ވާހަކަ

ސިހުން (ތިންވަނަ ބައި)

ސިހުން ( ތިންވަނަބައި )

އެނާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ހުރިހާ ފޮޓޯއެއްވެސް ހުރީ ކެމެރާގައި ރައްކާކުރެވިފައެވެ. އެކަމަކު ފެނުނު އާދަޔާ ޚިލާފުހުރިހާ ކަމެއް މަޑުމަޑުން ފޮޓޯތަކުން ފަނޑުވަމުން ގޮސް އެ މަންޒަރާއި ވަކިވަމުން ދަނީއެވެ. ލިބުނު ސިހުމާއެކު ކެމެރާ އެނދުމައްޗަށް އެއްލާލެވުނެވެ. ދެން ފެނުނީ ދުންތަކެއް ކެމެރާގެ ތެރެއިން ނިކުމެދެން ދިޔަތަނެވެ. ހުޅިވިފައިވާ ކުޑަދޮރުން އެ ދުންތައް ނިކުމެގެން ދިޔަތަން ބަލަން ލިބުނު ސިހުމުގައި ލޫތަށް އިނދެވުނީއެވެ. އެވަގުތު އަނެއްކާވެސް ލޫތުގެ ފޯނު ރިންގުވިއެވެ.

ނާޖީއަށް ނުނިދިގެން އުޅޭތީއެވެ. ބިރުން ރޯތީއެވެ. “ކޮބާ ފޮޓޯތައް ބެލީތަ؟” ކެތްމަދުވެފައިވާ ރާގެއްގައި ރިފޫ ވާހަކަދެއްކިއެވެ. “އަހަރެން ބުނާއެއްޗެއް ޤަބޫލުކުރާނަންތަ؟” ލޫތު ބޭނުންވީ ރިފޫގެ ކިބައިން ޔަޤީންކަމެވެ. އޭނާ ދައްކާ ވާހަކަތައް ޤަބޫލުކުރާށެވެ. ޙަޤީޤަތް ފެނުނީ އޭނާއަށެވެ. ހެކި ދެއްކޭނެ ގޮތެއް ނެތެވެ. އެބިރުވެރިކަން ހުރިހާ ފޮޓޯތަކުން ވަކިވީއެވެ. ކަންވީގޮތް ލޫތު ރިފޫއަށް ކިޔަދިނީ ޤަބޫލުކުރާނެ ކަމަށް އެއްބަސްވުމުންނެވެ. އެއަޑުތައް އިވުމުން ރިފޫގެ މެޔަށް ހީވީ ފެން އެއްޗެއް އަޅައިލިހެންނެވެ.

މީހުންތައް ނިދައި ފައިހިލަވަޅު އޮބި ފުރަމެންދަން ވަގުތު ޖެހުނީއެވެ. ނާޖީއަށް ދޭތެރެ ދޭތެރެއިން ހޭލެވެނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭނާ ރޮއެހަދާތީ ރިފޫއަކަށްވެސް ނިދޭގޮތެއް ނުވިއެވެ. މާއީވެސް އުޅުނީ ހަމަ އެފަދަ ހާލެއްގައެވެ. އޭނާގެ ކޮޓަރި ތެރެއިން ދިގު ކަޅު ހިޔަންޏެއް އުޅޭހެން ހީވެއެވެ. ބައެއް ފަހަރު އެ ހިޔަނި ދުންގަނޑެއްގެ ގޮތުގައި ހުރެފައި ގެއްލިދެއެވެ. އަނެއްބައި ފަހަރު ބިޔަ ގަހެއްގެ ސިފައަށް އެ ހިޔަނި ބަދަލުވެފައި ހުންނާތީ ފެނެއެވެ. ހުވަފެނުންވެސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. ހީވަނީ ކޮންމެވެސް ކަމެއް ބުނެދޭން މަސައްކަތް ކުރާ ހެންނެވެ. އެކަމަކު އެހިޔަންޏާއި ކުރިމަތި ލާނެ ހިތްވަރެއް މާއީއަކަށް ނުލިބެއެވެ. ހިޔަނި ފެނުނު ދެފަރުވެސް އޭނާ ބިރުން ހެޔަށްގޮތްވެގެން ވެއްޓުނެވެ. އަނެއްކާވެސް ހޭވެރިކަން ވަނީ އެފެންނަ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ފަތިސް ނަމާދުގެ ބަންގި ގޮވުމާއި ހަމައަށް މި ނާމާންކަން މިގޮތުގައި ދެމިއޮތެވެ. މާއީގެ މަންމަ އޭނާއަށް ފަތިސް ނަމާދުކުރަން ގޮވަން ކޮޓަރިއަށް ވަނެވެ. އޭރު މާއީ އޮތީ ކޮޓަރިތެރެއަށް ވެއްޓިފައެވެ. އޭނާގެ މަންމައަށް ލިބުނު ނުތަވަސްކަމާއެކު ފިރިމީހާ ހަސަންފުޅަށް ގޮވިއެވެ. މާއީގެ ހާލު ވަރަށް ބޮޑެވެ. ލޫތަށް އެކަން އެނގުނީ ފަތިސް ނަމާދަށް ދިއުމަށް ގެއިން ނިކުމެ ހިނގައިގަތުމުންނެވެ. މާއީގެ ގޭގެ ދޮށުގައި މީހުން ޖަމާވެގެން އުޅޭތީއެވެ. ޚަބަރު ބެލުމަށް އޭނާވެސް އެދިމާލަށް މިސްރާބު ޖެހިއެވެ. މީހުންތަކުގެ ތެރެއިން ފުރޭނެމުން ފުރޭނެމުން ގޮސް މާއީގެ ކޮޓަރިއާއި ހަމައަށް ދެވުނެވެ. އޭރު ލޫތު ހުރީ ވެގެން އުޅޭގޮތެއް ޔަޤީން ނުވާތީ ނިކަން ހާސްވެފައެވެ.

