ވާހަކަ

ނައުރީގެ ދޮންފިޔޮއް

(ކުޑަކުދިންގެ ވާހަކަ  17)

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނައުރީ ނިކުތީ އޭނާގެ މާމައާއި އެކު ކުޑަކުދިންގެ ޕާކަށް ދިއުމަށެވެ. ޕާކު އޮންނަނީ މާ ދުރުނޫން ހިސާބެއްގައި ކަމުން ހިނގާފައި ފަސް މިނެޓް ތެރޭގައި ދެވިއްޖެއެވެ. އެދުވަހަކީ ޕާކުގައި ނައުރީގެ ކުލާސް ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރާތީ ޕާޓީއެއްވެސް ބޭއްވި ދުވަހެކެވެ. އެހެންވެ އައީ ހަދިޔާއެއްވެސް ހިފައިގެންނެވެ.

     ޕާޓީގައި ތަފާތު މީރު ކާނާތަކާއި އަދި މަޖާ ކުޅިވަރުތައްވެސް ކުޅުން އޮތެވެ. މިކުޅިވަރުތަކުގައި ނައުރީ ބައިވެރިވެ މޮޅުވުމުން ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ލިބުނީ ކުޑަ ކޮށްޓަކަށް ލައިފައިވާ ފިޔޮކެކެވެ. ނައުރީއަކީ އެހާ ދިރޭތަކެއްޗަށް ފޯރި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން ލިބުނު ހަދިޔާއާއި މެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ.

     އޭނާ ބޭނުންވަނީ އެހެން ކުދިންނަށްވެސް ލިބުން ކަހަލަ ކުޅޭ އެއްޗިއްސާއި ތަފާތު ލުއިކާނާ ތަކެވެ. ނައުރީ އެކަމާ ބެހޭގޮތުން ޝަކުވާ ކުރުމުން މާމަ އޭނާއަށް ވިސްނައިދިނެވެ. “ދަރިފުޅަށް ތިޔަ ލިބުނީ އަސްލު އެހެންކުދިންނަށް ލިބުނު ހަދިޔާތަކަށް ވުރެ މާ ރަނގަޅު ހަދިޔާއެއް! އެކަން އަދި ދަރިފުޅަށް ފަހުން އެނގޭނެ. މިންވަރަށް ޝުކުރުކުރަންވާނެ”

މާމަގެ އެދުމުގެ މަތިން ނައުރީ އޭނާއަށް ލިބުނު ހަދިޔާ ހިފައިގެން ގެއަށްއައިސް މަންމަމެންނަށް ދެއްކިއެވެ. މަންމަމެން ވަރަށް އުފާވިއެވެ. މަންމަ އެފިޔޮއް ލާނެ ބޮޑު ކޮށްޓެއް ހެދިއެވެ. އަދި ކޮންމެދުވަހަކުވެސް ވަކި ގަޑިތަކެއްގައި ފިޔޮކަށް ކާންދިނުމަށާއި ބަލިވެއްޖެނަމަ ބޭސްދިނުމަށް ނައުރީ ގާތު އެދުނެވެ. އަދި ފެންވަރުވާ ސާފުތާހިރުކޮށް ފިޔޮއް ގެންގުޅުމަށް ދަސްކޮށްދިނެވެ.

    މަންމަގެ ބަސް އެހުމުގެ ސަބަބުން މިހާރު ނައުރީނަށް ދިރޭތަކެއްޗަށް އަޅާލާ އޯގާތެރިވާން ދަސްވެއްޖެއެވެ. ދުވަސްތަކަކަށްފަހު ދޮންފިޔޮއް ބޮޑުވެ ދޮންކުކުޅަކަށް ވިއެވެ. ކުކުޅުބިސް އަޅާ އިތުރު ފިޔޮއްތަކެއް ލިބޭ ކޮންމެ ފަހަރަކު ނައުރީއަށް އޭގެ ފައިދާ ކުރެއެވެ. މިހާރު ނައުރީއަށް އެދުވަހު ލިބުނު ކުޅޭތަކެއްޗަށް ވުރެ އެކުޑަ ދޮންފިޔޮއް މުހިންމުވީ ކީއްވެކަން ވިސްނިއްޖެއެވެ.   (ނިމުނީ)

ޢިބްރަތް: އެއްޗެއްގެ މުހިންމުކަން އެނގޭނީ، އެ އެއްޗެއްގެ ފައިދާ ލިބެންފެށުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close