ކުރުވާހަކަ: ހަގީގީ ސިފަ
ފާތުމަތު ޒައިނާ
ފެންނަ ފެނުމަށް އޭނާއަކީ އެހާ ހިތްހެޔޮ ރަނގަޅު އެހެންމީހުންގެ އިހުސާސްތައް ދަންނަ މީހަކު ކަމުގައި އެއްވެސް މީހަކު ހިއެއް ނުކުރާނެއެވެ. އެކަމަކު އާރިޔާންގެ ހިތްހެޔޮ އޯގާވަންތަކަން އަހަންނަށް ފެންނަންފެށީ އަހަރެންގެ ހަޔާތުގައި އައި އެންމެ ބޮޑު ކޮޅިގަނޑުގެ ތެރޭގައެވެ. ފެންނަ ފެނުމަށް ބިރުވެރި ޕާޓޭ ގޮތްގަނޑެއް ހުންނަ އާރިޔާން އަހަންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އަހަރެން އޭނާ އާއިމެދު ދެކެމުން އައި ގޮތް ލޯބީގެ ރާޅުތައް ބަދަލުވުމުންނެވެ.އެއީ މީގެ 6 އަހަރު ކުރިއެވެ. އަހަރެންނަކީ މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނިކަން ތުއްތުއިރު އަހަރެންގެ ބައްޕަ ނިޔާވެއްޖެއެވެ. އޭގެފަހުން އަހަންނަށާއި މަންމައަށް އެހީތެރިކަމުގެ އަތެެއް ފޯރުކޮށްލަދިނީ އަރިޔާންގެ ބަައްޕައެވެ.
އަބަދުވެސް އަރިޔާން އަހަންނާއި ވާހަކަ ދައްކާ އުޅެނީ ވަރަށް ހިތްހަރު މީހެއް ހެންނެވެ.ދުވަހަކުވެސް އޭނާ ހިނިތުންވެފައި ހުއްޓައިވެސް އަހަރެން ނުދެކެމެވެ. އެކަމަކު އަހަރެެމެން ދެމީހުން ދަންނަތާ 17 ވަަރަކަށް އަހަރު ވެދާނެއެވެ. އޭރު އޭނާގެ ކަމަކަށް އޮންނާނީ އަހަރެން ފެންނައިރަށް ރުޅިއެރުވުމެވެ. ކަމަކާ ދެރަވެފައި އަހަރެން ހުއްޓަސް އޭނާ ކުރާނީ މަލާމަތެވެ. ނޫނީ ކުރާނީ ޖެއްސުމެވެ. ދުވަހަކުވެސް ވިސްނަނީ ކޮންކަމަކާތޯވެސް އަހަރެން ކުރެން އޮޅުމެއް ނުފިލުވާނެވެ. އޭނާއާއި އެކަމެއް ހިއްސާކުރަން އުޅުނަސް އަޑެއް ނާހާ ތާނގައި އަހަރެން ވާހަކަ ދެއްކިޔަވެސް ނުދޭނެއެވެ.
ކަންމިހެން އޮތުމުން އަބަދުވެސް އަހަރެން އާރިޔާން ދެކެނީ ހިތްހަރު މީހެއްގެ ގޮތުގައެވެ. ހިތެއްގެ ބަދަލުގައި އޮންނަނީ ހިލައެކޭވެސް ހިތަށް އަރައެވެ. އިހްސާސްއަކީ އޭނާ ދަންނަވެސް އެއްޗެއް ނޫންކަން އަހަންނަށް އެތަށް ފަހަރަކު ސާބޮތުކޮށްދީފައިވާތީ އެކަމަކީ އަހަންނަށް އާކަމެއް ނޫނެވެ.
