ކިލަނބުވި ޙަޔާތް
ކިލަނބުވި ޙަޔާތް
| ވަށައިގެންވާ ގަދަނޫކުލައިގެ ހަތަރުފާރު ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ތަޅުންގަނޑު މަތީގައި ވަރަށް ބާ ވެފައިވާ ކުނާގަނޑެއް އަޅާފާއި އޮތެވެ. ބަލާބެލުމަށް ވަރަށް ނުތާހިރު ކަމަށްފެނެއެވެ. ތަނުގެ ވަސް އެހާ ރަނގަޅެއްނޫނެވެ. ޒުވާނަކު ކުރު ސޯޓު ބުރިއަކާއި ޓީޝާޓެއް ލައިގެން ނިތްކުރިމަތީގައި އަތް އަޅާލައިގެން ކުނާގަނޑު މަތީގައި އޮށޯވެއޮތެވެ. އެނާގެ ތުނބުޅިއާއި މަތިމަސް ވަނީ ދިގުވެފައެވެ. ބޯވެސް ހީވަނީ ކުޅަނދުރު ހަތައެއް ހެންނެވެ. މީހާވެސް ހީވަނީ މަސްނެތް ކަށިކޮޅެއް ހެންނެވެ. ދެލޯވެސް ވަނީ ވަޅުވަދެފައެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހެމުންދިޔައީ ވަރަށްވެސް ހިތި ހަނދާންތަކެއް ކުރިމަތީގައި ހުޅުވެމުން ދިޔަ ވަގުތެއްގައެވެ. އާއެކެވެ. މިއަދު އެޒުވާނާ ހަނދާންކުރަމުން އެދަނީ އެނާގެ މާޒީއެވެ. ލޮބުވެތިކަމުގެ ފޮނި މީރުކަން އިހްސާސް ކުރެވެމުން ދިޔަދުވަސްތަކެވެ. ނީޝާ ތައްޔާރުވަމުން ދަނީ އެއަރ ޕޯޓަށްދިއުމަށެވެ. އެނާއަށް ވަނީ ޅ.އަތޮޅު ކަނުހުރާ ރިސޯޓު އިން ވަޒީފާ ލިބިފައެވެ. ހަގީގަތުގައި އެނާ އެ ދާއިރާއަށް ވަރަށް ޝަޢުގުވެރިކަން ހުރެއެވެ. ނީޝާ ބޯއޮމާން ކޮއްލައިގެން އައިސް ޓެކްސީއަށް ގުޅާލިއެވެ. “ހަލޯ.. ހ.ރަންވެލި އަށް ކާރެއް.” އޭގެ 10 ވަރަކަށް މިނެޓްފަހުން ކާރު އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ނީޝާ ހުރީ ދަބަސް ހިފައިގެން ދޮރުމަތީގައެވެ. ހިމޭން ވައިރޯޅިތަކާއި އެކު ކާރު އައިސް މަޑުކޮށްލީ ހުޅުލޭ ފެރީ ޓާމިނަލަށެވެ. ދަބަސް ކޮޑުގައި އަޅުވައިލައިގެން ނީޝާ ފެރީ އަށް އެރީ 15 ވަރަކަށް މިނެޓްގެ ތެރޭގައި ހުޅުލޭއަށް ދެވޭނެކަމަށް ޔަޤީން ކޮށްގެންނެވެ. ކަނޑުން ނަގަމުންދިޔަ ރާޅުބާނި ތައްވެސް ނީޝާގެ މިދަތުރަށް އުފަލާއެކު މަރުޙަބާ ކިޔަމުން ފެރީގައި ފިރުމަމުން ދާކަހަލައެވެ. ނީޝާ އަވަސްވެގަތީ ޗެކިންއަށް ދިއުމަށެވެ. ނަސީބު ދިމާކުރިގޮތުން ވަރަށް މީހުން މަދެވެ. އެހެންކަމުން ޗެކިން އަވަހަށްވެ ނިމިއްޖެއެވެ. ގަޑިން 10:30 ވުމާއެކު ސީޕުލޭންގެ ދުވެލި މަޑުމަޑުން ބާރުކޮއްލިއެވެ. އޭރު އޭނާ އިނީ ކުޑަދޮރުން ބޭރު ބަލާށެވެ. ވިލާތައް ކަފަމުން ސީޕުލޭން އުދުހެމުން ދިޔައިރު ތިރީގައިވާ ރަށްތައް ފެންނަނީ ވަރަށް ޗާލުކޮށެވެ. މާލޭ ކައިރީގައިވާ ރަށްތަކާއި ރިސޯޓުތަކުގެ އަތިރިމަތީގައިވާ ހުދު ފަސްގަނޑުވެސް ހީވަނީ ވިދަމުންދާ މުތްތަކެއް ހެންނެވެ. ރަށްތައްވަށައިގެންވަނީ ވަރަށް ހިތްގައިމު ވިލުނޫ ކުލައިގެ ފަޅުތަކަކުންނެވެ. ނީޝާގެ ހިތަށް އެރިއެވެ. “އަހަރެމެންނަށް ޤުދުރަތުން ލިބިފައި މިވަނީ އަޖައިބެއްފަދަ ނިޢުމަތްތަކެކެވެ. |
ސީޕުލޭން ކަނުހުރާ ރިސޯޓާއި ކައިރިވަމުންދެއެވެ. ރިސޯޓުމަތިން ބަލައިލާއިރު ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. ވަށައިގެން ލެވިފައިވަނީ ބޯކިރު ކުލައިގެ ސާފު ދޮންވެލި ތުނޑިއެކެވެ. ރިސޯޓުގެ އެއްފަރާތު މޫދުގައި ވަނީ ކޮޓަރި ބަރިއެކެވެ. އަދި ރަށުތެރެއިން ގޮނޑުދޮށާއި ކައިރިންވެސް ކޮޓަރިތައް ފެންނަމުންދިއައެވެ.
