ހީވާގިކަމުގެ ބަދަލު
ކުޑަކުދިންގެ ވާހަކަ 34
ވިއްސާރަ ދުވަސްވަރެކެވެ. އަލީމު ގޭގައި ބައްޕައާއި އެކު މިރުސް ދަނޑަށް ދާން ތައްޔާރުވަނީއެވެ. އަލީމުގެ ބައްޕައަކީ ހީވާގި ދަނޑުވެރިއެކެވެ. އަލީމުމެންގެ ދަނޑުގައި މިރުސްތައް އަޅާ ދޮންވެ ފައްކާވެފައި ހުރިތަން ފެނުމުން އެކަމާ ދެބަފައިން ނުހަނު އުފާވިއެވެ. މިރުސްތައް ބިނދެގެން ގެއަށް ގެނައެވެ. އަދި ބޮޑުފޮށިގަނޑަކަށް އެޅިއެވެ. ޖެހިގެން އައިދުވަހު ބޯޓުން މިރުސް ފޮށިގަނޑު މާލެ ފޮނުވުމަށެވެ.
ރޭގަނޑު ވަގުތެވެ. އަލީމު އިނީ ކޮޓަރީގައި ފިލާވަޅު ހަދާށެވެ. މަންމަ އައިސް ބަތްކާން ބުނުމުން ބަދިގެ ފަރާތަށް ދިޔައެވެ. އަލީމު ބަދިގެ ފަރާތަށް ދިޔަވަގުތު ކޮންމެވެސް މީހެއް ބަދިގޭގައި އުޅޭހެން ހީވިއެވެ. އަލީމު އެކަމަކާ އަޅައެއް ނުލައެވެ. އަލީމުގޮސް ވަނީ ކާގެއަށެވެ. ބަތްކައި ނިމުމުން ބައްޕަ ބުންޏެވެ. ” ދަރިފުޅާ! މިރުސްފޮށިގަނޑުގައި ނަން ޖަހާލަބަލަ.” އަލީމު މަޑު ހިނގުމެއްގައި ގެއަށްވަދެ މާކަރެއް ހިފައިގެން އައިސް ބަދިގެއަށް ވަނެވެ. އަލީމަށް ލިބުނީ ހައިރާން ކަމެކެވެ. މިރުސް ފޮށިގަނޑެއް މިހާރަކު ނެތެވެ. ވަގުތުން މަންމައާއި ބައްޕައަށް ގޮވައި އެވާހަކަ ބުންޏެވެ.
އަލީމަށް ކޮންމެވެސް މީހަކު ބަދިގޭގައި އުޅުންހެން ހީވި ވާހަކަ ކިޔައިދިނުމުން ބައްޕަ ބުންޏެވެ. “ތިޔަވާނީ މިގެއަށް އައި ވަގަކު ފޮށިގަނޑު ގެންދިޔައީ ކަމަށް”. ތެދެކެވެ. އަލީމަށް މިހާރު ވީ ގޮތް އެނގިއްޖެއެވެ. އޭނާ ކާގޭގައި ބަތްކާން އިންވަގުތު ވަގުކަލޭގެ މިރުސްފޮށިގަނޑު ގެންދިޔައީއެވެ. އަލީމު ހުރީ ނިކަން ދެރަވެފައެވެ. އަލީމު އެންމެ ބޮޑަށް ދެރަވީ އަލީމު ފުޓްބޯޅަކުޅޭ ބޫޓެއް ގަތުމަށް ރުފިޔާ އެއްކުރާތީއެވެ. ދަނޑުގައި މަސައްކަތް ކުރުމުން ބައްޕަ ކޮންމެ ފަހަރަކުވެސް މިރުސް ވިއްކައިގެން ރުފިޔާ އަލީމަށް ދީ ހަދައެވެ.
އޭގެ އެއްމަސްފަހުން އަލީމަށް ބޫޓެއް ބައްޕަ ގަނެދިނެވެ. އަލީމު އުފަލުން ހުރެ ބައްޕައަށް ޝުކުރު އަދާކުރިއެވެ. ދަރިފުޅުގެ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރާ ވާހަކަ ބައްޕަ ބުންޏެވެ. ތެދެކެވެ. ކޮންމެ މީހަކު ކުރާ ބުރަ މަސައްކަތުގެ އަގު އެމީހަކަށް ލިބޭނެއެވެ. އޮތީ ކެތްތެރިކަމާއެކު މަސައްކަތްކުރުމެވެ. (ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!
- އަލީމުގެ ބައްޕައަކީ ކޮންކަހަލަ މަސައްކަތެއްކުރާ މީހެއް؟
- މިރުސް ބިނދެފައި ފޮށިގަނޑަކަށް އެޅީ ކީއްކުރަންތަ؟
- ތިޔަ ކުދިންނަށް ހީވާ ގޮތުގައި މިރުސް ފޮށިގަނޑުގައި ނަންޖަނީ ކީއްވެ؟
- މިރުސްފޮށިގަނޑު ގެއްލުމުން އަލީމު އެކަމާ ދެރަވީ ކިއްވެ؟
- މި ވާހަކައިން ލިބޭ ޢިބުރަތަކީ ކޮބާ؟
ސުވާލުތަކުގެ ޖަވާބުތައް:
- އަލީމުގެ ބައްޕައަކީ ދަނޑުވެރިކަން ކުރާ މީހެކެވެ.
- މިރުސްތައް ވިއްކާލުމަށެވެ.
- ކާކުގެ އެއްޗެއްކަން ވަކިކުރުމަށެވެ. މިނޫނަސް ސުވާލުގެ ޖަވާބާއި ގުޅުން ހުރި ގޮތަކަށް ޖަވާބުދީފައިވާނަމަ ރަނގަޅުކަމަށް ބެލިދާނެއެވެ. އެކިކުދިންގެ ވިސްނުން ތަފާތުވާނެތީއެވެ.
- އަލީމު ފުޓްބޯޅަކުޅޭ ބޫޓެއް ގަތުމަށް ރުފިޔާ އެއްކުރާތީއެވެ.
- ކުރާ ބުރަ މަސައްކަތުގެ އަގު އެމީހަކަށް ލިބޭނެއެވެ.
“ތިޔަވާނީ މިގެއަށް އައި ވަގަކު ފޮށިގަނޑު ގެންދިޔައީ ކަމަށް” އަލީމު އެކަމާ ވަރަށް ދެރަވިއެވެ. ކޮބާ މިކަން ވީގޮތަކީ ކޮބާ ވަގުކަލޭގެ ކޮބާ ހިޔަނި؟ ކުދިން ސުވާލުކުރާނެ ދޯ އެކަމާ އެހެންވީމާ އޭގެ ޙަޤީޤަތް އެގެންބޭނުން.