ވާހަކަ

ކުރުވާހަކަ: އެ ހަނދާން…!

އެ ހަނދާން…!

    ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު އޮއްސެމުންދާކަމުގެ ނިޝާންތައް އުޑުމަތީގައި ހުރި ވިލާތަކުން ފެންނަމުން ދެއެވެ. ފާތިހު ގެއަށް ދާން ހިނގައިގަތްތަނާ ކުއްލިއަކަށް  އެ އިވުނީ ހޭޅިތެރެއިން މީހަކު ކުކުރާ އަޑެވެ. ހިސާބަކަށް ކައިރިވީ ތަނާ އެ އަޑަށް ބަދަލެއް އަންނަހެން ފާތިހުއަށް ހީވިއެވެ. ރަނގަޅަށް ބަލާލިއިރު އެއީ އޭނާގެ ރައްޓެހި ފާތިކު، ސަމާސާ ކޮށްލުމުގެ ގޮތުން ލައްވާލި އަޑެކެވެ. މީހުން ބުނާ ގޮތުގައި ފާތިހުއަކީ މޮޔައެކެވެ. ނަމަވެސް ފާތިހު އެ ވާހަކަތަކަކަށް މާބޮޑަކަށް އަޅައެއްނުލައެވެ.

    އެ ދުވަހު ފާތިހު މަޑުމަޑުން އައިސް ގެއަށް ވަނުމާއިއެކު މަންމަ ސުވާލުކުރަން ފެށިއެވެ. “ކީވެގެން ގޮނޑުދޮށުގައި ހުރި ގަސްތައްތެރެއަށް މާބޯޑަށް ބޯދިއްކޮއްގެން މީހަކާއި ވާހަކަދެއްކީ؟ އެތާހުރީ ކާކު؟ ސިނގިރޭޓު ބުއީ ދޯ! ދައްކާ އަތުން ވަސްބަލަން!!” ފާތިހު ތަންކޮޅެއް ރުޅިއައިއްސަ ކަހަލަ ގޮތަކަށް ބުންޏެވެ. ” އެއީ ފާތިކު އޭ. ކިހިނެތްތަ ވަނީ؟” މަންމަ އަށް ރޮވޭގޮތް ވިއެވެ. ” ކޮންމެ ތާކަށްދިޔަޔަސް ހަމަ ފާތިކު. ކޮންއިރަކުންތަ ތި ކަމުން ސަލާމަތް ވާނީ؟ ކިތައް ފަހަރު ބުނާނީ ތިކިޔާ ފާތިކުއެއް ނޫޅޭނޭ!”. ފާތިހުގެ ޖަވާބު ވަރަށް ސާފެވެ. ” މަންމަ ކައިރި ބުނަން! އަހަރެންގެ އެންމެ ގާތް ރައްޓެއްސާއި ދުރުކުރަން ނޫޅޭތި!” މީކީ ކުރިން ފާތިހުގެ ބަހުރުވަ ހުންނަ ގޮތެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

    ކޮންމެ ދުވަހަކު މިހާރު ފާތިހުގެ މަންމަގެ ލޮލުން ކަރުނައެޅުމަކީ އާދަޔަކަށް ވެއްޖެއެވެ. ފާތިހުއަށް ދިމާވެގެން އުޅޭ މައްސަލައެއް ބެލުމުގެ ގޮތުން އެތައް ފަހަރެއްގެ މަތިން ރުޤްޔާ ކިޔަވާ މީހަކާވެސް ވާހަކަ ދައްކައިފިއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އުޅޭ ކަމަކަށް ފެނިފައެއް ނެތެވެ. މީގެ އިތުރުން އެތަކެއް ޑޮކްޓަރުންނަށްވެސް ދައްކައިފިއެވެ. ނަމަވެސް ހުރިހާ ޓެސްޓެއްވެސް ދައްކަނީ ނޯރމަލް ކަމަށެވެ. މިހާރު އޭނާގެ މަންމަ ގަބޫލުކުރާ ގޮތުގައި އޭނާ އެހެން އެ އުޅެނީ ގަސްތުގައެވެ.

