ބަޖެޓަށް ބަހުސް ކުރުން މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. މި ބަޖެޓް ދިރާސާކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ގުޅިގެންނެވެ.
މި ކޮމިޓީގެ މުގައްރިރަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. ނައިބު މުގައްރިރަކީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މިއީ ނާޝިޒް ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ހޮވިވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.
އާއްމު ގޮތެއްގައި ކޮންމެ މެމްބަރަކަށް ވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތެއް ލިބިގެންދާނެއެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތެއް ލިބިވަޑައިގަންނަވައެވެ.
ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބަޖެޓު ދިރާސާކޮށް ނިންމަން ޖެހެއެވެ. އެއަށްފަހު ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ވެސް ތަޅުމުގައި ބަހުސްކުރެވޭނެއެވެ.

