ދާއިމީ ހިތު ލޯބި!
އިންސާނުން ދިރިއުޅެމުންދާ ދުނިޔޭގެ މި ޙަޔާތުގައި، އެމީހުން ހާސިލުކުރަން އެންމެ ބޭނުންވާ އެންމެ މުހިންމު އެއްކަމަކަށް ވެފައި އޮންނަނީ އެމީހެއްދެކެ ޙަޤީޤީ ލޯބިވާ ލޯބިވެރިޔަކު ލިބުމެވެ. މުޅިޙަޔާތުގެ ދަތުރުގައި ހޯދަމުން ދަތުކުރަމުން ދެވެނީ އެމީހަކު ފެނޭތޯއެވެ. ލިބޭތޯއެވެ. ޙަޔާތުގެ މިދަތުރު ދިގުވުމަކުން ކުޑަ ނަމަވެސް ފޫހިކަމެއް ނުލިބެއެވެ. ވަރުބައްޔެއް ވެސް ނުވެއެވެ. އެކަމަކު، ކޮންމެ މީހަކަށްވެސް އެޙަޤީޤީ ލޯބިވެރިޔާ ދެނެގަތުން ވެފައިވަނީ ވަރަށް އުނދަގޫ މުޝްކިލް ކަމަކަށެވެ. ގިނަފަހަރަށް، އެމީހާ އެނގޭއިރު ވަގުތު އޮންނަނީ މާބޮޑަށް ފާއިތުވެގެން ގޮސްފައެވެ. ލިބުނު ދެރައިގައި ޖެހިދަނީ ބަރުދާސްކުރަން ނުހަނު އުނދަގޫ ހިތަށްދަތި ދާއިމީ ހިތާމައިގައި ކަރުނަ އަޅާށެވެ. ޙަޤީޤީ ލޯބިވެރިޔާ ގެއްލި މުޅިޙަޔާތުން އޭނާ އަބަދަށްޓަކައި ބީވެ ދިޔުމުންނެވެ. އެހެން ކަންތައް ވުމުން، މުޅިދިރިއުޅުން އިންދިރާސް ވެދެއެވެ. ދިރި ދުނިޔޭގައި ހުރުމުގެ އުންމީދު ކެނޑިދެއެވެ.
އެއްދުވަހަކު، އެމީހުންގެ ޢުމުރުން 70 އަހަރަށް ވުރެ ދޮށީ ޢުމުރުގެ ދެމީހަކު، ޤާނޫނީ ވަކީލެއްގެ އޮފީހަށް ވަރަށް މައިރާ އަތުވެއްޖެއެވެ. އެ ދެމީހުން ވަކީލާ ބައްދަލުކުރަން އެ އޮފީހަށް އައީ އެ މީހުންގެ ވަރީގެ މަސްއަލަ ކޯޓަށް ހުށަހެޅުމަށެވެ. އެ މަސްއަލަ ކޯޓަށް ހުށަހަޅައި ދިނުމަށް އެދި މި ދެމީހުން ދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހައިފައި ލޯޔަރު ވަރަށް ބޮޑަށް ޙައިރާން ވެއްޖެއެވެ. ލޯޔަރާ އެމީހުން ދެއްކި ވާހަކަތަކުން އޭނާޔަށް ސާފުކޮށް އެނގުނީ….. އެ ދެމަފިރިން ކައިވެނިކޮށްގެން އެކުގައި ދިރިއުޅެމުން އަންނަތާ މިހާރު 40 އަހަރަށް ވުރެން ގިނައަހަރު ޙަޔާތުން ވޭތުވެގެން ގޮސްފައި ވާއިރުވެސް، އެ ދެމަފިރިންގެ ދެމެދުގައި އުފެދިގެންއުޅޭ އެކިކަހަލަ ދެބަސްވުންތަކާ، ހިތްހަމަ ނުޖެހޭ ކަންތައްތަކަށް އެއްވެސް އެދެވޭ ހެޔޮ ބަދަލެއް ނާންނަކަމެވެ. އަދި، ހަމަ އެހެންމެ އެކަންތައްތައް ޙައްލުކުރާނެ އެއްވެސް އަލި މަގެއް މިހާތަނަށް އެ ދެމަފިރިންނަށް ނުފެނުނުކަމެވެ.
