ލަންދޫސްކޫލުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޖީސީ އީ އޯލެވެލް އިމްތިހާނުން ރާއްޖޭގެ ޓޮޕްޓެންގައި ހިމެނި ލަންދޫ ސްކޫލާއި އަދި މުޅި ލަންދޫ ފަޚްރުވެރިކޮށްދިން ދެ ދަރިވަރުންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ލަންދޫ ސްކޫލުގައި ތަޢުލީމު ހާސިލްކުރި އެ ސްކޫލުގެ ކެޕްޓަން މުޙައްމަދު މައިޝަން އާއި އަދި ވައިސް ކެޕްޓަން މަރިޔަމް އީނާޝް ޢަލީ ( ނާއްކޮ) ހިމެނިއްޖެއެވެ.
މުހައްމަދު މައިޝަން ( ޓޮޕްޓެންގެ 8 ވަނަ)
މުޙައްމަދު މައިޝަން ފާހަގަކުރެވިފައިވަނީ ސްކޫލުގައި ކިޔަވަން ފެށި ދުވަހުން ފެށިގެންވެސް ވަރަށް ވިސްނުން ތޫނު ކިޔެވުމަށް ބުރަކޮށް މަސައްކަތްކުރި އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ރަނގަޅު ރަންވަނަތަކެއް ހާސިލްކުރި ދަރިވަރެއްގެ ގޮތުގައެވެ. މައިޝަންއަށް ކިޔަވައި ދެއްވި ހުރިހާ ޓިޗަރުންވެސް ފާހަގަ ކުރެއްވި ގޮތުގައި މައިޝަންއަކީ ކްލާހުގެ މަސައްކަތްތަކުގައި ވަރަށް ފަރުވާތެރިކަމާއެކު ރަނގަޅަށް ބައިވެރިވާ ދަރިވަރެކެވެ. އިތުބާރާއި ޔަޤީން ކަމާއި އެކު މެނުވީ ސުވާލުކޮށް ޖަވާބުދީ ނުހަދާ ދަރިވަރެކެވެ. ލިޔުންތެރިކަމުގެ ފަންނުގައި ވަރަށް ހަލުވިކަމާއިއެކު ކުރިއެރުންތަކެއް ހޯދާ، ލިޔާ ލިޔުންތަކުގައި ބަސްކޮށާރު މުއްސަނދިކުރުމަށާއި، ބޭނުންތެރި މަޢުލޫމާތު ތައް ހިމެނުމަށް ސަމާލުކަން ދިން ދަރިވަރެކެވެ. ކިޔަވައިދޭ އެއްޗެއް ވަރަށް އަވަހަށް ނަގައިގަންނަ އަދި އެއެއްޗެއް ހަނދާނުގައި ހުންނަ ވަރަށް ބަސްއަހާ ކިޔަމަންތެރި ދަރިވަރެކެވެ. ދެވޭ ހުރިހާ ފިލާވަޅެއްވެސް ފުރިހަމައަށް ނިންމާ ނޭނގޭ އެއްޗެއް ވާނަމަ ޓީޗަރުންގާތު އަހާ އޮޅުންފިލުވުމަށް ސަމާލުކަންދިން ދަރިވަރެކެވެ.
މީގެ އިތުރުން މައިޝަންއަށް ދިވެހިބަސް ކިޔަވައި ދެއްވި މުދައްރިސް ފާހަގަ ކުރެއްވި ގޮތުގައި ފަރިތަކަމާއެކު ދެބަހުންވެސް ރީތިކޮށް މީހުންގެ ޝައުޤުވެރިކަން ހިފަހަށްޓައިގެން ވާހަކަ ދެއްކުމަކީ ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން މައިޝަންއަށް ލިބިފައިވާ ޚާއްޞަ ހުނަރެކެވެ.
