ވާހަކަ

އަރާފަނި ޖިންނި ( ފަސްވަނަބައި )

ބޮޑު މައުލޫދުގެ ދުވަސްވަރު ތާރީހީ ނަޒަރަކުން!

ނ.ލަންދުއަކީ ބިންބޮޑު ވަލުކާނާ ގިނަ ފަލަމަޑިއާއި، މޭވާގެ ބާވަތްތަށް އިންތިހާއަށް ގިނަ އަދި މަހައްދާ އޮޑިދޯނި ފަހަރާއި، ނާލުބައްތެލި ގެންގުޅޭ ރަށަކަށް ވުމުގެ އިތުރުން 1900 ގެ އަހަރު ތަކުގައި ނ.ލަންދޫ ހިމެނިގެން ދިޔައީ މުޅި ނ.އަތޮޅުގެ އިގުތިސާދުގެ ނާރެހެއްގެ ގޮތުގައެވެ.

މިދުވަސް ވަރަކީ 1950 ގެ އަހަރުތަކެވެ. ދެވަނަ ބޮޑުހަގުރާމަ ނިމި މުޅިދުނިޔެ ބަނޑަށް ޖެހިފައިވާ ދުވަސްވަރެއްގައި ނ.ލަންދޫ ރައްޔިތުން ބޮޑުމައުލޫދެއް ކިޔުމަށް ތައްޔާރުވެފައި ވުމީ ލަންދޫގެ ހައިބަތާއި ގަދަރު އަދި ރައްޔިތުންގެ އެކުވެރިކަމާއި، އަޚުވަންތަކަން އަދި ދީންވެރިކަން އިންތިހާއަށް ދައްކުވާދޭ ކަމެއްގެ ގޮތުގައި ލިޔަން އެބަ ޖެހެއެވެ.

މި މައުލޫދުގެ ކަންކަން ހިންގާފައިއޮތް ދުވަސްވަރެއްގެ ގޮތުގައި ގިނަބޭބޭފުޅުން އެއްބަސްވެލައްވަނީ 1953 ވަނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަސް ހާތާނގައެވެ. މި ދުވަސްވަރު ރާއްޖޭގެ ވެރިކަމުގެ މުގުލުގައި ބަސްކިޔަން ހުންނަވާނީ މުހަންމަދު އަމީނާއި ހަސަން ފަރީދާ ދެބޭފުޅުންނެވެ. އަޅުގަނޑަށް އެނގިފައިވާ މައުލޫމާތު ކުށްކަމުގައި ނުވާނަމަ މާޅޮއީ ކިޔާ އިނގިރޭސީންގެ ކުޑަ މަނަވަރެއްގައި ކޮޅުނބަށް ދިޔަ މަގުމަތީގައި ޖަޕާނުގެ ސަބުމެރިން ތަކުން ހަމަލާދީ މާޅޮއީ މަނަވަރު ގޮއްވާލަނީއެވެ. އެހެންކަމަށް ވުމުން ހަސަން ފަރީދު ޝަހީދުވީ ކަމުގައި ލިޔުމުގެ ފުރުޞަތު އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

ހަސަން ފަރީދު ޝަހީދު ވުމަށްފަހު މި ދަތި ދުވަސްވަރު ދިވެހިރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ ބުރަމަސައްކަތް ކުރެއްވުމުގެ ހުރިހާ ޒިންމާއެއް އެޅިފައި އޮތީ މުހަންމަދު އަމީނުގެ އިސްތަށި ފުޅުގައެވެ. 