އެ ދެމަފިރިން މިހާގިނަ އަހަރު ވަންދެން އެކުގައި ދިރިއުޅެމުންއައީ ލިބިފައިވާ ކުދިންނަށްޓަކައި އެކުދިންގެ ޙައްޤުގައެވެ. އެހެނީ، ދެމަފިރިން ވަރިވެއްޖެނަމަ ދަރިންގެ ތަޢުލީމާ ތަރުބިއްޔަތަށް، އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްޓަކައި، ދެ މީހުންވެސް އެކަމާއިމެދުގައި އޭރު ނުލާހިކު ދެރަވެ ކަންބޮޑުވީތީއެވެ. މިހާރު އެކުދިން ތަސައްރަފުފުދި ބޮޑުވެ، އެއިންކޮންމެ ކުއަޖަކު ވެސް އުޅެނީ މީހުންނާއިނދެ، ދަރިން ލިބިގެން އަމިއްލަ އާއިލާއާއި އެކުގައި ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައެވެ. އެހެންކަމުން، މި ދުވަސްވީ ދެމަފިރިން އެމީހުންގެ ދަރިންނާއި މެދުގައި ފިކުރުކޮށް ކަންބޮޑުވާކަށް ނުޖެހެއެވެ. މިހާރު އެދެމަފިރިން ބޭނުންވަނީ، ޙަޔާތުން ވޭތުވެގެން ގޮސްފައިވާ ގިނަ އަހަރުތަކުގައި ތަޙައްމަލު ކުރަންޖެހުނު ހިތްދަތިކަމުން ދެމީހުން ދުރައްޖެހިލައި، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙަޔާތައިގެން ކުރިއަށްގޮސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްއުޅެ، ޙަޔާތުގެ ބާކީއޮތް ދުވަސްތައް ނިންމައިލުމަށެވެ. މިސަބަބަށްޓަކައި، ދެމީހުން އެއްބަސްވެ ބޭނުންވަނީ ވަރިވާށެވެ.
ޤާނޫނީ ވަކީލު މިދެމަފިރިން ދެއްކި ހުރިހާ ވާހަކަތައް އަޑު އަހައިފައި، އެމީހުންގެ ވަރީގެ މަސްއަލަ ކޯޓަށް ހުށަހަޅަން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކުރަން އޭނާއަށް ވަރަށް އުނދަގޫ ވެއްޖެއެވެ. އެހެނީ، މިހާރު އެ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް، ޢުމުރުން 70 އަހަރަށް ވުރެން ގިނަ ދުވަސްވެފައި ވުމުންނާއި، އެކުގައި ދިރިއުޅޭތާ 40 އަހަރަށްވުރެން ގިނަ އަހަރު ވެފައިވާތީ، މިހާރު މި ދެމަފިރިން ވަރިވާންޖެހޭނެ އެއްވެސް ޙަޤީޤީ މަސްއަލައެއް އެ ދެމަފިރިން ދެންމެ ދެއްކި ވާހަކަތަކުން އޭނާޔަށް ނުވިސްނޭތީއެވެ.
ކޮނެމެއަކަސް، ޤާނޫނީ ވަކީލު ލިޔުންތައް ތައްޔާރު ކުރުމަށްފަހު، އެ ދެމަފިރިން ލިޔުންތަކުގައި ސޮއިކުރަން އެމީހުންގެ އަތަށް ދީފިއެވެ. އަންހެންމީހާ ލިޔުންތަކުގައި ސޮއިކުރަމުން، އޭނާގެ ފިމީހާއާއި ދިމާލަށް ބަލައިލައިފައި ބުނެފިއެވެ. ” ޙަޤީޤަތުގައި ވެސް އަހަރެން ކަލާ ދެކެ ނުހަނު ލޯބިވަމެވެ. އެކަމަކު، ދެން އިތުރަކަށް މިހަމަނުޖެހުމާ ހައިޖާނުގަނޑުގެ ތެރެއަކު އެއްގޮތަކަށް ވެސް ނޫޅެވޭނެއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ.”
