ދޮންފުތު
ޖަލުގެ ތޭރިތަކުގައި ހިފަހައްޓާލައިގެން ހުރި ޒުވާނާގެ ވޭނީ ގިސްލުން މަޑުވަމުން ދިޔަަވަގުތެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑު ނުހަނު ދިގުވެފައިވާއިރު މޫނު މަތިން ވިދަވުމުން ދިޔަ ހިތި ކަރުނަތަކުުގައި އެ އިސްތަށިތައް ނުހަނު އޯގާތެރިކަމާއެކުގައި ފިރުމަމުން އޭނާގެ ހިތާމަގައި ބައިވެރިވާކަހަލައެވެ. އޭނާގެ ވަށައިގެން ވަނީ ހަމަހިމޭންކަމާއި އެކަނިވެރިކަމެވެ. އަނދިރިކަމާއި މާޔޫސްކަމެވެ. ހަތަރުފާރުގެ ތެރޭގައި މިނިވަންކަމެއް ނެތި ބަންދުވެފައި މިއަދު އޭނާ އެހުރީ ކީއްވެބާއެވެ؟ އޭނާގެ މަޒީގެ ފުންމިން ނޭނގޭ ކަނޑަށް ޚިޔާލުތައް ދޫކޮށްލެވުނެވެ. އެއީ މީގެ އެތަކެއް އަހަރުތަކެއް ކުރިއެވެ.
އަދީމް އޭނާގެ ރައްޓެއްސެއް ކަމަށްވާ އަކްރަމްގެ ގެއަށް ހެނދުހެނދުނާ މަސްބާނަން ތައްޔާރުވެގެން ދިޔައެވެ. އަދީމަށް ފެނުނީ ނިކަން ހައިރާންވާގަފަ މަންޒަރެކެވެ. އަކްރަމުގެ މަންމަ އޭނާއަށް އަނިޔާކުރާ މަންޒަރެވެ. މަންމަގެ ރުޅިވެރިމޫނު އަދި އަތުގައި އޮންނަ އިލޮށިފަތި ފެނުމުން އަދީމްގެ މޭކަރައިގަތެވެ. އަކްރަމު އޭނާގެ މަންމަގެ އަނިޔާއަށް ރޮމުން ރޮމުން މަންމަގެ ކިބައިން ސަލާމަތްވާން އުޅޭތަން ފެނުމުން ނިކަން އަވަހަށް އެގެއަށް ނުވަދެ އެނބުރި އޭނާގެ ގެއަށް ދިޔައެވެ. އެހެނަސް އަދިވެސް އޭނާގެ ސިކުނޑީގައި ދައުރުވެފައި ހުރީ ދާދި ދެންމެއަކު ފެނުނު މަންޒަރެވެ.
އަކްރަމުގެ މަންމަ: “ކަލޭ މިހާރު ތިޔަ އުޅެނީ މާ ބޮޑުވެގެން. ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން. ބޮއެފަ ނުބޯނެ އެއްޗެއް ނޭނގިގެން. ކަލެއަށް އަހަރެމެން ދޭ އެއްޗިހި މަދީތަ؟ މި ހިރަ ގޮތެއް ފޮތެއް ނެތް ކުއްޖާގަނޑާ!!! ކަލެއަށް މިއަދުން ފެށިގެން މިގެއިން ބޭރަށް ދިއުން ނިމުނީ. ކަލޭ ބައްޕައަށް ގުޅާފަ ބުނާނަން ކަލޭ މާލެ ގެންދަން. ޕޮލިހުންނާއި ހަވާލުކުރަން.
