ނ.ލަންދޫއަށް އުފަން އަބުދުލް އަޒީޒު އަބޫބަކުރު (އަޒީބެ) އަކީ މިއަދު ދިވެހިރާއްޖޭގެ ގިނަބަޔަކު ދަންނަ ވަރަށް އާއްމު މޫނެކެވެ. ގިނަބަޔަކަށް އަޒީބެ ފާހަގަކުރެވިފައިވާނީ ވަރަށް އެކުވެރި ހިތްހިޔޮ މަޖާ މިޒާޖެއްގެވެރި ގާތް އެކުވެރި ރަޙްމަތްތެރިއެއްގެ ގޮތުގައެވެ. އެހެނީ އަޒީބެއަކީ ތަފާތުކަންތައްތަކުގައި އެކިއެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ޒުވާނަކަށް ވުމެވެ.
އަޒީބެއަކީ މިއަދު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގައި ޒިންމާދާރު ވަޒީފާއެއްގައި ހުރި ނަމަވެސް ވީވަރަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެހީތެރިވުމުގައި ވަގުތު ހޭދަކުރުމަށް އިސްކަންދޭ ޒުވާނެކެވެ. މިގޮތުން އެންމެފަހުން އާއްމުންގެ ތެރެއަށް އަޒީބެ އެންމެބޮޑަށް އެނގިގެން ގޮސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަޝިއާއަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ ކުއްޖަކު އިބުރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯރޓް އޮންނަ ހުޅުލޭގެ ޖެޓީ ސަރަހައްދު މޫދަށް ވެއްޓުމާއެކު އެ ކުއްޖާ ސަލާމަތް ކުރުމަށް އެއްވެސް ކަހަލަ ބިރެއް އަދި ފަސްޖެހުމެއްނެތި މޫދަށް ފުއްމާލި ދެމީހުންގެ ތެރޭގައި އަޒީބެ ހިމެނިފައިވާތީއެވެ.

މިދިޔަމަހުގެ 26 ވަނަ ދުވަހު ހިނގާދިޔަ މިހާދިސާގައި އަޒީބެ އާއި އަދި އަޒީބެއާއި އެކު މަސައްކަތް ކުރައްވާ ހަސަން ޒަރީރު އެކުވެގެން އެކުރެއްވި މަސައްކަތައް އެތަށް ބައެއްގެ ތަޢުރީފާއި ހެޔޮބަސްތައް އަންނަނީ އޮހެމުންނެވެ. އަޒީބެއާއި ހަސަން ޒަރީރު ތިޔަކުރެއްވި މަސައްކަތައް ހަމަ އައްސަރިބަހާއި ސާބަހެވެ.
ހައްޖު ކޯޕަރޭޝަންގެ އެހީތެރިއެއް
ގިނަބަޔަކަށް އަޒީބެ އެނގިފެނިވެ ފަރިތަވެފައިވަނީ އިބުރާޙިމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯރޓްގައި މަސައްކަތް ކުރައްވާ އެންމެނާއި ގުޅޭ ޒުވާނެއްގެ ގޮތުގައި ވީނަމަވެސް މިއަދު އަޒީބެއަކީ އިސްލާމް ދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ގިނަ ދިވެހިން ދަންނަ ފަރިތަ އެކުވެރި މޫނެކެވެ.