ފިރިމީހާ ޖަވާބުގައި ބުނެފިއެވެ.” އަހަރެންނަށް ތިކަން އެނގެއެވެ. އެއްވެސް މަސްއަލައެއް ނެތެވެ. އަހަރެން ކަލާޔަށް މަޢާފު ކޮށްފީމެވެ.”
ޤާނޫނީ ވަކީލު އެ ދެމަފިރިން ދެއްކި މިވާހަތައް އަޑުއަހަން އިނދެފައި، އެމީހުން ލިޔުންތަކުގައި ސޮއިކޮށް ނިމިމުން ބުނެފިއެވެ. “މިރޭ އަހަރުމެން ތިންމީހުން ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރަންޓަކަށް ދިއުމަށް އަރެން ދަޢުވަތު ދެމެވެ. އިތުރު އެހެން މީހަކު ބައިވެރިނުކޮށް، ދާނީ ހަމަ އެކަނި އަހަރުމެން ތިންމީހުންނެވެ.”
ވަކީލު ދަޢުވަތު ދިނުމުން އަންހެން މީހާގެ ހިތަށްއަރައިފިއެވެ.” ދަޢުވަތު ޤަބޫލުކޮށް އެތަނަށް ދިއުމުގައި އެއްވެސް މަސްއަލައެއް ނެތްތާއެވެ! ޙަޔާތުގެ ކުރިޔަށްއޮތް ދުވަސްތަކުގައި ހަމަގައިމު ވެސް އަހަރުމެން ދެމީހުންވާނީ ދެ ރައްޓެހިންނަށް ވިއްޔާއެވެ!”
ރެސްޓޯރަންޓަށް ގޮސް ކާމޭޒުދޮށުގައި އެންމެންވެސް ތިބީ ވަރަށް ހަމަހިމޭން ކަމާއި އެކުގައެވެ. އެ ދެމަފިރީންނަށް ތިބެވުނީ މާގަޔާނުވެ ތިބޭ ކަހަލަ ގޮތަކަށެވެ. އިރުކޮޅެއް ވީފަހުން، އެމީހުންކުރި އޯޑަރުގައިވާ ރޯސްކުރި ކުކުޅު ގެނެސްފިއެވެ. ވޭޓަރު އައިސް ކުކުޅެ އަޅައިފައިހުރި ތަށި މޭޒުމަތީގައި ބެހެއްޓުމުން، ކުއްލިއަކަށް މުސްކުޅި ފިރިހެންމީހާ އެތަށީގެ ތެރެއިން ކުކުޅު ފައެއް ނަގާފައި އަންހެނުނަށް ދިއްކޮށްލަމުން ބުނެފިއެވެ. ” މިނިކަން ކައިލަބަލާށެވެ. މިއީ ކަލާއަށް އެންމެ މީރު އެތި ނޫންހެއްޔެވެ!”
މިމަންޒަރު ފެނުމުން ލޯޔަރުގެ ހިތަށްއަރައިފިއެވެ. “އަދި މިދެމަފިރިން ގުޅިގެން އުޅެވިދާނެ ކަމުގެ އުންމީދު އެބައޮތްތާއެވެ!”
