ވާހަކަ

ދިޔަރެސް (5 ވަނަ ބައި)

ކުރީގެ އަދަދާއި ގުޅޭ

އެއީ މީގެ އެތައް އަހަރުތަކެއް ކުރިއެވެ. އާރިޒު އޭނާގެ ބައްޕަމެންނާއެކު މަހަށް ގޮސް އުޅުނު ދުވަހެކެވެ. ނިކަން ފަތިހާ އެންދަމަން ދޯނީގެ އެއްބަޔަކު ތައްޔާރުވިއެވެ. ފިންސާއި މާސްކު ރަނގަޅުކޮށްލުމަށްފަހު އެންމެ ފުރަތަމަ ކަނޑަށް ފުންމާލީ އާރިޒެވެ. އެންގަނޑާއި ދިމާލަށް ދާ ހިފައިގެން ދިއުމުގެ ތެރޭގައި އާރިޒުގެ ލޮލުގައި އަޅައިގަތީ މުޅިން ތަފާތު ސިފައަކަށް އޮތް އިންސާނެއް ވަރުގެ  ވިލުފެހިކުލައިގެ މަހެކެވެ. އެމަސް ތަންކޮޅެއް ކައިރިން ރީތިކޮށް ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ކުޑަކޮށް ޖެހިލުންވާގޮތްވެސް ވިއެވެ.

   އެއީ ފުރިހަމަ މަހެއް ނޫނެވެ. އިންސާނަކާއި ވަރަށް ވައްތަރެވެ. އެހެނަސް ފުރިހަމަ އިންސާނެއް ނޫނެވެ. އޭތީގެ ބޮލުން ފެށިގެން މައިބަދައާއި ހިސާބަށް އަންހެނެއްގެ ސޫރާގައެވެ. ފައިކޮޅު ވަނީ މަހެއްގެ ނިގޫހެން ދެކަފިވެފައެވެ. ހަށިގަނޑު ނިވާވެފައި ވަނީ ހުޅުނބު ތަކުންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދާގަނޑުގެ ތެރޭގައި އެ މަސްޖެހުނެވެ. އެވަގުތު ސަލާމަތަށް އެދި ގޮވާ ހަދަން ފެށިއެވެ. އާރިޒުގެ ހިތުގައި އެ މަހާއި މެދު ހަމްދަރުދީ އުފެދުނީ ނިކަން އަވަހަށެވެ. ހަމަ ވަގުތުން ދާގަނޑުގެ ތެރެއިން މަސް ނެރެ ދޫކޮށްލިއެވެ. އެމަންޒަރު އެހެން މީހަކަށް ފެންނަވަރެއް ނުވިއެވެ. އެކަން ހިނގާދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އިތުރު ބަޔަކު ކަނޑަށް ފުންމާލީ އެކަމެއް ހިނގާ ނިމުން ފަހުންނެވެ.

މަސްބޭނުމުގައި ފޯރީގައި އުޅެނިކޮށް ކުއްލިއަކަށް ވިއްސާރަ ވެއްޖެއެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި މަސްބޭނުމުގައި އުޅެނިކޮށް އާރިޒު ފައި ކައްސާލައިގެން ކަނޑަށް ވެއްޓުނެވެ. ދޯނީގެ އެހެން މީހުންނަށް އާރިޒު ނެތްކަން އެނގުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ދުނިޔެމަތި އަނދިރިވެފައި ވާރޭ ބޯކޮށް ވެހޭތީ އާރިޒު ހޯދުމަށް އޭނާގެ ބައްޕައަށާއި އެހެން މީހުންނަށް އުނދަގޫވިއެވެ.

  އާރިޒު ގަދަ އޮއިވަރާއި އިދިކޮޅަށް ދޯނި ފެނޭތޯ ފަތަފަތާ ބަރުބަލިވެއްޖެއެވެ. އޭނާ ފެންމަތީގައި އޮވެވޭތޯ ބެލިއެވެ. ދެފަހަރެއްގެ މަތިން އަޑިއަށްވެސް ދިޔައެވެ. އިރުކޮޅަކުން އާރިޒުގެ ކައިރިއަށް އެއްކަހަލަ އިންސާނެއްގެ ސިފައި އޮތް މަސް އައެވެ. އެމަސް އާރިޒު ގޮވައިގެން އެހިސާބުގައި އޮތް ފަޅުރަށެއްގެ ކައިރިއަށް ދިޔައެވެ. އާރިޒު ސަލާމަތްކޮށްދިނީ އެ ފެނުޕަރީއެވެ. އާރިޒަށް އެއީ ފެނުޕަރީއެއްކަން އެނގުނީ އެ މަސް އެއްގަމަށް އެރުމުން ފުރިހަމަ އިންސާނަކަށް ބަދަލުވުމުންނެވެ. ހައިރާން ކަމުގެ މައްޗަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.

