ކުރުވި ދިގު އިންތިޒާރު
އުދަރެސް ކައިރިން ދައްކަމުންދިޔަ ރަން ކުލަވަރުތައް މަޑުމަޑުން ފަޑުވަމުން ދާންފެށިއެވެ. ވައިރޯޅިއާއި އާއި އެކުގައި އުދުހެމުން ދިޔަ ކާޅުތައްވެސް އެސޮރުމެންގެ އަރާމު ނިދީގެ ތަންމައްޗާއި ދިމާއަށް ދިއުމަށް މިސްރާބު ޖަހާނީއެވެ. އަހަރެމެން ތިބީ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައިގެ ދޮންވެލި ގަނޑުމަތީގައެވެ.
ސްކޫލުދައުރުން ފެށިގެންވެސް އޭނާ އަކީ އަހަރެންގެ އެކުވެރިއެއް ނޫނެއެވެ. އެހެނަސް އޭރުގެ އެކުވެރިންނަށް ވުރެ އޭނާ އަހަރެންނާއި މާބޮޑަށް ގާތްވެ ރަޙްމަތްތެރިވެއްޖެއެވެ. އެނާއަކީ ކާކުކަން އިނގެންފެށިވެސް ދާދި ފަހުންނެވެ. އެކީގައި ހޭދަވާ ވަގުތުތަކުގައި ޙިއްސާކުރެވިގެންދާ ފޮންޏާއި ހިތި ތަޖުރިބާތަކުގެ ވާހަކައިންނެވެ. އެކިފަހަރު ބައްދަލު ކުރެވެނީ އެކި ތަންތަނުންނެވެ. މިހެން އުޅޭތަން ފެންނަ މީހުންނަށް ހީވެފައި އޮންނަނީ ޙަޤީޤަތެއް ނޫނެވެ. އެމީހުންވެސް ޝައްކުކުރެއެވެ. އަހަރެމެންގެ ގުޅުމާއި މެދުގައެވެ.
ކޮންމެއަކަސް ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދެއެވެ. ކުރާ އިތުބާރުގެ ބުރު ހަމަނުވާ ފަދަ ދިގު ރާސްތާއެއްގައި ދަތުރުކުރާ މުސާފިރެއްފަދައިންނެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔާއަކީ އެހެން ހިސާބެއްގެ މީހެކެވެ. އެއީ އެދެމީހުންނަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު ގޮންޖެހުމެވެ. އޭނާގެ މައިންބަފައިން ބޭނުންވަނީ ރަށުން މީހަކާއި ގުޅޭށެވެ. ސަބަބުތައް ބައިވަރެވެ.
ކޮންމެ ގޮތެއްވިޔަސް އޭނާ އެންމެ ލޯބިވާ މީހާ މަތިން ހަނދާން ނައްތާލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެކީގައި އެތައް ރެއަކު ސިއްރުން ބައްދަލު ކުރިއެވެ. ރެސްޓޯރަންޓްތަކުންނެވެ. އާޓިފިޝިއަލް ބީޗުކައިރިންނެވެ. ހިނގާލަން ދަމުންނެވެ. ކޮލެޖު ތެރެއިންނެވެ. ކިޔެވުމުގެ ދުވަސްތައް ހޭދަކުރީވެސް ލޯބިވެރިޔާގެ ލޯ ކުރިމަތީގައި އުފަލުންހުރެއެވެ. އާއެކެވެ. ކޮންމެ ދުވަހަކީވެސް އެދެމީހުންގެ ގުޅުމަށް އިތުރު ބަހާރު މޫސުމެއް ގެނުވާ ދުވަހެކެވެ. އިރުއަރާ އޮއްސެނީ އޭނާއެކުގައި ވަގުތައް ގުނަމުން ދަނިކޮށެވެ. ކޮލެޖުތެރޭގައި ހަދާފައި ހުންނަ ބެންޗުތަކުގައި އެތައް އިރަކު އެކިއެކި މަޖާ ވާހަކަތަކުގައި ދެމީހުންގެ އަމިއްލަ މިނިވަންކަމުގެ ތެރޭގައި ތިބެވުނެވެ.
ނާއިލްގެ ފަރާތުން އޭނާއަށް ފިޔާތޮށިކުލައިގެ ބެއަރ ލިބުނު ދުވަހަކީވެސް ނުހަނު އުފާވެރިކަމެއް ދެމީހުންގެ މެދުގައި ހިއްސާކުރެވުނު ދުވަހެކެވެ. އޭނާގެ އުފަންދުވަހުގެ ރޭގަނޑު ބާރަޖެހިއިރު އުސްފަސްގަނޑު މަތިން ސަޕްރައިޒެއްގެ ގޮތުގައި ލިބުނު ރީތި ކޭކުމަތިން އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. ބަދަލުގައި އޭނާވެސް ނާއިލަށް ނުހަނު ގިނަ ހަދިޔާ ދެމުން ދިޔައީ ހިތުގައިވާ ފުންއިހްސާސްތަކާއެކުގައި ޖަހަމުންދިޔަ ލޯބީގެ ވިންދަން ވަފާތެރިވުމުގެ ގޮތުންނެވެ.
ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ނާއިލްގެ އަތުން ފޯނު ކަވަރެއް ހަދިޔާއެއްގޮތުގައި އޭނާއަށް ލިބުނެވެ. ހަމައެދުވަހު ވަރަށް ރީތި އަގޮނޓިއެއްވެސް ނާއިލް އޭނާގެ އަތުގައި އަޅުވައިދިނެވެ. ނަމަވެސް އެ އަގޮނޓި އޭނާގެ އިނގިއްޔަށް ހެޔޮވަރު ނުވުމުން ގެއްލިދާނެތީ ފޮރުވަން އުޅުމުގެ ތެރޭގައި އަގޮނޓި މޫދަށް ވެއްޓުނެވެ. އެކަމާ އޭނާ ނުހަނު ދެރަވިއެވެ.