އެކަމަކު، ކަންވީ ގޮތަކީ އަންހެންމީހާ ނުރުހި އޭނާގެ ފިރިމީހާއާއި ދިމާޔަށް ތުންއަނބުރައިލަމުން ބުނެފިއެވެ. “އަހަރުމެން ދެމީހުންގެ މެދުގައި އަބަދުވެސް ޖެހޭ މަސްއަލަޔަކީ ތިޔައީއެވެ! ކަލާ ދެކޭގޮތުގައި ހުރިހާ ކަމެއް އަހަރެން ކުރަންވާނީ ކަލާ ރުހޭ ގޮތަކަށެވެ. ދުވަހަކުވެސް އަހަރެންގެ އަމިއްލަ އިހުސާސް ތަކާއި މެދުގައި ވިސްނައެއް ނުލާނެއެވެ. އަހަރެންނަށް ކުކުޅު ފަޔަކީ ނުލާހިކު ނުބައި އެއްޗެއްކަން ކަލާ އަކަށް ނޭނގޭހެއްޔެވެ! އަހަރެން ތިއެއް ނުކާނަމެވެ.”
ފިރިމީހާ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، އަނބިމީހާ ހިތްހަމަޖެހޭނެ ހުރިހާ ގޮތެއް ބަލައިގެން އެގޮތަކަށް ކަންތައް ކުރެވޭތޯ ބަލަމުންކަމެއް އަނބިމީހާޔަށް އެއްގޮތަކަށްވެސް ނޭނގެއެވެ. ރޯސްކުރި ކުކުޅު ފަޔަކީ ފިރިމީހާ އެންމެ ކާހިތްވާ އޭނާޔަށް އެންމެ މީރު އެތިކަން އަނބިމީހާޔަށް އެނގެނީ ވަރަށް ކުޑަކޮށެވެ. އަދި، ފިރިމީހާޔަށް އަނބިމީހާ ކުޑަކޮށްވެސް އެނގޭކަމަކަށް އަނބިމީހާ ގަބޫލެއް ނުކުރެވެއެވެ. ފިރިމީހާޔަށް އޭނާގެ އަންހެނުނަށް ރޯސްކުރި ކުކުޅުފައި ނުބައިކަމެއް ނޭނގެއެވެ. ފިރިމީހާ އަބަދުވެސް ބަލަމުން އަންނަނީ ނުހަނު ލޯތްބާއެކު އޭނާޔަށްވީ އެންމެ ރަނގަޅަކަށް ހޮޔެކޮށް އަނބިމީހާޔަށް ކަންތައްތައް ކޮށްދެވޭތޯއެވެ. ބޭރުން ގެއަށް އަންނަ ގިނަފަހަރު ތަކުގައި، ކޮންމެވެސް އެއްޗެއް އަންހެނުންނަށް އޭނާ ގެނެސްދެއެވެ.
އެރޭ ރެސްޓޯރަންޓުން ކައިގެން އަނބިމީހާ ނިދަން ދިއައީ އޭނާގެ ގެއަށެވެ. ފިރިމީހާ ދިއައީ އޭނާގެ އަމިއްލަ ގެއަށެވެ. ފިރިމީހާގެ ގެއަކީ އެ ދެމީހުން އިނދެގެން އެކުގައި ވޭތުކުރި ޙަޔާތުގެ ދިގު މުއްދަތުގައި ދިރިއުޅުނު ގެއެވެ. ދެމީހުން ވެސް ގެ އަށްގޮސް ނިދަންއުޅެ ނިދޭ ގޮތެއް ނުވިއެވެ. ހިތަށްދަތިވާ އެތައްގިނަ ޚިޔާލުތަކެއް ދެމީހުންގެ ހިތަށްވެސް ވެރިވަނީއެވެ. އެގޮތަށް ނުނިދިގެން އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އެތައްއިރެއް ވީފަހުން ފިރިމީހާގެ ހިތަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އެހެނީ، އޭނާއަށް ޔަޤީންވާ ކަމަކީ އޭނާގެ އަނބިމީހާއާއި ދުރުގައިވަކިން އެންމެ ހިނދުކޮޅަކުވެސް ދިރިނޫޅެވޭނެ ކަމާއި، އަދި އަނިބިމީހާދެކެ މިހާރުވެސް ނުހަނު ލޯބިވާކަމެވެ. ފުރަތަމަ ދުވަހުން ފެށިގެންވީ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަމެވެ. އެހެންކަމުން، އަންހެނުން ގާތުގައި އޭނާ ނުހަނު ލޯބިވާ ވާހަކަބުނެ މަޢާފަށް އެދެން ބޭނުންވެއްޖެއެވެ.
