ވާހަކަ

ރާޔާ

ވާހަކަ ލިޔުނީ : އަހުމަދު އައުޝަމް (ގުރޭޑް 6)

ދުނިޔެއަކީ ވަރަށް ގިނަ އެކި ކަހަލަ މީހުން އުޅޭ ތަނެކެވެ. އެހެންކަމުން ދުނިޔޭގައި އުޅެން ޖެހޭނީ ވަރަށް ވިސްނައިގެން އެމީހަކަށް އުޅެވޭ އެންމެ ރަނގަޅަކަށެވެ. ރާޔާއަކީ ވަރަށް ބަސްއަހާ ރަނގަޅު އަޙުލާޤެއްގެ ވެރިއެކެވެ. ވިއްސާރަ ވިލާގަނޑެއްހައި ކަޅުކަން ގަދަ ފަން އިސްތަށި ގަނޑާއި ނޫކުލައިގެ ކަޅިއަކާއި އަދި ހަމަ އެހާމެ ދިގު ރީތި ކަމުން ފުރިގެންވާ ހަށިގަނޑެއްގެ ވެރިއެކެވެ.                      

     އުޑުމަތި ސާފު ދުވަހެކެވެ. ރާޔާ އަކީ ހެނދުނު ސްކޫލަށް ދާން ޖެހޭ ކުއްޖެއް ކަމުން އަވަހަށް ހޭލަން ޖެހެއެވެ. ރާޔާއަށް ހޭލެވުނީ އެނދުގެ އެއް އަރިމަތީގައި ހުރި ސައިޑު ކަބަޑު މަތީގައި އިން ގަޑި ސޯނާ ވާއަޑަށެވެ. ރާޔާ އަވަހަށް ހޭލައިގެން ސްކޫލަށް  ދާން ތައްޔާރުވިއެވެ. ރީތި ވެގެން ނިކުން އިރު މަންމަ ހުރީ ވަރަށް މީރުކޮށް ސައި ތައްޔާރުކޮށްފައެވެ. އަވަހަށް ސައި ބޮއެލައިގެން އޭނާ ދިޔައީ ސްކޫލަށެވެ.

      ސްކޫލަށް ދިޔައިރު ހުރިހާ ކުދިންވެސް އެންމެ ފުރަތަމަ ގަޑިއަށް ތައްޔާރުވަނީއެވެ. ފަސް ވަރަކަށް މިނެޓް ފަހުން ޓީޗަރުވެސް ކުލާހަށް އައެވެ. މިގޮތަށް ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް އިންޓަވަލް ގަޑި ޖެހިއްޖެއެވެ. އިންޓަވަލް ގަޑިއަށް ހުރިހާ ކުދިންވެސް ގެއަށް ދިޔައެވެ. ބައިގަޑިއިރު ފަހުން ހުރިހާ ކުދިންވެސް ކުލާހަށް އައެވެ. ކުރިއެކޭވެސް އެއްފަދައިން ހުރިހާ ކުދިންވެސް ގަޑިއަށް ތައްޔާރުވިއެވެ. ފުރަތަމަ ގަޑި މެދުތެރެއިން ރާޔާ ފާޚާނާ އަށް ދިޔައެވެ.

      ފާޚާނާ ކައިރީގައި ފެން އިސްކޫރުބަރި ހުރެއެވެ. އަބަދުވެސް މި ފެން އިސްކޫރު ބަރި ކައިރީ އެއް އުމުރު ފުރައިގެ ދެ ތިން ކުއްޖަކު އުޅޭނެއެވެ. ރާޔާ އަކީ އެހާ ގިނައިން ބޭރު ތެރޭގައި އުޅޭ ކުއްޖެއް ނޫން ކަމަށް ވާތީވެ ރާޔާ އާއި އެހެން ކުދިންނަކާއި މާބޮޑު ގުޅުމެއް ނޯވެއެވެ. ބައެއް ކުދިން ރާޔާ އަކީ ބަސްއަހާ، މޮޅު މަޑުމައިތިރި ކުއްޖެއް ކަމުން ރާޔާ ދެކެ ރުޅި އައިސް މަލާމާތްކޮށް އެއްޗެހި ކިޔައެވެ.

       މިކަމާ ރާޔާ ވަރަށް ދެރަވެއެވެ. ނަމަވެސް އެކަކު ކައިރީވެސް ނުބުނެ ހިތްވަރު ކޮށްލައިގެން ހުންނަނީއެވެ. ނަމަވެސް ތަކުރާރުކޮށް ކުދިންގެ ފަރާތުން ލިބެމުން ދިޔަ  މަލާމާތާއި ފުރައްސާރަކޮށް ހެދުމުގެ ނަތީޖާއަކަށް ވީ، ރާޔާ ކިޔެވުމާއި ދުރުވެ އޭނާގެ ކިޔެވުމަށް ދެމުން އައި ޝަޢުޤުވެރިކަން ކުޑަވުމެވެ. އަދި އޭނާ ދެކެމުން އައި މޮޅު ބަސްއަހާ ދަރިވަރަކަށް ވުމުގެ ހުވަފެންތައްވެސް ބަދަލު ވުމެވެ.

     ދުވަސްތައް ފާއިތުވަމުން ގޮސް ރާޔާ ސުކޫލަށް ނުދާން އެތަށް ބަހަނާއެއް ދައްކަންފެށިއެވެ. އޭނާގެ މަންމަ އެކަމާ ނިހާޔަތަށް ކަންބޮވިއެވެ. އެންމެފަހުން ރާޔާ އަށް ޖެހުނީ މަންމަ އަށް ހުރިހާ ވާހަކަ އެއް ކިޔައިދޭށެވެ. މި ވާހަކަތައް އަޑު އަހާފައި މަންމަ ވަރަށް ދެރަވިއެވެ. މަންމަ އެ މައްސަލަ ސްކޫލު އިދާރާއަށް ހުށެއެޅިއެވެ. ދުވަސް ކޮޅެއް ފަހުން ރާޔާ ކުރިއެކޭވެސް އެއްފަދައިން އޭނާގެ ހުވަފެންތައް ކޮޅަށް ޖަހަން މަސައްކަތް ފެށިއެވެ. ރާޔާގެ ކުލާސް މުދައްރިސް އޭނާއަށް ތަފާތު ގޮތްގޮތުން ނަޞޭހަތްދީ ވިސްނައިދިނުމުންނެވެ. އެންމެ ފަހުން ބޭއްވި ސްކޫލުގެ އިނާމު ދިނުމުގެ ޙަފުލާގައި ރާޔާ އަށް ” ބެސްޓް އޯލް ރައުންޑާރ ” ގެ މަޤާމު ލިބި ރާޔާގެ ހުވަފެން ހަޤީޤަތަކަށްވިއެވެ.                     

    މަލާމާތް ކުރުމަކީ އަނެކާގެ އުފާތައް ހިތާމައަށް ބަދަލުކޮށްލާ އެއްޗެކެވެ. އަދި އެކަމުގައި ހިފައިފި މީހަކު އެކަމާއި ދުރަށް ދާން ވަރަށް އުނދަގޫވާނެ ކަމެކެވެ. އެހެންވީމާ ހުރިހާ ކުދިންވެސް އެއްވެސް ކުއްޖަކު ބާކީ ނުކޮށް ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ.         

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close