ވާހަކަ

ދިވެހިންނަކީ ޖޯޝް ގަދަ ބައެކެވެ.

ދިވެހިންނަކީ އިހު އަންޒަމާނުން ފެށިގެން ގިނަކަންކަމުގައި ވަރަށް ޖޯޝާއި ފޯރިގަދަ ބައެކެވެ. ހަމައެހެންމެ، ހަށަވާދަވެރިކަން ވެސް ވަރަށްބޮޑަށް ހުންނަބައެކެވެ. އަޅުގަނޑު ހަނދާން ހުންނަ ޢުމުރުން ފެށިގެން އަދާއިހަމަޔަށް އެކަން އެމަގުން ހިނގަމުން އަންނަތަން ފެނެއެވެ. މިއީ ޙަޤީޤަތެކެވެ. އެކި ދުވަސްވަރުގައި އެކި ކަންކަމުގެ ޖޯޝާ ފޯރިއެވެ. އެއްއަތޮޅާ އަނެއްއަތޮޅާއި ދެމެދުގައި އޮންނަ ވާދަވެރިކަމުން އުފެދޭ ފޯރިއާއި ޖޯޝެވެ. އެއްރަށާ އަނެއްރަށާ، އެއްއަވަށާ އަނެއްއަވަށާ ދެމެދުގައި އުފެދިފައި ވާ ވާދަވެރިކަމުގެ ފޯރިއާ ޖޯޝެވެ. ކުލަބުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ޖޯޝެވެ. ސިޔާސީ ޕާޓީ ތަކުގެ މެދުގައި އުފެދިފައި މިހުންނަ އާދަޔާއި ޚިލާފު ފޯރިޔަކާ ޖޯޝެވެ. މިދެންނެވުނު ކޮންމެ ކަމެއްގައި ވެސް ފޯރިޔާ ޖޯޝް ގަދަވެގެންގޮސް ޢަދާވަތްތެރިކަން އުފެދިދެއެވެ. ޤައުމީ ކަންކަމުގައި އުފެދޭ ވަރުގަދަ ފޯރިއާ ޖޯޝުގައިވެސް އެކަން އެގޮތަށް ހިނގައިފައި އެބަހުއްޓެވެ. މިހެންގޮސް އެތައް ކަމެއްގައެވެ. ދިވެހިންނަކީ ކަންކަމުގައި ފާޑެއްގެ ވަޖިދެއް އަންނަބަޔެކޭ ދެންނެވުން އެއީ ކުށަކަށް ނުވާނެއެވެ.

އަހަރެންގެ ޢުމުރުން ގާތްގަނޑަކަށް ހަތް އަހަރު ވަރުގައި، އަހަރުމެންގެ ގޭގައި އެ ދުވަސްވަރު އުޅުނު، އޭރު އޭނާގެ ޢުމުރުން މެދު ޢުމުރު މީހެއް ކަމަށް ވާ ތުއްތު އޭނާގެ ޒުވާން ޢުމުރުގައި، ކުރިމަތިވި މަރު އެތިފަހަރެއްގެ ވާހަކަ އެއްދުވަހަކު އަހަރެންނަށް ކިޔައިދިނެވެ. ގޭގެ ފެންޑާމަތީގައި ފަހާފޮށި ބަހައްޓައިގެން އޭނާ ފަހަން އިންނައިރު އެކިކަހަލަ ވާހަކަތައް އަހަރެންނަށް ކިޔައިދީ ހަދައެވެ. އެއީ އެކަމުގެ ޝަޢުޤުވެރިކަން އަހަރެންގެ ހުންނާތީކަމަށް ވެދާނެއެވެ. އޭނާއަކީ ބުރުސޫރަ ރީތި މީހެކެވެ. ގައިގެ ކުލަ އަލި މީހެކެވެ. އޭނާ އަކީ ވަރަށް މަޝްހޫރު ފެހުންތެރިއެކެވެ. ދެ ޖިންސުގެ މީހުންގެ ހެދުން އޭނާ ފަހައެވެ. އޭނާ އުޅެނީ މިހަކާ އިނދެގެންނެވެ. އެކަމަކު، އެއިރަކު އެ ދެމަފިރިންނަށް ކުއްޖަކު ނުލިބެއެވެ. އަހަރެން ދެކެ އެ ދެމަފިރިން އުޅެނީ ވަރަށް ލޯބިންނެވެ. އެއީ އެމީހުންގެ ދަރިއަކު ނެތީމައި ކަމަށް ވެސް ވެދާނެއެވެ. އެ ދެމަފިރިން ނަކީ ވަރަށް ޚުލުޤު ހެޔޮ ދެ މިހުންނެވެ. ތުއްތު އަށް އަމިއްލަ ގޯއްޗެއް ލިބެންދެން އުޅުނީ އަހަރުމެންގެ ގޭގައެވެ.

