ކުޑަކުދިންވާހަކަ

ރަސްގެފާނާއި ޖާދޫގަރު(ދެވަނަ ބައި)

ކުޑަކުދިންގެ ވާހަކަ 49 ( ރަސްގެފާނާއި ޖާދޫގަރު) ދެވަނަ ބައި

މި ޙަބަރު ރަސްގެފާނަށް ލިބުމުން އިތުރު ސިފައިންނާއި ވަޒީރުން ފޮނުއްވިއެވެ. ޖަންގަލީގެ ތެރެއިން ދަރިކަލުން ހޯދެއްވުމަށް ޚުދު ރަސްގެފާނުގެވެސް ވަޑައިގަތެވެ. ބޮޑުވަޒީރު ކޮބައިތޯވެސް މުޅި ޖަންގަލީގެ ހުރިހާ ސަރަހައްދަކަށް ސިފައިން ފޮނުއްވައިގެން ބެއްލެވިއެވެ. ދަރިކަލުންނާއި އަދި ބޮޑުވަޒީރެއް ނުފެނުނެވެ. އެކަމާ ރަސްގެފާނު ވަރަށް ހިތާމަފުޅުކުރެއްވިއެވެ.

އެކަމާއި ގުޅިގެން ރަސްގެފާނުގެ އަމުރު މުޅި ސަހަރަށް ނެރުއްވިއެވެ. ކައިރިއޮތް ސަހަރުތަކަށްވެސް އަންގާ އިޢުލާންކުރިއެވެ. ރަސްގެފާނުގެ ދަރިކަލުންނާއި ބޮޑުވަޒީރު ހޯދައިދިން މީހަކަށް ރަސްގެފާނުގެ ބޮޑުވަޒީރުކަމާއި އަދިވެސް އެތައް ބައިވަރު ޚަޒާނާއެއް ލިބޭނެ ވާހަކައެވެ. މިހާރު އެއީ މުޅި ސަހަރުގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. ވަރަށްގިނަ ބަޔަކު ޖަންގަލީގެ ތެރެއަށް ގެއްލުނު ދަރިކަލުންނާއި ބޮޑުވަޒީރު ފެނޭތޯ ހޯދާ ބަލައެވެ.

ބޮޑުވަޒީރު ފިލަން ދުވެގޮސް ވަނީ ވިނަ ބޯވެފައިވާ ތަނެއްގައި އޮތް ގަހެއްގެ ކައިރިއަށެވެ. އެގަހުގެ ކައިރީގައި ހޮހަޅައެއް ހުއްޓެވެ. ވަޒީރު އެ ހޮހަޅަ ތެރެއަށް ވަނެވެ. އެތެރެ ވަރަށް އަނދިއެވެ. ހިނގަމުން ހިނގަމުން ދަނިކޮށް ނިކުމެވުނީ މުޅިން އެހެން ހިސާބަކަށެވެ. އެއީ ވަރަށް ބިރުވެރިކޮށް އޮންނަ ސަރަހައްދެކެވެ. ވަށައިގެން އޮންނަނީ ބިޔަ ގަސްތަކެވެ. ތަންކޮޅަކަށް ހިނގާލިތަނާ ފެނުނީ ކުޑަ ޖިފުޓިއެކެވެ. އެކަމަކު އެގެ ހުރީ ބިރުވެރިކޮށް ހުރި އުސްގަނޑެއްގެ މަތީގައެވެ. ވަށައިގެން ހުރީ ބިޔަ ގަސްތަކަކެވެ. އެގެއަށް ދެވޭނީ ކޯރެއް ހުރަސްކޮށްގެންނެވެ.

ވަޒީރު ވަރަށް ހިތްވަރުކޮށްގެން ގަސްގަނޑެއް އެހީގައި ކޯރު ހުރަސްކުރިއެވެ. އޭރު ހުރީ ވަރަށް ބަނޑުހައިވެ ވަރުބަލިވެފައެވެ. އެގެއާއި ކަރިވިތަނާ ވަރަށް މީރު ވަހެއް ދުވިއެވެ. ވަޒީރު ވަރުބަލި ފިލުވާލުމަށް އެގެއަށް ވަނެވެ. ސަލާމް ގޮވާކަށް ވެސް ހަނދާނެއް ނެތެވެ. އެތެރެއަށް ވަދެ ބަލައިލިއިރު އެއީ ވަރަށް ބޮޑުގަނޑުވަރެއްކަހަލަ ތަނެކެވެ. އަޖައިބެކެވެ. ބޭރުން ބަލައިލާއިރު ފެންނަނީ ވަރަށް އާދައިގެ ފަޤީރު ޖިފުޓި އެންހެންނެވެ. ނަމަވެސް އެތެރެ އެހާ ތަނަވަސްވެފައި ފުރިހަމައެވެ. ރަންރިހީގެ ޖަވާހިރުތަކާއި ތަފާތު ކުލަކުލައިގެ ކާނަތައް ފެނުމުން ވަޒީރަކަށް ބަލާކަށް ނުހުރެވުނެވެ.

