ވާހަކަ

ދިޔަރެސް ( ފުރަތަމަ ބައި)

ކުޑަކުދިންގެ ވާހަކަ 55

           ރާޅުފެންފަށުގައި ކުޅެން ހުރި އުމުރުން އެންމެ 8 އަހަރުގެ އީވާން އަށް ކުއްލި ސިހުމެއް ގެނުވީ އެހިސާބުން ފެނުނު ދިހުންކުލަ އަރާ ރީތި ބަރަވެއްޔެއް ފެނުމުންނެވެ. އަވަސްގޮތަކަށް އެ ބަރަވެލި ނެގިއެވެ. އަދި މޫދުގެ ލޮނުން ވެލިތައް ފިލުވާލުމަށްފަހު އޭނާގެ އަތުގައި އޮތް ކުޑަ ރަތް ބާލިދީގެ ތެރެއަށް އޭތި ލިޔެވެ. އޭރު އިރުއޮއްސެން ކަރިވަމުން ދެއެވެ. އީވާން ކުޅެން ހުރިތަން ބަލަން ހޭޅިފަށުގައި އީވާނުގެ މަންމަ އިވުނާ އިނެވެ.

        “ދަރިފުޅާ! ދެން މިހާ ލަސްކޮށްފައި މޫދަށް ނޭރޭތި!” މަންމަ ނަޞޭހަތް ތެރިވިއެވެ. ނިކަން އުފަލުން ދުވަމުން އައިސް އީވާން އޭނާގެ މަންމައަށް ގޮނޑުދޮށުން އެއްކުރި ބޮލިތަކާއި މުރަކަތައް ދެއްކިއެވެ. “ވަރަށް ރީތި! ދެން ހިނގާ ގެއަށް ދަމާ! ކޮންމެ ދުވަހަކު މިހާ ލަސްވާފަހުން ގެއަށް ދިޔުމުން ބައްޕަ ހިތްހަމަ އެއްނުޖެހޭނެ”. މަންމަ އަވަހަށް ގެއަށް ދާން ބޭނުންވި ސަބަބު ބުނެދިނެވެ.

      އޭގެ ހަފްތާއެއް ފަހުން އައި ހުކުރު ދުވަހު އީވާންގެ ކުޑަކުޑަ އާއިލާ ރަށުގެ ދެކުނު ފަރާތުގެ ރީތި ދޮންވެލިގަނޑާއި ދިމާއަށް ޕިކްނިކް ދަތުރެއް ދިޔައެވެ. އީވާން އަކަށް ފަތާކަށް ނޭނގެއެވެ. އެހެންވެ ސީބެޑުގައި އީވާންގެ ބައްޕަ އޭނާ ގޮވައިގެން މޫދަށް އެރި ސަރަކާތް ޖެހުމުގައި ވަގުތު ހޭދަކުރިއެވެ. އޭރު މަންމަ އިނީ ހޭޅިފަށުގައި މެންދުރުގެ ކެއުން ތައްޔާރު ކުރާށެވެ.

      އޭގެ ކުޑައިރުކޮޅެއް ފަހުން އީވާން ރާޅުފެންފަށުގައި އެކަނި ބޭއްދުމަށްފަހު އިވާންގެ ބައްޕަ އާރިޒް ދިޔައީ މާސްކު ބަލައި އެއްގަމަށެވެ. އެވަގުތު އީވާނަށް މޫދުގެ ތެރެއިން ކާޓޫންތަކުން ފެންނަ ކަހަލަ ފެނުޕަރީއެއްގެ ސިފަގައި އޮތް އިންސާނެއް ފެނުނެވެ. އީވާން ނިކަން ބިރުގަތެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަލައިލިއިރު ފެންނާކަށް ނެތެވެ. އީވާން އެވާހަކަ އޭނާގެ މަންމަމެންނަށް ކިޔައިދިނެވެ. އެހެނަސް އެވާހަކަތައް އެއިން އެކަކުވެސް ޤަބޫލެއް ނުކުރިއެވެ. “ތިވާނީ ދަރިފުޅު އެކަނި ހުރީމަ ބިރުން ހީވި ގޮތެއް ކަމަށް” ބައްޕަ ޔަޤީންކަން ދިނެވެ. “ނޫން.. ހަމަ ރީތިކޮށް ޓައިލްވެސް އަޅުގަނޑަށް ފެނުން.. ” އީވާން އޭނާއަށް ފެނުނު ފެނުޕަރީ ސިފަކޮށްދިނެވެ.

ޖެހިގެން އައި ދުވަހު ހަވީރު ބައްޕަގެ ހުއްދަ ހޯދައިގެން މަންމައާއި އެކު އީވާން އަނެއްކާވެސް ފެނުޕަރީ ފެނުނު ދިމާއަށް ދިޔައެވެ. އަދި އެދުވަހު ފެނުނު ޕަރީގެ ހެދުމުގައި ހުރި ބަރަވެލިތަކުން ކޮންމެވެސް ވާހަކައެއް ބުނެދޭން އުޅޭކަން އީވާންގެ ޚިޔާލީ ސިކުނޑީގައި ކުރަހަމުން ގެންދިޔައެވެ. އޭނާ އަށް ހީކުރެވެމުން އެދަނީ އެ ފެނުޕަރީ އެވަނީ ކޮންމެވެސް ކަމެއް ބޭނުންވެގެންނެވެ. އެކަން ޙައްލުކުރުމަށް މީހެއްގެ އެހީ ހޯދަން ވެގެންނެވެ. އީވާން ޕަރީއަށް އެހީވާން ބޭނުންވެއެވެ. އެކަމަކު އީވާންއަށް ކުޑަމިނުން ފަތާކަށްވެސް ނޭނގެއެވެ. މޫދުގައި އުޅޭ އެއްޗަކަށް އެހީވުމަށް ފަތަން ދަސްކުރަން ޖެހޭކަމަށް އޭނާ ޤަބޫލުކުރިއެވެ. އަދި ބައްޕަގެ އެހީތެރިކަމާއެކު އީވާން ފަތަން ދަސްކުރުމަށް އަޒުމު ކަނޑައެޅިއެވެ. ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު އިވާން މަންމައާއި ދިމާއަށް އެނބުރިލިއެވެ.

       “މަންމާ ކުރީ ދުވަހު އަޅުގަނޑު ހޮވާފައި ދެއްކީމެންނު ރިހިކުލައިގެ ބަރަވެއްޔެއް ދޯ؟ އެވައްތަރުގެ ބަރަވެލިތަކެއް ވެސް ހުރި އެ ޕަރީގެ ހެދުމުގައި. ” އީވާން ފެނުޕަރީ ކާރޓޫން ބަލާފައި ވާތީ އެ ކާޓޫނުގައި ވާގޮތަށް ބަރަވެލިގައި ފިރުމާލުމުން ފެނުޕަރީ އަންނާނެ ހެން ހީކުރެވުނެވެ. އެހެން ހީކޮށް ނިކަން ލޯބިން ބަރަވެލީގައި ފިރުމާލިއެވެ. އަދި މޫދާއި ދިމާލަށް ބަލަހައްޓައިގެން ފެނުޕަރީގެ އިންތިޒާރުގައި ހުއްޓެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close