ވާހަކަމުނިފޫހި

ކުރުވާހަކަ: އާޝިޤު

ފާތުމަތު ރައުޒާ

ރެޔަކީ އުޑު މަތި ސާފު ވައި މަޑު ރެއެކެވެ. 15 ވަނަ ވިލޭރެގެ ބުރު ހަމަ ހަނދު ވެސް އުޑުމަތިން ފެންނަން ހުއްޓެވެ. ޖަވާހިރުތަކެއް ހެން އެކި ކުލަ ކުލައިން ތަރިތައް އުޑު މަތިން ފާޅުވޭވޭ ހުއްޓެވެ. ކޮކާ ހަނދުވަރުން މުޅިން ތަން ވަނީ ހުޅުދާން ވެފައި އެވެ.  ރާޅު މަޑު މަޑުން އައިސް ގޮޑު ދޮށަށް ބީއްސަމުންދެއެވެ. ކުދި ކުދި ކިރު ކަކުންޏާއި ބަރަވެލިތައް އޭގެ ހަރުން ނިކުމެ އުޅެއެވެ.

ޒޯޔާ އޮތީ އަތިރިމަތީގައި ހަދާފައިވާ ޖޯލިފަތީގައިއެވެ. ކުއްލިއަކަށް މަޑު މަޑުން ވައިގަދަވާން ފަށައިފިއެވެ. ބުރު ހަމަ ހަނދަށް ކަޅު ވިލާތައް އައިސް ގޯނާ ކުރަން ފަށާއިފިއެވެ. އިސާހިތަކުން އެ ކަޅު ވިލާތައް ހަނދު ފޮރުވަލައި ދުނިޔެ މައްޗަށް އަނދިރިކަން ވެރި ކުރުވައިފިއެވެ. އަދި އެއާއި އެކު ވިއްސާރައިގެ އަސަރު އުޑުމަތިން ދައްކާއިލައިފިއެވެ. ޒޯޔާ ޖޯލިން ތެދުވެގެން ގެއަށް ދެވޭތޯ ހިނގައިގަތެވެ.

ގުޅުންހުރި ލިޔުންތައް

ގެއަށް އަވަހަށް ދިޔުމަށް ޒޯޔާ ހިނގައި ގަތީ ވަލުތެރެ މަގުންނެވެ. ފޯނު އަތަށް ނަގައި ބައްތި ދިއްލާއިލިއެވެ. އަދި ގަޑި ވެސް ބަލާއިލިއެވެ. އޭރު 10 ޖަހަން ހުރީ އެންމެ 12 މިނެޓެވެ. ޒޯޔާ ހިނގުން ތަންކޮޅެ ބާރު ކޮއްލިއެވެ. ވާރޭ ބޯ ކޮށްލަން ވާއިރަށް ގެޔަށް ދެވޭތޯއެވެ. ކުއްލިއަކަށް ޒޯޔާގެ ފަހަތުން މީހަކު ދިޔަހެން ހީވިއެވެ. ޒޯޔާ ފަސް އެނބުރި ބަލާލިއެވެ. ޒޯޔާގެ ފަހަތުގައި ކަޅު އަނދިރިކަން ފިޔަވައި އެއްޗެއް ނެތެވެ.  ޒޯޔާ އަނެއްކާވެސް ގެއާއި ދިމާލަށް ދެވޭތޯ ހިގައިގަތެވެ. “ޒޯޔާ.. ޒޯޔާ” ކަންފަތް ބުޑުގައި މީހަކު ވައި އަޑަކުން ޒޯޔާއަށް ގޮވައިލިއެވެ. ޒޯޔާގެ ހިތުގެ ވިންދު އަވަސް ވާންފެށިއެވެ. ކުޑައިރު މާމަ ކިޔައިދިން ބިރުވެރި ވާހަކަތަކުގެ މަތިން ހަދާންވާންފެށިއެވެ.

ކުއްލިއަކަށް މީހަކު ޒޯޔާގެ ކޮޑުގައި އަތްލިހެން ހީވިއެވެ. ޒޯޔާ ފަސް އެނބުރި ބަލައިލިއެވެ. އެއީ ޒޯޔާ ބިރުންހުރުމުގެ ސަބަބުން އޭނާއަށް ހީވިގޮތެވެ. ޒޯޔާއަށް ގެއަށް ނުދެވެނީސް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ޒޯޔާ ދުވެފައި އަވަށު ތެރެއަށް ނުކުމެ، އަދި ކައިރީގައި ހުރި ގެއެއްގެ ތެރެއަށް ވަނެވެ. ޒޯޔާ  ފޯނު ހުޅުވާ ގަޑި ބަލައިލިއެވެ. އޭރު ބަރާބަރު 10 ޖެހީއެވެ. ޒޯޔާ އުޑު މައްޗަށް ބަލާލިއެވެ. އޭރު ވާރޭ ހުއްޓާނެކަމުގެ އެއްވެސް އަސަރެއް އުޑުމަތިން ފެންނާކަށް ނެތެވެ. ޒޯޔާގެ ކައިރީގައި މީހަކު ހުރިހެން ޒޯޔާއަށް އިހުސާސް ކުރެވުނެވެ. ޒޯޔާ ފަހަތް ބަލާލިއެވެ.