އެހެނީ އަޒީބެއަކީ ރާއްޖޭއިން އެންމެ ގިނައިން މީހުން ހައްޖަށް ގެންދާ ހައްޖު ކޯޕަރޭޝަންގެ އެހީތެރިއެއްގެ ގޮތުގައި ހައްޖާޖީންނާއި އެކު މައްކާއަށްދާ ޒުވާނެކެވެ. މިގޮތުން ވޭތުވެ ދިޔަ 11 އަހަރު އަޒީބެވަނީ އެހީތެރެރިއެއްގެ ގޮތުގައި މި ދަތުރުތަކުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. މިދަތުރު ތަކުގައި ބައިވެރިވި ބައެއް ހައްޖާޖީން ފާހަގަ ކުރެއްވި ގޮތުގައި އަޒީބެއަކީ މީހުންނަށް އަޅާލާ އެހީތެރިވުމުގައި އެހެން މީހުންނަށް ހުރި ރިވެތި ނަމޫނާއެކެވެ. އެންމެންނާއިވެސް ގުޅޭ ހިތްހެޔޮ ޒުވާނެކެވެ. މީހުންނާއި އަޅާލާ އޯގާތެރި ޒުވާނެކެވެ. ހާއްޞަކޮށް އުމުރުން ދުވަސްވީ އިސްރަށްވެހިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ކިޔަމަންތެރި ޚާދިމެކެވެ. ދީނީ ކަންތައްތައްތަކަށް ސަމާލުކަންދޭ ދީން ކުރިއެރުވުމަށް މަސައްކަތްކުރާ ޒުވާނެކެވެ.
އަޒީބެއާއި އެކު ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ގޮސްފައިވާ ބައެއް ފަރާތްތަކުން ފާހަގަ ކުރާގޮތުގައި ހައްޖުގެ އެންމެހައި މަނާސިކުތައް އަދާކުރުމުގައި އަޒީބެގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުމަކީ ދުވަހަކު ކޮޅުންވެސް އެމީހުންގެ ހިތުން ފިލައިގެން ދާނެކަންތައްތަކެއް ނޫނެވެ. ހައްޖުދަތުރުތަކުގައި އަޒީބެގެ މަސައްކަތްތައް ހުރީ މިފެންވަރުގައެވެ.
މަންމަ އާއި ބައްޕަ ބެލުމުގައި ނަމޫނާދެއްކެވި
އަޒީބެގެ ލޮބޮވެތި މަންމަ އާއި ބައްޕަ މި ދުނިޔެ ދޫކޮށްފައިވާއިރު އެދެމީހުން ބެލުމުގައިވެސް އަޒީބެވަނީ އޭނޭގެ ކިބައިގައިވާ އިންސާނިއްޔަތުކަން ފިސާރި ރަނގަޅަށް ދައްކައިދީފައެވެ. މިގޮތުން އަޒީބެގެ މަންމަ ޕެރަލައިޒް ވެފައިވާ ހާލުގައި ވަނީ 5 އަހަރުވަންދެން ނުހަނު ލޯތްބާއި އޯގާތެރިކަމާއި އެކު ޚިދުމަތް ކޮށްދީފައެވެ. އަދި އަޒީބެގެ ބައްޕަ ދެ ކިޑްނީފެއިލްވެ، ޑައިލިސްސް ހަދަންޖެހޭ ހާލުގައި ޖުމުލަ 7 އަހަރު ދުވަހު އަޒީބެވަނީ އޭނާގެ ބައްޕައަށް ބޭނުންވާ އެންމެހައި ކަންތައްތައް ކޮށްދީ ބަލާ ޚިދުމަތްކޮށްދީފައެވެ. އަޒީބެގެ މި ޚިދުމަތްތަކަކީ އަޒީބެ ޢާއިލާގެ އެންމެހައި މެމްބަރުން މިއަދުވެސް ޝުކުރުވެރިކަމާއި ކުލުނާއި ލޯތްބާއިއެކު ބަލައިގަންނަ ކަންތައްތަކެވެ.
ރަށުގެ ތަރައްޤިއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން ބޮޑު

އަޒީބެގެ އުފަން ރަށް ނ.ލަންދޫގެ ތަރައްޤީއަށް ހިންގޭ ތަފާތު މަސައްކަތްތަކުގައި އަޒީބެގެ ހިއްސާ ވަރަށް ބޮޑެވެ. އަޒީބެއަކީ ރަށުން ބޭރުގައި ވަޒީފާ އަދާކުރައްވާ ފަރާތެއް ކަމުން ރަށަށް އާދެވޭ ދުވަސްވަރުގައި ރަށުގައި ހިންގޭ ތަފާތު މަސައްކަތުގައި އެންމެ އިސް ސަފުގައި އަޒީބެ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ޙާއްޞަކޮށް ރައްޔިތުން އެކުވެގެން ކުރެވޭ މަސައްކަތްތަކުގައި މަސައްކަތުގެ ފޯރިއާއި ޖޯޝް ގެނައުމުގައި އަޒީބެ ގެންދަވަނީ އިސްދަޢުރެއް އަދާކުރައްވަމުންނެވެ. ރަށުގައި އުޅޭއިރުވެސް އަޒީބެއަކީ އެންމެންނާއިވެސް ގުޅޭ ކޮންމެ އުމުރު ފުރައެއްގެ މީހަކާއިވެސް ވާހަކަ ދައްކާ ހީ ސަކަރާތްޖަހާ އުޅޭ ވަރަށް ސަކަ މިޒާޖެއްގެވެރި ޒުވާނެކެވެ.
ރަށުގެ ތަރައްޤީއަށް ހިންގޭ ތަފާތު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރި ނުވެވުނު ނަމަވެސް އަޒީބެއަކީ އެހެނިހެން ރޮނގުތަކުންވެސް ރަށުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޒުވާނެއްވެސްމެއެވެ. އެގޮތުން ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ހޯދުމުގައި މާލެކޮޅުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަޒީބެ ގެންދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އަދި ރަށުގައި ކުރެވޭ ބައެއްކަހަލަ ކަންތައްތަކަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.



އަޒީބެއަކީ އަޅުގަނޑު ދަންނަ ރައްޓެއްސެއްނޫން. އެހެންނަމަވެސް މި ލިޔުމުގައި ވާ ފަދައިން ޙައްޖު ދަތުރުގައި އަޒީބެގެ ހިތްހެޔޮ ކަމާއި މާތް އަހްލާޤް އަޅުގަނޑަށްވެސް ވަނީ ވަރަށް ގާތުން ފެނިފައި. އަޒީބެއަކީ ނަމޫނާ ބޭފުޅެކެވެ
އަޒީބެއަކީ ނަމޫނާ އެއް