މި ދުވަސްވަރު ނ.ލަންދޫ ހިމެނޭ ސަރަހައްދުގެ ރަށްތަކުގެ ހާލަތާއި ބެހޭގޮތުން ދެތިން ވާހަކައެއް އަދި ލިޔެލާނަމެވެ. މި ތަދު ދުވަސްވަރުގެ ހާލަތާއި ބެހޭގޮތުން އަލުގަޑުގެ މާމަ އަލްމަރުހޫމާ އަތްހަދައިތަ ބުނުއްވަނީ ” ނ.މާޅެންދޫގައި ބޭނުންކުރާ އާންމު ކާބޯތަކެއްޗަކީ ދިވެހިހަކުރާ، މަހާ، ވަނދު ބަނބުކޭލާ، ފަޅޯގަސްގަނޑާއި، ބަނބުކިޔޮ ތޮލިއާއި، ނ.ލަންދޫން ގެންނަ ކަނޑުލާ، ފަލޯ ގަސްގަނޑާއި އަދި ފަލަމަޑީގެ ބާވަތްތަކެވެ. އަދި މަދުން ނަމަވެސް މަގޫފަތްވެސް ކައިއުޅުނެވެ.” ބަތްކޮޅެއް ކާލަން ލިބެނީ ކޮންމެވެސް މީހެއްގެ ފާތިހާއަށް ކައްކާ ދުވަހު ނުވަތަ ކަތީބުގޭ މަސްދޯނީގައި ޒިކުރުކިޔާ ދުވަހު އެކަންޏެވެ.” މިގޮތަށެވެ.

މި ތަދު ދުވަސްވަރު ސިފަކުރައްވަމުން ރާއްޖެދުށް އެންމެ މަޝްހޫރު ލިޔުންތެރިޔާ ސުމުއްވުލް އަމީރު މުހަންމަދު އަމީން އެބޭފުޅާގެ ރަންގަލަން ކޮޅުން ލިޔުއްވަނީ ” ރާއްޖޭގެ ރައްތަކުގެ ފަގީރުކަން އިންތިހާއަށް ގޮސް ރައްޔިތުންގެ އުނު އޮރިޔާން ނިވަކޮށްލާނެ އަންނައުނު ފޮތިކޮޅެއް ނެތިގެން އުނުއޮރިޔާން ނިވާކުރުމަށް ޓަކައި ރާއްޖޭގެ ބައެއް ރައްތަކުގެ އަންހެން ކަނބަލުން ދުވާލުދާ ހަތަރުދަމްހެން ތިބެނީ މޫދައްއެރިއެވެ.”

އާންމު ބަހުރުވައިންނަމަ އެކަނބަލުން އާންމު ތަނަކަށް ދާންވެއްޖިއްޔާ ގެއިން ނިކުންނަނީ ގައިގާ އޮޅާފަ އޮންނަ ފޮތިކޮޅުގެ މަތިން އެކަނބަލުންގެ އެންމެ ނާޒުކު ގުނަންތަކުގައި ބޮދެތިހެން ހިވާ ފަތް ތަތްކޮށް ގެންނެވެ.

މިހާލަތަށް ދިވެހިރާއްޖޭގެ ބައެއް ރައްތަކުގެ ފަގީރުކަމާއި ބަނޑުހައި ހޫނުކަން ގޮސް، ވައްކަން އާންމުވެ އިންސާނީ ހަމަބުއްދި ފިލާގޮސް ކުރެވޭ ނުކުރެވޭ ކަންކަން ނޭގޭ ހިސާބަށް އިންސާނާގެ ބަނޑުހައި ހޫނުކަން ދިޔައީތީވެ، އެ ރައްތަކުގައި ބަދުއަހުލާގީ އަމަލުތަށް ދިޔައީ އާންމުވަމުންނެވެ.

 ދައުވަތު ކަނޑައެޅިފައިވާ ރައްތަކަށް ދިނުމަށްޓަކައި ނ.ލަންދޫ ހަންޑިކަތީބު އެ އިންނެވީ މައުލޫދުގެ އިންތިޒާމް ކޮމެޓީ އާއި ބައްދަލު ކޮށްގެން ހޮޅުއަށީގެ ހާއްސަ ޖަލުސާ މާލަމުގައެވެ.