އަވަސް އަވަހަށް ކާންފެށުނެވެ. އަދި އެތަނުން ޖަވާހިރުތައް ނަގާ ޖީބަށް އަޅައި ފޮރުވިއެވެ. އެވަގުތު ދުންގަނޑެއް އަރާފައި ކުއްލިއަކަށް މީހަކު އެތަނަށް އައިސްފިއެވެ. އެމީހަކު ހުރީ ދަނބުކުލައިގެ ހެދުމެއް ލައިގެންނެވެ. އަތުގައި ދަނޑިބުރިއެއްވެސް އޮތެވެ. އޭގެ ކޮޅުގައި މަޑުނޫކުލައިގެ ބިއްލޫރި ބޯޅައެއް އިނެވެ. އެމީހާއަށް ރަނގަޅަށް ބަލައިލިއިރު ފައި ބިމަކު ނުޖެހެއެވެ. ވަޒީރު ބިރުން ހޭނެތިގެން ވެއްޓުނެވެ. އޭގެ އިރުކޮޅެއް ފަހެވެ.

ވަޒީރު ހޭއެރުމުން އެމީހަކު ސުވާލުކުރަން ފެށިއެވެ.

” ކަލޭ ތީ ކާކު؟ އަހަރެންގެ ގެއަށް ހުއްދަނެތި ވަދެގެން ތިޔަ އުޅެނީ؟

“އަޅުގަނޑަކީ މި ސަހަރުގެ ރަސްގެފާނު” ބޮޑުވަޒީރު އޮލުވައިލިއެވެ.

“އަޅުގަނޑު މިތަނަށް އައީ އަޅުގަނޑުގެ ދަރިކަލުން ގެއްލިގެން އޭނަ ހޯދަން.”

“ކަލޭ ތިޔަ ހަދަނީ މުޅިން ދޮގު. މިގެއިން ކަލޭ އެއްޗެއް ކެއިންތަ؟

” ނުކަން ” ވަޒީރު ވަރަށް ޖެހިލުންވެ ހުރެ ބުންޏެވެ.

“ދޮގު. ކަލޭ މިގެއިން އެއްވެސް އެއްޗެއް ވަގަށް ނެގިންތަ؟” އެމީހާ ވަރަށް ރުޅިއައިސްފަ ބުންޏެވެ.

” ނުނަގަން” އަޅުގަނޑަށް މަޢާފް ކުރޭ. އަޅުގަނޑުގެ ދަރިފުޅު ހޯދަދެއްވާ.” ވަރަށް އާދޭހާއި އެކު ބޮޑުވަޒީރު އެމީހާކުރެން އެދުނެވެ.

“ކަލެއަށް އެނގޭތަ އަހަރެން މީ ކާކުކަން ތިޔަ ދޮގު ހަދަނީ؟. “

“ނޫން. އެކަމަކު ތިޔައީ އަހަރެމެން ކަހަލަ އިންސާނެއް ނޫންދޯ؟ “ވަޒީރު ހިންދިރުވާލިއެވެ.

” އަހަރެން ކަލެއަށް އެހީތެރިވާނީ ޝަރުތެއްގެ މަތިން. ” އެމީހާ ވަރަށް ޔަގީންކަން ދިނެވެ.

“އަވަހަށް ބުނޭ. އަޅުގަނޑަށް ކުރެވޭ ވަރުގެ ކަމެއް ނަމަ އެކަމެއް ކޮށްދޭނަން.” ވަޒީރު ކުޑަކޮށް ހިތްހަމަޖެހުނެވެ.

“ކަލޭ ހެދި ތިން ދޮގުގެ ސަބަބުން އަހަރެންގެ ގަނޑުވަރުގައި ޙާދިމަކަށް ވެގެން ތިން އަހަރު ހުންނަންޖެހޭނެ. އަދި އެތިން އަހަރު އަހަރެމެންގެ ސަހަރަށް ހަނގުރާމައަށް އަންނަ ކޮންމެ ބަޔަކާއި ހަނގުރާމަ ކޮށް ކާމިޔާބުވާން ޖެހޭނެ. އަދި ހަނގުރާމައިން ބަލިވެއްޖެނަމަ ބަލިވާ ކޮންމެ ފަހަރަކަށް މި ސަހަރުގައި މަޑުކުރަން ޖެހޭނެ.”

” ލައްބަ އަޅުގަނޑު ތިކަމާއި އެއްބަސް.” ބޮޑުވަޒީރު ޙައިރާންކަމާއެކު ބުންޏެވެ.

