ކުޅިވަރު ކުޅުމަށް ޝަޢުޤުވެރިކަން ހުންނަ އަދި ކުޅިވަރުގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހަކު ނުވަތަ އެބަޔަކު ނިސްބަތްވާ ޤައުމެއްގެ ޤައުމީޓީމަށް ކުޅެލުންކަން ޔަޤީނެވެ. އަދި މިއީ ކުޅިވަރު ކުޅުމުގެ ރޮނގުން ކޮންމެ މީހަކުވެސް ހާސިލްކުރަން ބޭނުންވާނެ ކަމެއްކަން ޔަޤީނެވެ.

ދާދިފަހުން އެމްޓީސީސީ ކުލަބުގެ ފަރާތުން އިސްނަގައިގެން އެތަނުގެ އެންމެހައި މުއައްޒަފުންނަށް އަމާޒުކޮށްގެން އެކުންފުނީގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ މެދުގައި ބޭއްވުނު ފުޓްސެލް މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އަދި ޖުމުލަ 10 ލަނޑު ޖަހައިގެން ޓޮޕްސްކޯރާރގެ ފަޙްރުވެރި މަޤާމް ހާސިލްކުރި ނ.ލަންދޫ އޯކިޑްމާގޭ އަލްފާޟިލާ ފާތުމަތު މިރުޝާ (މިރޫ) ވެސް ފުޓްބޯޅައިން އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވާ ކަމަކީމިއެވެ. ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމުގައި ކުޅެލުމެވެ. ޤައުމީޓީމުގައި މިރޫގެ މޮޅު ހުނަރާއި ކުޅުން ދެއްކޭތޯ ބެލުމެވެ.

އެމްޓީސީސީ ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން މި ބޭއްވުނު ފުޓްސެލް މުބާރާތުގައި މިރޫގެ ޓީމް “ކީވޯލް” ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް މިރޫ ހާސިލްކޮށްފައި ވުމީ މިރޫގެ ކިބައިގައި ފުޓްބޯޅަ ކުޅުމުގެ ހުނަރު ހުރިކަން ފިސާރި ރަނގަޅަށް ސާބިތުވެގެންދާ ކަމެކެވެ. މި މުބާރާތުގައި މިރޫ ދައްކާފައިވާ ކުޅުން ބެލުމަށްފަހު ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރައްވާ ގޮތުގައި މިރޫއަކީ ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅެވޭ ފެންވަރުގެ ހުނަރުވެރި އުންމީދީ ޒުވާން ކުޅުންތެރިއެކެވެ.
ލަންދޫ ސްކޫލުގައި ތަޢުލީމު ހާސިލްކުރަން އުޅުނު އިރުން ފެށިގެން ކޮންމެވެސް ސިފައެއްގައި ފުޓްބޯޅަ ކުޅެމުން އަންނަ މިރޫގެ ފުޓްބޯޅައިގެ ހުނަރު ގިނަބަޔަކަށް ފާހަގަ ކުރެވިގެން ދިޔައީ ލަންދޫގެ ޒުވާން އަންހެން ކަނބަލުން ކޮޅެއް އިސްނަގައިގެން ވޭތުވެދިޔަ ދަޢުރުގައި ލަންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި އަލްފާޟީލް ޝިނާނު ޢަބުދުލް ޤަނީ (ސިންނޭ)ގެ މޭސްތިރިކަމުގައި ފުޓްބޯޅައަށް ހާއްޞަކޮށް އުފެއްދި “ރަނިކަމަނާ” ފުޓްބޯޅަ ޓީމު ވުޖޫދުވި ހިސާބުންނެވެ. ރަނިކަމަނާގެ ފަރާތުން ނ.އަތޮޅުގެ ބައެއް ރަށްރަށުގެ ޓިމުތަކާއި އަދި ކައިރި އަތޮޅުތަކުގެ ޓީމުތަކާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ އަންހެން ފުޓްސެލް މެޗުތަކުންވެސް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ މިރޫގެ ކުޅުމާއި ހުނަރެވެ.

ފުޓްބޯޅައިގެ ރޮނގުން މިރޫއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ ފުޓްބޯޅައިން ކުރިއަށް ދިއުމަށް މަގު ދައްކައިދެއްވި ނިމިދިޔަ ލަންދޫ ކައުންސިލްގެ ރައީސް ޝިނާނު ޢަބުދުލް ޤަނީ (ސިންނޭ ) ފާހަގަކުރެއްވި ގޮތުގައި މިރޫއަކީ ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެވޭ ފެންވަރުގެ ފުޓްބޯޅައިގެ ހުނަރާއި ޤާބިލްކަން ހުރި އުންމީދީ ޒުވާން ފުޓްބޯޅަ ކުޅުންތެރިއެކެކެވެ. ސިންނޭ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ނިމިދިޔަ އެމްޓީސީސީ ފުޓްސެލް ކަޕް 2021 ގައި މިރޫވަނީ މިކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައެވެ. ” ވާދަވެރި މުބާރާތެއްގައި ފަސްމެޗު ކުޅުނު އިރު 4 މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދުމުގެ އިތުރަށް 10 ލަނޑު ޖެހުމަކީ އާދައިގެ ކުޅުންތެރިޔަކަށް ވާނެކަމެއް ނޫން” ތަފްސީލް ދެއްވަމުން ސިންނޭ ފާހަގަ ކުރެއްވިއެވެ.

ޖުމުލަ ފަސްޓީމެއްގެ މެދުގައި މާލޭ ހިއްކިބިމު ސަރަހައްދުގެ ޓާފު ދަނޑެއްގައި ކުރިއަށް ގެންދެވުނު މި ފޯރި ގަދަ ފުޓްސެލް މުބާރާތުގައި ކުޅުމުގެ ފުރުޞަތު މިރޫއަށް ލިބިގެން ދިޔައީ މިވަގުތު ލަންދޫ ސައިޓް އެސެސިސްޓެންޓް އެޑްމިނިސްޓަރޭޓިވް އޮފިސަރެއްގެ ގޮތުގައި އެމްޓީސީގެ ވަޒީފާގައި މަސައްކަތް ކުރައްވަމުން ގެންދާތީއެވެ.
ފުޓްބޯޅަ ކުޅުމުގައި އެޓޭކިން މިޑްފީޑަރެއްގެ މަޤާމަށް ކުޅޭހިތްވާ މިރޫގެ އުންމީދަކީ ގިނަގިނައިން މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު ލިބި އަދި ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމުގައި ހިމެނި ޤައުމަށާއި އުފަން ރަށަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމުގެ ފުރުޞަތެއް ކައިރި މުސްތަޤްބަލެއްގައި ލިބިގެން ދިއުމެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...