އެހެންނަމަވެސް ، އަހަރެންގެ ރޫޅިފައިވާ ހަޔާތް ކޮޅަށްނަގާ ބެހެއްޓުމަށް އެއަށް ސަޕޯޓް ދެމުންދިޔަ އަހަރެންގެ ހަޔާތުގެ ތަނބު އަހަރެންގެ މަންމަ މިފަނާވަނިވި ދުނިޔެއަށް އެ މަންމަގެ ފަހު ނޭވާ ދޫކުރިހިނދު އަހަންނަށް ފެނުނީ މުޅިން ތަފާތު އާރިޔަން އެކެވެ. އަހަރެންގެ ހިތް ކުދިކުދިވެގެން ބިމަށް އެ އެތިކޮޅުތައް ވެއްޓުނު ވަގުތު އެ އެތިކޮޅުތައް އަލުން ގުޅުވައިދިނީ އާރިޔަންގެ އޯގާތެރި ބަސްތަކާ ކުލުނުން ފުރިގެންވީ ނަސޭޙަތްތަކެވެ. އަަހަރެންގެ ޙަޔާތް ބިމާ ހަމަވި ވަގުތު ނަގާ ކޮޅަށް ޖަހައިދިނެވެ. އެދުވަހު ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން ކަނަކަށް ބިއް ޖެހިފައިވާ އިން އަހަރެންގެ ދިރުމެއްނުވާ ހަށިގަނޑަށް ދިރުން ގެނެސްދީ އާރިޔަންގެ އޯގާތެރިކަމެވެ.
އަހަރެންގެ މަންމަގެ މަރަށްފަހު އަހަރެންގެ ހުރިހާ ކަމެއް އާރިޔަން ކުރަމުން ދިޔައީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އޭނާގެ އަސްލު އެދުވަސް ތަކުގައި އާރިޔަން ދައްކުވައިދިނެވެ. ކިތަންމެ ނުލަފާވެފައި ރުޅިއެރުވިޔަސް އޭނާއަކީ އަސްލު ހަގީގަތުގައި ހިތްހެޔޮ ހިތްތިރި އޯގާވެރި މާތް އިންސާނެއްކަން އަހަންނަށް ވިސްނެން ފެށިއެވެ. އަހަންނަށް އަލަށް ފެނުނު އާރިޔަންގެ މި ސިފަ އަހަންނަށް ކަމުދާން ފެށިއެވެ. އޯގާތެރިކަމާއެކު ވާހަކަ ދެއްކުމާއި އަހަރެންގެ ވާހަކަ ކަނުލައި އަޑުއަހަން އިންނަ ގޮތެވެ. މީހުން ބުނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އެހެންނަމަވެސް އަހަންނަކީ މި ބުނުން ގަބޫލުކުރި މީހެއް ނޫނެވެ. ނަމަވެސް ، އާރިޔަން އަހަރެންގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލައި އުފަލުގައި އަހަރެން ގެންގުޅެން ވައުދުވި ދުވަހު އަހަރެން މި ބުނުން ގަބޫލު ކުރަން ފެށީމެވެ.
އަހަރެންގެ ހަޔާތުގައި އަންނަނީ ހުސް އަޑިގަނޑެވެ. އެހެންނަމަވެސް، މިއަދު އަހަރެންގެ ޙަޔާތް ވެއްޓިފައިވާ އަނދިރި އަނދަވަޅުން އަހަރެން ނަގައިދިނީ އާރިޔަންއެވެ. އެދުވަހު އަހަރެމެން ދެމީހުންގެ ދެމެދުގައި ޖެހިގެންދިޔަ ކައިވެނީގެ މަތިވެރި ގޮށް އަދިވެސް ވަރުގަދަކަންމަތީ އެބަހުއްޓެވެ. އެއްޒަމާނެއްްގައި އަހަރެން އެންމެ ނަފުރަތު ކުރާ އެންމެ ރުޅިއައި މީހާއަކީ މިއަދު އަހަރެންގެ ހުރިހާ އެއްްޗެކެވެ. އާރިޔަންއާއި އަހަރެންގެ ދިރިއުޅުން ދެމީހުން އެކުގައި ކުރިޔަށް ޖައްސަމުން މިދަނީ އެކުގައެވެ. ދިމާވާ ހުރިހާ ކަމެއްގައި އެކަކު އަނެކަކުގެ އެހީގައެވެ. ޢުމުރު އެކުގައި ހޭދަކުރަން ދެމީހުން ކޮންމެ ދުވަހަކު އެތަށް ވައުދެއް ވަމުންނެވެ . ޖަންނަތުގައި އަހަރެންގެ ލޯބިވާ ފިރިމީހާއާއި އެކު ލެއްވުންއެދި ދުޢާ އިޖާބަކުރައްްވާ ކަލާނގެއަށް ދުޢާ ދަންނަވަމުންނެވެ.
