ފާތިމަތު މީޝަމް މާހިރް
އިރުގެ ދޯދިތައް ރަށުތެރެއަށް ފަތުރާލީ ދޫނިތަކުގެ ނަލަ ގޮވުންތަކާއި އެކުގައެވެ. ޖައުޝާން މަޑުދުވުމެއްގައި މިސްރާބު ޖަހަމުން ދަނީ ރަށުގެ އުތުރުގައި އޮތް ހުދު ދޮންވެލި ތުނޑިއާ ދިމާއަށެވެ. އޭރު ލައިގެން ހުރި ކޮނޑުކެނޑި ވަނީ ދަލުގެ އަސަރުން ތެމިފައެވެ. ޖައުޝާން ގޮސް އިށީނީ ފުން ހިޔާލެއްގެ ތެރެއަށް ގެނބެމުންނެވެ. އެއީ މީގެ 7 އަހަރު ކުރީގެ ފުހެވުމެއްނެތް ހަނދާން ތަކެކެވެ.
ޖައުޝާންވެސް ސާނަވީ ތައުލީމް ނިންމާ މަތީ ސާނަވީ ހާސިލް ކުރުމަށް އުފަން ރަށް ދޫކޮށް އައްޑޫސިޓީ ހިތަދޫ އަށް ދިރިއުޅުން ބަދަލުކުރިއެވެ. އެރަށުގެ ފަސްގަނޑުގައި ފުރަތަމަ ފައި ޖެހުމާއެކުވެސް ލޮލުގައި އަޅައިގަތީ ގަހެއްގެ ކައިރީގައި ހުއްޓިލައިގެން ހުރި ބުރުސޫރަ ރިވެތި އަންހެން ކުއްޖެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ކަޅުކަންގަދަ ފަން އިސްތަށިގަނޑު ވަޔާއި ވިހުރިލައިހުރި އިރު އެ ދޮން މޫނު ފަޅުފިލުވައިދެނީ ގުދުރަތުން ލިބިފައިވާ މަޑު މުށިކުލައިގެ ޖާދުވީ ދެ ލޮލެވެ. އެ ޖާދުވީ އަންހެން ކުއްޖާގެ ފުރަތަމަ ބަލާލުމުންވެސް ޖައުޝާންގެ ހިތައް ބުނެދޭން ނޭނގޭ އުފާވެރި އިހުސާސްސެއް ލިބިގެންދިޔައެވެ.ހިތް އެދެމުންދިޔައީ ބައްދަލުކުރުމަށެވެ. ނަމަވެސް، އެއަށް ނިމުމެއް ގެނައީ ކޮލެޖުން ދިމާވުމުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ދެމީހުންގެ ގުޅުން ދިއައީ ބަދަހިވަމުންނެވެ. ހީވެސް ނުކުރާހާ އަވަހެށެވެ. ނޭންގުމެއްގެ ތެރެއިން ދެމީހުންގެ ދެމެދުގައިވީ ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެގެން ގޮއްސިއެވެ. ދެމީހުންވެސް ބޭނުންވެގެން މިކަން ދެފަރާތުގެ އާއިލާއަށް އެންގިއެވެ. ދެ ފަރާތުގެ އާއިލާވެސް އިރުޝާދު ދިނީ ލަސްނުކޮށް ކައިވެނި ކުރުމަށެވެ. ކައިވެނި ކުރިތަނާހެން އަލަތު ދަރިފުޅަށް އެނީ ބަލިވެއިނެވެ. މާބަނޑު އިރު އޭނާ ވަރަށް ބޮޑަށް ބަލިވިއެވެ. ނަމަވެސް ފިރިމީހާ އާއި އޭނާގެ އާއިލާގެ އެހީތެރިކަމުގެ ސަބަބުން މާބަނޑު އިރު ދުވަސްތައް ދިޔަ ގޮތެއްވެސް އެނީއަކަށް ނޭނގުނެވެ. އެތަކެއް ވޭނާ ކެކުޅުމުގެ މަސްތަކަކަށް ފަހު އެނީއަށް ލޯބި ލޯބި އަންހެން ދަރިއަކު ލިބުނެވެ. އެދަރިފުޅަށް ކީ ޖެނީއެވެ.
