ކުރުވާހަކަ: ނަތީޖާ
މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ލޮލުގައިވަނީ އަޖައިބެއް ކަހަލަ މަސްތުކަމެކެވެ. ބުޅި އިސްތަށިގަނޑު ވަނީ ހިފެހެއްޓުމެއްނެތި ދޫކޮށްލެވިފައެވެ. މާއިޝާ ބަލަމުން ދިޔަ ފިލްމުގެ ތެރެއަށް އޭނާވަނީ ހަމަ ރަނގަޅަށްވެސް ގެއްލިފައެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބުނީ ހޫނު އަތެއްގެ ބީހުމަކުންނެވެ. ފަހަތަށް އެނބުރި ބަލައިލިއެވެ. އެހެނަސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ހީވި ގޮތެއް ކަމަށް ނިންމާ އަނެއްކާވެސް ފިލްމުގެ ތެރެއަށް ވަނެވެ. ލޮލޮތެރެއަށް ނިދީގެ އަސަރު މަޑުމަޑުން ވަންނަމުން ދިޔަ ވަގުތު ދެވަނަ ފަހަރަށްވެސް ހަމަ އެ ހޫނު ބީހުމާއެކު ބިރުވެރި އަޑެއް އިވުނެވެ. އޭނާއޮތީ ފަހަތަށް އެނބުރި…..
ރިޒްކާ ލިޔަމުންދިޔަ ވާހަކަ ހުއްޓުމަށްކަށް ގެނުވީ މަންމަ އައިސް ކޮޓަރިއަށް ވަނީމައެވެ. އޭރު އޭނާގެ ކުރިމަތީގައިހުރި ކޮންޕިއުޓަރު ވަނީ ހުޅުވާފައެވެ. “ދަރިފުޅާ! ހިނގާ ބަތްކާން.. ފިޅާވަޅުތައް އަދިވެސް ނުނިމެނީތަ؟ ކޮންޕިއުޓަރ ހުޅުވައިގެން ކީއްތަ ތިކުރަނީ؟” މަންމަ ރިޒްކާގެ ފޮތްތަކަށް ބަލަންހުރެ ސުވާލުކުރިއެވެ. “މި ނިމެނީ.. މިއުޅެނީ ފިޅާވަޅަކާއި ބެހޭ މައުލޫމާތު ކޮޅެއް ނުފެނިގެން ” އަވަސް ޖަވާބަކަށްފަހު ހުޅުވާފައި ހުރި ކޮންޕިއުޓަރަށް ބަލާލުމަށްފަހު މަންމަ ފަހަތުން އޭނާވެސް ކާގެއާއި ދިމާއަށް ހިނގައިގަތެވެ.
މިއަދު މިއީ މިއަހަރުގެ ފުރަތަމަޓާމުގެ ރިޕޯޓްފޯމް ދޫކުރާ ދުވަހެވެ. މަންމަމެންގެ އުންމީދަކީ ރިޒޫ ކިޔެވި ހުރިހާ މާއްދާއަކުންވެސް އޭނާ އެންމެ މަތިން ފާސްވުމެވެ. އަދި ރަނގަޅު ނަތީޖާއެއް ކުލާހުން ލިބުމެވެ. ހުރިހާ މުދައްރިސުން ބުނަނީ ރިޒޫ ފިޅާވަޅުތައް ބަރާބަރަށް ނިންމާވާހަކައާއި ކިޔެވުން ރަނގަޅުވާހަކައެވެ.
މެންދުރުގެ ވަގުތުވެ. ދޮންބެއާއި ދޮންތަ އަދި ދޮންތަބެ އާއި ރިޒޫ ކާމޭޒުގެ ދެފަރާތުގައި އިށިއިދެލައިންގެން ތިއްބެވެ. ބައްޕަ ކޮޓަރިން ނިކުންނާނެ އިރަކަށް ކެއުން ނުފަށާ މަޑުކޮށްލައިގެންނެވެ. އެއީ މިހާރަކަށް އައިސް ވަރަށް މަދު ގެއަކުން ނޫނީ ނުފެންނާނެ ރީތި އަދައެކެވެ. ޔަޤީނެވެ. އާއިލާގެ މެންބަރުން އެއްތަނެއްގައި ތިބެ ކާއިހެދުމަކީ އާއިލީ ގުޅުން ބަދަހިވާނެކަމެވެ. މިއީ އަހަރެމެން އިސްލާމް ގަޑީގައި ކިޔަވާ ފިލާވަޅެކެވެ. އެހެނަސް ޙަޤީޤީ ދިރިއުޅުމުގައި އެ ދަސްކުރާ ރީތި އާދަކާދަތަށް ވެފައިވަނީ ހަމައެކަނި ކަރުދާހުގައި ފެވިގެންދާ ދެލީގެ ނިޝާނަކަށެވެ.