” އަހަރެންނަކީ މިސަހަރުގެ ޖާދޫގަރު. ކަލޭއަކީ ރަސްގެފާނުގެ ބޮޑުވަޒީރު. ކަލޭ މިގެއިން ކައި އަދި އަހަރެންގެ ޚަޒާނާތަކުން ވަގަށް ތަކެތިވަނީ ނަގާފަ. އެހުރީ ކަލޭގެ ޖީބުގަ.” ޖާދޫގަރު އޭނާގެ އަތުގައި އޮތް ދަނޑިބުރިއަށް ފުމެލިއެވެ. އެވަގުތު ކުރިން ބޮޑުވަޒީރު ކުރި ހުރިހާކަމެއް ބިއްލޫރި ބޯޅައިން ފެނުނެވެ.

“އަޅުގަނޑަށް މަޢާފް ކުރޭ” ބޮޑުވަޒީރު އޭނާގެ ކުށަށް އިޢުތިރާފްވިއެވެ.

 “މިއީ ތިޔަ ހީކުރާހާ ފަސޭހަ ތަނެއް ނޫން ދިރިއުޅޭކަށް. މިތަނުގައި އަބަދުވެސް އޮންނާނީ ހަނގުރާމަ ކުރުން. ޖެހިގެން އޮންނަ ސަހަރުގައި ދިރިއުޅޭ ޖާދޫގަރުންނާއި ޖިންނިތައް މި ސަހަރަށް އައިސް މި ސަހަރުގެ ޖާދޫގަރުންނާއި ޖިންނިތަކާއި ހަނގުރާމަ ކުރާނެ. އެބައިމީހުން ބޭނުންވަނީ މި ރީތި ގަނޑުވަރު. މިތަން މިހެން ހަދާފަ މިހުންނަނީވެސް އެހެންވެގެން.” ޖާދޫގަރު އޮޅުންފިލުވައިދިނެވެ.

ކޮންމެއަކަސް ޖާދޫގަރު ބުނުއްވި ގޮތަށް ކަންތައް ކުރެވޭތޯ ބޮޑުވަޒީރު ބެލިއެވެ. ރަސްގެފާނުގެ ދަރިކަލުން ބިންބާދު ސާހް ހޯދައްވައިގެން ނޫނީ އެއްވެސް ރައްކަލެއް އޭނާއަކަށް ނެތެވެ. އެދަރިކަލުން ނުލައި ގޮސްފިނަމަ ބޮޑުވަޒީރު ގަތުލްކޮށްލާނެ ކަމީ ޝައްކެތް ހުރި ކަމެއް ނޫނެވެ.

ޖާދޫގަރު ރަސްގެފާނުގެ ދަރިކަލުން ހޯދެއްވުމުގެ މަސައްކަތް ފެށިއެވެ. އެކި ޒާތުގެ އެއްޗެތި އެއްކޮށް ފާޑުފާޑުގެ ބޭސްތައް އަޅައިގެން ބޮޑު ތެއްޔެއްގައި ކޮންމެވެސް އެއްޗެއް ކައްކަނީއެވެ. ބޮޑުވަޒީރު ދުރުގައި މަންޒަރު ބަލަން އިނެވެ. ޖާދުގަރު އެކެއްކި އެއްޗެއް ކައްކާ ނިމުމުން ކުޑަ ބިއްލޫރި ފުޅިއަކަށް އޭގެއިން އެއްބައި އެޅިއެވެ. އަދި އޭގެ އަނެއްބައި އޭތާ ހުރި ގަހަކަށް އެޅިއެވެ. ހަމަ އެޅުމާއެކުހެން އެގަސް އިތުރަށް ބޮޑުވެ ގަހުގައި މާ އަޅާފިއެވެ. އަދި ގަހުގެ ފަތްތައް އިތުރަށް ފެހިވެ ރަން ކުލައަކަށް ބަދަލުވިއެވެ. މި ގަހުގެ ފަތްތައް ރަންކުލައަށް ބަދަލުވެ ނިމުމުން އެގަހާއި ޖެހިގެން ހުރި ގަސް ހަމަ އެހެން ވާންފެށިއެވެ. ” މީގެން އަންގައިދެނީ ދާންވީ މަގު.” ޖާދޫގަރު ބޮޑުވަޒީރާއި ދިމާލަށް އެނބުރިލިއެވެ. ” މިކުލަވަރު ގަހެއްގައި ނުޖެހި ހުއްޓިއްޖެނަމަ މި ފުޅިން ކުޑައެތިކޮޅެއް ގަހަކަށް އަޅާ. ހަނދާން ކުރާތި! ގިނައިން ނާޅާތި. ފުޅި ހުސްވުމުގެ ކުރިން ތިޔަބުނާ ރަސްގެފާނުގެ ދަރިކަލުން ވީ ހިސާބު ހޯދާތި. އެހެންނޫނީ” ( ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close