އެއީ އިސްކޮޅުން ދިގު ރީތި ޒުވާން ފިރިހެން ކުއްޖެކެވެ. ޒޯޔާއަށް ދެން ބަލާލެވުނީ އޭނަގެ ކަނޑެއްފަދަ ލޮލަށެވެ. މިހެން ޒޯޔާއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް އޭނާއަކަށް ނޭންގެއެވެ. ”މިއޮއް ދަންވަރު މިތާ ކީއްކުރަނީ ތިޔަ؟” އެފިރިހެން ކުއްޖާ ޒޯޔާ އާއި ސުވާލު ކުރިއެވެ. އެހެންނަމަވެސް ޒޯޔާ ހުރީ އެއައްވުރެ އޭނާގެ ރީތިކަމަށް ގެއްލިފައެވެ. ” ތީ ވާހަކަ ނުދެއްކޭ ކުއްޖެއްތަ؟ ” އަނެއްކާވެސް އެކުއްޖާ ޒޯޔާއަށް ސުވާލުކުރިއެވެ. އެކުއްޖާ ޒޯޔާގެ ދެއަތުގައި ހިފާ ތަޅުވައިލިއެވެ. “ނު..ނޫން” ޒޯޔާއަށް އެއްޗެއް ބުނެވުނީ ދެނެވެ. “އޯ.. ވާހަކަ ދެއްކޭ ދޯ.. އަހަރެން ހީކުރީ ތީ މަންމަނު ކުއްޖެއްކަމަށް..” އެކުއްޖާ ބުންޏެވެ.

“ނޫން.. އެއީ އެހެންކަމަކާއި ދޭތެރޭ ވިސްނަން ހުރީމަ..”ޒޯޔާ ބުންޏެވެ. “ދެން ބުނެބަލަ މިތާ ކީއްތަ ތިކުރަނީ؟” އެކުއްޖާ ހިނިތުން ވެލަމުން ބުންޏެވެ. “ކިހިނެއްވީ މިތާ ހުރުން މަނައީތަ؟ ” ޒޯޔާ ބުންޏެވެ. “ނޫން..މިތާ ހުރުން މަނައީކީ ނޫން..ތިހާ ރީތި އަންހެން ކުއްޖެއް އެކަނި ދަންވަރު ގަޑީގައި..މިތާ ހުރީމަ ދެން ކޮންމެ މީހަކުވެސް ކުރާނީ އެސުވާލުދޯ..” އެކުއްޖާ ބުންޏެވެ. “ކީކޭ ރީތި އަންހެން ކުއްޖެކޭ؟ ” ޒޯޔާގެ ކޯތާފަތް ލަދުންގޮސް ރަތް ވާންފެށިއެވެ. މިމަންޒަރު ފެނިފައި އެފިރިހެން ކުއްޖާ ހިނިތުންވެލިއެވެ. ޒޯޔާ ވާރޭ ހުއްޓާނެ އިރަކަށް އިންތިޒާރުކުރަމުން ދިޔައެވެ. އިރު އިރު ކޮޅާ އުޑު މައްޗަށް ބަލާލަފައި، ފޯނު ހުޅުވާލައި ގަޑި ބަލާލައެވެ. ” ދެން އިރުކޮޅަކުން ވާރޭ ހުއްޓާލާނެ. އުޑުމަތި ތިހިރަ ރީތިވަނީ.” އެ ޒުވާނާ އުޑުމައްޗަށް ނަޒަރު ހިނގާލަމުން ބުންޏެވެ. ޒޯޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. ޒޯޔާގެ ހިތުގައި ވާ އެއްޗެއް އޭނާ އަށް އިގުނީ ކިހިނެއްބާ އޭ ހިތުގައި ސުވާލު އުފެދުނެވެ.

އިސާހިތަކު ވާރޭ ވެހުން ހުއްޓިއްޖެއެވެ. އެކުއްޖާ ފަސް އެނުބުރުމެއް ނެތި އެގެއިން ނިކުމެގެން ހިގައިގަތެވެ. ޒޯޔާއަށް ހުރެވުނީ އެ ފިރިހެން ކުއްޖާއަށް ބަލާށެވެ.ކުއްލިއަކަށް ޒޯޔާގެ ފޯނަށް މަންމަ ގުޅިއެވެ. ޒޯޔާ އަވަހަށް ގެއަށް ދާން ހިނގައިގަތެވެ. ގެއަށް ވަދުން އިރު މަންމަ ހުރީ ޒޯޔާއާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިގެންނެވެ. ނަމަވެސް ޒޯޔާ ހުރީ އެފިރިހެންކުއްޖާގެ ހިޔާލުތަކަށް ގެއްލިފައެވެ. ޒޯޔާއަށް އޭނާގެ މަންމަފެނުމުން ދިޔައީ ސިއްސައިގެންނެވެ. ” ތިޔައީ 8 ޖެހިއިރު ދަލޭކަމެންގެއަށް ލޮނުމިރުސް ކޮޅެއް ބަލައި ފޮނުވި މީހެކޭ، މިހާރު އެއޮއް 10 ޖަހައި ބޮޑުވީ..ޒޯޔާ ހަމަގައިމުވެސް ދަލޭކަމެންގެއަކަށް ނުދޭ..ބުނޭ ކޮންތާކުން ތިއައީ؟ ” ޒޯޔާގެ މަންމަ ސަލީމަ ހުރީ ވަރަށް ރުޅި އައިއްސައެވެ. “މަންމާ އަހަރެން އެގެއަށް ދިޔަ މަގުމަތީގައި ރައްޓެއްސަކާއި ދިމާވެގެން އެކުއްޖާ އާއި ވަހަކަދައްކަމުން ހިގާލަން ދިޔައީ.. ” ޒޯޔާ އޭނަގެ މަންމައަށް ދޮގު ހެދިއެވެ. “ދޭ ދެން ފެންވަރައިގެން ނިދަން.. މާދަން ޕިކުނިކު ދާން ރާވާފައެއް ނޫން ތިޔަހުރީ..” ސަލީމަ ބުންޏެވެ. ޒޯޔާ އަވަހަށް ފެންވަރައިގެން ކޮޓަރި ބޮކި ނިއްވާލުމަށްފަހު އެނދުގައި ނިދަން އޮށޯތެވެ.

