ކިލަނބުވި ޙަޔާތް ( ތިންވަނަ ބައި)
ކިލަނބުވި ޙަޔާތް ( ތިންވަނަ ބައި )
ފެހިކަން ގަދަ ގަސްތަކުގެ ތެރެއިން ފިނި ވައިރޯޅިތައް ހަށިގަނޑުގައި ވައި އަޅުވާލުމަށްފަހު ފިލައިގެންދެއެވެ. ބައެއްފަހަރަށް ލޯބިވެރިންވެސް ޖެހިލާ ވައިރޯޅިއެއްފަދައިން ފިލައިގެންދެއެވެ. އެހެންކަމުން ދެ ލޯބިވެރިންގެވެސް އަމަލުތައް ބަހައްޓަމުން ދިޔައީ އެކަކު އަނެކަކަށް ނުގެއްލޭނެ ގޮތަށެވެ. މިއަދުވެސް މަސައްކަތުގައި ހޭދަވި ވުރެން ގަޑިތަކަށްވުރެ ގިނަވީ ދެ މީހުންގެ ލޯބީގެ ސަމާސާކުރުން ހޭދަ ކުރެވުނު ވަގުތުތަކެވެ . ވަގުތު ހޭދަކުރަމުން ދިއައީ ނުލާހިކު ލޯބިންނެވެ. އެކަމުގެ ފޮނި އިހުސާސް ދެ ލޯބިވެރިންވެސް ކުރަމުންނެވެ.
ދުވަސް ވަރަކީ މޫސުން ރީތި ދުވަސްވަރެއް ކަމުން ފަތުރުވެރިން ރިސޯޓަށް އަންނަލެއް އިތުރު ވަމުންދެއެވެ. އެމީހުންވެސް މި ނިޢުމަތުގެ ރަން މުތީ ތަކެއްފަދަ ރަށްތަކުން އުފާ ހާސިލްކުރަމުންދަނީ އޭގެ އިންތިހާއަށެވެ. ދޮންވެލި ތުނޑި މަތީގައި ރާޅުފެން ޖަހާ ހިސާބުގައި،ރުއް ގަސްތަކުން އަންނަ ފިނި ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލަމުން ދެއެވެ. “ސަންބެޑުތައް” މަތީގައި އަރާމުގައި އެކިއެކި ވާހަކަ ތަކާއި ފޮތްތައް ކިޔުމުގައި މަސްއޫލުވެގެން އުޅޭ ފަތުރުވެރިން ގިނަ ވަމުން ދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. އެހެންކަމުން ދެ މީހުން އެކީގައި ޗުއްޓީއަށް ދިއުމަށް ހަމަޖައްސާފައި އޮތް ދަތުރު ޖެހުނީ ފަސްކުރާށެވެ. މިކަމާ ނީޝާ ވަރަށް ދެރަވިއެވެ. ނަމަވެސް އިންތިޒާރު ކުރެވެމުން ދަނީ ދެ ލޯބިވެރިންނަށް އެކީގައި އުފާވެރި ދުވަސް ކޮޅެއް ހޭދަ ކޮށްލަން ދެވޭނެ ދުވަހަކަށެވެ. ދުވަސްތައް ފަށްފަށް ވަމުން ދިޔަވަރަކައް އެދެ ލޯބިވެރިންގެ ގުޅުން ބަދަހި ވަމުންގޮސް އެވާހަކަ ނީޝާގެ އާއިލާއަށްވެސް އެނގިއްޖެއެވެ. އެކަމާ އޭނާގެ އާއިލާ ވަރަށް ނުގަބޫލެވެ. އެމީހުން ބޭނުން ވަނީ އޭނާ މާލެ މީހަކާއި ދެވުމަށެވެ. އެކަމަކު ނީޝާގެ ލޯބި އޭނާގެ އާއިލާއާއި ދެކޮޅުހެދިއެވެ.
ލޯތްބަކީ ހަމައެކަނި ފައިސާ ނޫންކަން ނީޝާ އޭނާގެ މަންމައަށް ވިސްނައި ދިނެވެ. އެކަމަކު ފޫނެތް ފަޔަކަށް ފެން ފުރުމުގެ ބޭނުމެއްނެތެވެ. ކޮންމެ ގޮތެއް ވިޔަސް ނީޝާ ހުރީ އަޔާޝް އާއި ކައިވެނީގެ ގޮތުން ގުޅެން ތައްޔާރަށެވެ. އަލަތު ލޯބި ހާސިލް ކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވާންޖެހުނަސް އެކަމާއި ނީޝާ ފަރުވާލެއް ނެތްކަން އަޔާއަށް ޔަޤީންވެއެވެ. އެހެނަސް އަޔާގެ ލޯބި މިކަމަށް އިންކާރު ކުރިއެވެ. އޭނާ ބެލީ ނީޝާ އަށް ވިސްނައިދެވޭތޯއެވެ.