މާގިނައިރުތަކެއް ނުވިއެވެ. ބައްޕަ އައިސް ކާމޭޒު ދޮށުގައި އިށިއިނެވެ. “އަވަހަށް ކެއުން ފަށަމާ” މަންމަ ތައްޓަށް ފެން އަޅަމުން ވާހަކަދެއްކިއެވެ.
ރިޒްކާ ހުރީ ހިތްނުތަނަވަސް ވެފައެވެ. އަވަސް ކޮށްލައިގެން ސްކޫލާއި ދިމާއަށް ދާން މިސްރާބު ޖެހިއެވެ. މަންމަހުރީ ރިޒްކާގެ އަތުގައި ހިފައިގެންނެވެ. މަގުމައްޗަށް ހިޔާދީފައިވާ ގަސްތަކުގެ ހިޔަނީގެ ދަށުން ރަށުގެ ބޮޑުމަގުން ހިނގާފައި ގޮސް ދެމައިން ވަނީ ސްކޫލް ހޯލުތެރެއަށެވެ. އޭރު އެހެން ދަރިވަރުންވެސް ހޯލަށް ވަންނަމުންދެއެވެ. ރިޒްކާ އިނީ މަންމަގެއަތުން ދޫކޮށްލަންވެސް ނޭނގިފައެވެ. ނަތީޖާ ލިބޭނެ ގޮތަކުން މަންމަ ހިތްހަމަނުޖެހިދާނެކަމުގެ ބިރު ހީވާތީއެވެ. ޖަލްސާގެ ނަންބަރަކަށް ފަހު ނަންބަރެއް ނިމެމުން ދިޔައެވެ. އެންމެންވެސް އިންތިޒާރުކޮށްގެންތިބި ވަގުތު ޖެހިއްޖެއެވެ. ގުރޭޑް ދިހައެއްގެ ކުދިންގެ ތެރެއިން އޭރިޕޯޓް ލިބޭ ކުދިންގެ ނަންތައް އިޢުލާންކުރެވިއްޖެއެވެ. ކުލާހުގެ ގިނަ ކުދިންތަކަކަށް އެ ފަޚްރުވެރި ވަނަތައް ލިބުނު އިރު ރިޒްކާގެ ނަން ހޯލްތެރެއިން ވަނީ ބީރައްޓެހި ނަމަކަށްވެފައެވެ. މަންމަގެ މޫނުމަތީގެ ކުލަވަރު ބަދަލުވެފައިވާ ކަން ރިޒްކާއަށް އިހްސާސްކުރެވުނެވެ. އެހިނދު މަންމަގެ އަތުން ދޫކޮށްލެވުނީ މަންމަ ކުރި ސުވާލުންނެވެ. ” ދަރިފުޅާ! ކިހިނެތް މިވީ؟” ރިޒްކާއަށް ދޭނެ ޖަވާބެއް ދުލަކަށް ނައެވެ. އޭނާއަށް ރޮވޭގޮތްވުމުން މަންމަ އޭނާ ގޮވައިގެން ހޯލުން ނިކުމެގެން ގެއަށް އައެވެ.
