(ކުރުވާހަކަ) ކުލަ ތަފާތު މަންޒަރެއް
މައިންބަފައިން އާއިލާގެ ތެރޭގައި ދަރިންނާއި މެދު ކަންކަން ކުރާގޮތް އެކުދިން ދެނެގަންނަގޮތް މިއަދު އަހަރެންނަށް އިޚްސާސް ވެއްޖެއެވެ. އެކުދިންނާއި މެދު ކަންތައްތައް ކުރާގޮތް އެކުދިން ވަރަށްބޮޑަށް ފާހަގަކުރެއެވެ. އެއީ އުމުރުން ކިތަންމެ ކުޑަނަމަވެސް ވާގޮތެވެ. އެފަދަ ކުދިން ޝަކުވާކުރާނެއެވެ. އަހަރެންނަށް އެދުވަހު ނާއިފް ކުރި ޝަކުވާތައް އަޑުނޭހުނީއެވެ. އެކަމާ މާބޮޑަށް އަޅާނުލެވުނީއެވެ. އަމިއްލަ ދަރިޔާއިމެދު ފަރުވާކުޑަކުރެވުނީއެވެ. އަހަރެން މިއީ އޭނާގެ ބައްޕައެވެ. އެހެނަސް އެގުޅުމުގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ލިބުނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ މިއަދު އޭނާއެވަނީ ފުން އަނދިރި އަނދަވަޅަކަށް ވެއްޓިފައެވެ. މިއީ ކާކުގެ ސަބަބުން ވީ ކަމެއް ހެއްޔެވެ؟ ކުށްވެރިއަކީ އަހަރެންގެ ހެއްޔެވެ؟ ނޫނީ ހައްވަ ހެއްޔެވެ؟ އަހަރެން ވިސްނާލީމެވެ.
އެއީ ބޮޑުޢީދު ދުވެހެވެ. ގަޑިން 4:30 ވާން ގާތްވަނީއެވެ. ޙައްވަގެ 3 ކުދިން ތިބީ ފެންވަރުވާ ނަލަހައްދާލައިފައެވެ. އިރުކޮޅަކުން އަލަމާރިން ފަތްޖަހާލާފައި އޮތް ގަމީހަކާއި ޓީޝާޓެއް ނެގިއެވެ. އަދި އެއާއިއެކު ރީތި ވިދާ ބަބުޅާ ހެދުމެއްވެސް ނެގިއެވެ. “ހާދަރީތި ހެދުމެކޭ!” ހައަހަރުގެ ރަނާ ހީލާފައި ބުންޏެވެ. ތިއީ އަޅުގަނޑުގެ ޢީދުހެދުންތަ؟” އޭނާ ހުރީ ނިކަން އުފާވެފައެވެ. “މީ ރާއްކޮގެ ޢީދުހެދުންދޯ؟” ގަމީހާއި ފަޓްލޫނު ދައްކާލަމުން ރަމީޒުވެސް އުފާވެފައި ބުންޏެވެ. “މީ ތިދެކުދިންގެ ޢީދު ހެދުން. މިފަހަރު ޢީދު ހެދުން ލިބުނީ ރަނާއަށާއި ރަމީޒް ކޮއްކޮއަށް.” ދުރުގައި މި މަންޒަރު ބަލަން 7 އަހަރުގެ ނާއިފް ހުއްޓެވެ. މިފަހަރުވެސް އޭނާއަކަށް ޢީދުހެދުމެއް ނުލިބެއެވެ.
“މަންމާ….. އަޅުގަނޑުގެ ޢީދުހެދުން ކޮބާ؟” ނާއިފަށް ބޭއިޙްތިޔާރުގައި ކެތްނުކުރެވިގެން އަހާލެވުނެވެ. “ހުރިހާ ކުދިންނަށް ގަންނަވަރަކަށް ބައްޕައަކަށް ލާރިއެއް ނުލިބޭ. އެހެންވީމާ މިފަހަރު ކޮއްކޮމެންނަށް ހެދުންގަތީ. ދަރިފުޅަށް އެހެންފަހަރަކުން ގަނެދޭނަން.” މަންމަ ނިކަން އޯގާތެރިކަމާއެކު ބުންޏެވެ. ނާއިފަށް ރޮވޭގޮތް ވެއްޖެއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެންމެފަހުން ދިއަ ޢީދުގައިވެސް އޭނާއަކަށް އާ ހެދުމެއް ނުލިބެއެވެ. އެދުވަހުވެސް ނާއިފް ކުޅިވަރުތައް ބަލަން ދިއައީ ދޮންބެއަށް ބާރުވެގެން ދިން ޖިންސަކާއި ގަމީހެއް ލައިގެންނެވެ.