ނާއިލްއަށް އޭނާގެ ފަރާތުން ބަދަލުގައި ޓީޝާޓާއި ގަމީސް ހަދިޔާ ކުރިއެވެ. ނުވީތަނަކަށް އޭނާގެ މަންމަ ރަށުން ފޮނުވާ ހަދިޔާވެސް ރަހަވެސް ނުބަލައި ފުރަތަމަވެސް ނާއިލްގެ އަރުގައި ނުޖައްސާ ހިތްހަމަނުޖެހެއެވެ.
ދެމީހުންނަށް އެކީގައި ހޭދަކުރެވެމުން ދިޔަ ވަގުތު ތަކުގެ ސަބަބުން އެކަކު އަނެކަކުގެ މައްޗަށް އުފެދެމުން ދިޔަ ގާތްކަން އިތުރުވިއެވެ. އެމޫދަށް އެރެން ދިޔަ ދިޔައި ދުވަހުވެސް ކަންތައްވީ ވަރަށް މަޖާގޮތަކަށެވެ. ދެމީހުންގެ ވާހަކަތައް މާ ދިގުލަމުންގޮސް އެންމެ ފަހުން އެދުވަހު މޫދަކަށް ނޭރެވުނެވެ. އޭނާއަށް ފާހަގަކުރެވޭ ކަމަކީ ނާއިލް ބޭނުންވާ އެއްވެސް ކަމެއްގެ ވާހަކައެއް ސީދާ ނުބުނާނެކަމެވެ. އޮތުން ދެނެގަތް ކަމެއްގެ ގޮތުގައި ނާއިލް ގެ ސަޕޯޓަރެއްގެ ގޮތުގައި އޭނާ ފިލައިގެން ޑިއުޓީ ކަޓުވާފައި ފުޓްބޯޅަ ކުޅޭއިރު ކޮންމެ ރެއަކުވެސް އެތަނުގައި ހުންނަން ދެއެވެ.
މާގިނަ ހަދިޔާތަކެއް ނުލިބުނަމަވެސް ނާއިލްގެ އަޅާލުމާއި ލޯބި ލިބެމުންދިޔެވެ. އޭގެ އިންތިހާއަށެވެ. އެއީ އޭނާ ބޭނުންވިގޮތެވެ. އޭނާ ނާއިލްގެ ފަރާތުން ބޭނުންވި ހިތުންވުމެވެ. އޯގާތެރިކަމެވެ. އަޅާލުމެވެ. އާއެކެވެ. މެހެބޫބުގެ ކޮންމެ ހިނިތުންވުމަކީ މެހެބޫބާގެ ހިތުގެ ހިނގުން އަވަސްކޮށްލަދޭ އެއްޗެކެވެ. އަދި އެ ހިތުގައި ދައުރުވާ ލޭ ހޫނުވެ ފިނިވެގެން ދާ ކަމެކެވެ. އެއީ މިބުނާ ހަޤީޤީ ލޯބިވެވިފައިވާ ނަމައެވެ. ރިޝްވާން ވަނީ އޭނާ ދެކެ އެބުނާ ލޯބި ބާއެވެ؟ އެކަމެއް އޭނާއަކަށް އެއްވެސް ވަރަކަށް ޔަޤީނެއް ނޫނެވެ. ރަށުކުއްޖަކަށްވެފައި ރަނގަޅު އާއިލާއެއްގެ ކުއްޖަކަށްވީމަ ނިމުނީ ކަމަކަށް އޭނާގެ ސިކުނޑި ގަބޫލެއް ނުކުރިއެވެ. އެހެނަސް އޭނާ ގެ މައިންބަފައިން ބޭނުންވަނީ ރިޝްވާނާއި ގުޅޭށެވެ. އާއެކެވެ. މިއަދު މިއީ އެމީހުންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. އެހެނަސް އޭނާ ހުރީ ނާއިލްގެ ހަނދާންތަކާއިއެކު ކުރި ދިގު އިންތިޒާރަށް ނިމުމެއް ލިބޭނެ ވަގުތަކަށް ބަލަބަލައެވެ. ނާއިލްއެނބުރި އޭނާގެ ކައިރިޔަށް އަންނާނެ ވަގުތަކަށް އުއްމީދުކޮށްގެން ހުންނަތާ 5 އަހަރުވީއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ ނާއިލްވެސް އޭނާއަށް އޮޅުވާލީއެވެ. އެންމެފަހުން ނާއިލްގެ ކައިވެނިވެސް ކުރެވިއްޖެއެވެ. އިންތިޒާރުގެ ނިމުން ބަދަލުކުރުވީ ދެމީހުންގެ ތަޤުދީރުގައި އެކުގައި ވުމަށް ނެތީމައެވެ. މިއީ އޭނާ އަހަރެންނަށް ކިޔަދިން ވާހަކައެއް ނޫނެވެ. މިއީ ހަމަ ޙަޤީޤަތުގަވެސް އޭނާއާއި މެދު ކަންތައްވީގޮތެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ނާއިލްގެ އުފާވެރި ހަނދާންތަކެވެ. ވީ ވަޢުދުތަކެވެ. ކުރުވި ދިގު އިންތިޒާރެވެ. (ނިމުނީ)