މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި ހާއްސަ ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި 500 އަށްވުރެ ގިނަ ފުލުހުންނާއެކު ފަށާފައިވާ މި އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ހިންގޭ އޮޕަރޭޝަނެކެވެ. މިއަދު ފަތިހު 05:30 ގައި ފެށި މި އޮޕަރޭޝަންގައި، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތައް ހަރަކާތްތެރިވެއެވެ.
މި އޮޕަރޭޝަންގައި މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ”އޮޕަރޭޝަން އަލިމަގު“ އަކީ ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ހާމަކުރެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.