ޒޯޔާގެ ކޮޓަރީގައި ހުރި ކަބަޑު ކައިރިން ފެނުނު އެއްޗަކުން އޭނާ ތެދުވެގެން ގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އޭނާ އަނެއްކައިވެސް ކަބަޑާއި ދިމައިލަށް ބަލާލިއެވެ. ނަމަވެސް އެތާ އޭނައަށް ފެނުނު އެއްޗެއް ނެތެވެ. އޭނައަށް ފެނުނީ އޭނަގެ ހިތް އަތުލި ޒުވާން ފިރިހެނާއެވެ. ޒޯޔާ އަނެއްކާވެސް ބޮކި ނިއްވާލުމަށްފަހު އެނދުގައި އޮށޯތެވެ. އޭނައަށް ލޯމަރާލެވުނުތަނާއި މީހަކު އޭނަގެ ގައިގާ ފިރުމާލިހެން ހީވިއެވެ. ޒޯޔާ ލޯހުޅުވާލިއެވެ. އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. ޒޯޔާގެ އަތުގައި މީހަކު ވަރަށް ބާރަށް ހިފާލިއެވެ. ޒޯޔާ ސިހިގެން ގޮސް ލޯހުޅުވާލިއެވެ.

އެނެއްކާވެސް ޒޯޔާ ވަށައިގެން ހޯދާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ޒޯޔާ ތެދުވެގެން ގޮސް ހޮޅިބުރި ދިއްލާލިއެވެ. އަދި ފޯނުނަގައި ގަޑި ބަލާލިއެވެ. އޭރު ގަޑިން 1 ޖާހަނީއެވެ. ޒޯޔާއަށް އިތުރަށް އެރޭ ނިދޭ ގޮތެއް ނުވިއެވެ. ޒޯޔާ ވިސްނަމުން ދިޔައީ އެރޭ އޭނާއަށް ފެނުނު ޒުވާނާއާއިމެދުއެވެ. އެ ޒުވާނާގެ ރީތިކަމާއި ފުރިހަމަކަމަށް އޭނާގެ ހިތާއި ހިތުން ތަޢުރީފުކުރަމުން ދިޔައެވެ. ޒޯޔާއަށް އެ ހިޔާލުތަކުން ބޭރަށް އާދެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ޒޯޔާ އަވަހަށް ފާހާނައަށް ވަދެ ވުޟޫކޮށްގެން ނިކުމެ ނަމާދު ކޮށްލިއެވެ. އެނދުގައި އައިސް ޒޯޔާ އޮށޯތެވެ.

ޒޯޔާއަށް ހޭލެވުނީ އޭނާގެ މަންމަ ސަލީމަ ދޮރުގައި ޓަކިޖެހަމުން އޭނާގެ ނަމުން ތަކުރާރުކޮށް ގޮވަމުން ދިޔަތާ އެތައް ގަޑި އިރެއްވީ ފަހުންނެވެ. ވަރަށް ކަންނެތް ގޮތަކަށް އެނދުން ތެދުވެ ދެ ލޯ އުގުޅަމުން، ބޯ ކަހަމުން ޒޯޔާ ދޮރު ހުޅުވިއެވެ. ” މިހާރު ކިހާ އިރެއްތަ ގޮވާތާ؟ އަނގަ ވާޅު ވެއްޖެ. ސައި ބުއިމެއް ނަމާދު ކުރުމެއް ވެސް ނެތީތަ؟” ސަލީމަ ސުވާލުތައް ފަށްޗަކަށް އަމުނާލިއެވެ. ޒޯޔާ ޖަވާބެއް ނުދީ މޯޅިއަކަށް ދެމިލިއެވެ. އަދި ވަރަށް ފަރުވާ ކުޑަ ގޮތަކަށް މިދަނީއޭ ބުނެ ދޮރު ލައްޕާ ތަޅުލިއެވެ. ޒޯޔާ އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. މާގިނަ އިރުތަކެއް ނުވެ ޒޯޔާގެ ލޯ މެރި ނިދިއްޖެއެވެ.

ޒޯޔާ ނައިސް ލަސްވުމުން ސަލީމަ ދެވަނަ ފަހަރަށް ގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދެ ތިން ފަހަރު ޓަކި ޖަހާލުމުންވެސް އެއްވެސް ޖަވާބެއް ނުލިބުމުން ޒޯޔާގެ ނަމުން ސަލީމަ ގޮވަން ފެށިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުމުން ސަލީމަ  ވަރަށް ބާރަށް ދޮރުގައި ޖެހިއެވެ. ޒޯޔާ ސިއްސައިގެން ގޮސް އެނދުން ތެދުވިއެވެ. އަދި ފާރުގައި ހަރުކޮއްފައިވާ ގަޑިއަށް ބަލާލިއެވެ. ގަޑިން ހެނދުނު 10 ޖަހަނީއެވެ. ޒޯޔާއަށް ދޭނެ ޖަވާބެއް ނޭގިފައި އިދެވުނެވެ.”ފެން ވަރަނީ” ދެވަނަ ފަހަރަށް ޒޯޔާ އޭނާގެ މަންމަ އަށް ދޮގެއް ހަދާލިއެވެ. ޒޯޔާ ފެންވަރައިގެން ކޮޓަރިން ނިކުމެ، ކާކޮޓަރިއާއިދިމާލަށް ދާން މިސްރާބު ޖެހިއެވެ.