މައުލޫދުގެ ދައުވަތު ނ.މާޅެންދޫއަށް ދިނުމަށްޓަކައި ” ހަފަލިލީ” ޖަހާދޯންޏެއްގައި ނ.މާޅެންދުއަށް އައީ ހަންޑި ކަތީބާއި ސޯލިމްބެއާއި ބޮޑުކަފާލި ބޭބެއެވެ. މާޅެންދޫން މައުލޫދުގެ ދައުވަތު ބަލައިގަތީ ނ.މާޅެންދޫ ” ބަބުރަންދައިތަގެ” އާއިލާގެ އެންމެއަލިގަދަތަރި މަސްހޫރު ހަސަންކަތީބެވެ.

ނ.މާޅެންދޫން މި މައުލޫދުގެ ދައުވަތު ރަސްމީކޮށް ބަލައިގަތަސް މާޅެންދޫގެ ދެވެރިންގެ ދެމެދުގައި ހިނގަމުންދާ ސިޔާސީ އަރާރުން އިންތިހާއަށް ބޮޑުވެފައި ވާތީ ދެވެރިންގެ ދެމެދުގައި މަސްވަރާކޮށް ކަންތަށްތަށް ނިންމޭނެ އަލިމަގެއް ހަސަންކަތީބަކަށް ނުފެނުނެވެ. އެކަން ވާނީވެސް އެކަހަލަ ޒާތަކަށެވެ. މުދިންބެ ފައިނަގާގެން އެއުޅުއްވަނީ ހަސަން ކަތީބު އެހުންނެވި ކަތީބު ކަމަށް ވިއްޔާއެވެ.

ނ.މާޅެންދޫ މުދިންބެއަކީ ރާއްޖޭގައި ހިންގުނު އެންމެ ފުރަތަމަ ޑިމޮކުރަސީގެ ހަރަކާތް އުތުރު އަރުމާޒުގައި ހިމެނުނު އެންމެ އިސް 3 ބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ. 552 ގަނޑެތީގައި 7452 މީހުން ގޮވައިގެން ރާއްޖޭގެ ފުރަމާލެއަށް ދަތުރުކުރި އުތުރު އަރުމާޒުގައި އެންމެ އިސްކޮށް ހުރިހާ ކަމެއްގައި ހަރަކާތްތެރިވި ތިންބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ.

މި މައުލޫދުގެ އިންތިޒާމުތަށް މުޅި އަތޮޅުގައި ހިންގަމުން ދިޔައިރު ނ.މާޅެންދުވަށް މަސްނުބާނާތީ ހަސަން ކަތީބުގެ އެދިލެއްވުމުގެ މަތިން މުދިންބެ ގެންދިޔައީ މާޅެންދޫގެ އަތިރިމަތީގައިހުރި ” ފަޅުފެންވަޅެއްގެ” ކައިރީގައި ކިޔަވާގެއެއް އަޅާ ކިޔެވެއްޔެއް ކިޔަވަމުންނެވެ.

މި ކިޔެވެލީގެ މައުލޫމާތު އެނގިހުރި ( މަސްލަހަތަށް ޓަކައި އުނިކުރެވިފައި) ކިޔާދެއްވި ގޮތުންނަމަ މުދިންކަލޭގެ ކިޔެވެލި ކިޔެވީ މަސްވެރި ކަމަކަށް ނޫނެވެ. އެ ކިޔެވެލީގައި ބޭނުން ކުރެވުނު ދޮންލުބޯގެ ތޮށިގަޑު މޯލިވުމުގެ ކުރިން ހަސަން ކަތީބު ވަނީ ދުނިޔެ ދޫކުރައްވާފައެވެ.