މަރިޔަމް އީނާޝް ޢަލީ (ޓޮޕްޓެންގެ 10 ވަނަ)
މަރިޔަމް އީނާޝް ޢަލީ (ނާއްކޮ) އަކީވެސް ކިޔެވުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އުޅުމުގައި މަޑުމައިތިރި ބަސްއަހާ ކިޔަމަންތެރި ދަރިވަރެކެވެ. ނާއްކޮގެ އާއިލާގައި 4 މެމްބަރުން ތިބޭއިރު ހުރިހާ ކުދިންނަކީވެސް ކިޔެވުމުގައި ތޫނުފިލި ކުދިން ގެ ގޮތުގައި ފާހަގަ ކުރެވޭ ކުދިންނެވެ. ނާއްކޮއަށް ކިޔަވައިދިން ގިނަ ޓީޗަރުންވެސް ފާހަގަ ކުރެއްވި ގޮތުގައި ނާއްކޮ އަކީވެސް ކިޔަވައިދޭ ގަޑީގައި ވަރަށް ރަނގަޅަށް ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި އެކު ނިންމަމުން ގެންދިޔަ ދަރިވަރެކެވެ. އަޚްލާޤް ރަނގަޅު، މަޑުމައިތިރި ތޫނުފިލި ، ޓީޗަރުންގެ ބަސްއަހާ ދަރިވަރެކެވެ. ކިޔަވައިދޭ ހުރިހާ ފިލާވަޅުތަކެއްގައިވެސް ވަރަށް ފަރުވާތެރިކަމާއެކު ބައިވެރިވި ދަރިވަރެކެވެ. ހަދަން ހަވާލުކުރާ މަސައްކަތްތައްވެސް ވަރަށް ރީތިކޮށް ސާފުތާހިރުކަމާއިއެކު، ދުވަހުން ދުވަހަށް ނިންމާ ދަރިވަރެކެވެ. ނާއްކޮގެ އެންމެ ޚާއްޞަ ސިފައެއްގެ ގޮތުގައި ގިނަ ޓީޗަރުން ފާހަގަ ކުރެއްވީ އޭނާގެ ރީތި ފަށުއި އަތުލިޔުމެވެ. އަދި ހަމަ އެހެންމެ އެހެންމީހުންނަށް އިޙްތިރާމް ކުރުމާއި، ހިނިތުންވުމާއި އެކު މީހުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުމަކީ ނާއްކޮގެ ޚާއްޞަ ސިފައެއް ކަމުގައި ފާހަގަ ކުރެވެއެވެ.
އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ނަމޫނާ ދެއްކި
މައިޝަން އާއި ނާއްކޮވެސް ފަހަގަކުރެވިފައި ވަނީ ސްކޫލުގައި ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގައި ވަރަށް ފުރިހަމައަށް ބައިވެރިވެ ރަން ވަނަތަކެއް ހާސިލްކުރި ވަރަށް ހުނަރުވެރި ދަރިވަރުންތަކެއްގެ ގޮތުގައެވެ.
މިގޮތުން މައިޝަންއަކީ އަދަބީ މުބާރާތްތައްކަމަށްވާ ބަހުސްކުރުމާއި ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތަކެއް ހާސިލްކުރުމުގެ އިތުރުން އިނގިރޭސިބަހުންނާއި އަދި ދިވެހިބަހުން ތަފާތު ހުށައެޅުންތައް ހުށައެޅުމުގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނު ދަރިވަރެކެވެ. ކުޅިވަރުގެ ރޮނގުންބަލާއިރު ސްކޫލުން ރާވާ އިންތިޒާމު ކޮށްގެން ބޭއްވުނު ފުޓްބޯޅަ މުބާރާތްތަކުގެ އިތުރުން އެހެނިހެން ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެފައިވާ ދަރިވަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ.