ނާއިފް އޮތީ އޭނާގެ އެނދުގައި އޮށޯވެލައިގެންނެވެ. އެދުވަހު ނާއިފް ޢީދުކުޅިވަރު ބަލާކަށް ނުދިޔައެވެ. އާއެކެވެ. އޭނާގެ ކޮއްކޮމެންނާއެކު ޢީދުކުޅިވަރުތައް ބަލަންދާން ނާއިފް ލަދުގަނެއެވެ. “ކިހިނެތްވެފަ ތި އޮތީ؟ ދަރިފުޅު ޢީދުކުޅިވަރު ބަލާކަށްވެސް ނުދަންތަ؟”. އަހަރެންނަށް ނާއިފް ފެނުމުން ސުވާލުކުރެވުނެވެ. އޭނާ އޮތީ އެނދުގައި ބަންޑުން އޮށޯވެގެންނެވެ. އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. ” ދަރިފުޅު ނިދާފަތަ؟” އަހަރެން ނާއިފް އަނެއް ފަރާތަށް އަނބުރާލިމެވެ. “އޭ! ކިނެތްވީ؟ ކީއްވެ ތިޔަރޮނީ؟ އަހަރެން އެސުވާލުތައް ކުރުމުން ނާއިފަށް ބާރަށް ރޮއިނަނެވުނެވެ. އޭނާއަށް ގިސްލެވޭ ވަރަށް އެދުވަހު ރުޔެވެ.
“މިފަހަރުވެސް އެއްވެސް ރީތި ހެދުމެއް ނެތް. ހުސް ބާހެދުން ހުރީ… ޢީދުކުޅޭންތަން ބަލާކަށް ނުދާނަން. ނާއިފް ރޮމުން ރޮމުން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހާފައި އަހަރެންގެ ލޮލުތެރެއަށްވެސް ކަރުނަ ތިކިތައް ގިނަވާންފެށިއެވެ. ބައްޕައަށް ލާރި ލިބުނީމާ ދަރިފުޅަށްވެސް ރީތިހެދުމެއް ގަނެދޭނަން.” އަހަރެން ނާއިފް ހަމަޖައްސަން އުޅުނީމެވެ. “ކޮންމެފަހަރަކު ބައްޕަ ތިހެން ބުނޭ…އެކަމަކު ނުގަނެދޭ…” ނާއިފް ޝަކުވާ ކުރިއެވެ. ތެދެކެވެ. ކޮންމެ ފަހަރަކުވެސް އަހަރެންނަށް އެހެން ބުނެވެއެވެ. އެއީ ނާއިފް ދެރަވެފައި ހުންނަތަން ފެނުނީމާ ހިތްދަތިވާވަރުން ބުނެވޭ އެއްޗެކެވެ. ކުދިން އުފާކޮށްދީ އެދަރިންނަށް ރީތި އެއްޗިހި ހޯދާދޭން އަހަރެންވެސް ބޭނުންވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަށް ކުދިން ގޮވައިގެން އުޅޭއިރު ޙައްވައަށާއި އަހަރެންނަށް ޖެހެނީ ދިރިއުޅުމާއި ހަނގުރާމަ ކުރާށެވެ. ރެއާއި ދުވާލު މަސައްކަތްކޮށްގެން ލިބޭފައިސާކޮޅު ޚަރަދުކުރަނީ ހަމަ އެކުދިންނަށެވެ. އެހެން ނަމަވެސް އެދިންނަށް ބޭނުންވާ ކަންތައްތައް އޮންނަނީ ނުކޮށްދެވިފައެވެ.
ސްކޫލުތައް ހުޅުވިއްޖެއެވެ. ނާއިފް އިނީ ކުލާހުގެ މޭޒުދޮށުގައެވެ. ހުރިހާ ކުދިން މުދައްރިސް ބޯޑުގައި ލިޔާ ފިލާވަޅު ފޮތަށް ކޮޕީކުރަމުން ދަނީއެވެ. ނާއިފް އިނީ އަކުރުތަކަށް ބަލާށެވެ. ލިޔާކަށް ނޫނެވެ. އޭނާ މިހާރު ކިޔެވުން މަތިން މުޅިން ފޫހިވާގޮތް ވެއްޖެއެވެ. ސްކޫލަށް ބޭނުންވާ ތަކެތި ގަނެދިނުމުގައިވެސް އެހެން ކުދިންނާއި ނާއިފާއި ތަފާތު ކުރެއެވެ. އޭނާއަށް ބޭނުންވާ އެއްޗެއްނަމަ ފަހުން ގަނެދޭނަމޭ ބުނެއެވެ. އެހެނަސް ކޮއްކޮމެންނަށް ކޮންމެ އެއްޗެއް ގަންނަން ބޭނުންވިޔަސް އަތުގައި ފައިސާ ހުރެއެވެ. މިއީ ވަރަށް ހެއްވާކަމެކެވެ. ނާއިފަށް އެތަފާތުގެ އިޚްސާސްކުރެވިގެން ދެރަވެފައި ހުންނަ މަންޒަރު އަހަރެންވެސް ދެކެމެވެ. އެހެނަސް ހީކުރީ ބޮޑުވީމަ އަދި އެކަންކަން ރަނގަޅަށް ވިސްނި ހުރިހާ ކަމެއް ހަމައަކަށް އެޅޭނެކަމަށެވެ.
