ކާފުން– ކޮކާ
(ކުޑަކުދިންގެ ވާހަކަ31 )
ކުޑަކުދިންގެ ޕާކުގައި ކުދިންތައް ކޮކާތަކެއް ފަދައިން މިނިވަންކަމާއެކު ކުޅެނީއެވެ. ޕާކަށް ކާޅުތަކާއި އެކު ކޮތަރުތަކެއް އައެވެ. ކުދިން ކޮތަރަށް ކާންދީ ހަދައެވެ. ޕާކުގައި އެކިވައްތަރުގެ ދޫނި ގެންގުޅެއެވެ. ކުކުޅު ކޮށީގައި ކުދި ފިޔޮއްތައް ތިއްބެވެ. ކުދިން ކިނބޫ ބަލަން ވަރަށް ފޯރި ހުރެއެވެ. ކައިލީ ހުރީ ކިނބޫ ބަލަން ބޭނުންވެފައެވެ. ކިނބޫ އޮތީ ޕާކުގައި އޮތް ކުޑަ ކޯރެއްގައެވެ.
ކައިލީގެ ކުޑަބެ ހުރީ ކުރުތާ ލައިގެންނެވެ. ކުޑަބެ އަތުގައި ރަށުން ފޮނުވި ބޮޑު ކޮތަޅެއް އޮތެވެ. ކޮތަޅުގައި ކުއްޅަވަކާއި ކުންނާރު، ކިވީ، ކެކުރި އަދި ކުރުކުރު ހުއްޓެވެ. އަދި ކުރުނބަލާއި ކާށި ވެސް ފޮނުވި ވާހަކަ ބުންޏެވެ. ބޭބެއާއި އެކު ކައިލީވެސް ބަނދަރަށް ކާރުގައި ދިޔައެވެ. ވާރޭ ވެހޭތީ ދިޔައީ ކުޑަވެސް ހިފައިގެންނެވެ. މާމަ ފޮނުވި ހަދިޔާފޮށިތައް ހިފައިގެން ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. ކަޅު ކުލައާއި ހުދުކުލައިގެ ކުނައެއްވެސް ފޮށިގަނޑުގައި އޮތެވެ.
ޖެހިގެން އައި ދުވަހު ބައްޕަގެ ވަޑާންގެއަށް ކައިލީ ދިޔައެވެ. ކައިލީއަށް ބައްޕަ ވަޑާންގޭގައި ހުރި ބައެއް ތަކެތި ދައްކާ ނަންތައް ކިޔައިދިނެވެ. ކީސް، ކޯރާޑި، ކަތުރު، އަދި ކަންވާރު ދެއްކިއެވެ. ކައިލީ ވަޑާންގެއިން ނިކުތްއިރު ކަންފަތާއި ކޮލުގައި ހުރީ ކިލާ ހޭކިފައެވެ. ބަދިގެ ފަރާތަށް ދިޔައިރު މަންމަ ހުރީ ކަރާ ފަނި ގިރާށެވެ. ފަނިގިރާ ނިންމާފަ ކެރެޓާއި ކެބެޖު ކޮށިއެވެ. އަދި ކިއުކަމްބާވެސް ފޮތިކުރިއެވެ.
ކިރުޅިޔަ މަހުގައި ރިހަކައްކާފައި މަންމަ ކުރާ އުދިއެވެ. ރޯދަ ވިއްލަން ވާއިރަށް މަސް ކުރޮޅި މަންމަ ތައްޔާރުކުރިއެވެ. ކަވާބު، ކަޓްލަސް އަދި ކުޅިބިސް ހެދުމުގައި މަންމައަށް ކައިލީ އެހީތެރިވެދިނެވެ. ކައްކަން ހުއްޓާ މަންމައަށް ކުރަތްޕަކާއި ކަކުންޏެއް ފެނުނެވެ. ފިހިގަނޑު ހިފައިގެން ގޮސް ބެލިއިރު އެއީ ކައިލީ ކުޅެން ގެންގުޅުނު ޕްލާސްޓިކް ކުރަތްޕަކާއި ކަކުންޏެކެވެ. (ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ވާހަކައި އުޅޭ މީހުންގެ ނަންތައް ލިޔޭ؟
- ކައިލީގެ ކުޑަބެ އަތުގައި އޮތީ ކާފުން ފެށޭ ކޮން އެއްޗެއް؟
- ކައިލީމެން ބަނދަރަށް ދިޔައީ ކޮން އެއްޗެއްގަ؟
- ވާހަކަގައި ހުރި ކާފު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
- ކާފުން ފެށޭ 3 ތަރުކާރީއެއްގެ ނަން ލިޔޭ!