އާރިޒަށް އެހީތެރިވެ ދިން ފެނުޕަރީއަކީ އޭނާ މީގެ ކުރިން ދެކެފައި ނުވާ ފަދަ ރީތި އަންހެނެކެވެ. އެރަށުގައި ހަފްތާއެއް ހާދުވަހު ފެނުޕަރީގެ އެހީތެރިކަމާއެކު އާރިޒު ދިރިއުޅުނެވެ. ކަނޑުން މަސް ހިފައިގެން ގެނެސްދިނުމުން އެމަސްތައް ފިހިގެން ކައިހެދިއެވެ. ފެނުޕަރީއަށްވެސް އެރަށާއި އިންސާނުން ދިރިއުޅޭ މާހައުލުވީ މުޅިން އައު ތަފާތު މާހައުލަކަށެވެ. ރުއް ރުކުން ކުރުނބާ އަޅައިގެން ކައިބޮއިހެދިއެވެ. ފަނުން ކުޑަގެއެއް ހެދިއެވެ. އެހެނަސް ރޭގަނޑުވުމުން ނިދުމަށް ފެނުޕަރީ ދަނީ މޫދުގައި އެޕަރީ ދިރިއުޅޭ ހިސާބަށެވެ. ފެނުޕަރީއަކަށް ވާހަކަ ދައްކާކަށް ނޭނގެއެވެ. ވާހަކަ ދައްކަނީ އިސާރާތުންނެވެ. އެހެންކަމުން ބައެއް ފަހަރަށް ޕަރީ ބުނަން އުޅޭ ވާހަކަ އާރިޒަށް ސާފުވާގޮތެއް ނުވެއެވެ.

އާރިޒު ގެއްލިގެން ހޯދަން އުޅުމުގެ ތެރޭގައި އެފަޅުރަށަށް އައި ބަޔަކަށް އޭނާ ފެނުނެވެ. އާރިޒު ސަލާމަތްވި ގޮތް ކިޔައިދިނެވެ. އެހެނަސް އެއްވެސް މީހަކު އޭނާ ދެއްކި ވާހަކަ ގަބޫލެއް ނުކުރިއެވެ. ކޮންމެ މީހަކުވެސް ހީކުރީ އާރިޒު ސަމާސާ ކުރަނީ ކަމަށެވެ.  

އޭގެ ދުވަސް ކޮޅެއް ފަހުން އާރިޒާއި ފެނުޕަރީ ބައްދަލުކުރިއެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. ނަމަވެސް ފުރިހަމަ އިންސާނަކަށްވެގެން އިންސާނުންގެ ތެރޭގައި އުޅެން ފެނުޕަރީއަށް އުދަނގޫވިއެވެ. ކޮންމެ ދުވަހަކުވެސް އެއްފަހަރު މަދުވެގެން ދެ ގަޑިއިރު ވަންދެން ފެނުގެ ތެރޭގައި އުޅެންޖެހެއެވެ. އެހެން ނޫންނަމަ ހަންގަނޑު ހަލާކުވެ ޕަރީ ބަލިވާން ފަށައެވެ. އެކަން އެނގުނީ އެގޮތަކަށް ފެނުގައި ނުޖެހި ދެތިން ދުވަހު އެއްގަމުގައި އުޅުމުންނެވެ. ކޮންމެއަކަސް އާރިޒު ޕަރީއާއި ކައިވެނިކުރަން ބޭނުންވިއެވެ. އެހެނަސް ފެނުޕަރީގެ ބައްޕަ އެކަމާ އިންކާރު ކުރިއެވެ. އިންސާނަކާއި ކައިވެނިކޮށްގެން ފެނުތެރޭގައި އުޅޭ މަހުލޫޤަކަށް ދިރިއުޅުމަކީ ނާދިރުކަމެކެވެ. އާރިޒު އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ޕަރީގެ ޙަޤީޤަތެއް ނުކިޔަދެއެވެ. ޕަރީގެ އާއިލާގެ ނުރުހުމުގައިވެސް އެންމެފަހުން ކައިވެނި ކުރިއެވެ. އޭގެ 6 މަސް ފަހުން އާޒިރުގެ ދަރިއަކަށް ފެނުޕަރީ ބަނޑުބޮޑުވިއެވެ. އާރިޒު އެކަމާ ނިކަން އުފާވިއެއްކަމަކު ހިތާމަވެސް ކުރިއެވެ. އެދަރިފުޅު ވާނީ އިންސާނަކަށް ތޯ ނޫނީ ފެނުޕަރީއަކަށް ތޯ ނުނީ ހަށިގަނޑުގެ ދެބައި ދެގޮތަށް ތޯއެވެ. އެކަމާ އެނާ ވިސްނަ ވިސްނާ ފިކުރު ބޮޑުވާގޮތްވިއެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close