“ނީޝް އަހަންވާނީ މައިންބަފައިންގެ ބަސް. އެހެންނޫނަސް އަޔާއަށް ވުރެ ރަނގަޅު ބައިވެރިޔަކު ހަމަ ލިބިދާނެ ދޯ” އަޔާ ނީޝާއަށް ވިސްނައިދެމުން ދިއައީ އޭނާގެ ހިތާއި ދެކޮޅަށެވެ.
އެއްމަސް ދުވަސް ފާއިތުވެގެން ދިޔައީއެވެ. އަދިވެސް ދެ ދުލުން ކިޔަނީ އެއް ރާގެކެވެ. އެކަމަކު އަސަރުން ފުރިފައިވާ ހިތުގެ ރުއިން އަޑު އަހާނީވެސް މިއަދު ފަހެ ކާކު ބާއެވެ؟ އެކަނިވެރިކަން ވަށައިގެން ފެންނަމުން ދަނީއެވެ. އަޔާޝްގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެކަމަކު އަޔާޝްގެ ހިތި މާޒީ ހަނދާން ކުރާކަށް މިއަދު އޭނާ ބޭނުމެއް ނުވެއެވެ.
ވޭނީ ކަރުނަ ތަކަކުން އަޔާޝްގެ ހިތް ރޮއްވައިލައިފިއެވެ. ހިތްވަރު ކޮއްފައި އޭނާ ނީޝާ އަށް މެސެޖު ކުރިއެވެ. ” ނީޝް އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެންގެ ދިރިއުޅުން ނީޝްގެ ދިރިއުޅުމާއި ވަރަށް ތަފާތެވެ. އަހަރެންގެ މި ކިލަނބު ވަމުންދާ ދިރިއުޅުން ކަލާއާއި ހިއްސާ ކުރާހައި ހިތްވަރެއް މިއަދަކުނެތެވެ. ނަގަމުން އަންނަ އުދަބާނި ތަކަށްވެސް ވިސްނަން ޖެހޭނެއެވެ. “
ނީޝާގެ ހާސްވެފައިވާ ސިކުނޑިއަށް އަނެއްކައިވެސް އިތުރު ވޭން ތަކެއް އިތުރު ކުރަން އިޔާޝް ބޭނުންވަނީ ބާއޭ އެނާގެ ހިތަށްއެރިއެވެ. ” ވޭން ލިބެން ވީ ލޯބިން އުޅެމުން އަންނަ ލޯބިވެރިންނަށް އެކަނި ހެއްޔެވެ؟ އެކަނި ދިރިއުޅުން ވޭތު ކުރަން އެއްވެސް މީހަކު ބޭނުންވާނޭ ބާއެވެ؟
ބޭނުން ނުވިޔަސް ދިރިއުޅުން ވަކި ގޮތަކަށް ނިމުން ގިނަ ފަހަރަށް އޮންނަނީ އައިލާ ބޭނުންވާ ގޮތަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އައިލާ ބޭނުންވާ ގޮތަށް ދިރިއުޅުން ކުރިޔަށްގެން ދިޔުމުން، ހިތްހަމަ ޖެހިގެން އުފަލުގައި ދިރިއުޅެނީ ކިހިނެތް ހެއްޔެވެ؟ ފައިސާ އަށް ލޯބި ގަނެވިދާނެ ހެއްޔެވެ؟ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އުފާވެރި ދިރިއުޅުމެއް ލިބޭނީ އެމީހަކު ދެކެ ލޯބިވާ މީހަކާއި ގުޅިގެން ކަމެވެ.”
އަޔާ ކުރި މެސެޖުގައި ބުނަން އެއުޅޭ ވާހަކައެއް ނީޝާ އަކަށް ނަގައެއްނުގަނެވުނެވެ. އޭނާ ހީކުރީ އަޔާ އޭނާ އާއި ވަކިވާން ބޭނުންވެގެން ދައްކާ ބަހަނާ ތަކެއްކަމަށެވެ. އޭނާވެސް ނީޝާ ދޫކޮށްލަން ބޭނުން ނުވާކަން ހުދު ނީޝާ އަށްވެސް ވިސްނެއެވެ. (ނުނިމޭ)