ސީޕުލޭންގެ ބާރު އަޑާއިއެކު ވިލުނޫކުލައިގެ ފަޅުތެރެއަށް އަމާންކަމާއިއެކު ޖެއްސިއެވެ. ކުޑައިރު ކޮޅެއް ފަހުން ރިސޯޓުން އައި ފަތުރުވެރިންނާއި އެކު ނީޝާވެސް ޖެޓީއަށް ފައިބައިފިއެވެ. ހަމައެއާއިއެކު އިސްތިގުބާލުގައި އައިސް ތިބި ރިސޯޓުގެ ބޮޑެތި މީހުންގެ ހޫނު ތަރުހީބު އެންމެނަށް ލިބުނެވެ. އޭގެ ތެރެއިން އެޗު އާރުއިން ނީޝާއާއި ހަވާލުވާން އައިސްހުރި މީހާ އާއިއެކު ރިސޯޓުގެ “ސުޓާފް އޭރިއާ” ތެރެއަށް ވަންނަން ނީޝާ ހިނގައިގަތެވެ. އޭނާއަށް ފެންނަމުން ދިއައީ މުޅިން އެހެން މައުހައުލެކެވެ. ދޫންޏެއް މިނިވަން ޖައްވެއްގައި އުނދުހިލާން ފުރުޞަތު ލިބުމުން އެވާފަދަ އުފަލެއް ނީޝާއަށް އެވަގުތުކޮޅު އިހްސާސް ކުރެވުނެވެ. ސަބަބެއް ނެތި އެއްނޫނެވެ.
ޖެހިގެން އައިދުވަހު ނީޝާ “އޮރިއަންޓޭސަނަށް” ދާން ޖެހިއްޖެއެވެ. ފުރަތަމަވެސް “ފުރަންޓު އޮފީހުގެ” މެނޭޖަރ އޭނާއަށް ހުރިހާ “ރިސެޕްޝަނިސްޓުން” ތައާރަފު ކޮއްދިނެވެ. އަދި އެތަނުގައި މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެނާ ކުރަން ޖެހޭ މަސައްކަތްތައް ބުނެދޭން ފެށިއެވެ.
މިއޮފީހުގެ ތެރެއިން ނީޝާއަށް “ޓުރޭނިނގް” ދޭން ޖެހުނީ އަޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ އަކީ ހުނަރުވެރި ކުޅަދާނަ މުއައްޒަފެކެވެ. މިގޮތުން މަސައްކަތްތައް ފަސޭހައިން އަވަހަށް ސިކުނޑިއަށް ނަގައިގަނެވޭނެ ފަދަ ގޮތަކަށް ބުނެދެމުން ދިއައީ އެ ރީތި ޒުވާނާއެވެ.
ދުވަހަކަށް ވުރެ ދުވަހެއް ނީޝާއަށް ދަސްވަމުންދާ އެއްޗިހި ގިނަވަމުންގޮސް މިހާރު މުޅިން އެ ވަޒީފާއަށް އޭނާ ފިޓް ވެއްޖެއެވެ. ސަބަބަކީ ނީޝާއާއި އަޔާ އެކީގައި މަސައްކަތް ކުރަމުން ދާތާ މިއަދަށްމިވީ 24 ވަނަ ދުވަހެވެ.
އެހެނަސް ކުރަމުންދާ މަސައްކަތަށް ވުރެން ނީޝާގެ ސަމާލުކަން މިހާރު ކޮންމެވެސް އެހެން ދިމާއަކަށް ދާހެން އަޔާއަށް ފާހަގަ ކުރެވެން ފަށައިފިއެވެ. ނީޝާ މިހާރަކަށް އައިސް އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. ޒުވާން އަޔާގެ ހިތް ޒަހަމް ވަމުން އެދަނީ ނީޝާގެ ހެދުމުން ދުވަމުންދާ “ޗެނަލް” ސެންޓުގެ މީރުވަހުގެ ސަބަބުންނެވެ. ފިޔާތޮށި ފިނިފެން މަލެއް ހެން ހެނދުނާއި ހަވީރު ފަރިވަމުން އެދަނީ އެ މަލައް ޖައްސާނީ ކޮން މާބުރެއް ކަމެއް ނޭނގި ހުރެއެވެ. (ނުނިމޭ)

މިވާހަކައިގައި ޕާޓޭކަލޭގެ ހެން ހީވަނީ މި މަންޖެ ކާމިޔާބު ކުރާނީ