އޭނާގެ އެނދުކައިރީގައި ހުރި ޓެލެފޯނުގެ އަތްގަނޑު ނަގައި އަންހެނުންނަށް ފޯނު ކުރަން ފަށައިފިއެވެ. ރިންގުވުން މެދުކެނޑުނަނުދީ އޭނާ ޑައިލް ކުރަމުން ގެންދެއެވެ.
އަންހެނުން ވެސް އޭނާގެ ހިތަށްވަމުންދާ އުނދަގޫތަކުން ނުނިދިއޮވެ، ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް އޭނާގެ ހިތާކުރެވެމުން ދަނީއެވެ. “މިހާގިނަދުވަހު ދެމީހުން އިނދެގެން އެކުގައި ދިރިއުޅުމަށްފަހު، ވަރިވުމަށް ދެމީހުން ބޭނުންވި އަސްލު ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ފިރިމީހާޔަށް ކުޑަކޮށް ވެސް އަހަރެން ދަހެއްނުވިއެވެ. އަހަރެން އޭނާދެކެ މިހާރުވެސް ނުލައިހިކު ލޯބިވަމެވެ. އެކަމަކު، ދެން އިތުރަކަށް އެންމެ ދުވަހަކުވެސް އެކުގައެއް ނޫޅެވޭނެއެވެ.” މެދުކެނޑުމެއްނެތި ފޯނު ރިންގުވަމުން ދެއެވެ. ފޯނުކުރަނީ އޭނާގެ ފިރިމީހާކަން ޝައްކެއްނެތް މިންވަރަށް އޭނާޔަށް އެނގެއެވެ. އެހެނަސް، އެ ކޯލަށް ޖަވާބެ ދޭކަށް ބޭނުމެއް ނުވެއެވެ. “މިހާރު ދެމީހުން އިތުރު ގިނަ ވާހަކަދެއްކުމުގެ އޮތީ ކޮން މާނައެއްހެއްޔެވެ! ދައްކަންއޮތީ ކޮންވާހަކައެއް ހެއްޔެވެ! އެކަންތައް އެވަނީ މިހާރު ނިމިފައެވެ. ވަރިޔަށް އެދުނީ އަހަރެންނެވެ. އެކަން އެގޮތުގައި އަހަރެން ދަމަހައްޓަން ބޭނުމެވެ. އެގޮތަށް އެކަންތައް އަހަރެން ނުކޮށްފިނަމަ އަހަރެންގެ އެއްވެސް އަގެއް ނެތުނީއެވެ.” މެދުނުކެނޑި ފޯނު ރިންގުވަމުން ދެއެވެ. އެންމެފަހުން އޭނާ ރުޅިއައިސްގެން ފޯނުގެ ވާގަނޑު އުފުރައިލައިފިއެވެ.
އަނެއްދުވަހުގެ އިރުއަރައި ނުވައެއްޖަހަން ކައިރިވެފައި ވަނިކޮށް ފިރިމީހާ މަރުވެއްޖެ ކަމުގެ ޚަބަރު އަނބިމީހާޔަށް ލިބިއްޖެއެވެ. އެޚަބަރު ލިބުމާއިއެކު އަވަހަށް ފިރިމީހާގެ ގެއަށް އޭނާ ހިނގައްޖެއެވެ. ގޭތެރެއަށްވަދެ ބެލިއިރު ފިރިމީހާ މަރުވެފައިއޮތީ އެދެމީހުން އެތައްގިނަ އަހަރުތަކެއް ވަންދެން އެކުގައި ނިދާއުޅުނު އެނދުމަތީގައެވެ. އޭރު އޭނާގެ އަތުގައި ފޯނުގެ އަތްގަނޑު އޮތެވެ. އޭނާޔަށް ހާޓްއެޓޭކެއް ޖެހިގެން މަރުވެފައި އެވަނީ އޭނާ ނުހަނު ލޯބިވާ އޭނާގެ އަންހެނުންނަށް ފޯނުންގުޅޭތޯ މަސައްކަތް ކުރަމުން ދަނިކޮށެވެ. ފިރިމީހާގެ ހިތުގެބައްޔެއް ހުންނަކަން އަނބިމީހާ ދަންނަނީ ވަރަށް ކުޑަކޮށެވެ.