މަރިޔަމް އީނާޝް (ނާއްކޮ) އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ޤުރުއާން ކިޔެވުމުގެ ރޮނގުންނާއި ތަފާތު ހުށައެޅުންތައް ހުށައެޅުންތެރިއެއްގެ ގޮތުގައެވެ. ނާއްކޮ ވަނީ ލަންދޫގައި ބޭއްވުނު ތަފާތު ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ފަޚްރުވެރި ރަން ވަނަތަކެއް ހާސިލްކުރުމުގެ އިތުރުން އަތޮޅު ޤުރުއާން މުބާރަތުގައިވެސް ލަންދޫ ތަމުސީލްކޮށްދީފައެވެ. އަދި ރަނގަޅު ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައެވެ. މީގެ އިތުރުން ބަހުސްކުރުމުގެ މުބާރާތް ފަދަ ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ވާދަކޮށް އެހެން ދަރިވަރުންނަށް ނަމޫނާ ދައްކައިދީފައިވެއެވެ.
ދެދަރިވަރުންގެވެސް އެންމެ ބޮޑު ޝުކުރެއް ބެލެނިވެރިންނަށް
ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތު ދިނުމުގައި އެންމެ ބޮޑު އަދި އެންމެ މުޙިއްމު ދަޢުރެއް އަދަކުރައްވަނީ އެދަރިވަރުންގެ ބެލެނިވެރިކަން ކަށަވަރެވެ. ލަންދޫގެ ތާރީހުން ޖާގަ ހޯދި މައިޝަން އާއި އީނާސް ވެސް ފާހަގަ ކުރި ގޮތުގައި އެދަރިވަރުންނަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާ ދާރުންނަކީ އެދަރިވަރުންގެ ބެލެނިވެރިންނެވެ. ” އަޅުގަނޑަށް މި ލިބުނު ކާމިޔާބާއި ގުޅިގެން އެންމެ ބޮޑަށް ޝަކުރު އަދާކޮށްލަން ބޭނުންވަނީ އަޅުގަނޑުގެ މަންމައަށް. އަޅުގަނޑަށް ބައްޕައަކަށްވެސް ފެނިފައިވަނީ ހަމަ މަންމަ” ލިބުނު ކާމިޔާބާއި ގުޅިގެން ޝަކުރު އަދާކޮށްލަން ބޭނުންވަނީ ކޮންފަރާތަކަށްތޯ ސުވާލުކޮށްލުމުން މައިޝަން ބުނެލިއެވެ. މީގެ އިތުރުންވެސް މައިޝަން ފާހަގަކުރި ގޮތުގައި ލަންދޫ ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން އަދި ވަކިން ހާއްޞަކޮށް 10 ގައި އޭނާއަށް ކިޔަވައި ދެއްވި އެންމެހައި ޓީޗަރުންނާއި ލަންދޫ ސްކޫލުގެ މެނޭޖުމަންޓާއި ، މައިޝަންގެ އާއިލާ އާއި އަދި މައިޝަންގެ އެކުވެރިންގެ ނަންތައް ފާހަގަކޮށް ޝުކުރުގެ ލިސްޓްގައި ހިމަނާލިއެވެ.
ނާއްކޮ ފާހަގަ ކުރި ގޮތުގައި އޭނާއަށް ލިބުނު ކާމިޔާބުގައި ނާއްކޮގެ މަންމައާއި ބައްޕަގެ އިތުރުން ނާއްކޮގެ ލޮބުވެތި ކުޑަބެ (އަލީ ޒިޔާދު) ގެ ނަން ވަރަށް ހާއްޞަގޮތެއްގައި ފާހަގަކޮށްލަން ބޭނުންވިއެވެ. ” ޙަޤީގަތުގައި މިކަމުގައި އަޅުގަނޑުގެ މަންމަ އާއި ބައްޕަ އެހީތެރިވެދެއްވި ނަމަވެސް އެންމެ ކުޑައިރުން ފެށިގެން ކިޔެވުމުގައި އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ދެއްވީ އަޅުގަނޑުގެ ކުޑަބެ (ޒިޔާދު ސާރ) ފެންކަޅިވެ ހުރެ ނާއްކޮ ތަފުސީލުކޮށް ދިނެވެ.