ޒޯޔާއަށް ފެންނުނު މަންޒަރަކުން އެޅި ފިޔަވަޅު މަތީގައި ހުއްޓުނެވެ. ސަލީމަ ހުރީ ވަރަށް ރުޅި ވެރި ނަޒަރަކުން ޒޯޔާއަށް ބަލަހައްޓައިގެންނެވެ. ވަގު ބުޅަލެއް މަސްގަނޑަކަށް ބަލާ އުސޫލުންނެވެ. ” ޕިކުނިކު ދާން ކިޔާފައި ނިދަން އޯތީމަ ހުރިހާ ކަމެއް ވާނެ. އެހެންނެއް ނޫން ވާނީ މަމީ މިގޭ ނޯކަރު. މިގޭ ގެންގުޅޭ މިހާ.” ސަލީމަ ރުޅިއައިސްގެން ޒޯޔާއަށް އިވޭ ވަރަށް ވާހަކަ ދައްކަމުން ދިޔައެވެ. ހީވަނީ ޒޯޔާއަށް އިއްވަން ވެގެން ކިޔާހެންނެވެ. ޒޯޔާ އެއްވެސް އެއްޗެއް ނުބުނެ ކާކޮޓަރިއަށް ވަނެވެ. އަދި ވަރަށް އަވަސް ގޮތަކަށް ސައި ބޮއެ ނިއްމާލިއެވެ. އަދި އަވަހަށް ދަތުރު ދާން ވެގެން ނުނިމި ހުރިކަންތައް ސަލީމަ އާއި އެކު ނިއްމާލިއެވެ. މާގިނަ އިރުތަކެއް ނުވެ ޒޯޔާގެ ބައްޕަ ހާފިޒު ގެޔަށް އައިސިއެވެ. ހާފިޒު ކައިރީގައި ޒޯޔާގެ 4 އަހަރަށްދާ ކޮއްކޮ ޒަލަފު ވެސް ހުއްޓެވެ.

ރަށު ޕިކަޕަށް ދަތުރު ދާން ބޭނުންވާ ހުރިހާ ސަމާނުތަކެއް އެރުވީ ހާފިޒް އާއި ޒަލަފް އެވެ. ޒޯޔާ ނޫނީ އެއްމެން މިހާރު ތިބީ ޕިކަޕަށް އަރާ ދިޔުމަށް ތައްޔާރުވެގެންނެވެ. ” ދޮންތީ އަވަހަށް އަރާ. ބާރަކަށް ދުއްވާލަ  މޫދަށް ފުއްމާލަށް ދާން.” ޒަލަފް ހިނިތުން ވަމުން ޒޯޔާއާއި ދިމާލަށް އަތް ދިއްކުރަމުން ބުންޏެވެ. ” ދަރިފުޅާ ކީވެފަ ތިޔަ ހުންނަނީ؟ އަވަހަށް އަރަން އުޅޭ.” ހާފިޒުވެސް ޒޯޔާ ނާރައި ލަސްވުމުން ބުންޏެވެ. ” ޒޯޔާ. މަ..މަ..މަޑުކުރޭ.” ވަރަށް ކައިރިން އެންމެނަށް މީހަކު ހާޅޭ ލަވަމުން އަނަށް ހެން ހީވިއެވެ. ހުރިހާ އެންމެ އެއް ފަހާރަ ކަހަލަ ގޮތަކަށް ބަލަމުން ދިޔަ އެވެ. ދުވަމުން އަތަށް މާސްކްތަކެއް އަޅާގެން ޕިކަޕާ ދިމާލަށް ދުވަމުން އަނަނީ ޒޯޔާގެ އެންމެ ގާތް އެކުވެރިޔާ އަހުލާމް އެވެ. ޕިކަޕަށް އަވަހަށް މާސުކުތައް ލާފައި އަހުލާމް ޕިކަޕަށް އަރާ ހަމަ ޖެހުނެވެ. އޭރުވެސް އަހުލާމް ދަނީ މާ ނޭވާލަމުންނެވެ. ޒޯޔާ ވެސް އަހުލާމުއާއި ދިމާލަށް ބަލަމުން ޕިކަޕަށް އަރާ ޒަލަފް ކައިރީގައި އިށީދެއްޖޭއެވެ. ޕިކަޕު ދުއްވަމުން ދިޔައި ރަށުގެ އަލަށް ހަދާފައިވާ ބޮޑު މަގުންނެވެ. މޫދަށް އެރުމަށް ހާއްސަ ދިމާލަކަށް ވާތީއެވެ. ނަލަނަލަ ފެހިކަން ގަދަ ގަސްތަކުގެ ދަށުން ޕިކަޕު ދަތުރު ކުރަމުން ތިޔަ އިރު ހިތަށާއި ހަށިގަނޑަށް ފިނި ވައި ރޯޅިގެ އަސަރު ދިޔައި ކުރުވަމުންނެވެ. މާގިނައިރުތަކެއް ނުވެ މޫދަށް އެރުމަށް ހާސަކުރެވިފައިވާ ސަރަހަދަށް ޕިކަޕު ކައިރި ކޮއްފިއެވެ. ހުރިހާ އެންމެން ޕިކަޕުން ފައިބައިގެން ދަތުރަށް ގެނައި ތަކެތި ހިފައިގެން ގޮނޑުދޮށުގައި ހަދާފައިވާ ވައްގެއަށް ވަނެވެ. ޒަލަފް ދުވެފައި ގޮނޑު ގޮށަށް ފޭބިއެވެ. ” ދަރިފުޅާ އަވީގައި ނުހުރެ އާދޭ ހިޔަލަށް” އަވަހަށް ބަހީ މިކޮޅަށް” ހާފިޒު ފެން ކޭސް ކޮޑުމަތިން ބާލަމުން އޭގެން ފެން ފުޅިއެއް ނަގަމުން ޒަލަފް އަށް ބަލަމުން ވާހަކަދެއްކިއެވެ.