ހަސަން ކަތީބު ފަސްދާނު ލައްވަނީ މުދިންބެ އިސްވެހުރެ ނ.މާޅެންދޫގެ ތާރީޙުގައި ދުވަހަކުވެސް މީހަކު ވަޅުލާފައިނުވާ، ބަންގީގެ އަޑު ނުއިވޭ ހިސާބުގަ މަގާންމަގުގައި ހުރި ކުކުޅުފަނެއްގެ ތެރޭގައެވެ. ތަގުދީރުގެ ނިޔާ އަންނަގޮތް އަޅެ ނިކަން ދެކި ބަލާބަލާށެވެ. ދެތިން އަހަރުފަހުން އެސަހަރާގައި ފަސްވަނަ މީހާގެ ގޮތުގައި ފަސްދާނު ލެވިގެން އެދަނީ އެއްކަލަ މަސްހޫރު މާޅެންދޫ މުދިންބެއެވެ. މުދިމްބެއަށް ފަހު އަދި މިހާތަނާ ޖެހެންދެން އެސަހަރާ އެ އޮތީ އެއްވެސް މީހަކު ވަޅުނުލާ ހަމަ އެގޮތުގަ އެ ނާމާން ސަރަހައްދުގައެވެ. 

” ކަތީބޭ ހަސަންކީ އެ މަތިވެރި އަމީރު!  ޝަހީދުންގެ ލިސްޓަށް އަރާގެން ދިޔައި.!”

ހަސަން ކަތީބު ފަސްދާނު ލެއްވުމަށްފަހު މިސްކިތުވަޅުން އަތްދޮންނަވާގެން ގެއަށް ދުރުވެ މަޑިސީލަ އަންބޮޑިއަށް ޖަހާލާގެން ސަންގު ކަނާތުން ހިފާގެން މަޑުކުރުމެއްނެތި މާޅެންދޫ މުދިންބެ އެ އަންނަނީ ރައްޔިތުންގެ ކާޑުގެއާއި ދިމާލަށެވެ. ކުއްލި ބޭނުންތަކުގައި މާޅެންދޫ ރައްޔިތުން އާންމު ގޮތެއްގައި އެއްވެ އުޅެނީ ރައްޔިތުންގެ ކާޑުގެ ހިމެނޭ ސަރަހައްދުގައި ހުންނަ ނިކަގަސް ކައިރިއަށެވެ.

ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މުދިމްބެއެވެ. ލަންދޫ ބޮޑުމައުލޫދަށް ލަންދުވަށް ރައްޔިތުން ގެންދިއުމުގެ އިމްތިޒާމްތަށް ހަމަޖެއްސުމަށް ޓަކައި ނެންގެވި ކޮމެޓީގައި އެންމެ އިސްކޮށް އުޅެނީ ހޭސޮރު އަލީ (އައްޔާބެ) އާއި ބުޅާލީ ކާފައާއި އަދި ކުޑަފުތުބެއެވެ.

މާޅެންދޫގެ ހުރިހާ ރައްޔިތުން މައުލޫދަށް ދިއުމަށް ދަތުރު ކުރުމަށްޓަކައި ހަމަޖެއްސީ މުދިމްބޭގެ ހަތަރު މަސްދޯންޏެވެ. މަސްނުބާނާ ދުވަސް ވަރަކަށް ވުމުން މާޅެންދޫގެ ރައްޔިތުންތިބީ މިފަދަ ބޮޑު މައުލޫދަކަށް ދިއުމަށް އެންމެ އެކަށީގެންވާ ހާލަތެއްގައެއް ނޫނެވެ. އެކަން އެހެން އޮތަސް މިކަމުގައި މިފަހަރު ދޮންމޫސަބޭގެ ދީލަތިކަން އިންތިހާއެވެ.

ލަންދޫ ރައްޔިތުން ބޮޑު މައުލޫދުގެ “އަރާފަނިގިމަތަ” އެޅުމުގެ މަސައްކަތް ކުރަމުދާތަން ބެލުމަށްޓަކައި މަހައްތިއަ ތިލަރަކުނަ އެ އިންނެވީ ގޮވިގޯތި ހުޅަނގު އުތުރު ކަނުގައި ހަދާފައިހުރި ޖޯލިފަތީގެ މެދުޖޯލީގައި ހުދުފޮށައެއް އަޅާގެން ސޯލިމްބެއަށް ވެގެންނެވެ.