މިލިބުނު ބޮޑު ހިތާމައިގައި ހުރެގެން، ފިރިމީހާގެ ކަށުކަމާކެމީގެ ކަންތަކަށް ތައްޔާރު ވުމުގެކުރިން އޭނާގެ އެއްވެސް ވަޞިއްޔަތެއް އޮތްތޯ ބެލުމަށް ފިރިމީހާގެ އަލަމާރި ވަތްގަނޑުގައިހުރި ލިޔެކިޔުންތައް ބަލަން ފަށައިފިއެވެ. ލިޔެކިޔުންތައް ބަލަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ، ފިރިމީހާ ހަދައިފައިވާ އިންސުއަރެންސް ޕޮލިސީއެކެވެ. އެ އިންސުއަރެންސް ޕޮލިސީ ހަދައިފަވަނީ އެ ދެމީހުން ކައިވެނިކުރި ދުވަހުގައެވެ. އެ އިންސުއަރެންސް ޕޮލިސީގައި ވާގޮތުން އެލިބޭ ފަރާތަކީ އަންހެންމީހާއެވެ. އެ އިންސުއަރެންސް ޕޮލިސީ ލާފައިވާ ފައިލްގައި ފިރިމީހާގެ އަތުން ލިޔެފައިވާ ކުރުނޯޓެއް އޮތެވެ. އެ ނޯޓުގައި ލިޔެފައިވެއެވެ:-
” އަހަރެން އަބަދުވެސް އެންމެ ލޯބިވާ އަނބިމީހާއަށް… ކަލާ މިނޯޓް ކިޔާ އިރުގައި، ހަމަޔަޤީނުން ވެސް ކަލާގެ ކައިރީގައި އަހަރެންނެއް ނުހުންނާނެއެވެ. އަހަރެން ގަނެފައިވާ މިއިންސުއަރެންސް ޕޮލިސީގައި ވަނީ އެއްލައްކަ ޑޮލަރު ކަމުގައިވިޔަސް، އަހަރެން ކަލާޔާއި ކައިވެނިކުރި ދުވަހު ވަޢުދުވެފައި ވާނެފަދައިން، އަހަރެން މިވަނީ އެކަންތައް ކަލާޔަށް ކޮށްދީފައެވެ. އަހަރެން އެދެނީ މިފައިސާގެ ބޭނުންކޮށްގެން ކަލާގެ ޙަޔާތުގެ ކުރިޔަށް އޮތް ދުވަސްތަކުގައި، އަހަރުމެން ދެމީހުން އެކުގައި މިދުނިޔޭގައި ދިރި ތިބިނަމަ އުޅޭނެފަދަ އުފާވެރިކަމުގައި ކަލާ އުޅުމެވެ. އަހަރެން ކަލާޔަށް ބުނެދޭން ބޭނުންވަނީ ހަމަ އެންމެ ވާހަކައެކެވެ. އަހަރެން އަބަދުވެސް ކަލާޔާއި އެކުގައި، ކަލާ ވީތަނެއްގައި ވާނަމެވެ. އަހަރެން ކަލާދެކެ އަބަދުވެސް ނުހަނު ލޯބިވެއެވެ.”
މިނޯޓް ކިޔައި ނިމުނުއިރު އަނބިމީހާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދެއެވެ. ފިރިމީހާ އޭނާދެކެވީ ޙަޤީޤީ ލޯތްބެއްކަން މިއަދު ޤަބޫލު ކުރެވިއްޖެއެވެ. އެކަމަކު، ވަގުތު މިވަނީ މާބޮޑަށް ވެސް ފާއިތުވެ ގޮސްފައެވެ.
~ނިމުނީ~