ޒޯޔާއަށް ފެނުން އެއްޗަކުން ޒޯޔާއަށް ވަރަށް ބާރަށް ހަޅޭ ލަވައިގަނެވުނެވެ. ޒަލަފް މޫދަށް އެރި ގެބެމުން ދާ ތަން ޒޯޔާ އަށް ފެނުނެވެ. ހާފިޒް ވެސް ފެން ފުޅި އެއްލައިލައިފައި މޫދާއި ދިމާލަށް ދުއްވައިގަތެވެ. ސަލީމަ އާއި ޒޯޔާ އަދި އަހުލާމުވެސް ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ. އޭރު ޒަލަފް ނަގައިގަނެގެން އެއްގަމަށް އަރަމުން ދަނީ ޒޯޔާއަށް ފެނިފައި ވާ މޫނެކެވެ. އޭއި ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެ މޫނެކެވެ. އެއީ ޒޯޔާގެ ހިތުގައި ރަސްކަން ކުރަމުންދާން ޒުވާނާއެވެ. ޒޯޔާއަށް އެސްފިޔަ ޖަހަލާ ނުލާ ބަލަން ހުރެވުނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ.” ހާފިޒް އެ ޒުވާނާގެ ގައިގައި ބައްދާގަނެފައި ޝުކުރު އަދާ ކުރިއެވެ. ” ތިއީ ކޮން ކުއްޖެ؟ ކުރި ނުދެކޭ ކުއްޖެ. ބީރެއްޓެހި ކުއްޖެ ދޯ؟” ސަލީމަ ސުވާލުތައް އެޒުވާނަގެ ކުރިމަތީގައި ބައްޑުން ކޮށްލިއެވެ. ޒޯޔާ އަހުލާމާ އާއި ދިމާލަށް ބަލާލަމުން ބޯ ހޫރަލިއެވެ. ” ލައްބަ. އަޅުގަނޑަކީ މި ރަށަށް އަދި މި އަތޮޅަށްވެސް ބީރެއްހެޓި މީހެއް. މި ރަށަށް އައި މިރަށުގެ ރީތިކަމުގެ ވާހަކަ އިވިފައި އޮތީމަ، އެއީ ކިހާވަރެއްގެ ހަޤީޤަތެއްތޯ ބަލާލަން.” އެ ޒުވާނާ ޒޯޔާގެ މޫނަ ބަލަމުން ޖަވާބުދިނެވެ. ޒޯޔާ ލަދުން އަހުލާމުގެ ފުރަގަހަށް ވަނެވެ. ހާފިޒް ވަރަށް ބާރަށް ހިނިގަނޑެއް ޖަހާލުމަށް ފަހު އެ ޒުވާނާގެ ކޮޑުގައި ޖަހާލުމަށް ފަހު އެ ޒުވާނާ އާއި އެކު އެއްގަމަށް ހިނގައިގަތެވެ. އަންހެންވެރިން ކެއްކުމުގެ ކަންތަކުގައި މައްސޫލުވެ އުޅުނެވެ. ހާފިޒް އަދި ޒަލަފް އެ މީހުން ގެނައި ދޮށި ނަގައި މަސް ބޭނުމުގެ ކަންތަކުގައި އުޅެއެވެ. އެ ޒުވާނާ ކަޅި ޖަހާނުލާ ޒޯޔާގެ ކޮންމެ ހަރަކާތަކަށް ވަރަށް ޝައުޤުވެރިކަމާއެކު ބަލަމުން ދިޔައެވެ.