އެއްބަޔަކު މަޑުމަޑުން އެކަކު އަނެކަކުގެ ކަންފަތްދޮށުގައި ސިއްރު ބުނާ ބުނާބަސްތައް އެންމެ ފަހުން ލޫތުގެ ކަންފަތުގައި ޖެހިއްޖެއެވެ. މާއީއަށް ޖިންނި ފަރާތު ކަމެއް ޖެހުނީއެވެ. ކުޑައިރުކޮޅެއް ފަހުން ރަށުގެ ސިއްޙީ މަރުކަޒަށް ގެންދިއުމަށް އެންބިއުލަންސް ގޭދޮށަށް ގެނެވުނެވެ. މާއީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ގެންދާތާ 3 ގަޑިއިރުވީއެވެ. އޭނާގެ މަންމައާއި ބައްޕަ އެކަމާ ފިކުރުބޮޑުވެގެން ހަލާކު ވަނީއެވެ. ލޫތު ވިސްނަ ވިސްނާ ކުދިކުދި ވަނީއެވެ. އެދިމާވި ނާމާން ހާދިސާގެ ކަމެއް ތޯ ނޫނީ އެހެންކަމެއްތޯއެވެ.

އިރުއެރުމާއެކު މުޅި ރަށުގައި މާއީގެ ޚަބަރު ފެތުރިއްޖެއެވެ. އޭނާގެ ޙާލު އެނގުނު ވަގުތުން ފެށިގެން ލޫތުގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރިފޫއާއި ނާޖީގެ ޙާލަކީވެސް ހަމަ އެއީއެވެ. ހިތް ނުތަވަސް ވަނީއެވެ. އާއެކެވެ. އެއީ އެ ފެނުނު ބިރުވެރިކަމުގެ ސަބަބުން ވެގެން އުޅޭގޮތެއްކަން ހަމަ ޔަޤީންކުރަން އޭނާ ބޭނުންވި ނަމަވެސް އެހެން މީހުން އޭނާ ދައްކާ ވާހަކަ ޤަބޫލުކުރާނެ ހެއްޔެވެ؟ އެމީހުންގެ ސަބަބުން މާއީއަށް އެލިބުނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އޭނާގެ އާއިލާއަށް އެލިބެމުންދަނީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟

ލޫތުގެ ވާހަކަތައް ރިފޫ ނާޖީއަށް ކިޔައިދިނީ ބަދަލުކޮށްގެންނެވެ. ފޮޓޯތަކުން އެކަހަލަ އެއްވެސް އާދަލާ ޚިލާފުކަމެއް ފެންނަށް ނެތްކަމަށެވެ. އެއީ ބިރުން ތިބުމުން ހީވިގޮތެއް ކަމަށް އޭނާގެ ޅަސިކުނޑިއަށް ވިސްނައިދިނެވެ. އޭނާ އެކަމާ ވިސްނާނެތީއެވެ. ނާޖީއަކީ ކަންކަން ސިއްރުކުރަން އުނދަގޫ ކުއްޖެކެވެ. ދިމަވާ ކަންކަން މަންމަ ކައިރީ އޭނާ ކިޔާހަދައެވެ. އަދިވަކިން މިޒާތުގެ ބިރުވެރިކަމެއް އޭނާއަށް ސިއްރުކުރަން އުނދަގޫވާނެއެވެ.

