދާ ޤައުމުތަކުގެ ނަންތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އެ ޤައުމުތަކަކީ އިޤްތިޞާދީ ގޮތުންނާއި، ސިއްޙީ ގޮތުން އެއީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ޤައުމުތައްކަމެވެ. އެފަދަ ޤައުމުތަކުން އައު ވޭރިއަންޓަށް ދިފާއީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނިކޮށް އެޤައުމުތަކުގައި މި ވޭރިއަންޓް ފެތުރޭތަން ފެނުމަކީ ދިވެހިރާއްޖެފަދަ އިންސާނީ ވަސީލަތްތައް މަދު އަދި ވަކިން ޚާއްޞަކޮށް ސިއްހީ ނިޒާމް ބަލިކަށި ޤައުމަކަށް ދިމާވެދާނެ ނުރައްކާތެރިކަން އިޙްސާސްވާ ކަމެކެވެ. އެހެންކަމުން މިއަދު ކުރެވެމުންދާ އެއް ސުވާލަކީ ކޮވިޑްގެ އައު ވޭރިއަންޓަށް ދިވެހިރާއްޖެއާއި، ދިވެހިން ތިބީ ތައްޔާރަށް ބާއެވެ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުގެ ޕީކަށް ބަލައި ކަންތައްތައް ކުރަންވީ ގޮތުގެ ޕްރޮސީޖާތައް ރަނގަޅުކޮށްފައިވާ ކަމަށެވެ. ހަމައެކަނި ދަތިވާނެ ކަމަކަށް ޑރ.ނަޒްލާ ވިދާޅުވީ ރެސްޕޮންސަށް ތަމްރީނު ލިބިފައިވާ މީހުން ނުލިބުމުގެ މައްސަލަ އެވެ.

“އެކަމަށް ޖެހޭނީ އިތުރަށް ވޮލެންޓިއަރުން ހޯދަން. ސާޖެއް އަތުވެއްޖިއްޔާ ވެސް ކުރީގެ ތަމްރީނު ލިބިފައި ހުރި މީހުން ލިބިއްޖެއްޔާ ކެޕޭސިޓީ އަޕްކުރެވޭނެ، މިހާރު ހުރި ޕްރޮސީޖާތަކާއި އެއްޗިއްސަށް ބަލާފައި އިރާދަކުރެއްވިއްޔާ މެނޭޖުކުރެވޭނެ.” އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ފެނިފައިވާ ވޭރިއަންޓް ޑެލްޓާ އަށްވުރެ އެތައްގުނައެއް ހަލުވިކޮށް އަދި ނުރައްކާތއެރިކޮށް “އޮމިކްރޯން” ގެ ނަން ދީފައިވާ އާ ވޭރިއަންޓު، ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ނަޒްލާވެސް ވިދާޅުވި އެވެ.

ސައުތު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ ރެއިން ފެށިގެން މަނާކޮށްފައިވަނީ އެހެންވެ، އެކަމުން ރައްކާތެރިވުމަށް ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިން ފެނުނު ކޮވިޑުގެ ޑެލްޓާ ވޭރިއެންޓު ހަލުއިކަމާއެކު ފެތުރި މިދިޔަ މެއި ހިސާބުގައި ރާއްޖޭގެ ކޮވިޑު ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެއާއެކު، ކޮވިޑާއި އެހެން ބަލިތަކަށް ފަރުވާ ހޯދުމަށް ތަކުލީފުތަކެއް ރައްޔިތުން އުފލިއެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް މީހުން ހޮސްޕިޓަލްތަކުގައި ތޮއްޖެހުނެވެ.

އެ ބަލީގެ ހަތަރު ވަނަ ރާޅުގައި ރާއްޖެއިން އެއް ދުވަހާ ޕޮޒިޓިވްވާ މީހުންގެ އަދަދު 700 އިން މައްޗަށް އަރައި، އެ ބަލީގައި ހާލު ދެރަވި މީހުންނާއި މަރުވި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އެރި އެވެ.

އެކަމަކު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމާއެކު ކޮވިޑު ޖެހޭ މީހުންގެ އަދަދު މިހާރު މި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ.

ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 50-150 އާ ދެމެދުގަ އެވެ. އޭގެ ތެރެއިން ބަލީގެ ހާލަތު އެންމެ ގޯސްކޮށް އުޅެނީ މާލެސިޓީއަށް ވުރެ ބޮޑަށް ރަށްރަށުގަ އެވެ.

އޭނާ ވިދާޅުވީ ސާޖެއްގައި ރެސްޕޮންޑު ކުރުމަށް އެ ކެޕޭސިޓީ ބިލްޑުކުރަނީ ހޮސްޕިޓަލުތަކުގައި އާއްމުކޮށް ދޭ ހިދުމަތްތައް ހުއްޓާލައިގެން ކަމަށެވެ. ނަމަވެސް އެ ލެވެލްއަށް ދާން އެއްގޮތަކަށް ވެސް ބޭނުން ނުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލުކުރަންޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި، ހާއްސަކޮށް ގެސްޓުހައުސް ހުންނަ ރަށްރަށުގައި އެއްގޮތަކަށް ވެސް މާސްކް ނާޅައި އުޅޭތީ އެކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ. އޭނާ ވިދާޅުވީ މާސްކް އަޅައި، ގައިދުރުކަން ބަހައްޓާނަމަ ބަލި ފެތުރޭ މިންވަރު ވެސް ދަށްކުރެވޭނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ނެގެޓިވް ޕީސީއާރާއެކު ރާއްޖެ އައި ނަމަވެސް ކޮވިޑު ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލައި އެކަންކަން ގެންދެވިއްޖެނަމަ އިގުތިސޯދަށް ބޮޑު އަސަރެއް ނުކޮށް މި ކަމުން އަރައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ އިސް ފަރާތް އެޗްޕީއޭ އިން މިފަދަ އިންޒާރުތަކާއި، ނަސޭޙަތްތައް ދެމުން އަންނައިރުވެސް ރައްޔިތުން އެކަމަށް ތައްޔާރުވެފައިވަނީ ކިހާވަރަކަށް ހެއްޔެވެ؟ މާލޭސިޓީއާއި އަދި އެނޫންވެސް ބައިބޯ ސިޓީތަކުގެ އިތުރުން އާދައިގެން ކުދިކުދި ރައްތަކަށް ދާންދެން ކޮވިޑް ފެތުރިފައިވާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރަކު މާބޮޑު ސަމާލުކަމެއް ދިވެހިން ދެއެކޭ ނުދެންނެވޭނެއެވެ. އެންމެ ކުޑަމިނުން މާސްކު އަޅަނީވެސް ވަރަށް މަދު ބައެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close