ގެއަށް އައިސް ވަތްއިރު ހުރިހާ އެންމެވެސް ޓީވީއިން ދައްކާ ޝޯއެއް ބަލަން ސިޓިން ރޫމުގައި ތިއްބެވެ. މަންމަ ދޮންބެއަށް ގޮވާލިއެވެ. ” އަމީނު މިއަދު ރިޒްކާއަށް ދޭން ގެނައި ޓެބްލެޓް އަވަހަށް ގެނޭ. އޭނަ އެހުރީ މުޅި ކުލާހުންވެސް އެއްވަނަ ހޯދައިގެން އައިސް..” މަންމަގެ ރުޅިވެރި ބަސްތަކުން ގޭތެރޭގެ މަޖާކަން ގެއްލި އެންމެންގެ ސަމާލުކަން މަންމައަށް ހުއްޓުނެވެ. “މަންމަ! ކިހިނެތް ވީ؟ ހާދަ ހިތްހަމަ ނުޖެހިފަ. ވެގެންތިއުޅޭ ގޮތެއް ބުނެބަލަ؟” ދޮންބެ ކުރި ސުވާލުން ރިޒްކާގެ ރުއިމުގެ އަޑު އިތުރަށް ބާރުވިއެވެ. “މަންމާ! ދޮންބޭ! ދޮންތާ! އަހަރެންނަށް މަޢާފްކުރޭ! އަހަރެންނަށް ނުވިސްނުނީ.. މިދުވަސް އަންނާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން. މަންމަމެން އަހަރެންނަށްޓަކައި ވީ ޤުރުބާނީއާއި ހޭދަކުރި ފައިސާ އަދި ހޯދަދިން ތަކެތީގެ ބޭނުން ނަހަމަގޮތުގައި އަހަރެންނަށް ހިފުނީ…. ފިޅާވަޅުތައް ހަދަނީ މުޅިންވެސް ކުދިންގެ ފޮތް ގެނެސްގެން.. ކޮޕީކުރެވުނީ! ކޮންޕިއުޓަރުން ގޭމްކުޅުމަށް ވަގުތު ހުސްކުރެވުނީ! ފޭސްބުކުން ރަށްޓެހިކުދިންނާއި ވާހަކަދައްކާ ހެދުމަށް އާދަވި ވަރުން ކިޔެވުމަށް ދިން ސަމާލުކަން ގެއްލުނީ.. މުދައްރިސުން ދެއްވާ ވާހަކަ ލިޔުމާއި މަޒުމޫނުތައް މުޅިންވެސް އެކިއެކި ސައިޓްތަކުން ކޮޕީކުރެވުނީ.. އިމްތިހާނުގައި ވާހަކަ އެއް މަޒުމޫނެއް ލިޔާކަށް ނޭނގުނު. ފިޅާވަޅުތައް ދަސްނުކުރެވި މުޅިންވެސް ބޭކާރު ކަންކަމުގައި ވަގުތު
ހޭދަކުރެވުނީ… މަންމަމެން ދޭން ބޭނުން ކޮންމެ އަދަބެއް އަހަރެންނަށް ދިނަސް ހެޔޮ. އަހަރެންނަށް މަޢާފްކުރޭ! ދެން ދުވަހަކުވެސް އެގޮތަކަށް ކަންތައްކެއް ނުކުރާނަން”… ރިޒްކާގެ އުދާސްތައް އެއްފަހަރާ މަންމަމެންގެ ކުރިމައްޗަށް ބަންޑުންކުރިއެވެ. ހުރިހާ ޙަޤީޤަތެއް ހާމަވީއެވެ.
މަންމަ ރިޒްކާއަށް އެންމެފަހުން މަޢާފްކުރިއެވެ. އެހެނަސް އޭނާއަށް ދީފައި ހުރި ކޮންޕިޢުޓަރު ރިޒްކާގެ ކޮޓަރިން ނެރުނެވެ. އަދި ފޯނުވެސް ފޮރުވިއެވެ. ދޮންބެ ދޭން ގެނައި ޓެބްލެޓްވެސް އޭނާއަކަށް ނުދިނެވެ. މަންމަ އެކަމަށް އިންކާރުކުރުމުންނެވެ. ދެވަނަ އިމްތިހާނެއްގެ ނަތީޖާވެސް މިހެންވެދާނެތީއެވެ. އޭނާގެ ދަރިފުޅު ފެއިލްވާން މަންމަ ނޭދޭތީއެވެ. އާއެކެވެ. ކުލާހުގައި ދޭ ފިލާވަޅުތަކަށް މަކަރުހެދިދާނެއެވެ. އެހެނަސް އިމްތިޙާނުތަކުގައި މަކަރުހެދުމަކީ އުދަނގޫކަމެކެވެ. މިއީވެސް ފިޅާވަޅެކެވެ. އިބްރަތް ޙާސިލްކުރާށެވެ.
(ނިމުނީ)