އޭނާއަށް ދިމާވި ހާދިސާގެ ވާހަކަ މިގޮތަށް ކިޔައިދިނެވެ. އަހަރެންނަކީ ހެންވޭރު މީހެކެވެ. މައްޗަންގޯޅީގައި ދިރިއުޅޭ އަންހެން ކުއްޖަކާ އަހަރެންނާ ދެމެދު ލޯބީގެ ގުޅުމެއް އުފެދިއްޖެއެވެ. އެ އަންހެން ކުއްޖަކީ ހުއްސަރިބައި ކުއްޖެކެވެ. ޒުވާން ކުއްޖެކެވެ. އެ ކުއްޖަކީ ވަރަށް ރީތި ވެސް ކުއްޖެކެވެ. ދެމަފިރިއެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ. އެ ދުވަސްވަރަކީ އަވަށު ވާދަވެރިކަން ވަރަށް ބޮޑު ދުވަސްވަރެކެވެ. އެއް އަވަށެއްގެ މީހަކު އަނެއް އަވަށަކަށް އަރަފިނަމަ، އެމީހެއްގެ ގައިގައި ތަޅާ އަނިޔާކުރުމަކީ ވަރަށް އާއްމު ކަމެކެވެ. މި އަނިޔާކުރުން ހުރިހާ ޢުމުރު ފުރައެއްގެ މީހުން މެދުގައި އޮވެއެވެ. މިކަންތައް ކުރުވަނީ އަވަށުވެރިން އިސްވެ ހުރެގެންނެވެ. އެހެންކަމުން، މި ޖަރީމާތައް ހިންގާ މީހުންނަށް އަދަބު ލިބޭނެ އެއްވެސް މަގެއް ނޯވެއެވެ. ހަރުމީހުން މިކަން ކުރުވަނީ ޒުވާން ފުރައިގެ ކުދިން ލައްވައެވެ. އަދި އަމުދުން، އެހެން އަވަށެއްގެ މީހަކު އަނެއް އަވަށެއްގެ އަންހެން ކުއްޖަކާ ގުޅުމަކީ ވަކިން ބޮޑަށް ނުރައްކާތެރި ކަމެކެވެ. އެހެނަސް، ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއްތާއެވެ!  ކޮންމެފަދަ ނުސިޔާނު ކަމެއްގެ ތެރެއަށްވެސް ލޯބީގެ މަސްތުގައި ވަދެވިދާނެއެވެ. ލިބިދާނެ އަނިޔާއަކާ، ގިރާކުރަން ޖެހޭނެ ހުރަސް ތަކަކަށް ނުބަލާނެއެވެ. ނުވެސް ބެލޭނެއެވެ. ބަލާކަށް ބޭނުމެއްވެސް ނުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

އެ ދުވަސްވަރަކީ، ބޮލާފޮށާއެޅުމުން އެމީހަކު ނޭނގޭނެކަމަށް އެންމެން ޤަބޫލުކޮށްގެން އެކަން އެމަގުން ހިނގަމުންދިއަ ދުވަސްވަރެވެ. ބޮލާފޮށާއަޅައިގެން ހުރި މިހަކު ނޭނގޭނެ ކަމަށް ޝަރީޢަތުން ވެސް ނިންމި ދުވަސްވަރެވެ. ބޮލާފޮށާއަލައިގެން ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސްމެއެވެ. އެ މީހަކީ އެންމެން ދަންނަ މީހެއް ކަމަށް ވިޔަސް، އެމިހާގެ މައްޗަށް އެ ޖުރުމެއް ޘާބިތެއް ނުކުރެވޭނެއެވެ. އެހެނީ، އެމީހަކު ހުރީ ބޮލާފޮށާއަޅައިގެން ކަމަށް ވާތީއެވެ. ބޮލާފޮށާއަޅާ ގޮތަކީ، އަނދެގެން ހުންނަ މުންޑުގެ ތިރީ ކައިރީގައި ހިފައި ފުރަގަހުން މައްޗަށްނަގައި ބޮލުގައި އަޅުވަނީއެވެ. ތަސައްރަފު ފުދިފައިތިބޭ ފިރިހެނުން މުންޑުގެ ދަށުން ކަކުލާ ހަމަޔަށް ހުންނަވަށް ދިގުކޮށް ހުންނަ ހަރުވާޅު ލާތީވެ، މިގޮތަށް ބޮލާފޮށާއެޅުމުން އެމީހަކު ބަރަހަނާއެއް ނުވާނެއެވެ.