ބިންދާލަން ތައްޔާރަށް އިން ރާޅުގެ އުސްމިން ޖައުޝާންއަށް އެނގޭނަމަ އޭނާ އޭނާގެ އަންހެނުންނާއި އެކު ލޯބިން އުޅެވުން ކޮންމެ ސިކުންތެއް އޭނާގެ ހިތުގެ އެންމެ ފުނުގައި ރައްކާކުރާނެއެވެ. ނަމަވެސް ތަޤުދީރު އެނގެނީ ކާކަށް ހެއްޔެވެ. ދުވަސްތައް ފާއިތުވަމުން ދިޔަހެން އެނީ އަކީ ވަރަށް އަޅާލުން ކުޑަ، ވަރަށް ކަންފަސޭހަ އައިންބެކެވެ. ގޭތެރޭގައިވެސް އެނީ އެއްވެސް ކަމެއް ނުކުރާނެއެވެ. ހަމަ ދެފައި ދަމާފައި ޓީވީ ބަލާނީއެވެ. ޖައުޝާން ހުންނާނީ މުޅި ދުވަސް ނިމޭއިރު ވަރުބަލިވެފައެވެ. އޮފީހުގައި ވެސް އެހާ ބުރައެވެ. ގެއަށް އަޔަސް އެނީގެ ޝަކުވާތަކުން ސަލާމަތް ނުވެއެވެ. މިސަބަބުތަކަށްޓަކައި ޖައުޝާންގެ ސިކުނޑިވެސް އިންތިހާއަށް ވަރުބަލިވެއެވެ. ޖައުޝާން ބޭނުންވާ ކަހަލަ ދިރިއުޅުމެއް ލިބޭތޯ ޖައުޝާން ދިޔައީ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާ ކުރަމުންނެވެ.
ހިއްދަތި އެތައް ދުވަހަކައް ފަހު އެންމެ ފަހުން ޖައުޝާން އާއީ އެނީގެ ކައިވެނީގެ ހަޔާތައް ނިމުމެއް އައެވެ. އެންމެ ދެއަހަރެއްހާ ދުވަސްވީތަނާ އަނެއްކާވެސް އެދެމީހުން ބައްދަލު ވި ޖައުޝާން ހުވަފެނުގައިވެސް ހީނުކުރާނޭ ކަހަލަ ގޮތަކަށެވެ. އެނީއަކީ މިހާރު މީހެއްގެ އަންބެއް ކަމާ ދެކުދިންގެ މަންމައެއްކަން އެނގުނު ހިސާބުން ޖައުޝާންގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ޖައުޝާންއަށް ރޮވުނެވެ. އަދިވެސް އެނީ ހުސްކޮށް ހުރިނަމަ ޖައުޝާން އެނީބޭނުންވާނެއެވެ. ހިތުގައިޖެހި ދެރަވިއަސް ދެކުދިންގެ މަންމައަކާއި، މީހެއްގެ އައިންބެތް ޖަހައިގަތުމުގެ ވިސްނުމެއް ޖައުޝާންގެ ނެތެވެ. އެނީ ލިބޭކަށް ނެތެވެ. ކެތް ކުރުން ނޫން ގޮތެއް ޖައުޝާންއަކަށް މިއަދު ނެތެވެ. “ޖައުޝާން، އަހަންނަށް މާފްކުރޭ، އަހަންނަށް އިނގޭ އޭރުއަހަންނަށް ޖައުޝާންއާ ދޭތެރޭކަންތަތް ކުރެވުނީ ރަނގަޅަށް ނޫންކަން. އަދި ޖައުޝާންގެ ދެލޮލުގެ ނޫރު ފަދަ ދަރިފުޅުވެސް މިދުނިޔެއާ ވަކިވެގެން ދިޔައީ ހަމަ އަހަރެންގެ އިހުމާލުން ކަން! ޕުލީޒް ޖައުޝާން އަހަންނަށް މާފު ކޮއްދީ”
ޖައުޝާން ފަސްޖެހުމެއްނެތި އެނީއަށް މާފުކުރުމައްފަހު ކޮންމެ ކަމަކަށްވެސް ޙަމްދު ކުރުމުގެ އާދަ އަށެގަނެފައިވާ ޖައުޝާން މިކަމަށްވެސް ﷲގެ ހަޒްރަތަށް ޙަމްދު ކުރިއެވެ. އެއީ ޖައުޝާން ބޭނުންވާ ކަހަލަ، އެހާ އުފާވެރި ޙަޔާތެއް ދުވަސްކޮޅަކަށްނަމަވެސް ލިބުނީތީއެވެ. މައްޗަށް ބަލާލުމަށްފަހު ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ގެއާ ދިމާލަށް ދިޔުމަށް ޖައުޝާން ހިނގައިގަތެވެ. ބަނަވެފައި އޮތް ދުނިޔެއިން ފެންތިއްކެއް އައިސް ޖައުޝާންގެ ކޮނޑުގައި ޖެހުމުން ސިއްސައިގެން ގޮސް ކުއްލިއަކައް ހިޔާލީ ދުނިޔެއިން ބޭރަށް ނިކުމެވުނެވެ. ލަސްނުވަނިސް ގެއައްދާން ހިނގައި ގަތީ ޖައުޝާންގެ މިހާރުގެ އައިންބަތް ހުންނަ ކުޑަކުޑަ ދެކުދިންކައިރިއަށެވެ. އަދި އަނެއްކާވެސް ޖައުޝާން ބޭނުންވި ކަހަލަ ދިރިއުޅުމެއް އޭނާއަށް ލިބުނީތީ އެކަމާ އުފާކޮއް ﷲއަށް ޝުކުރުވެރިވިއެވެ. …..