ނިއުމާމިސްގެ ކޮލަމް

ދިރިއުޅުމުގެ ހުނަރުތައް ނުވަތަ “ލައިފް ސްކިލްސް”

ދިރިއުޅުމުގެ ހުނަރުތައް ނުވަތަ “ލައިފް ސްކިލްސް” އަކީ  ކޮންމެ އިންސާނެއްވެސް ސީދާސާދާކޮށް ދިރިއުޅުމަށް އާންމުކޮށް ބޭނުންވާނޭ ހުނަރުތަކެވެ. މިއީ ކޮންމެ މީހަކަށްވެސް ހަރުދަނާ ދިރިއުޅުމަކަށް ބޭނުންވާނޭ ވަރަށް މުހިންމު ހުނަރުތަކެކެވެ.

މިހުނަރުތަކުގެ ތެރޭގައި  އުފެއްދުންތެރިކަން، ވިސްނުންތެރިކަން، ދިމާވާ މައްސަލަތައް ހައްލުކުރުންއެގުން، ކަންކަމަށް އިސްނެގުން، މީހުންނާއި ގުޅިގެން އުޅުންއެނގުން، މީހުންނާއި މުއާމަލާތްކުރަން އެނގުން،  ހިއްސާކުރާ އަގުތައް (އަމިއްލަ ނަފްސު، އާއިލާއާއި ފަރުދުންނާއި ގުޅޭއަގުތައް، މުޖުތަމައާއި ގުޅޭއަގުތައް) އަދި ޒިންމާދާރުވުން ވެސް ހިމެނެއެވެ.  މިހުނަރުތަކަކީ އެއާނުލާ ދުނިޔޭގައި ދިރިއުޅެން އުޅެން އެހާ ފަސޭހަ  ހުނަރުތަކެއް ނޫނެވެ. އަދި އޭގެ އިތުރުންވެސް ދުނިޔޭގައި ދިރިއުޅުން ތިމާއަށް ފަސޭހަކޮށްދޭ ކޮންމެ ހުނަރަކީ ދިރިއުޅުމުގެ ހުނަރެކެވެ. މިސާލަކަށް ތުއްތުކުދިން އަމިއްލައަށް ނާޑުވާއެއްސުން، ފެތުން، ކެއްކުން، އެއްޗެހިދޮވުން، އެއްޗެހި ހިއްކަންއެޅުން، އެއްޗެހި ފަތްޖެހުން، އިސްތިރިކުރުން، ކާންހެދުން، ތަންތަންފޮޅާސާފުކުރުން، ފެހުން، މާޖެހުން، ބަދިގޭގެ ސާމާނު ބޭނުންކުރަން އެނގުން، ކޮންޕިއުޓަރ ހުނަރު، ކަންކަމުން ސަލާމާތްވާން އެނގުމާއި، ރައްކާތެރިވާނެގޮތްތައް އެނގުން އަދި މިނޫނަސް އެތައްކަމެއް ވެއެވެ. 

އިސްވެދިއަ ހުނަރުތަކަކީ އަމިއްލަ ދަރިންވެސް ބޮޑެތިވެ މުޖުތަމައުއަށް ނިކުމެ މީހުންނާއި އެކީ އުޅެން ބޭނުންވާ ޒަރޫރީ ހުނަރުތަކަކެވެ.

ހަމައެފަދައިން،   ދަރިވަރުން  މަތީ  ތަޢުލީމު  ޙާސިލްކުރަން  ގިނަފަހަރަށް  މިފޮނުވަންޖެހެނީ  ކޮންމެވެސް  ބޭރު  ޤައުމަކަށެވެ.  ޙާލަތުނިޔާކުރާގޮތުން  މުޅި  އާއިލާ  އެއްކޮށް  އެޤައުމެއްގައި  ދިރިއުޅުމަކީ  އެހާ  ކެރި  ކުޅަދާނަ  ކަމެއްނޫނެވެ.  ދިވެހި  ރާއްޖެއިން  ހުރިހާދާއިރާއަކުން   މަތީތަޢުލީމް  ޙާސިލްކުރެވޭނެގޮތްތަކެއް  މަގުފަހިވެފައިނެތެވެ. ނަމަވެސް  މައިންބަފައިންނާއި  ނުލާ  ދަރިން  ބޭރުޤައުމުތަކަށް  ފޮނުވަން  އެބަމަޖުބޫރު  ވެއެވެ. 