އަހަރެން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއާއި ބައްދަލުކުރަން ދަނީ ފަސްފުޅިއަށްޖެހީމައި ބޮލާފޮށާއަޅައިގެނެވެ. މަގުތައް އޮންނަނީ ވަރަށް އަނދިރި ކޮށެވެ. މައިމަގު ( މިހާރުގެ މަޖީދީމަގު) ގައިވެސް ލަންޓަނެއް ހުންނީ ވަރަށް ދުރުދުރުގައެވެ. ލަންޓަން ހުންނަނީވެސް ވަރަށް މަދުންނެވެ. ކޮންމެއަކަސް، އާދައިގެމަތިން ދާގޮތަށް ބޮލާފޮށާއަޅައިގެ ލޯބިވެރިޔާ އާއި ބައްދަލުކުރަން އަހަރެން ދިއަ ރެއެކެވެ. އެރޭ އެ އަންހެން ކުއްޖާގެ ގެއަށް ނުވަދެވެނީސް، ބޮލާފޮށާއަޅައިގެން ތިބި ބަޔަކު އައިސް އަހަރެންގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލައިފައި އެމީހުން ދުވެ ފިލައި ރައްކާވެއްޖެއެވެ. އަހަރެންގެ ބޮލަށް ލިބުނު ޒަޚަމުގެ ބޮޑުކަމުން ހޭނެތިގެން އެތަނަށް ވެއްޓިއްޖެއެވެ. މަގުހިނގާމީހުންނަށް ފެނިގެން އެމީހުން އަހަރެން ގެއަށް ގެންގޮސްދީފިއެވެ. އަހަރެންގެ މަންމަޔަކީ ރުއްގަލުބޭހަށް ވަރަށް މޮޅު މީހެއްކަމުން ވަގުތުން ފަރުވާދޭން ފަށައިފިއެވެ. މުޅިން ފަސޭހަވެ ރަނގަޅުވީ މަހެއްހާ ދުވަސް ވީފަހުންނެވެ. މަރު އެތިފަހަރަކުން ސަލާމަތްވީ ހަމަކިރިޔާއެވެ. މިވާހަކަ އޭނާ ކިޔައިދީ ނިމުމުން އަހަރެން އޭނާކުރެން އަހައިފީމެވެ. ތިޔަ އަނިޔާ ލިބުމަށް ފަހުން އެ އަންހެން ކުއްޖާ ދެން ދޫކޮށްލީ ހެއްޔެވެ؟ އެހެން އެހުމުން ހީނލާފައި ބުނެފިއެވެ. ލޯތްބަކީ ފަސްޖެހެން ޖެހޭ ޒާތުގެ ކަމެއް ނޫނެއްނޫންތޯއެވެ! ދިރި ހުރިއްޔާ އެ ކަމައިގެން ކުރިޔަށް ދާންޖެހޭނެ ނޫންތޯއެވެ! ތިމަންނާ ބަލިވެ އޮތް ދުވަސްވަރު އޭނާ އަހަރުމެންގެ ގެއަށް އާދެއެވެ. އަންނަނީ ދުވާލުއެވެ. އޭނާގެ މަންމަ އާއި އެކުގައެވެ. ލިބުނު އަނިޔާއިން ގަދަވިތާ މަހެއް ފުރުނުއިރު އޭނާ އާއި ކައިވެނިކޮށްގެން ގެއަށް ގެނެސްފީމެވެ. އަހަރެން އަހައިފީމެވެ. މިހާރު ވެސް އިނދެގެން ތިޔަ އުޅޭ ހައްވަޔަކީ އޭނާ ހެއްޔެވެ؟ އެހެން އެހުމުން ހިނިއައިސްގެން ބުނެފިއެވެ. އާދޭހެވެ. މި ގޭ ތެރޭގައި ތިޔަ އުޅެނީ އޭނާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close