ވާހަކަ

ކިލަނބުވި ހަޔާތް (ދެވަނަ ބައި)

ކިލަނބުވި ހަޔާތް ( 2 ބައި)

ކޮންމެ ދުވަހަކުވެސް މިދެ އެކުވެރިންނަށް ތަފާތު އެކިއެކި މީހުންގެ ދިމާކުރުމުގެ ބަސްތައް ރައްދު ވަމުންދެއެވެ. ނަމަވެސް މިކަމާއި އެއްވެސް ވަރަކަށް ނީޝާ އަޅައެއްނުލައެވެ. އަޔާ ވެސް އޭނާގެ ގޮތުގައި ހިފަހައްޓައިލައިގެން ހުރީ އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ ބުނާ ބަސް އެހެން މީހުންނަށް ވިސްނައިދެމުން ދާ ފަދަ ގޮތަކަށެވެ. އެކީގައި ހޭދަކުރަން ލިބޭ ވަގުތު ގިނަވަމުން ދިޔަވަރަކަށް ނީޝާގެ ހިތުގައި އަޔާޝް އާއިމެދު ފިކުރު ކުރެވެން ފެށިއެވެ. “އަޔާޝް” ހާދަ ލޯބި ނަމެކެވެ. ނީޝާ ހިނިތުންވެލިއެވެ. އަޔާޝްގެ އެކުވެރިން އޭނާއަށް މުހާތަބުކުރަނީ އަޔާގެ ނަމުންނެވެ.  ފޮނި ޙިޔާލުތައް ގިނަވަމުން ދިޔަވަރަކަށް އިންތިޒާރެއް ކުރެވި ފޮޅެމުންދިޔަ ފިނިފެންމަލުގެ ފިޔަތަކަށް ސަބުނަމްގެ ފިނި ތިކިތައް ފައިބަމުން ދާހެން ދެމީހުންނަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ވެދާނެއެވެ. މަލުގެ ކަރުގަނޑު ތެރެއިން އޮހެމުން ދާ ސަބުނަމްގެ މީރު ރަހަ ނީޝާ ފެންނަ ކޮންމެ ހިނދަކު އަޔާގެ އަރުތެރޭގައި ލަމުން ދާހެން އޭނާއަށް ހީވެއެވެ.

ނީޝާގެ އަތުގައި އަޅާފައި އޮތް ރަން ކެވެލި ކޮޅުގައި އަޔާ ވަރަށް ލޯބިން ފިރުމައިލާފައި ބޮސްދިނެވެ. އެއީ އޭނާގެ ވިހި ވަނަ އުފަންދުވަހު އަޔާ ދިން ހަދިޔާ އެކެވެ. އެ ހަދިޔާގެ ސަބަބުން ނީޝާ ކުރަމުންދާ އުންމީދުތައް ފުރިހަމަ ވާން އުޅޭހެން އޭނާއަށް ހީވަމުންދިޔައެވެ. މަސައްކަތުގެ ވަގުތު ނިންމާލުމަށް ފަހުވެސް ނީޝާ ބޭނުންވަނީ އަޔާގެ ކޮޓަރީގައި ވަގުތު ހޭދަ ކުރުމަށެވެ.

މާ މަލުގެ މީރުވަހަށް މާބުރު އަންނަ ވާހަކަ އަކީ ހަޤީޤަތެކެވެ. އެކަމަކު އެއްވެސް މީހަކު މަލެއް ގަހުން ވަކިވެގެން މާބުރު ހޯދަން ދުވާ ވާހަކައެއް އަޑެއް ނާހާނެއެވެ. އެހެނަސް އެއީވެސް ނޭނގި ހިނގާ ސިއްރު ކަމެކެވެ. ސިއްރުން ހިތުގައި ލޯބި މިކިޔާ ޖަޒުބާތެއް އުފެދެނީ ފުރަތަމަ ކީއްވެ ކަމެއް ނީޝާ އަކަށް ނޭނގެއެވެ. އެނގޭހައިވެސް ކަމަކީ އަޔާ ނުފެނި ގިނަވަގުތު ވެއްޖެނަމަ އޭނާގެ ހިތް ނުތަނަވަސް ވާ ކަމެވެ. ނީޝާގެ ހިތުގައި އަޔާ އާއި މެދު ލޯބީގެ ފުން އިހުސާސްތަކެއް ފޮރުވައިގެން ގެންގުޅެމުން ދިޔައެވެ.

