ވާހަކަ: އަވަށްޓެރިޔާގެ ޙަސަދަ
އަލީ އާއި، ހަސަނަކީ ކައިރި އަވަށްޓެރި ދެ ރަޙްމަތްތެރިންނެވެ. ދެމީހުންވެސް އެކަކު އަނެއްކެއްގެ އެހީތެރިކަމުގައި ދުވަސްތަކެއްވަންދެން އުޅުމަށްފަހު ޖެހުނު ކުޑަމައްސަލައެއްގައި އަލީ ، ހަސަނު ދެކެ ވަރަށްބޮޑަށް ރުޅިއަތުވެއްޖެެއެވެ. އަދި ހަސަނަށް ލަނޑެއްދޭން ރޭވިއެވެ.
ކޮންމެއަކަސް ހަސަނު ބޮލުގައި ދޮގު ތުހުމަތު ތަކެއް އަޅުވައި އަލީގެ ގެއިން ހަސަން ވައްކަން ކުރާކަމަށްބުނެ ފުލުހުންނަށް ރިޕޯޓްކޮށް ކޯޓްގައި މައްސަލަޖައްސާ އެގޮތް މިގޮތުން ހަސަނު މަޅިއެއްގައި ބައްދައިފިއެވެ. ކޯޓުން ހަސަނަށް ޖަލުހުކުމެއް އަތުވެއްޖެއެވެ. ދެއަހަރަށް ޖަލަށްލައިފިއެވެ.
އޭގެ ދެއަހަރުފަހެވެ. ހަސަނު ޖަލުން ދޫކޮށްލައިފިއެވެ. އެކަމަކު އަލީ އަކާ ވާހަކައެއް ނުދައްކައެވެ. ޖެހިފަ ވެއްޓުނަސް އަނގައންވެސް ނުބުނެއެވެ، މިކަންތައް އަލީ އަށްވީ ކެތްކުރެވޭވަރަށްވުރެ ބޮޑުކަމަކިަށެވެ. މިކަމުގައި އޮތް ހައްލަކީ ކޮބައިތޯ ވިސްނިއެވެ. ހަސަނު ގާތަށް މާފަށް އެދެން ދާންވީއޭ ވެސް ހިތަށް އަރައެވެ. އެކަމަކިު އެކަންވެސް ކުރެވޭނީ އަލީ ، ހަސަނާ ދިމާއަށް އިސްއުފުލާ ބަލައިވެސް ލައިގެން ތާއެވެ.
ވަރަށް ގިނަގޮތްގޮތަށް ވިސްނުމަށްފަހު އަލީ ކޯޓަށް ދިޔައެެވެ. ޤާޟީ އާއި، ބައްދަލު ކުރިއެވެ. ވަރަށް ދެރަވެލައިފާ ގާޟީ އަރިހު ދަންނަވައިފިއެވެ.
އަލީ: އެއްކަލަ ދުވަހު އަޅުގަނޑު ޖެއްސި މައްސަލައަކީ ދޮގު ހަދައިގެން ޖެއްސި މައްސަލައެއް އިނގޭތޯ.
ޤާޟީ: ދޮގުހަދައިގެންނޭ. ތިބުނީ ކޮންމައްސަލައެއްގެ ވާހަކަތަ؟
އަލީ: މިދެންނެވީ އަޅުގަނޑުގެ ރަޙްމަތްތެރިޔާ ހަސަނާއި ބެހޭގޮތުން އަަޅުގަނޑު ކޯޓަށް ދީފައިއެވަނީ ދޮގުބަޔާނެކޭ. އޭރު އަޅުގަނޑު އޭނަދެކެ ރުޅިއައިސްފާ ހުރުމިުގެ ސަބަބުން ކުރެވުނު ކަމެކޭ އެއީ. އެކަންތައް އަލުން ރުޖޫޢަ ކޮށްދެއްވިދާނެތޯއޭ.؟
ޤާޟީ: އާ ތިކަންވެދާނެ މަބުނާކަމެއް ކޮށްލަނިކޮށް.