އަކްރަމް: މަންމާ! ކިހިނެތް ވެގެންތަ ތިޔަ އަނިޔާ ކުރަނީ! ކޮބާތަ މައްސަލައަކީ؟
އަކްރަމުގެ މަންމަ: “ކިހިނެތް ވީހޭ އެބަ އަހައެއްނު! ކަލެއަކަށް ނޭނގޭތަ ކަލެއަށް ކުރެވުނު ކަމެއް! ކަލޭ މިއުޅޭ އަދީމް މެންގޭ ކޮޓަރީގައި ގުރޫޕް ހަދާފަ ކޮއްޗެއް ބޮއެފަ ތިޔަހުރީ؟” ވަރަށް ރުޅިވެރި ރާގެއްގައި.
އަކްރަމް: “މަންމަ ކީކޭތަ ތިޔަކިޔަނީ؟ އަޅުގަނޑު ނުކުރަން” އޭނާ ވަރަށް ބިރުން ހުރެ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
އަކްރަމުގެ މަންމަ: ކޮން އަޅުގަނޑެއް ކިޔާކަށް މިއޮތީ ހެކި ފެންނަން.” އެހެން ބުނާއިރު އަތުގައި އޮންނަ ފޯނު އަކްރަމާއި ދިމާލަށް ދިއްކުރިއެވެ. ފޯނުން އެކުދިން ގުރޫޕް ހަދާފައިވާ ވޭޕް ބޯން ތިބި ވީޑިއޯ ފެނިގެންދިޔައެވެ. ފޯނާއި ދިމާލަށް އަކްރަމް ބިރުން ހުރެ ބަލަހައްޓައިގެން ދެލޯ ބޮޑުވެފައި ހުއްޓެވެ.
އޭގެ ދުވަސްކޮޅެއް ފަހުން މަގުމަތިން އަކްރަމްއާއި އަދީމް ބައްދަލުވިއެވެ.
އަދީމް: “ކަލޭ ހާސްނުވޭ ދުވަސްކޮޅަކުން ހުރިހާ ކަމެއް އޯކޭ ވާނެ.”
އަކްރަމް: ” ފުތު މަންމަޔާ ބައްޕަ އަށް މިކަން އޯކޭ ވިޔަސް މަގޭ މަންމަ ކަލޭއާ ވާހަކަ ދެއްކި ކަން އެނގުނަސް މަ ގެއަށް ވެސް ނުވައްދާނެ. މަ މިދަނީ”
އަދީމް: ” އޭތް.. އެ…އެ ކަޔޭ ހަމަ ޖެހިބަލަ. މަ ބައްޕަކައިޔަށް މިއަވަށު ދޮންދީދި އައިސް ކޮންމެވެސް ޗުކުޗުކެއް ލެއްވި. ބައްޕަ ބުނާތީ އަޑުއެހިން އެވީޑިއޯ އޮތް މީހަކު ހޯދަދޭށޭ. އެވާހަކަ އެއްވެސް މީހަކު ކައިރީ ނުދައްކާށެ. އަދި އެކަން ސިއްރު ކޮށްދޭށޭ ކިޔާފަ ރުފިޔާތަކެއް ދެނިކޮށް ފެނުން. އެހެންވީމަ މަށަށް ހީވަނީ ދެން އެކަން އެ ނިމުނީ ހެން.” އަދީމް ވާހަކަ ދެއްކީ ނިކަން ހަމަޖެހިލާފައެވެ. އޭނާ ބޭނުންވަނީ އަކްރަމްއަކީ ވެސް އޭނާހެން ހަމަޖެހޭ ގަޓުހުރި ކެރޭ މީހަކަށް ކުއްޖަކަށް ހަދާށެވެ.
އަކްރަމް: ” ކަޔެއް މަޔެއް ނުކިޔާ ހުރޭ.. ދުރުގަ ކަލެއަށް ނިމުނަސް މަށަކަށް ނުނިމޭ.. މިހިރީ މަށަށް ކޮށްލާފަ ހުރި ވަރު. މިއީ ކަލޭމެންގެ ކަންތަކޭ.. ކަލޭމެން ބުނި ބަހަކަށް ކުރިކަމެއް. މާ ޔޯ ވާން ވެގެން އަދި ފޮޓޯނަގާ ވީޑިއޯ ކޮށްފަ އެ ޑިލިޓް ކުރާކަށް އެކަތިވެސް ހަނދާނެއް ނެތް.” (އަދީމާއި ދުރަށް ޖެހިލުމަށްފަހު އެނބުރި ދަމުން ބުންޏެވެ.