އެހެނަސް އަދި އަޔާގެ ހިތް އޮތްގޮތެއް ކެތްތެރިކަން ކޮޅުންލަމުންދާ ނީޝާއަކަށް ނޭނގެއެވެ.  ކޮންމެ ގޮތެއްވިޔަސް ނީޝާގެ ހިތުގައި އެކަން ހާސިލްކުރަން އަޒުމް ކަނޑައަޅަފިއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ.

މިއަދަކީވެސް ދެމީހުން އެކީގައި ޑިއުޓީ އަދާކުރަން ލިބޭނެ ދުވަހެކެވެ. އެހެންކަމުން ނީޝާ ފަތިހު ފަތިހާ ތެދުވެގެން ނަމާދު ކޮށްލައިގެން ތައްޔާރުވަމުން އެދަނީ ހަމައެކަނި އޮފީހަށް ދިއުމުގެ ބޭނުމެއްގައެއް ނޫނެވެ. އޭނާގެ ސިއްރު ލޯބި ވެރިޔާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކޮށްލުމުގެ ބޭނުންވެސް އޮވެގެންނެވެ.

ފަތިހުގެ ތެތްފިނި ވަޔާ އެކުގައި ފެހިކުލައިގެ ގަސްތަކުގެ ފަތްތައް ރޫރު އަޅަމުން އެދަނީ އިރުމަތި ފަރާތުން އަރަމުން އަންނަ ރަން އިރާ އެކީގައެވެ. ހެނދުނު 6 ޖަހަން ފަންސަވީސް މިނެޓު ވެފައި ވާއިރު ނީޝާ މޭކަޕް ކޮށް ނަލަ ހެދިލިއެވެ. އޭނާ އަކީ އަބަދުވެސް ނަލަ ހެދިލައިގެން ހުންނަ ފިޔާތޮށި ފިނިފެންމަލެއް ކަން އަޔާގެ ލާނެތް މަލާމާތުގެ ބަސްތަކުން ދޭހަވެއެވެ. ޑުރެސިން ޓޭބަލް މަތީގައި އޮތް ފޯނަށް އައި މެސެޖާ އެކު ނީޝާ އަވަސް ކޮށްލައިގެން ކެންޓީނާ ދިމާލަށް ދާން ހިނގައިގަތެވެ. މެސެޖު ކުރީ އަޔާއެވެ. އޭނާ އެކަނި ހެނދުނު ނާސްތާ ކުރާ ވާހަކައެވެ. ބައިވެރިވަމަށް ދަޢުވަތު ދިން ވާހަކަ ބުނެފައި ކުރި މެސެޖެކެވެ.

ނީޝާ ލައިގެން ހުރި ޔުނީފޯމުގެ ފަސްބައިހުރި ރޫތަށް އޭނާގެ ލޫޅާފަތި އަތުން ފިލުވާލިއެވެ. އޭނާ ގޮސް ކެންޓީނާ އަރާ ހަމަވީއިރު އެތަނުގައި އަޔާ ނާސްތާ ކުރަން އިނެވެ. އޭނާ މާ ބޮޑަށް ބަނޑުހައި ވީކަމަށް ވެދާނެއެވެ. ދެ މީހުންގެ ނާސްތާ އިން ފެށިގެން ދިޔަ ދުވަސް ނިމިގެން ދިޔައީ ނީޝާގެ ހިތުގައި ފޮރުވާފައިވާ ސިއްރު ހާމަވެގެންނެވެ.  އެކަމަކު އެއީ ނީޝާގެ ދުލަކުން ނޫނެވެ. އަޔާޝްގެ ލޮލުގެ އިޝާރާތުންނެވެ. ފުރަތަމަ ލޯބި ހުށަހެޅީ އަޔާއެވެ. ނީޝާއަށް ލިބުނު ކުއްލި ޙައިރާންކަމާއެކުގައި އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އޭނާ އުފަލުންގޮސް އަޔާގެ ކޮލުގައި  ބޮސް ދޭން ބޭނުންވިއެވެ. އެކަމަކު އޭނާ ޖެހިލުންވިއެވެ. ނަމަވެސް ނީޝާވެސް ލޯބިވާކަމަށް އިޢުތިރާފް ވުމުގެ ގޮތުން ހިނިތުންވެލިއެވެ. އެވަގުތު އަޔާގެ ހިތުގެ ނާރުތަކުގައި ޖަހަމުން ދިޔަ ވިންދު އަވަސްވި ހެން އޭނާއަށް ހީވިއެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close