މީގެ އިތުރުން ނާއްކޮ ފާހަގަ ކުރި ގޮތުގައި ލަންދޫ ސްކޫލުން ޔޫއްޓެ ސާރ އާއި ނަޒުދާމިސް ދެއްވި ހިތްވަރަށާއި ސަޕޯރޓަށް ޝުކުރު އަދާކުރިއެވެ. އަދި ހަމަ އެހެންމެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައި ދެއްވި އެންމެހައި ޓިޗަރުންނާއި ނާއްކޮގެ އާޢިލާގެ މެމްބަރުންގެ ނަންތައް ޝުކުރުގެ ލިސްޓްގައި ފާހަގަ ކޮށްލިއެވެ.
މުސްތަޤްބަލަށް ދެ ދަރިވަރުން ކުރާ އުންމީދު
މައިޝަންގާތުގައި މުސްތަޤްބަލަށް ކުރާ އުންމީދަކީ ކޮބައިތޯ އަހާލުމުން ބުނީ މުސްތަޤްބަލުގައި ކުރިއަށްދާން ބޭނުންވަނީ އޭވިއޭޝަން ދާޢިރާއިން ކަމުގައެވެ. އަދި ނާއްކޮ ގާތުގައި މުސްތަޤްބަލުގައި ކުރިއަށް ދާން ބޭނުންވަނީ ކޮންދާއިރާއަކުންތޯ އަހާލުމުން ބުނީ ވަރަށް ކުރިންފެށިގެންވެސް ނާސިން ދާއިރާއިން ކުރިއަށްދާން ނިންމާފައިވާ ކަމުގައެވެ.
މިއަދުގެ ކިޔަވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖު
މިދެކުދިން މި ހޯދި ކާމިޔާބާއި ގުޅިގެން މިހާރު ކިޔަވަމުން ގެންދާ ދަރިވަރުންނަށް ދޭން ބޭނުންވަނީ ކޮން މެސެޖެއްތޯ އަހާލުމުން ދެ ދަރިވަރުންވެސް ދިނީ ގާތްގަޑަކަށް ހަމަ އެންމެ ޖަވާބެކެވެ. ރަށުގައި ތިބެގެންވެސް ކިޔަވާ، ކާމިޔާބު ހޯދަން ބޭނުންވާ ކުދިންނަށް އެކަން ހާސިލްކުރެވޭނެކަމެވެ. ކާމިޔާބެއް ހޯދަން ބޭނުންވަނީ ވަރުގަދަ އަޒުމަކާއި އެކު ގަދަ އަޅައި މަސައްކަތް ކުރުން ކަމުގައެވެ. ” އަސްލު އަޒުމަކާއި އެކު މަންމަ އާއި ބައްޕަގެ ބަސްއަހައިގެން މުދައްރިސުން އަންގަވާގޮތައް މަސައްކަތް ކޮށްފި ނަމަ މިފަދަ ކާމިޔާބީ ތަކަކީ ރަށުގައި ތިބެގެންވެސް ކޮންމެ ކުއްޖަކަށްވެސް ހާސިލް ކުރެވޭނެކަމެއް ” ނާއްކޮ ބުނެލިއެވެ.
” ކާމިޔާބެއް ހޯދުމަށް ބޭނުންވަނީ ޓާގެޓަކާއި އެކު ހާޑު ވޯކިން އޭރަށް ކާމިޔާބު ހޯދަށް އުނދަގުލަކަށް ނުވާނެ” މައިޝަން ބުނެލިއެވެ.
ދެކުދިން މި ދިން މެސެޖުތަކުން ހިތްވަރު ލިބިގަނެ އަޅުގަނޑުމެން ކިޔަވާ ކުދިންވެސް ކާމިޔާބު ހާސިލްކުރުމަށް މަސައްކަތް ކުރަމާތޯއެވެ.