    އަނެއް ދުވަހު ފާތިހު، ފަތިހު ފަތިހާ ނިކުމެގެން ސުކޫލަށް ދާން މިސްރާބު ޖެހިއެވެ. ވަކި ހަމައަކުން ފާތިކުއާވެސް ދިމާވިއެވެ. ފާތިހު ސުކޫލަށް މާވަރަކަށް ދާހިތްވެފަ ހުރި ސަބަބަކީ، ދުވަހަކީ އާ ޓީޗަރެއް ސުކޫލަށް އަންނަން ހަމަޖެހިފަ އޮތް ދުވަހެވެ. އެ ޓީޗަރު ކުލާހަށް ވަދެފައި ހުރިހާކުދިންނާއި ދިމާލަށް ބަލާލަމުން ކަޅި ހުއްޓުނީ ފާތިކުއާއި ވާހަކަ ދައްކަންހުރި ފާތިހުއަށެވެ. އެ ހިސާބުން ފެށިގެން ސެޝަން ނިމުމަކާއި ހަމައަށް އައި އިރުވެސް އެ ޓީޗަރު ފާތިހުއަށް ވަރަށް ބޮޑަށް ބަލަމުން އައެވެ.

    ސެޝަން ނިމިގެން ހުރިހާ ކުދިން ގެއަށް ދިޔަގަޑީ ފާތިހު މަޑުކުރުވިއެވެ. އޭނާ ޓީޗަރުގެ ކައިރީގައި އިށީނުމުން އޭނާގެ ކައިރީގަ ހުސް ގޮނޑިއެއް ބޭންދުމަކީ އެ ޓީޗަރަށް ވަރަށް ބޮޑަށް ފާހަގަވި ކަމެކެވެ. ދެވަނަކަމަކަށް ކުރާ ކޮންމެ ސުވާލެއް ކުރުމުން ޖަވާބުދެނީ ލޮލުގެ އިޝާރާތުން އެ ގޮނޑީގައި އިން ކޮންމެސް މީހަކާއި ވާހަކަދެއްކުމަށް ފަހުގައެވެ. ހުރިހާ ކަމެއްވެސް ހަމަ ވަރަށް ތަފާތެވެ.

    އެރޭ ޓީޗަރު ފާތިހުގެ މަންމަ އާއި ބައްދަލުކޮއްލުމަށް ދިޔައެވެ. މަންމަ އާއި މިހެން ސުވާލުކޮއްލުމުން، އެ މަންމަގެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހެމުން ދިޔައެވެ.  އަދި ރޮމުން ރޮމުން ކިޔައިދޭން ފެށިއެވެ. ހައްލެއް ހޯދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ” އަހަރެންގެ ފާތިހު އަކީ ކިޔަވަން މޮޅު އަދި އެހާމެ ރަނގަޅު ކުއްޖެއް. އަދި އަހަރެންގެ ކުރިމައްޗަކު ދުވަހަކުވެސް ބަހެއް ނުބުނާނެ. އެކަމަކު މިހާރު އިދިކޮޅު، އަހަންނާއި ދިމާލަށް ނުކިޔާކަ އެއްޗެއް ނޯންނާނެ. ނަމަވެސް އަދިވެސް އަހަރެން އުންމީދު ކުރަނީ ކޮންމެސް ދުވަހަކުން އަހަރެންގެ ފާތިހު އަހަންނަށް އަނބުރައި ލިބޭނެކަމަށް.” މަންމަގެ ހިތުގެ އުދާސްތައް ކިޔައިދިނެވެ.

    ޓީޗަރަކީ މިކަހަލަ ކަންކަމަށް ތަޖުރިބާ ހުރި މީހެއްކަމުން ދެން ވާންވީ ގޮތް ވަރަށް ރީއްޗަށް ދެނެގަތެވެ. ފާތިހުއާއި ބައްދަލުކޮއްލުމަށް ޓީޗަރު އެދުނެވެ. ތަންކޮޅެށް މަޖާކޮށް ފާތިހުއާއި ބައްދަލުކޮއްލީ ބޮޑަށް ރައްޓެހިވެލުމުގެ ގޮތުންނެވެ. އަދި ފާތިހުއާއި އެކީ ކުޑަވަގުތުކޮޅެއް ހޭދަކޮއްލުމަށް ފަހު ކުޑަކޮށް ފާތިކުގެ ވާހަކަ ދައްކަން ފެށިއެވެ. ފާތިހު ބުނި ގޮތުގައި ފާތިކު ނެތްނަމަ މިޔަދު ފާތިހުއެއް ދިރިނުހުރީހެވެ. މުހިންމު ސުވާލަކަށް ޓީޗަރުކުރީ ފާތިކުއާއި ދިމާވިގޮތެވެ. އެހެން އެހުމާއިއެކު ފާތިހުގެ މޫނުމަތީގެ އެ އެކުވެރިކަމާއި ހިނިތުންވުމަށް ބަދަލުއައެވެ. ބައެއްފަހަރު މާޔޫސްވެގެން ގޮސް އެކަށް މޮޔަގޮވާފައި އިންނަހެންހީވެއެވެ. އަނެއްބައި ފަހަރު ހީވަނީ ރުޅި އައިސްގެން ދެންމެ ދެންމެ ޖަހާފާނެ ހެންނެވެ.