މާ ގިނައިރުތަކެއް ނުވެ ކާއެއްޗިހި ތައްޔާރުވެ ތަށިތައްޓަށް އަޅާ އެންމެން ކެއުމަށް އިންސާފު ކުރަމުން ތިޔައެވެ. އަހުލާމް ވެސް ދެވަނަ ފަހަރަށް ނޫޑުލީސް އަޅައިގެން އައިސް ޒޯޔާގެ ކުރިމަތީގައި އިށީންދުނެވެ. އޭރު ހާފިޒުގެ ތަށި ހުރީ ހުސްވެފައިއެވެ. ” ވަރަށް މީރު. ދުވަހަކުވެސް މިކަހަލަ މީރު ނޫޑުލިސްގަނޑެ ނުކަން. އަދިވެސް ކާހިތް ވަނީ. އެކަމަކު ބަނޑުގައި އިތުރަށް ކާނެ ޖާގައެއް ނެތް. ޒޯޔާގެ މަންމަ ކައްކާލެއް ވަރަށް މީރު.” އެ ޒުވާނާ ޒޯޔާގެ މޫނަށް ބަލަމުން ވާހަކަދެއްކިއެވެ. ޒޯޔާ އަށް އެކަން ފާހަގަ ވިނަމަވެސް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ” އަދި ނަމެއްވެސް ނޭނގެ. ކޮންނަމެއްތަ ކިޔަނީ؟” އަހުލާމު އަށް މަޑަކުން ނުހުރެވުނެވެ. އެހާ ރީތި ކުއްޖަކުގެ ނަން ނޭނގުމަކީ އޭނާ އަށް ލިބޭނެ ހުތުރެކަމަށް ވާތީ އަހުލާމު އާހަލިއެވެ. ” އަޅުގަނޑަށް ކިޔަނީ އައިމަން. އައިމަން އަތީ.” އައިމަން ޖަވާބު ދިނެވެ. ހުރިހާ އެންމެ ކައިނިމިގެން މޫދަށް އެރެން ދިޔައެވެ. އިރުކޮޅެއް ނުވެ ޒޯޔާ މޫދުން އަރަފިއެވެ. އަދި ބިޔަކޮށް ހެދިފައިވާ ހިޔާލިބޭ ނިކަ ގަހުގެ ދަށުގައި އިށީންދުނެވެ. މަންމަމެން ޖަހާ ސަކަރާ ބަލަމުން ދިޔައެވެ. ކުއްލިޔަކަށް ޒޯޔާގެ ނަޒަރު ހުއްޓުނީ އޭނާ އާއި ދިމާއަށް ހިނގާފައި އަންނަ އައިމަން އާއި ދިމާލަށެވެ.

އައިމަން އައިސް ޒޯޔާގެ ކުރިމަތީގައި އިށީންދުނެވެ. ” ކީއްވެ ނޭނގެ ކަމަށް ހަދަނީ؟ ކުރިން ރޭ ދިމާވި އެއްނު؟ ” އައިމަން ވާހަކަ ދެއްކިއެވެ. ޒޯޔާ އިސްދަށަށް ޖަހާއިގެން ލަނދުރަކި ގޮތަކަށް ހެމުން ދިޔައެވެ. ” އަސްލު ޒޯޔާ ވަރަށް ރީތި. ވަރަށް ލޯބި. ” އަނެއްކާ ވެސް އައިމަން ވާހަކަ ދެއްކިއެވެ. ޒޯޔާ އެއްވެސް އެއްޗެ ނުބުނެ ހަމަ އިން ގޮތައް އިނެވެ. ” ވާހަކަ ދައްކަން ބޭނުން ނުވަނީތަ. މައްސަލައެއް ނެތް ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ މިދަނީ.” އައިމަން ތެދުވެ ހިނގައިގަތެވެ. ނަމަވެސް އައިމަން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުވީ ޒޯޔާއެވެ. އައިމަން ފަހަތް ބަލާލިއިރު ޒޯޔާ ހުރީ ފެންކަޅިވެ އައިމަންގެ އަތުގައި ހިފައްޓައިގެންނެވެ. ” އަހަރެނަށްވެސް އައިމަން ވަރަށް ރީތި. އަދި އައިމަން ދެކި އަހަރެން…. އަހަރެން… އަހަރެން” ޒޯޔާ އަށް ބުނަށް އުދަނގޫވިއެވެ. ” އަހަރެންވެސް ޒޯޔާ ދެކި ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އެންމެ ފުރަތަމަ ފެނުނު ރެއިން ފެށިގެވެސް އަހަރެން ވަރަށް ލޯބިވޭ. ” ޒޯޔާއަށް ފުރިހަމަ ނުކުރެވުނު ޖުމުލަ އައިމަން ފުރިހަމަ ކޮއްދިނެވެ. ޒޯޔާ ލަނދުން ދުއްވައިގަތެވެ. އައިމަން ވެސް ޒޯޔާގެ ފަހަތުން ދުއްވައިގަތެވެ.

