ވާހަކަ

ޢިބްރަތްތެރި ވާހަކަ: ދަރުކޮށާ މީހާގެ ވާހަކަ

އެއްދުވަސްވަރެއްގައި ދަރުކޮށާމީހަކު ވަޒީފާއެއް ހޯދުމަށް ނުކުތެވެ. އެ ޝަހަރުގެ ވިޔަފާރި ވެރިއަކު އޭނާއަށް ދަރުކޮށުމުގެ ވަޒީފާއެއް ދީފިއެވެ. މުސާރަވެސް ވަރަށް ރަނގަޅެވެ. އަދި ކާންބޯން ދެއެވެ. ނިދާނެ ތަނެއްވެސް ދެއްކިއެވެ. އަދި މަސައްކަތްކުރުމަށް ކުޑަވަރެއްގެ ފުރޯގަނޑެއްވެސްދިނެވެ.  

ދަރުކޮށާ މީހާގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ވަލަށްވަދެ އޭނާއަށް ކޮށުނުވަރަކަށް ދަރުކޮށައިގެން ވެރިމީހާގެ ގެއަށް ގެނައުމެވެ.

ގަސްބޯ ޖަންގަލި ހިސާބެއްކަމުން ފުރަތަމަ ދުވަހުވެސް ވަރަށް ގިނަ ދަރުކޮށައިގެން ގެނައެވެ.

ދަރުކޮށާމީހާގެ މަސައްކަތް ފެނިފައި ވެރިމީހާ ވަރަށް އުފާވިއެވެ. އަދި ތައުރީފްކޮށް ތިޔަގޮތުގައި ހިތްވަރާއެކު މަސައްކަތުގައި ދެމިހުރުމަށް ނަސޭހަތްދިނެވެ.

ވެރިމީހާގެ ވާހަކަ ތައް އިވިފައި ދަރުކޮށާމީހާ އަދި ކުރިއަށްވުރެވެސް މަސައްކަތަށް ޝައުޤުވެރިވިއެވެ. މިއަދު ކުރީދުވަހަށްވުރެ ގިނައިން ދަށުކޮށާނަމޭ ހިތާ ކުރީދުވަހަށްވުރެ އަވަހަށް ވަލަށްވަނެވެ. އަދި ކުރީދުވަހަށްވުރެ މާގަދައަށް މަސައްކަތްވެސް ކޮށްފިއެވެ. ނަމަވެސް މިއަދު އެއްކުރެވުނު ދަރާއި ކުރީދުވަހުގެ ދަރާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުކަން ފާހަގަކުރެވުނެވެ.  

ދެވަނަ ދުވަހުގެ ދަރުތައް ބެލުމަށްފަހުވެސް ވެރިމީހާ ބުނީ ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް ކުރީދުވަހަށްވުރެ ތަންކޮޅެއް މަދު ދޯއޭ ބުންޏެވެ.

ޖަވާބުގައި ދަރުކޮށާމީހާ ބުނީ މާދަމާ އިތުރަށް މަސައްކަތްކޮށް އިތުރު ދަރުހޮވާނެކަމަށެވެ.

ތިންވަނަ ދުވަހު އަދި މާކުރިން ވަލަށްވަދެ އަނެއް ދެދުވަހު ނުކުރާ ވަރަށް މަސައްކަތްކޮށްގެންވެސް އެއްކުރެވުނީ ވަރަށް މަދު ދަރުކޮޅެކެވެ. އެކަމާ ދަރުކޮށާމީހާ ވަރަށް ދެރަވެއްޖެއެވެ. އެހެންކަމުން ވެރިމީހާ ކައިރިން މާފަށް އެދެން ނިންމިއެވެ.

“އަޅުގަނޑަށް މާފު ކުރައްވާ، އަޅުގަނޑު މާބޮޑަށް ވަރުބަލިވީ، ކުރީ ދެދުވަހު މަސައްކަތް ކުރިވަރަށް، ފަހުން ދުވަހު މަސައްކަތް ނުކުރެވުނީ އެހެންވެގެން. އިރާދަ ކުރެއްވިއްޔާ މާދަމާ މިއަށްވުރެ ގިނައިން ދަރުހޮވާނަން. “

އެންމެ ފަހުން ކަލޭގެ ފުރޯ ތޫނުކުރީ ކޮން އިރަކު؟ ވެރިމީހާ އިރުކޮޅަކު ވިސްނާލަން ހުރެފައި ސުވާލުކުރިއެވެ.

“ފުރޯ ތޫނުކުރީ އޭތޯ؟ ފުރޯ ތޫނު ކުރާކަށް އަޅުގަނޑަށް ވަގުތެއް ނުލިބުން. ސާހިބާ ވިދާޅުވީމާ ދަރުހޮވުމުގެ މަސައްކަތުގައި އަޅުގަނޑު މިއުޅުނީ ވަރަށް އަވަދިނެތި.” ދަރުކޮށާ މީހާ ބުންޏެވެ.

ތިމާގެ މަސައްކަތަށް ބޭނުންވާ އާލާތް ރަނގަޅު ނޫންނަމަ މަސައްކަތް ކުރެވޭ މިންވަރު ދަށަށް ދާނެކަން ކަލެއަކަށް ނޭންގޭ ހެއްޔެވެ؟ ވެރިމީހާ ބުނެލިއެވެ.

ޢިބްރަތް:

އަޅުގަނޑުމެންގެ ދިރިއުޅުން ވެސް މިދަނީ އެގޮތުގައެވެ. ބައެއްފަހަރަށް އަޅުގަނޑުމެންނަށް މިހާ ބިޒީކޮށް އުޅެންޖެހުމުން އަޅުގަނޑުމެންގެ ފުރޯ ތޫނު ކުރާނެ ވަގުތެއް ނުލިބެއެވެ.

އަޅުގަނޑުމެންގެ އީމާންކަމުގެ ޙާލަތު ވަރަށް ބޮޑަށް ބިނާވެފައި އޮންނަނީ، ނަފްސު ބައްޓަން ކުރުމުގެ މިންވަރެއްގެ މައްޗަށެވެ. އަޅުގަނޑުމެންގެ ފުރާނައަށް ކާންދިނުމަށް ޓަކައި އަޅުގަނޑުމެންގެ ޙަޔާތް ބަރުދާސްތުވެ، އަވަދިނެތި ކުރިއަށް ހިނގައްޖެނަމަ، އޭގެ ބާރު ގެއްލި، ހެޔޮ ޢަމަލުތައް ކުރުމަށް އަޅުގަނޑުމެން ނަށް ހިތްވަރު ނުލިބޭނެއެވެ.

ވީމާ ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ނަގާ، ޤުރުއާންކިޔަވައި ދީނީ ދަރުސްތަކާއި، ތަޤްރީރުތައް އަޑުއަހައި، الله ހަނދުމަކޮށް، އެފަދަ އެތައް ކަމެއް ކޮށްގެން ތިބާގެ ނަފްސު “ތާހިރު” ކުރާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close