ދުވަސްތައް މިކަހަލަ ގޮތަކަށް ދައުރުވަމުން ދިޔައެވެ. އަދީމްމެން ގޭގެ ސިޓިން ރޫމްގައި އޭނާގެ ބައްޕަ ގާސިމް ޓީވީ ބަލަން އިންދާ އޭނާގެ މަންމަ ވަޙީދާ ބޭރުން ގެއަށް އައިސް ވަނެވެ. ހީވާގޮތުންނަމަ އޭނާ އެއައީ އަވަށުގެ ގެއަކުން ދަރިފުޅުގެ ޚަބަރު ހިފައިގެންނެވެ.
އަދީމްމެން ކޮށްގެން އުޅޭކަންތައް އެއީ ކުރިކަމެއްތޯ ސާބިތުރުމަށް އަދީމްގެ މަންމަ ވަޙީދާ އޭނާގެ ފިރިމީހާ ގާސިމު ކައިރީ އެދުނެވެ. އެހެނަސް އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ. ޤާސިމް އިނީ ވަރަށް ފޯރީގައި ފުޓްބޯޅަމެޗެއް ބަލާށެވެ.
ވަޙީދާ: “ބަލަ ޤާސިމާ… ތިޔަ ޓީވީގެ އަޑު ތަންކޮޅެއް މަޑުކޮށްލާފަ މަ މިކީޔާ އެއްޗެއްއަޑުއަހާބަލަ.
ގާސިމް: ” ހޫން… މިހާރު ކީކޭ ކިޔަންތަ ތިޔަ އުޅެނީ…”
ވަޙީދާ: ” މިއަވަށު ލޮނުއަސާރަގޭ ތުއްތު ދެންމެ ކިޔާފި މިގޭ އަދީމް ސިގިރޭޓް ބޮނިކޮށް ފެނުނު ވާހަކަ. އެސޮރާއެކު އެއުޅޭ ދިލްކަރާގޭ ބާސިތުގެ ދޮށީފިރިހެންދަރި ނަޖީދު ވެސް އެ ބުއިކަމަށް ވަނީ. އެސޮރުމެން އެ ބޯން ތިބިތަން ބަލަން ހުރީ މީހަކުއޯ އެވާހަކަ އެއް ބުނީ ތުއްތު ކައިރީ. ” ވަރަށް ރުންކުރު ރާގެއްގައި ވާހަކަ ދެކެވުނަސް، ވަޙީދާ އޭނާގެ ފިރިމީހާގެ ސަމާލުކަން ލިބޭތޯ ބެލިއެވެ.
ގާސިމް: ކޮންތާކު އޯ ތިޔަކަމެއް ކުރީ؟ މާ ގަޔާނުވާ ރާގެއްގައި ގާސިމް ސުވާލުކޮށްލިއެވެ.
ވަހީދާ: މުންނާރު އަވަށުގައި ހުރި ފަޅުގެއެއްގެ ތެރޭގަޔޯ… ވެދާނެ އެއީ އަހަރެމެން ކުދިން ރަނގަޅުކަމުން މިރަށު މީހުން ހަސަދަލައިގެން ކިޔާ އެއްޗަކަށްވެސް… އަޅެފަހެ މަގޭ ދަރިންނަކީ އެޒާތުގެ ކަތި ފިޔަވަޅު އަޅާނެ ކުދިންނެއް ނޫން. އެސޮރު އެއުޅެނީ އިސްކޫލު ނިންމާގޮތަށް އެދުބޭ ގޭގަ. އެދުރުބޭ އެކުދިން ގޯސް މަގަކުން ދިޔަކަ ނުދޭނެ.” ވަޙީދާގެ މޫނުމަތިން ފޫހި ޒާތަކަށް ތުންދެމުމުގެ އަސަރު ފެންނަށް ހުއްޓެވެ.
