ފޮއްދޫގެ އައު އުންމީދު: ތަރައްޤީގެ މޭސްތިރި، އަޅުގަނޑުމެންގެ އާދަންބެ

ނޮވެމްބަރު 13، 1971 ގައި ނ. ފޮއްދޫ، ހެލެގެލީގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އާދަމް އަޙްމަދުފުޅު (ފޮއްދޫ އާދަންބެ) އަކީ މިއަދު މުޅި ފޮއްދޫގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ، ހިތްހެޔޮ، ސަކަ މިޒާޖެއްގެ ވެރި ޝަޚްޞިއްޔަތެކެވެ. ދެ ކުދިންގެ ބައްޕައެއްގެ ގޮތުގައި އާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ އާދަންބެ އަކީ ރަށުގެ އިޖުތިމާޢީ ކަންކަމުގައާއި، ދީނީ އަދި ތަޢުލީމީ ދާއިރާގައި ނަމޫނާ ދައްކަވާފައިވާ، އެންމެންނާ ގުޅޭ “ރައްޔިތުންގެ މީހެކެވެ.”
ތަޢުލީމީ ދާއިރާއިން ބެޗިލާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި އާދަންބެގެ ޚިދުމަތުގެ ދިގު ސިލްސިލާ ގުޅިފައިވަނީ ފޮއްދޫ ސްކޫލާއެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ފެއްޓެވި މި ދަތުރުގައި، ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމު ފުރުއްވައި، އޭނާ ވަނީ ފޮއްދޫ ސްކޫލަށް ނުހަނު ގިނަގުނަ ތަރައްޤީއާއި ކުރިއެރުން ހޯއްދަވައިދެއްވާފައެވެ. އާދަންބެގެ ހިންގުންތެރި ލީޑަރޝިޕްގެ ދަށުން ސްކޫލުގެ ފެންވަރު މަތިވެ، ދަރިވަރުންގެ ނަތީޖާއަށް އިންގިލާބީ ބަދަލުތަކެއް އައެވެ. މިހާރުވެސް ދިވެހި ޓީޗަރެއްގެ ގޮތުގައި ހުންނަވައިގެން އަންނަނީ ޖީލުތައް ބިނާކުރުމުގެ މަތިވެރި ޚިދުމަތް ކުރައްވަމުންނެވެ.
ރަށުގެ އިޖުތިމާޢީ ތަރައްޤީގައި އާދަންބެއަކީ ފާހަގަކޮށްލެވޭ ބުރަ މަސައްކަތްތެރިއެކެވެ. ރަށު ތަރައްޤީ ކޮމެޓީގެ މެންބަރެއްގެ ގޮތުގައާއި، ޔޫ.އެން.ޑީ.ޕީގެ އެހީގައި އެޅުނު ޖެޓީގެ މަސައްކަތުގައި އޭނާ ދެއްކެވި ހިތްވަރަކީ މިއަދުވެސް ރައްޔިތުން ބަލައިގަންނަ ކަމެކެވެ. މީގެ އިތުރުން، ރަށުގެ ކުޅިވަރު ކުރިއެރުވުމުގައި، ޚާއްޞަކޮށް އަންހެނުންގެ ވޮލީ ޓީމަށް ކޯޗުކަން ކޮށްދެއްވައި، ޤައުމީ ޓީމާ ދެކޮޅަށް ކުޅެ ރަށަށް ރީތި ނަން ހޯއްދަވައިދެއްވުމުގައި އާދަންބެގެ ދައުރު ބޮޑެވެ. ރަށުގެ އިންޖީނުގޭގައި ކުރެއްވި 5 އަހަރުގެ ޚިދުމަތާއި، ވަގުތީ މުދިމެއްގެ ގޮތުގައި ބަންގިގޮވައި، އިމާމުވެ ހުކުރު އަދި ޢީދު ނަމާދު ކުރެއްވުމަކީ އޭނާގެ ދީނީ އަދި އިޖުތިމާޢީ ލޯބި ހާމަވާ ކަންކަމެވެ.
ފޮއްދޫގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އާދަންބެ ވަނީ ޢަމަލީ ގޮތުން އިސްދައުރެއް އަދާކުރައްވާފައެވެ. 2017 އަދި 2020 ވަނަ އަހަރުގެ ފޮއްދޫ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލާއެކު ބުރަ މަސައްކަތްތަކެއް ކުރައްވައި، ރަށުގެ ކުރިމަގު ކުރަހާލުމުގައި އޭނާގެ ފަންނީ ލަފަޔާއި އިރުޝާދު ދެއްވިއެވެ. އަދި ކައުންސިލް ފުޓްސަލް ޗެލެންޖުގެ 6 މުބާރާތެއްގައި ފަނޑިޔާރުކަން ކުރެއްވުމާއި، އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ޓީމުތަކުގެ އޮފިޝަލެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަކީ ޒުވާނުންނާ އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.
މިއަދު އާދަންބެ ނުކުމެވަޑައިގެން ހުންނެވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ފޮއްދޫ ކައުންސިލްގެ ރައީސްކަމަށް، މިހާރުގެ ވެރިކަން ކުރާ ޕީ.އެން.ސީގެ ފަރާތުން ވާދަކުރެއްވުމަށެވެ. އޭނާގެ އުންމީދަކީ ސަރުކާރާ ގުޅިގެން ފޮއްދޫއަށް މިއިން ދުވަހަކު ނުގެނެވޭ ފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ގެނެސްދީ، ރައްޔިތުންގެ ދިރިއުޅުމަށް ފާގަތިކަމާއި އުފާވެރިކަން ގެނެސްދިނުމެވެ. އިޚްލާޞްތެރިކަމާއި، ހިންގުންތެރިކަމާއި، މަޑުމައިތިރިކަމާއެކު ފޮއްދޫގެ ތަރައްޤީއަށްޓަކައި އަތްކުރި އޮޅާލައިގެން ހުރި އާދަންބެއަކީ، ފޮއްދޫގެ މުސްތަޤުބަލަށްޓަކައި ރައްޔިތުންގެ އެންމެ އިތުބާރު ހުރި ޗޮއިސްއެވެ. އާދަންބެއާއެކު ފޮއްދޫއަށް އުޖާލާ މާދަމާއެއް ކަށަވަރެވެ!