ހޮނިހިރު ވިލޭރޭކަމުން މަލަކާ ދޮންހައްވަ ފަރުމުލީ ތަކަފަތި ހަވޭލީގެ ނާޗަރަންގީ އިންތިޒާމް ކުރުމަށް ދިޔަމަގުމަތީގައި ތިލަރަކުނާގެ ވަސް ނޯށުގައި ޖެހުމާއި އެކު ތިރިއަށް ބަލަލއިރު ތިލަރަކުނާ ފެންނާކަށް ނެތެވެ. ޖޯލިފަތީގައި އެ އޮތީ ސޯލިމްބެއެވެ. އެހެން ނަމަވެސް ހިތްއެދޭ މަލެއްގެ ވަސް ދުވަދުވާ ހުއްޓާ އެހެން ތާކަށް މިސްރާބު ޖެހުމަކީ ޖިންނި ސައިތޯނުން ކޮށްއުޅޭ ކަމެއްނޫނެވެ.

އަރާފަނިގެ އެޅުމުގެ ބުރަމަސައްކަތުގައި އުޅުމަށްފަހު އިރު އޮއްސުމާއި އެކު އަރާމްކޮށްލުމަށް ސޯލިމްބެ އެ އިށީންނަނީ ތިލަރަކުނަ އާއި ޖެހިގެން ހުޅަގަށް އެ އޮތް ޖޯލީގައެވެ. ތިލަރަކުނަގެ ވަސް ނޯށުގަ ޖެހޭ ހިސަބުގައި މަލަކާ ދޮންހައްވަ އެ މަޑުކޮށްލަނީ ސޯލިމްބޭގެ ފުރަގަހުން ޖޯލިފައްޗާ ގޮވިގޯއްޗާ ދެތެރޭގައެވެ. ސޯލިމްބެ ޖޯލިފަތީގައި މަޑުކޮށްލާގެން އޮތީ ނިދާފަކަ ނޫނެވެ.

ސޯލިމްބެއަކީ އާންމު ދިރިއުޅުމުގައިވެސް ވަރައް ވިސްނުންތޫނު ބޭފުޅެކެވެ. ކޮންމެސް ކަމެއް ފަރުދާގެ ފުރަގަހުގައި ރޫހަނީގޮތުން ހިނގާކަމުގެ އިހުސާސް ކުރެވި ބިރުންހުރެ ޖޯލިފަތީގައި ނޯންނަން ވެގެން ބިސްމި އަޑުހަރުކޮށް ކިޔުމަށަފަހު ކުއްލިޔަކަށް ޖޯލިފަތިން ތެދުވެއްޖެއެވެ.

މަލަކާ ދޮންހައްވަގެ ހިތުހިސާބު ރަނުންރަނަށް ދިމާކޮށް ތިލަރަކުނާގެ ފޮނިމީރުކަން ލިބިގަތުމަށްފަހު ފަރުމުލީ ތަކަފަތި ހަވޭލީގައި އިންނަވާ ރާސްފިނޮޅު ރަނިކަމަނާއަށް ނާޗަރަނގީ ކުޅެދިނުމަށް މިސް މަލަކާ ދޮންހައްވަ އެ ނައްޓާލީއެވެ.

(ނުނިމޭ………. އަންނަ ހަފުތާއަށް އިންތިޒާރު ކޮށްލައްވާ)

އެއް ކޮމެންޓް

  1. ވަރަށް އިންޓަރެސްޓިން ލިޔުމެއް ………. އެންމެ ސަޅީ ބޭނުންކޮށްފައި ހުންނަ ބަސްކޮށަރު ވަރަށް ފުރިހަމަ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close