    ޓީޗަރު ނިކުމެގެން ދިޔައީ ހައްލެއް، ހޯދައިގެންނެވެ. އަނެއް ދުވަހު އޭނާގެ މަންމަ ކައިރިއަށް އަނެއްކާވެސް ދިޔައެވެ. އަދި ފާތިހުގެ ކުރިމަތީގަ އެއްވެސް ޢުމުރާއި ނުގުޅޭ ކަމެއް ހިނގިތޯ ސުވާލުކުރިއެވެ. ފާތިހުގެ މަންމަގެ ޢަމަލުތައް ހުރި ގޮތުން އިނގެނީ ކޮންމެސް ނުބައި ކަމެއް ހިނގިކަމެވެ. ޓީޗަރު އަނެއްކާވެސް ތަންކޮޅެއް ބާރަށް އެ ސުވާލު ކޮއްލިއެވެ.

    ފާތިހުގެ މަންމަ މަޑުމަޑުން ކޮއްޓަމުން ކިޔައިދިނެވެ. “ފާތިހުގެ ބައްޕަ ނިޔާވި އިރު ފާތިހުގެ ޢުމުރަކީ އެންމެ 4 އަހަރު. އޭނައިގެ ބައްޕަ އަބަދުވެސް ވަރަށް ފާޑު ފާޑު އެއްޗިހި ކިޔާނެ. އިއްތިފާގަކުން ފާތިހުގެ ބައްޕަ މި ދުނިޔެއާއި ވަކިވި ވަގުތު ފާތިހުއަށް މި ކޮޓަރިއަށް ވަދެވުން. އެވަގުތު ހަމައިން ނައްޓާފަ އޮތް އޭނާގެ ބައްޕަ ބިރުވެރި އަޑަކުން ކަލޭވެސް މަރުވާނޭ ބުނި. އަދި ބިރުވެރި އަޑެއް ލައްވަމުން ކަޅިގެއްލުވައިލައިގެން ފާތިހުއާއި ދިމާލަށް ބަލައިގެން އޮވެ ލޯ މަރާލީ. އެވަގުތު ފާތިހު ހޭނެތިގެން ވެއްޓިފަ، ދެގަޑިއެއްހާއިރު ފަހުން ހޭ އެރި. އެއަށް ފަހުން މިކަމެއް މި ވަނީ.” މަރުވީ މިގޭގަތަ؟ ޓީޗަރު އަނެއްކާވެސް ސުވާލު ކުރިއެވެ. ޖަވާބުގައި ފާތިހުގެ މަންމަ އާއެކޭ، ބުންޏެވެ.

    ޓީޗަރު ނަސޭހަތްތެރިވަމުން ކިޔައިދިނެވެ. އެވަރު ކުއްޖަކަށް އެކަހަލަ މަންޒަރެއް ފެނުމުގެ ސަބަބުން ސިކުނޑިޔަށް އަސަރުކުރީއެވެ. އަދި އެ ފެންނަ ފާތިކު އަކީ އޭނައިގެ ޚިޔާލެކެވެ. އަދި މިހާރުން މިހާރަށް ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރަން އެންގިއެވެ. އެއީ ފާތިހު މި ޚިޔާލުތަކާއި ދުރުކުރަން ކަމަށްވެސް ބުންޏެވެ. އަދި ފިޔަވަޅު ނޭޅިއްޖެނަމަ ހާލަތު ގޯސްވާނެކަމަށް ބުންޏެވެ. ފާތިހުއަށް ޓަކައި އޭނައިގެ މަންމަ ދިރިއުޅުން އެހެން ރަށަކަށް ބަދަލު ކުރިއެވެ. އަދި މިހާރު ދުވަހަކަށްވުރެ ދުވަހެއް ދަނީ އެ ފާތިކުއާއި ދުރުވަމުންނެވެ. ދުވަސްތަކަކަށްފަހު އެ މަންމަގެ އަސްލު ފާތިހުއާއި ބައްދަލުވިއެވެ. މަންމަގެ ލޮލުން އަނެއްކާވެސް އުފާވެރިކަމުގެ ކަރުނަތައް ފާތިހުއަށްޓަކައި އޮހިގެންދިޔައެވެ. އެއަށްފަހު ދެވެރިން އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދިޔައެވެ.

-ނިމުނީ-

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close