ދެ ލޯބިވެރިގެން ސިއްރު ބައްދަލުވުންތަ ފެށުނީ އެހިސާބުންނެވެ. ރޭގަނޑު ޒޯޔާގެ މަންމަމެން ނިދުމުން މަންމަމެންނަށް ސިއްރުން އައިމަނު އާއި ގޭ ގެ ވަލިމަގުން ބައްދަލު ކޮށް އެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ. މި ދެ ލޯބިވެރިންގެ މި ސިއްރު ގުޅުން އިނގޭނީ އެންމެ މީހަކަށެވެ. އެއީ ޒޯޔާގެ އެކުވެރި އަހުލާމަށް އެކަންޏެވެ. އޭއީ ވެސް  އެކަހަލަ ރެއެކެވެ. ޒޯޔާ އާއި އައިމަން ބައްދަލު ކުރަން ތިބީ ޒޯޔާމެންގޭ ވަލިމަގުގައެވެ. ހާފިޒް އަށް މީހަކު ގޮވިހެން ހީވެގެން ދިއައެވެ. ހާފިޒް ގަޑި ބަލާލިއެވެ. އޭރު ދަންވަރު 2 ޖަހަނީއެވެ. އަނެއްކާވެސް ހާފިޒުގެ ނަމުން މީހަކު ގޮވާލިހެން ހީވިއެވެ. ހާފިޒް ކޮޓަރިން ބޭރަށް ނިކުތެވެ. އަޑު އަންނަނީ ވަލި މަގު ފަރާތުންނެވެ. ހާފިޒް ވަލިމަގު ދޮރު ހުޅުވާލިއެވެ. ހާފިޒް ދިޔައީ ސިއްސައިގެންނެވެ. ޒޯޔާ ވެސް ސިއްސައިގެން ގޮސް ހަޅޭ ލަވައިގަނެވުނެވެ. ޒޯޔާ ބިރުން ހުރެ އައިމަން އާއި ދިމާލަށް ބަލާލިއެވެ. ” މިޔޯ ދަންވަރު އެކަނި ކީއްކުރަނީ؟ އަވަހަށް ވަދޭ އެތެރެއަށް. ” ހާފިޒް ޒޯޔާގެ އަތުގައި ހިފައި ގެއަށް ވެއްދިއެވެ. ޒޯޔާ ކޮޓަރި އަށް ވަނެވެ. އަދި ހިތުގައި ސުވާލު އުފެދުނެވެ. ބައްޕަ ކީއްވެ އަހަރެން އެކަންޏޭ ބުނީ. ބައްޕައަށް އައިމަން ނުފެނުނީ ކީއްވެ؟” ޒޯޔާގެ ބޮލުތެރެގައި ސުވާލުތައް ގިނަވާން ފެށިއެވެ. އެ ހިޔާލުތަކުގައި އޮއްވައި ޒޯޔާއަށް ނިދިއްޖެއެވެ.

ރޭގައި ދިމާވި އެވެސް ވާހަކައެއް ހާފިޒު ޒޯޔާއަކާ ނުދައްކައެވެ. ހީވަނީ ހަނދާން ނެތިފައި ހުރިހެންނެވެ. ޒޯޔާވެސް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. ” ބައްޕަ ކީއްވެ އެހެން ހެދީ. ބައްޕަ އަށް ހަމަ ރަނގަޅަށް އިނގޭނެ އަދި އަހަރެންގެ ހަގީގަތެއް ޒޯޔާއަކަށް ނޭނގެނެކަން. އަހަރެން ބޭނުމެއް ނޫން އަހަރެންނާ ޒޯޔާ އެންމެ ސިކުތަކަށްވެސް ދުރުވާކަށް. އަހަރެންގެ ހަގީގަތް އެގޭ ދުވަހަކު އޭނާ އަހަރެން ދޫކޮށް ގޮސް ދާނެ.” އައިމަން ދެރަވެފައި ހުރެ އޭނާގެ ބައްޕަ ތާއިލް އާއި ވާހަކަ ދެއްކިއެވެ. ” އަހަރެން ކުރިންވެސް ތިޔާގެ ނުރައްކާ ވަރަށް ރަނގަޅަށް އައިމަން އަށް ކިޔައިދީފަ އޮންނާނީ. އަހަރެން ބޭނުމެއް ނޫން ތިޔަ ގުޅުން އިތުރަށް ކުރިއަށް ގެންދާކަށް. ކުރިންވެސް ބުނިން. މިހާރުވެސް މި ބުނަނީ ތިޔަ ކުޅިވަރު ހުއްޓާލާ. ބަސް ގަބޫލު ނުކުރީމަ ދެން ކަންތައް ކުރާނެ ގޮތް އެނގޭނީ އަހަރެނަށް.” ތާއިލް ވާހަކަ ދެއްކީ ވަރަށް ރުޅި އައިސް ހުރެގެންނެވެ. ” އަހަރެންނަށް އޭރުވެސް އިނގޭ ޒޯޔާގެ ބައްޕައަށް ގޮވީ ބައްޕަކަން.” އައިމަން ވަރަށް ރުޅި އައިސްގެން ދުންތަކެއް ތެރެއަށް ވަދެގެން ގެއްލުނެވެ.

އައިމަން އޭނާގެ ބައްޕަގެ ބަސް ގަބޫލު ނުކޮށް ޒޯޔާއާއި ބައްދަލު ކުރަމުން ދިޔައެވެ. އޭއީ ވަރަށް ވިއްސާރަ ރެއެކެވެ. ޒޯޔާ ހުރީ ކުޑައެއް ހިފައިގެން ވާރެއިން ސަލާމަވެގެން އޭނާގެ ލޯބިވެރިޔާގެ އިންތިޒާރުގައިވެ. މާގިނައިރުތަކެއް ނުވެ އައިމަން އެ ގޭގެ މަދުގަސް ކައިރިން ލާފައި އަންނަނިކޮށް ޒޯޔާއަށް ފެނުނެވެ. ޒޯޔާ އައިމަން ކައިރަށް ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ޒޯޔާއަކަށް ކުރިއަކަށް ނުދެވުނެވެ. ޒޯޔާގެ އަތުގައި ހިފައިގެން ހުރީ އައިމަން އެވެ. ޒޯޔާ ކުރިއަށް ބަލާލިއެވެ. ފަހަތުގައިވެސް އަދި ކުރިމަތީގައިވެސް ހުރީ އެއް ސޫރައެކެވެ. އޭއީ އައިމަންއެވެ. ކުއްލިއަކަށް އަތުގައި ހިފައިގެން ހުރި އައިމަންގެ ސިފަ ބަދަލުވާން ފެށިއެވެ. އޭއީ ބިރުވެރި ސިފައަކަށް ހުރި އެއްޗެކެވެ. މޫނުގައި ހުރީ އެންމެ ލޮލެކެވެ. ބުރަކަށިން ފިޔަގަނޑެ ނިކުމެފައި ހުއްޓެވެ. މުޅި ގައިން ދޮސް ކަހަލަ އެއްޗެއް ފައިބަމުން ދިޔައެވެ.  ޒޯޔާއަށް ބޭއިހުތިޔާރުގައި ހަޅޭ ލަވައިގަނެވުނެވެ، ނަމަވެސް އަޑެއް ނުނިކުތެވެ. އޭތި ހުރީ ޒޯޔާގެ ކަރުގައި ހިފައި ވައިގެ ތެރެއަށް ނަގާފައެވެ. އައިމަން ވެސް އޭނާގެ ސިފަ ބަދަލު ކޮށްލުމަށް ފަހު އެ އެއްޗާ ދިމާލަށް ދުއްވައިގަތެވެ.

