ރިޕޯޓް ސްކޭމް ކޯލްތަކުގެ މިސްރާބު، މުޅިން އެހެން ދިމާއަކަށް!

ސްކޭމް ކޯލްތަކުގެ މިސްރާބު، މުޅިން އެހެން ދިމާއަކަށް!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއަށް އިންޓަނެޓް ބޭންކިންގ ތަޢާރަފްވެ ޢާއްމުން އޭގެ ބޭނުން ކުރަން ފެށީ 2015 ވަނައަހަރުގެ ކުރީކޮޅުގައެވެ. އޭރު އެފަދަ ޚިދުމަތަކަށް ފައްކާވެފައިތިބި ޢާއްމު ރައްޔިތުން އެހާ ގިނަ ނޫންނަމަވެސް ފާއިތުވެ ދިޔަ ހައެއްކަ އަހަރު ތެރޭގައި އޮންލައިންކޮށް ލިބިގަންނަ އެފަދަ ޚިދުމަތްތަކަށް ދިވެހިން މިވަނީ ވަރަށްބޮޑަށް ފަރިތަވެފައެވެ. އޮންލައިންކޮށް ތަކެތި ގަތުމާއި، ވިއްކުމާއި، ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމުގައި އިންޓަނެޓް ބޭންކިންގ އާއި، މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރުން މިހާރު މިވަނީ ޢާއްމު ދިރިއުޅުމުގެ އަސާސީ ޚިދުމަތަކަށް ވެފައެވެ. 

މިފަދަ ކޮންމެ ކަމަކީވެސް އެފަދަ ކަންކަމުގައި ފައިދާއާއި، ގެއްލުން އެކުލެވިގެންވާނެ ކަންކަމެވެ. އެގޮތުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް އެކިއެކި ގޮތްގޮތަށް ހިންގުމުގައި ވަރަށް ބޮޑެތި ފަސޭހަތައް ލިބިފައިވާއިރު އެއީ އެހާމެ ނުރައްކާތެރި ކަމެއްވެސް މެއެވެ. ފައިސާގެ ބޮޑެތި ޢަދަދުތައް ނޫޓްގެ ގޮތުގައި ގެންގުޅުމުގެ ބަދަލުގައި ހިސާބު ޢަދަދުތަކަކުން ޑިޖިޓަލައިޒްކޮށް ގެންގުޅުމަކީ ހަމަގައިމުވެސް ކޮންމެ މީހަކަށްވެސް އޮތް ވަރަށް ބޮޑު ފަސޭހައެކެވެ. ފައިސާ އެއްތަނުން އަނެއްތަނަށް އުފުލުމާއި، ފޮނުވުމުގައި ނޫޓް ގެންގުޅޭއިރު ވަރަށް ދެރަވަރު ހާދިސާތައް ހިނގާފައި އެބަހުރިމެއެވެ. އެގޮތުން ފައިސާ ބޭންކަށް ޖަމާކުރަން ދާ ދިއުމުގެ ތެރޭގައިވެސް ފޭރިގަތުން ކަހަލަ ނުރައްކާތެރި ކަންކަން ހިނގާފައިވަނީ މަދެއްކޮށެއްނޫނެވެ.

އިންޓަނެޓް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ކުރަން ފެށިތާ މާގިނަދުވަސް ތަކެއް އަދި ވިއެކޭ ނުދެންނެވޭނެއެވެ. ކުރިންވެސް ފާހަގަ ކޮށްލިފަދައިން މިވީ އަދި ހައެއްކަ އަހަރެވެ. ވޭތުވެވެދިޔަ މުއްދަތުގެ ތެރޭގައި ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ މައްސަލަތަކުގެ ވާހަކަތަކުން ފިތްކަނޑައިގެންދާ ވަރުވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސްކޭމް ކޯލްތައް ކޮށްގެން އޮޅުވާލައިގެން ފޭރިފައިވާ ފައިސާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ނޭންގޭ ނަންބަރުތަކުން މީހުންނަށް ގުޅައި، ފައިސާ އަތުލުމުގެ އަޑީގައި ގިނައިން ތިބެނީ ޖަލުތަކުގެ ގައިދީން ކަމަށް ތުހުމަތުކުރެވެ އެވެ. މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު، 90 ޕަސެންޓް ސްކޭމް ކޯލްތައް އައިސްފައި ވަނީ ހަމައެކަނި ޖަލުންނެވެ.

