ކޮތަރާއި ގުރާ
އެއްސަހަރެއްގައި ދިރިއުޅުނު ކޮތަރުތަކެކެވެ. ކޮންމެ ދުވަހަކުވެސް ކާނެ އެއްޗެއް ހޯދުމަށް އެކިއެކި ތަންތަނަށް ދަތުރުކޮށް ހަދައެވެ.

މިހެން އުޅުމުގެ ތެރޭގައި އެއްދުވަހަކު ދަނޑުވެރިޔަކު މަގުމަތީގައި ހިއްކަން ބަހައްޓާފައި ހުރި ގޮދަންތަކެއް ފެނިގެން އެހިސާބަށް ކޮތަރުތައް ތިރިކޮށްލާފިއެވެ. އެއްވެސް މީހަކު އެވަގުތު އެހިސާބުން ފެންނަން ނެގުތުމުން، ހުރިހާ ކޮތަރުތަކެއް ގޮދަންތައް ކައި ހުސްކޮށްލިއެވެ.

ދަނޑުވެރިޔާ ގޭދޮށަށް އައިސް ގޮދަން އަޅާފައި ހުރި ދޮލަނގު ފެނިފައި ނިކަން ހައިރާންވިއެވެ. މީގެ ކުރިން މިހެން ބަހައްޓާ ތަކެތި ކައި ނަހަދާތީއެވެ.

ކޮންމެއަކަސް ދަނޑުވެރިޔާ ދެވަނަ ދުވަހު ކަންތައް ވާގޮތެއް ބެލުމަށްޓަކައި ދޮލަނގު ބޭރުގައި ބެހެއްޓުމަށްފަހު ދުރުގައިބަލަން ހުރީއެވެ. ވަގުތު ޖެހުމާއެކު އެއްކަހަލަ ކޮތަރުތައް އެހިސާބަށް އައިސް ގޮދަންތައް ކާންފެށިއެވެ. ދަނޑުވެރިޔާ ދުރުގައި ހުރެފައި އަތުގައި އޮތް ދަނޑިބުރި ކޮތަރުތަކާއި ދިމާއަށް އެއްލިއެވެ.

އެސޮރުމެން ސިހިފައި އުދުދިގެން ހިނގައްޖެއެވެ. ތިންވަނަ ދުވަހުވެސް ކޮތަރުތައް ހަމަ އެގަޑިއަށް އެތަނަށް އަތުވެއްޖެއެވެ. ނަމަވެސް މިއަދު ތަފާތު ކަމެއް ފާހަގަކުރެވުނެވެ. ކޮތަރުތަކާއިއެކުގައި ގުރައެއްވެސް އެހިސާބަށް އައިސް ގޮދަންތައް ކައިރިއަށް ތިރިކޮށްލިއެވެ.

ދަނޑުވެރިޔާ ބަލާކަށް ނުހުރެ ބޮޑު ދަލެއް ހިފައިގެން އައިސް ނިކަން ސިއްރުން ކޮތަރުތަކާއި ދިމާއަށް އެއްލިއެވެ. ހުރިހާ ކޮތަރުތައް ދަލުގައި ޖެހި ހައްޔަރުވިއެވެ. އޭގެ ތެރޭގައި ގުރާވެސް ހިމެނެއެވެ. ގުރާ ނިކަން ދެރަވެފާއި އެބަ ބުނެއެވެ. ” އަޅުގަނޑު ދޫކޮށްލާށެ! އަޅުގަނޑު ކޮތަރުތަކާއި އެކު މިއައީ ދަނޑުވެރިޔާގެ ގޮދަންތައް ކާކަށް ނޫން. އަހަރެންނަކީ ވައްކަން ކުރާ ގުރައެއްނޫން. އަހަރެން ދޫކޮށްލާ!”

މިއަޑު އަހާފައި ދަނޑުވެރިޔާ ބުންޏެވެ. ” ތިއައީ ވަރަށް ރަނގަޅު ގުރައެއް ކަމުގައި ފަހަރުގައި ވެދާނެ! އެކަމަކު މިއަދު ކަލޯވެސް ތިޔަ ހައްޔަރުވީ ވައްކަން ކުރާ ކޮތަރުތަކާއި އެކުގައި ކަމުން، ކަލޯއަކަށްވެސް އޮންނާނީ ހަމަ އެއް އަދަބެއް”. މިހެން ބުނެ ދަނޑުވެރިޔާ ހުރިހާ ކޮތަރުތަކާއި އެކު ގުރާވެސް ކަތިލާ ސަހަރުގެ މީހުންނަށް ކެއުމަށް ދަޢުވަތުދިނެވެ. (ނިމުނީ)
ޢިބްރަތް: ގޯސްމީހުންނާއި އެކު އުޅޭނަމަ، ރަނގަޅު މީހަކުވެސް ބެލެވެނީ ގޯސްމީހެއްގެ ގޮތުގައެވެ.