ކުލާހުގައި ކިޔަވާހިތްނުވުމުން އެހެންކުދިންނާއި ވާހަކަދައްކާ އުނދަގޫކުރަން ނާއިފަށް ފެށުނެވެ. މި ފެށުން ނިމުމަކަށް އައީ ވަރަށް ބޮޑު ތަޅާފޮޅުންގަނޑެއް ކުލާސްތެރޭގައި ހިނގާދިއުމަށްފަހުއެވެ. އޭގެފަހުން ނާއިފް ސްކޫލަށް ދިއުން ހުއްޓާލިއެވެ. އޭރު ހުރީ ގުރޭޑް 9 އެއްވެސް ނިމެން ކައިރިވެފައެވެ. ރަށުތެރޭގައި އުޅޭ ވިޔާނުދާ ކުދިންނާއި އެކީގައި އުޅުމުގެ ފުރުޞަތު އޭނާއަށް ތަނަވަސްވިއެވެ. ޙައްވައާއި އަހަރެންގެ މާ ބޮޑު އަޅާލުމެއް ނުލިބޭތީ އޭނަ އުޅުނީ އުޅޭނެ ގޮތަކަށެވެ. އަހަރެން ގެއަށް އަންނައިރު އެސޮރު އޮންނަނީ ގިނަފަހަރަށް ނިދާފައެވެ. ޙައްވަ ކުރެން އެހެނީ ނާއިފުގެ ވާހަކައެއް ނޫނެވެ. އެހެނަސް އޭނަގެ ހަގަށް ތިބޭ ކުދިންގެ ވާހަކަތަކެވެ.
ދުވަސްތައް މިހެން ފާއިތުވަމުން ގޮސް އެންމެފަހުން، އަހަރެންގެ ކަންފަތުގައި ޖެހުނު އަޑަކީ ނާއިފް ކޮންމެވެސް ގެއަކުން ވައްކަން ކޮށްގެން އުޅޭ ވާހަކައެވެ. އަހަރެމެން އެކަމެއް ގަބޫލެއް ނުކުރަމެވެ. ދަރިފުޅު ދޮންފުތުކުރެވުނެވެ. މާ ބޮޑަށެވެ. އެހެނަސް ޙަޤީޤަތް ހާމަވާކަށް މާ ގިނަދުވަހެއް ނުނެގިއެވެ. އަހަރެންގެ ލޯ ކުރިމަތިން އެ މަންޒަރުތައް ފެންނަންފެށިއެވެ. ދަރިފުޅަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. އެކަމަކު އޭރު މާ ލަސްވެއްޖެއެވެ. އޭގެ އަހަރުތަކެއް ފަހުން އަނެއްކާވެސް ފެނުނީ ކުލަ ތަފާތު މަންޒަރެކެވެ. ތެދެކެވެ. އެމަންޒަކީ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވިކަމުގެ އިޙްސާސް ކުރުވި މަންޒަރެކެވެ. އަހަރެންނަށް ހުރެވުނީ ހަނދާނެގޮތް ހުސްވެ ދޫ ބަންދުވެފައެވެ.
އަހަރެންގެ ލޯބިވާ ދަރިފުޅު މަސްތުވާތަކެތީގެ މައްސަލައިގައި ޕޮލިހުން އޭނަ ހައްޔަރުކޮށްގެން ގެންދަނީއެވެ. ދުވަސްތަކަށްފަހު، އެމައްސަލަ ބަލާ ނިމިއްޖެއެވެ. ނާއިފަށް އައީ 25 އަހަރުގެ ޖަލު ޙުކުމެކެވެ. މިއީ އަހަރެމެންގެ އިޙްމާލުން ވީކަމެކެވެ. މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. މިކަމުގައި ޒިންމާވާންޖެހޭނެ ފަރާތަކީ އަހަރެންނާއި ޙައްވައެވެ. ދަރިންނަށް ތަފާތު ކުލަތައް އެކިގޮތަށް ދެއްކުނީ އަހަރެމެންނަށެވެ. (ނިމުނީ)

ޝާމިލްގެ ވާހަކަތައް އަހަރެން ހަމަ ވަރަށް ބަރާބަރަށް ކިޔަން
ވަރަށް ސަލި އިނގޭ ރަނގަޅު ޢިބްރަތްތެރި މެސެޖެެއް ހަމަ ކޮންމެ ވާހަކައަކުންވެސް ގެނެސްދޭތީ ވަރަށް އުފާވޭ
ކީޕް އިޓް އަޕް ބްރޯ
ކޮރާނާ އާއި ގުޅޭ ރީތި ވާހަކަ އަކަށް އިންތިޒާރު ކުރާވާހަކަ ޝާމިލް އަށް ބުނެލަން
ވަރަށް ސަލާން