ސްކޭމް ކޯލްކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ލަކީޑްރޯ ތަކުން ނަސީބު ދިމާވެގެން ބޮޑެތި އިނާމްތައް ލިބިފައިވާ ކަމަށް ބުނުމާއި، ބޭންކުން ކަމަށްބުނެ މީސްމީހުންގެ ކޭޝްކާޑްގެ ނަމްބަރު މަކަރުން އޮޅުވާލައިގެން ހޯދުމާއި، އަދިވެސް އެކިއެކި ދޮގު ވާހަކަތައް ދައްކައިގެން އޮޅުވާލައިގެން އެކިއެކި މީސްމީހުންގެ އަތުން ފައިސާ އަތުލައިފައިވަނީ ވަރަށް ބޮޑެތި ޢަދަދުތަކުންނެވެ.

މިއީ ޖަލުގައި ތިބޭ މީހުންނާއި މުޖުތަމައުގައި އުޅޭ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ސްކޭމް ކޯލްތައް ކުރާ ފަރާތްތަކުން އެންމެ ގިނަޢަދަދަކަށް ކޯލްކޮށްފައިވަނީ ބޭންކުން ކަމަށްބުނެ ކުރާ ކޯލްތައްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޝެއަރކޮށްފައިވާ މިފަދަ ކޯލްރެކޯޑިންގ ތަކުންވެސް އެކަމަށް ހެކިލިބެއެވެ.

މިފަދަ ކޯލްތައް އަންނަނީ ހަމައެކަނި ޖަލުންނެކޭވެސް ބުނެވޭކަށް ނެތެވެ. އާންމު މުޖުތަމައުގެ ތެރެއިން ވެސް ސްކޭމް ކޯލްތައް އާދެ އެވެ. އެންމެ ގިނައިން މި ކަހަލަ ކޯލްތައް އަންނަ ދެ ސަރަހައްދެއް ފުލުހުންނަށް މިހާރު ވަނީ ފާހަގަކުރެވިފަ އެވެ. އެއީ ޅ. އަތޮޅާއި ލ. އަތޮޅުންނެވެ. އަދި އައްޑޫން އަންނަ ސްކޭމް ކޯލްތައް ވެސް މިހާރު ވަނީ އިތުރުވެފަ އެވެ. ޕޮލިސްބޭފުޅަކު މަޢުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

އެފަދަ ސްކޭމް ކޯލްތަކުގައި އެންމެބޮޑަށް ޖައްސާ ގޭމަކީ ދެމީހެއްގެ ކާޑް ނަމްބަރު އެއްގޮތް ވެގެން އެކައުންޓް ކްލޭޝްވެގެން މައްސަލަތަކެއް ދިމާވާ ކަމަށްބުނެ އޮޅުވާލުމެވެ. އަދި އެކައުންޓްގެ ވެރިފަރާތުން އެމީހުންގެ ކާޑް ނަމްބަރާއި، ޕިންކޯޑް ފަދަ މަޢުލޫމާތު ހިއްސާ ނުކޮށްފިނަމަ އެމީހުންގެ އެކައުންޓްގައި ހުރި ފައިސާ ކޮޅު އެހެންމީހެއްގެ އެކައުންޓަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ބުނެ ބިރުދައްކައެވެ. އެފަދަ ކޯލްތަކުގައި ދައްކާ ވާހަކަތަކަކީ ވަރަށް ފަސޭހައިން މަގުއޮޅޭގޮތަށް ވަރަށް ރޭވުންތެރިކަމާއެކު ދައްކާ ވާހަކަތަކެކެވެ. އެހެންކަމުން ގިނަ މީހުންނަށް ވާގޮތަކީ މަކަރުވެރިންގެ އަވާގައި ޖެހި އެމަޅީގައި ބެދެނީއެވެ. އެހެން ފަރާތަކާއި އެވާހަކަ ހިއްސާ ކުރާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ފޭރުނު ލާރިކޮޅު ހޯދޭނެ އެއްވެސް މަގެއް ނުފެނިފައެވެ.

މިގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގަ އާއި ފިހާރަތަކާއި ޖަމިއްޔާތަކާއި އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންނެވެ. މިހާތަނަށް ކުރެވުނު މިފަދަ މައްސަލަތަކުގެ ތަހުގީގުތަކުން ފުލުހުންނަށް ފާހަގަކުރެވިފައި ވާކަމަށް އެބޭފުޅުން ވިދާޅުވަނީ އެ ދުވަސްވަރެއްގައި ހިނގާ ކަންތައްތަކަށް ބިނާކޮށް، ސްކޭމް ކޯލް ކުރާ މީހުންގެ މިސްރާބު ވެސް ބަދަލުވަމުންދާ ކަމެވެ.

މިފަހަކާ ޖެހެންދެންވެސް ގިނަމީހުން ހީކުރަމުންދިޔައީ ސްކޭމް ކޯލްތަކުގައި މަކަރުވެރިންގެ މަޅީގައި ޖައްސަނީ މި ދާއިރާގައި މާބޮޑު ހޭލުންތެރިކަމެއް ނެތް މީސްމީހުން ކަމަށެވެ. ނޫނެކެވެ. މިއަދު އެފަދަ މަކަރުވެރިންގެ މިސްރާބު މިވަނީ ބަދަލުކޮށްލާފައެވެ. ރަށްރަށުގެ ކައުންސިލަރުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ހިސާބަށް މިވަނީ މިހާރު ސްކޭމްކޯލްތައް ފޯރާފައެވެ. އެފަދަ ބޭބޭފުޅުންވެސް މިވަނީ އެފަދަ މަޅީގައި ޖައްސާފައެވެ. އޮޅުވާލައިގެން ފައިސާ ފޭރެންފަށާފައެވެ.

ދާދި ފަހަކުންވެސް މިވަނީ އުތުރުގެ ރަށަކަށް ނިސްބަތްވާ ކައުންސިލެއްގެ ރައީސްގެ އަތުން ސްކޭމް ކޯލެއް މެދުވެރިކޮށް 10،000.00 ( ދިހަހާސް ރުފިޔާ ) ފޭރިފައެވެ. މާލޭކޮޅުން އަންނަ ސާވޭ ޓީމެއްގެ ނަމުގައި ބަޔަކު ކުރި ކޯލެކެވެ. އެމަޅީގައި ކައުންސިލަރ ޖެހި އޭނާއަތުންވަނީ އެފައިސާ ފޭރިފައެވެ.

ކޮންމެއަކަސް މިހާރު މިކަންކަމުން އެނގިގެން މިދަނީ ސްކޭމްކޯލްތައް ކޮށްގެން މަކަރުން ފައިސާ ހޯދާ ފަރާތްތަކުގެ މިސްރާބު މިވަނީ ބަދަލުވެފައި ކަމެވެ. އާދައިގެ ޢާއްމު ފަރުދުންނަށް ގުޅުމުގެ ބަދަލުގައި އޮފީސްތަކުގެ ވެރިންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، ކުންފުނި ތަކުގެ އިސްބޭފުޅުންނާއި ދިމާއަށް މިވަނީ އެމީހުންގެ ސްކޭމް ކޯލްތައް ބަދަލުކޮށްލާފައެވެ. ނުވަތަ އެ މަކަރުވެރިންގެ ލިސްޓަށް މިދެންނެވި ބޭބޭފުޅުންވެސް އިތުކޮށްފައެވެ.

ހޭލުންތެރި މުޖުތަމަޢުއެއްގައި ހޭލުންތެރި އިޚްލާސްތެރި ތެދުވެރި ވަފާތެރިން އުޅޭއިރު ، ހަމަ އެފަދަ މުޖުތަމަޢުއެއްގައި ހޭލުންތެރި ، މަކަރުވެރި ކުޅާދާނަ ބޮޑެތި ވަގުންވެސް އުޅޭނެކަން އަޅުގަނޑުމެންގެ ވިސްނުމުގައި މިއަދު ބަހައްޓަން އެބަޖެހެއެވެ. އެފަދަ ސްކޭމް ކޯލްތަކުގެ ޝިކާރައަކަށް ނުވެ ރައްކާތެރިވެ ތިބެން އެބަޖެހެއެވެ. މުޖުމަތަޢު ހޭލުންތެރި ވާނީ ފަރުދީ ހޭލުންތެރިކަން އިތުރުވި މިންވަރަކުންނެވެ.  

ޓެގް

ސްކޭމް ކޯލް ފޭރުން ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.