ލޫތުގެ ކެމެރާއިން އެ ފޮޓޯތައް ނާޖީއަށް ދެއްކިއެވެ. އެނާ ހަމައަކަށް އެޅުނީ އެހިސާބުންނެވެ. ކެމެރާ ހިފައިގެން ލޫތު ވަނީ ގެއަށެވެ. އޭރު ރިފާއާއި ނާޖީ ލޫތުގެ ގޭދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. “މާއީގެ ޚަބަރެއް ނުވޭތަ” ނާޖީ ހާސްވެފައިވާ އަޑަކުން ބުންޏެވެ. އޭރު ލޫތު ސައިކަލުގައި މަރުކަޒަށް ދިއުމަށް ނިކުންނަނީއެވެ. “މަ މިދަނީ އެދިމާލަށް. ނާޖީ ދެން ގޭދޮށަށް ދޭ! ގުޅާނަން ދެވުނީމަ.” ލޫތު ލައިގެން ހުރި ހުދު ޓީޝާޓްގެ ގިރުވާން ރީތިކޮށްލިއެވެ. “މަ ވެސް ބޭނުންދާ.” ރިފޫ އެހެންބުނެ ލޫތުގެ ފަހަތަށް އެރިއެވެ. ލޫތު ނާޖީއަށް އަވަސް ކަޅިއެއް އެއްލުމަށްފަހު ސައިކަލު ދުއްވާލިއެވެ.  ނާޖީ ގެއާއި ދިމާލަށް ހިނގަތެވެ.

ސައިކަލުން ފޭބުންކަމެއް ނޭނގުނެވެ. ލޫތާއި ރިފޫ ދުވެފައި ކަހަލަ ގޮތަކަށް ވަނީ މަރުކަޒުގެ ތެރެއަށެވެ. އޭރު މާއީ ހޭއަރައިފިއެވެ. އެކަމަކު އޭނާއަށް ވަނީ ވާހަކަދައްކަން އުނދަގޫވެފައެވެ. ކަރުތެރެ ބެދިގެން ނޭވާލާން އުނދަގޫވެފައިވާ މީހެއް ފަދައިން މާއީ އެނދުމަތީގައި އޮތެވެ. ޑޮކްޓަރުންނާއި ނަރުހުން ދެމުން ގެންދާ ފަރުވާއަކުން އޭނާއާށް މާ ބޮޑު އަސަރެއް ކުރާ ހެނެއް ހިޔެއް ނުވެއެވެ. ލޫތު ފެނުމުން މާއީ ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތް ކުރިމެއެވެ. އެހެނަސް އޭނާގެ ކުރިމަތިން ފެންނަން އެހުރި ކަޅުހިޔަނި އެކަމަށް ހުރަސް އަޅަނީއެވެ. ލޫތު މާއީ ދައްކާ ވާހަކަ އަޑުއެހުމަށް އޭނާ އޮތް އެނދާއި ކައިރިވެލިތަނާ މާއީ ބިރުން ރޮއެގަތެވެ. “ލޭ…..ލޭ…..” މާއީ އަށް ބުނެވުނީ އެހާ ވަރަށެވެ. އޭނާގެ ޚަބަރު ހުސްވީއެވެ. އެވަގުތު ލޫތު އޭނާގެ ޓީޝާޓުގައި ހިފަހައްޓާލިއެވެ. މާއީ އިނގިލި ދިއްކުރުމުންނެވެ. އޭނާއަށް ކޮންމެވެސް ފިނިކަމެއް އިހްސާސް ކުރެވުމުންނެވެ. ތެދެކެވެ. ހުދު ޓީޝާޓްގެ އެއްބައި ވަނީ ކަޅުރަތް ލެއިން ފޯވެފައެވެ. އެމަންޒަރު ރިފޫއަށް ފެނުމުން އޭނާ ހެޔަށްގޮތްވެގެން މަރުކަޒުގެ ތެރެއަށް ވެއްޓިއްޖެއެވެ. ނަރުސް ކުރިން އޭނާ ގެންގޮސް އެނދުގައި ބޭއްވިއެވެ. ބޭހޯސްވެ ލޫތު އޭނާ ލައިގެން ހުރި ޓީޝާޓް ގައިން ބޭލުމަށްފަހު ދުރަށް އެއްލައިލިއެވެ.  ޓީޝާޓް ގޮސް ޖެހުނީ ހަސަންފުޅުގެ މޫނުމަތީގައެވެ. މި ފެންނަ ބިރުވެރިކަމުގެ އެއްވެސް ކުލަވަރެއް ވަށައިގެން ތިބި އިތުރު އެއްވެސް މީހަކަށް ނުވާކަހަލައެވެ.

“މީ ކޮންކަމެއް؟ ކަލޭމެން މިތާ ތި ޖަހަނީ ކޮން ސަކަރާތެއް.” ހިތްދަތިވެފައި ހުރިނަމަވެސް ހަސަންފުޅުގެ އަޑުގައިވަނީ ނުހުރުމުގެ އަސަރެވެ. ލޫތު ނިކަން ޖެހިލުންވިއެވެ. އަދި ވަރަށް މަޑުމައިތިރިކަމާއެކު ގޮސް މަޢާފަށް އެދި ޓީޝާޓްގައި ހިފިއެވެ. އަނެއްކާވެސް ލިބުނީ ނިހާޔަތުގެ ޙައިރާން ކަމެކެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close