އައިމަން އޭތި ކައިރިން ޒޯޔާ ސަލާމަށް ކުރުމަށް ފަހު ޒޯޔާ ގަހެއްގެ ކައިރިގައި ބޭއްވިއެވެ. ޒޯޔާ އައިމަން އާއިދިމާލަށް ބަލާލިއެވެ. ޒޯޔާ އަށް ބިރުން ފަހަތަށް ޖެހެވުނެވެ. އަދި ބިރުން މީހާ ތުރުތުރު އަޅަން ފެށުނެވެ. އައިމަން ހުރި ސިފަ ފެނި ޒޯޔާއަށް ރޮވުނެވެ. އައިމަން ވެސް ހުރީ ހަމަ އެ ހުތުރު ސިފައިގައެވެ. ” ޒޯޔާ އަހަރެންނަށް މާފް ކުރޭ. އަހަރެން ގެ ސަބަބުން ޒޯޔާއަށް ގެއްލުމެއް ވާކަށް ނޭދެން.” އައިމަން ސިފަ އިންސާނަކަށް ބަދަލު ކޮށްލިއެވެ. އެވަގުތު ޒޯޔާގެ ރުއިމުގެ އަޑު މަޑު ވިއެވެ. ” އަހެރެން ނަކީ އިންސާނެއް ނޫން. އަހަރެންނަށް ޒޯޔާ ފެނުނީ ވަލުތެރެއިން. އޭއީ ރޭނގަޑެއް. ފަހުން އަހަރެމެން ދިމާވި ގެއެއްގެ ތެރެއިން. ޒޯޔާ ފެނުނު ފުރަތަމަ ފަހަރުވެސް އަހަރެންނަށް ލޯބިވެވިއްޖެ. ނަމަވެސް އަހަރެންގެ ބައްޕަ ގަބޫލެއް ނުވި އަހަރެން އިންސާނަކާ ގުޅޭކަށް. ބައްޕަ ބޭނުންވީ އަހަރެން ބައްޕަ ބުނާ މީހަކާ ގުޅެން. އަހަރެމެންގެ ރަސްގެފާނުގެ އަންހެން ދަރިޔާ އަހަރެން ގުޅެން. އެ ގުޅުމަށް ނުރުހުމުން ޒޯޔާ މަރާލަން ބުނި. އެރޭ ޒޯޔާގެ ބައްޕަ އަށްވެސް ގޮވި އަހަރެންގެ ބައްޕަ. އެއީވެސް ޒޯޔާ އަށް އަހަރެންގެ ހަގީގަތް ހާމަ ކުރުވަން. ” މި ހުރިހާ ވާހަކަ ދައްކާ ނިމުނު އިރު އައިމަން ހުރީ ފެން ކަޅި ވެފައިވެ. އެއްވެސް ޖަވާބެއް ޒޯޔާގެ ފަރާތުން ނައުމުން އައިމަން ޒޯޔާއަށް ބަލާލިއެވެ.

އޭރު ޒޯޔާ އޮތީ ހޭނެތިފައިއެވެ. އައިމަން ޒޯޔާނަގައިގެން ކޮޓަރިއަށް ގެންދިޔައެވެ. އަދި ވަރަށް ލޯބިން ބޮލަށް ބޮސް ދިނުމަށް ފަހު ޖާދުލުގެ ބޭނުންކޮށް ލިބިފައިވާ ޒަހަމްތައް އަދި އެރޭގެ ހަނދާންތައް ފިލުވާލުވާލުމަށް ފަހު  އައިމަން އެތަނުން ދިޔައެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ރޭގެ އެއްވެސް ކަމެއްގެ ހަނދާން ޒޯޔާ ނެތް ކަހަލައެވެ. އެ ދުވަހަށް ފަހު ޒޯޔާ އެއްވެސް އެއްޗެއް ހަނދާނެއް ނުހުރެއެވެ. އައިމަން މަތިން ވެސް ޒޯޔާ ހަނދާ ނެތުނެވެ. ނަމަވެސް އައިމަން ޒޯޔާ އުޅޭ ނޫޅެގޮތް ބަލައެވެ. އައިމަން އަދިވެސް ލޯބިވަނީ ޒޯޔާ ދެކިއެވެ. ޒޯޔާ އާއި ދުރަށް ދިޔައީ ޒޯޔާގެ ރައްކަލަކަށެވެ. ތާއިލް ކައިރިން ޒޯޔާ ސަލާމަތް ކުރާށޭވެ.

ނިމުނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close