އަލީ : (ތަންމިނަށް ދެލޯބޮޑުކޮށްލިއެވެ. ) އެހެންތޯ . ކޮންކަމެއްތޯ އަޅުގަނޑު ކުރަންވީ؟
ޤާޟީ: ކަލޭ ކުރަންވީ ކަމަކީ . ކަލޭގެ ރަޙްމަތްތެރިޔާ އާއި ބެހޭގޮތުން އޭރު ދެއްކިވާހަކަތައް އަލުން އެހެން ކަރުދާހެއްގައި ލިޔެލަންވީ .
އަލީ ވަރަށް ވިސްނަވިސްނައިގެން އޭރު ކޯޓަށްދީން ބަޔާން އަލުން އެހެން ކަރުދާހެއްގައި ލިޔުނެވެ. އަދި ޤާޟީގެ އަތްޕުޅަށް އެރުވިއެވެ.
އަލީ: އާނ. މިއޮތީ އިނގޭތޯ.
ޤާޟީ: ( ކަރުދާސް ކުދިކޮށްކުދިކޮށް އިރާލުމަށްފަހު އަލީ އަތަށް ދެމުން ) ދެން މިކަރުދާސްކޮޅުތައް ގެންގޮސް މަގުމައްޗަށް އުކާލާ . އަދި މައްސަލަ މުޅީން ނިންމަން މާދަމާ ހަމަ މިގަޑިއަށް ކޯޓަށް އާދޭ.
އަލީ : (ރަހްމަތްތެރިޔާއާއި، އަނެއްކާވެސް ގުޅުން ބަދަހިކުރެވޭނެކަމުގެ ޔަޤީންކަމާއެކު ވަރަށްއުފަލުން ހުރެފައި) ލައްބަ . އަޅުގަނޑު ހަމަ މިގަޑިއަށް މާދަމާ އަންނާނަން އިނގޭތޯ.
އަނެއްދުވަހު ހަމަ އެގަޑިއަށް އަލީ ކޯޓަށްދިޔައެވެ. އަދި ޤާޟީ އާއި، ބައްދަލުކޮށް އެވާހަކަ ދެންނެވިއެވެ.
ޤާޟީ: އާ ހިނގާ މައްސަލަ ނިންމަމާ ދޯ. އަވަހަށް ދޭ ކަލޭ އިއްޔެ މަގުމައްޗަށް އުކާލި ކަރުދާސްކޮޅުތައް ގެނެސްދެން. އެ ކަރުދާސްކޮޅުތައް ހޮވައިގެން އާދޭ. އޭރުން މައްސަލަ ނިންމޭނީ.
އަލީ އަށް ވަރަށް ބޮޑު ހާސްކަމެއްވެރިވިކަހަލައެވެ. މަޑުމަޑުން ބޭރަށް ނުކުތެވެ. ބޭރަށްނުކުތަކަސް މިހާރު އެކަރުދާސްކޮޅުތައް ނުހުންނާނެކަންވެސް އެނގެއެވެ. އެވާނީ ވަޔާ ވިއްސި ވިހާލިވެގެން އެތަން މިތަނަށް ބުރަބުރައިގެން ގޮސްފާނޫންހެއްޔެވެ. އިރުކޮޅަކު މަގުމަތީގައި ހުރެލައިފާ އެތެރެއަށް ވަނެވެ.
އަލީ: ބައްލަވާ ޤާޟީ. މިހާރުދެން ކިހިނެއްތޯ އެ ކަރުދާސްކޮޅުތައް ހޯދާނީ. އެވާނީ ވަޔާ އެތަންމިތަނަށް ބުރަބުރައިގެން ގޮސްފާ ނޫންތޯ.
ޤާޟީ: އާނ . މިހާރަކުދެން އެކަރުދާސްކޮޅުތަކެއް ނުހޯދޭނެ. އެހެންނު. ކަލޭ މިކޯޓަށް ހުށަހެޅި މައްސަލަވެސް ވެފައި ވަނީ ހަމަ ތިޔަފަދަ ގޮތަކަށް. ދެނެއް އެކަމެއް އަލުން އަނބުރާ ރުޖޫޢައެއް ނުކުރެވޭނެ.
ނިމުނީ
އިބްރަތް: ބަސްބުނުމުގެ ކުރިން ބަހަކީ އަހަރުމެންގެ އަޅެކެވެ. ހަމައެއާއިއެކު ބަސްބުނުމަށްފަހު އަހަރުމެންނަކީ ބަހުގެ އަޅުންނެވެ.