ގާސިމް: “ހޫމް، ހޫމް.. ތިޔައީ ވެދާނެ ގޮތެއް. އަޅެ އެބައަންނަން ބޭރަށް ޖެހިލާފަ.” ދުފުންގަނޑު މީރުކޮށްލަމުން ގާސިމް ކޮޅަށް ތެދުވެ މުންޑު ރީތިކޮށްލިއެވެ.
ވަހީދާ: “އަންނައިރު ވަޅޯމަސްކޮޅަކާއި ފިޔާ ކިލޯއަކާއި އަސޭމިރުސް ޕެކެޓެއް ގެނެސް ދެއްޗޭ”
ޤާސިމް: ބަލަގަ މަ މިދަނީކީ ވިޔަފާރިގެއަކަށް ނޫނެ. މިދިމާލު އަތިރި މައްޗަށް ފިނިކޮށްލަން… މި ރަށުތެރޭގައި ދެކެވޭ ވާހަކަތައް އަޑުއަހާލަން… އަދީމް ފޮނުވާ މިއޮތީ ސަކޭތަކަ ރުފިޔާ…
އަދީމަށް ލިބުނީ ރަނުގެ ފުރުޞަތެކެވެ. ފިހާރައިން ޒުވާން ކުއްޖަކު ލައްވާ ސިނގިރޭޓް ފޮއްޓެއް ގަނެގެން ގެނައެވެ. އަވަސް ގޮތަކަށް ގެއަށްގޮސް ސިނގިރޭޓް ފޮށި ފޮރުވުމަށްފަހު ބަދިގެ ފަރާތަށް ދިޔައެވެ.
ވަޙީދާ: “ކޮބާ ބާކީވި ރުފިޔާ.؟” ހައިރާންކަމާއެކު ސުވާލުކުރިއެވެ.
އަދީމް: “މިހިރީއެއްނު. ފިޔާ…” ސަމާސާ ރާގެއްގައި ފިޔާ ކޮތަޅާއި ދިމާލަށް އިނގިލިދިއްކޮށްލަމުން އަދީމު ބުނެލިއެވެ.
ވަޙީދާ: ” މަންމަ މިކިޔަނީ ތިޔަ ފިޔަލުގެ ވާހަކައެއް ނޫން. ރުފިޔާ ކޮބައިހޭ؟ ” ރުންކުރު ގޮތަކަށް ވަރަށް ދަމާލާފައި ވަޙީދާ ބާކީ ރުފިޔާގެ ވާހަކަ އެއްސެވެ.
އަދީމް: ބައްޕަ ބުނެފައެއް ނު އޮތީ ފިހާރަޔަށް ދާ ދުވަހަކު ވިއްޔާ ބާކީ ބައި އޮންނާނީ ފުތަށޭ… އެއީ ފުތު ބަސްއަހަގެން ކިޔަވާތީ ބައްޕަ ދެއްވާހަދިޔާއެކޭ… މަންމަ މިހާރު ހަނދާން ނެތުނީތަ. ؟” ވަރަށް ފޮނިވެފަ ހުރެފައި އަދީމް ޖަވާބު ދިނެވެ.
ވަހީދާ: ” ހޫން ހޫން.ދެން ހެވޭ ތިޔައީ ބައްޕަގެ ދޮންފުތު ވިއްޔާ!………. ފިލާވަޅުތައް ހަދަން ދޭ…” ބުރަށީގައި ފިރުމާލައިފައި ވަޙީދާ އޭނާގެ ދަރިފުޅު އެތަނުން ފޮނުވާލިއެވެ. (ނުނިމޭ)