މިގޮތަށް  ދަރިން  ފޮނުވުމުގެ  ކުރިން  ދަރިންހޭލުންތެރިކުރުވަންޖެހޭ  ވަރަށްގިނަކަންތައްތައްވެއެވެ.  ވީމާ  ދަރިން  އެކަނިމާ  އެކަނި އެކަހަލަ  މާޙައުލެއްގައި ދިރިއުޅެން  ފަސޭހަވާނެގޮތްތަކަކަށް  ގޭތެރޭގައާއި  ސްކޫލް މާޙައުލުގެ ތެރެއިން  ބަށްޓަން  ކުރުމަށް  އެންމެންވިސްނަމާ  ހިނގާށެވެ. 

މިސާލަކަށް ދިރިއުޅުމުގެ ހުނަރަށް މަގުފަހިކުރުމަށް  ސްކޫލްގެ  އިސްދަރިވަރުން  ނުވަތަ  “ސްޓޫޑެންޓް  ކައުންސިލް”  ހޮވުމުގައިވެސް  “ހޯމްއިކޮނޮމިކްސް”  އާއި  އަދި   ދިރިއުޅުމުގެ ތަފާތު ހުނަރުތަކަށް  ޕޮއިންޓްލިބޭ  ގޮތަށް  މިންގަޑު  ތައްޔާރުކުރެވިދާނެއެވެ. މިމިންގަޑުވާނީ  “އެކަޑެމިކް  ސްކިލްސް” ގެއިތުރުން  “ލައިފް  ސްކިލްސް  ”  ހިމެނޭ  މިންގަނޑަކަށެވެ. އެއިރުން، އަޅުގަނޑުމެންގެ  ސްކޫލް  ކެޕްޓަން  އަކަށް  ހޮވޭ  ދަރިވަރަކީ  ކިޔެވުމުގެ  އިތުރުން  ދީނީކަންތައްތަކަށް ސަމާލުކަންދޭ، އިޖުތިމާޢީ ހުނަރުތަކަށްޤާބިލް،  ކެއްކުމާއި އިސްތިރިކުރުންފަދަ ކަންކަންއިގޭ،   އައިސީޓީ  ސްކިލްސްއިނގޭ،  ވާހަކަދައްކުންތެރި ބަހުސްކުރެވޭ ، ކުޅިވަރެއް  ކުޅެންއިނގޭ(ޚާއްސަކޮށްފަތަންއިގޭ)،  އަދި މިނޫނަސް  ތަފާތުހުނަރުވެރި ދަރިވަރަކަށެވެ. ޖުމުލަގޮތެއްގައި އެދަރިވަރަކީ، ޢިލްމް، ހުނަރު އަދި މަތިވެރި އަޚްލާޤެއް ލިބިފައިވާ ދަރިވަރަކަށެވެ. މިއީ ޤައުމީ މަންހަޖުގައި ވަރަށް ބާރުއަޅާ ކަމެކެވެ.

މިގޮތަށް  ކަންތައްތައްފަހިކޮށްދެވިއްޖެނަމަ، ދަރިން ތުއްތު  އިރުއްސުރެ  ބެލެނިވެރިން  ކިޔެވުމަށްސަމާލުކަންދޭވަރަށް  “ލައިފް  ސްކިލްސް” ނުވަތަ ދިރިއުޅުމުގެ ހުނަރު ތަކަށްވެސް އިސްކަންދޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close