ވާހަކަ

ކުރުވާހަކަ: ބިރުވެރި ރޭ

ލިޔުނީ: އިސްމާއީލް އަރުޝަމް – ގްރޭޑް 10

އެއީ މާބޮޑު ހަނދެއް ނެތް، އުޑުމަތި ބޯވިލާތަކުން ބައްދާލާފައި އޮތް ބިރުވެރި ރެއެކެވެ. ރަށުގެ އިރުމަތީ ފަރާތު އަތިރިމަތީގައި ހުރި ބޮޑު ނިކަގަސްދޮށުން ދަތުރުކުރަމުން ދިޔަ އަޙުމަދަށް އިހުސާސްވަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުވާ ފަދަ އާދަޔާޚިލާފު ފިނިކަމެކެވެ. ވަށައިގެންވަނީ ކަނު އަނދިރިކަމެވެ. ހަމައެކަނި އިވޭ އަޑަކީ ގަސްގަހުގެ ފަތްތައް ހަލުވައިލާ ވަޔާއި، ދުރުދުރަށް ބޮއްކުރާ ޖަހާ ރާޅުތަކުގެ އަޑެވެ.

އަޙުމަދު އަވަސް ހިނގުމެއްގައި ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކުއްލިއަކަށް އޭނާގެ ފަހަތުން މީހަކު ހިނގާ އަޑު އިވުނެވެ. ފިޔަވަޅުތަކުގެ އަޑު އިވެނީ ހަމަ އޭނާ ހިނގާ ރިދަމަށެވެ. އޭނާ މަޑުކޮށްލުމުން އެ އަޑުވެސް ކެނޑެއެވެ. އޭނާ ހިނގައިގަތުމުން އަނެއްކާވެސް އެ އަޑު އިވެން ފަށައެވެ. ބިރުން ގޮސް އަޙުމަދުގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ.

ގުޅުންހުރި ލިޔުންތައް

“ކާކު؟” އަޙުމަދު މަޑުމަޑުން އަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

އޭނާ ފަސް އެނބުރި ބަލައިލި ވަގުތު، ނިކަގަހުގެ ގޮފިތަކުގެ ތެރެއިން ފެނުނު މަންޒަރަކުން އޭނާގެ ލޭ ގަނޑުވި ކަހަލައެވެ. އިންސާނަކާ ނުލާހިކު ވައްތަރު، ނަމަވެސް އާދަޔާޚިލާފަށް އިސްކޮޅުން ދިގު، ކަޅު ކުލައިގެ ހިޔަންޏެއް ގަހުގެ ނިވަލުގައި ހުއްޓެވެ. އެ ސޫރައިގެ ލޯ ހުރީ ރަތް އަލިފާންކޮޅެއް ފަދައިން ދިހުން އަރައަރައެވެ.

އަޙުމަދު ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭނާގެ ފައި ބިމުގައި ތަތްވެފައި ހުރި ކަހަލައެވެ. އެ ސޫރަ މަޑުމަޑުން އޭނާއާ ދިމާލަށް ކައިރިވާން ފެށިއެވެ. އެއާއެކު މުޅި ސަރަހައްދަށް ފެތުރިގެން ދިޔައީ ކުނިވެފައިވާ މަހުގެ ނުބައި ވަހެވެ. ބިރުން ގޮސް ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް، އަރުން އަޑެއް ނުނިކުތެވެ.

ކުއްލިއަކަށް، ރަށު މިސްކިތުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ. އެއާއެކު، ކުރިމަތީގައި ހުރި ބިރުވެރި ސޫރަ ދުމަށް ވެގެން ވައިގެ ތެރެއަށް އުދުހިގެން ދިޔަ ފަދައިން ގެއްލިއްޖެއެވެ. އަޙުމަދަށް ހީވީ އޭނާގެ ހަށިގަނޑުން ބޮޑު ބުރައެއް ލުއިވިހެންނެވެ. އޭނާގެ ފައިގެ ބާރު އެނބުރި އައުމާއެކު، އެއްވެސް ފަސްބެލުމެއް ނެތި ގެއާ ދިމާލަށް ދުއްވައިގަތެވެ.

އެ ރެއަށްފަހު، އަޙުމަދު ދުވަހަކުވެސް އެކަނިމާ އެކަނި ރޭގަނޑު އެ ނިކަގަސްދޮށަށް ނުދެއެވެ. އެ ބިރުވެރި ރަތް ދެލޮލުގެ ހަނދާންތައް އޭނާގެ ސިކުނޑިން ދުވަހަކުވެސް ފޮހެވިގެން ނުދިޔައެވެ. މިއީ މާތްﷲ ލައްވާފައިވާ އިންސީންނަށް ނުފެންނަ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤެއްގެ ފަރާތުން އޭނާއަށް ކުރިމަތިވި ބިރުވެރި ތަޖުރިބާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close