ވާހަކަ

ގުގުރި

މިއީ ހަޤީޤީ ހަދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާ ބިނާވެފައިވާ މައިގަނޑު ކަމަކީ ތިބާވެސް ތަޖުރިބާކޮށްފައިވާ ކަމެއް ކަމުގައި ވެދާނެއެވެ. ޤުދުރަތީގޮތުން ދިމާވާ ކަންކަމާއި މެދު ފާޑުކިޔުމާއި ގަދަބަސް ބުނެއުޅުމަކީ އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް ނޭނގި ކުރެވޭ ނޭދެވޭ ކަމެކެވެ. ބައެއް ފަހަރު ވާރޭ ވެހޭގޮތާއި ވައިގަދަވުމާއި ތަފާތު ބަލިޖެހުން ފަދަކަން ކަމަށް ކުދި ކިޔާ ހެދެއެވެ. މިސާލަކަށް “މިއީ ތިމަންނަ ވަރަށް ފޫހިވާގޮތަކަށް ވާރޭ ވެހޭ ދުވަހެކޭ” ނުވަތަ “މިއަދު ގުގުރިއެއް ޖަހާލާކަށްވެސް ނޫޅެއޭ” ފަދަ ގޮތަކަށް ބުނެވެއެވެ. މި ހާދިސާ ދިމާވި ފަރާތް މި ވާހަކަ ކިޔައިދިނީ ވިއްސާރަ ރެއްގައި ވިދާ ގުގުރަމުން ދިޔަ ވަގުތެއްގައެވެ. އޭނާ އެހާދިސާ ކިޔަދިން ގޮތަށް އުނިއިތުރު ކުރުމެއްނެތި މި ވާހަކަ ލިޔެވޭތޯ ބަލާނަމެވެ. މި ވާހަކައިން ޢިބްރަތެއް ހާސިލްވާނެކަމަށް އުއްމީދުކުރާ ޙާލު ވާހަކައިގެން ކުރިއަށް ދަމާ ހިނގާށެވެ!

އުޑުމަތިގައި ކޮންމެވެސް ވަރަކަށް ކަޅުވިލާތައް ދިމަދިމާލުން އައިސް ފުނިޖެހެން ފެށިއެވެ. ދޭތެރެ ދޭތެރެއިން ކޮންމެވެސް ވަރަކަށް ވިދާލައެވެ. މަޑުމަޑުން ޖެހެމުން އައި ވައިރޯޅިތައްވެސް ބާރުވެއްޖެއެވެ. އެއީ ހަވީރުގެ ވަގުތެވެ. އަހަރެމެން ދަތުރު ނިންމާފައި އައިސް ރިސޯޓުގެ ޖެޓީއާއި ކައިރިކޮށް ލޯންޗު އެޅީމެވެ. އެވަގުތު އަހަރެންގެ އެކުވެރި ޖޯން އުޑުމައްޗަށް ބަލާލުމަށްފަހު، މިރޭ ވަރަށް ވިއްސާރަވާނެކަމަށް ބުންޏެވެ. އަދި ވަރަށް ބާރަށް ގުރުރާނެކަމަށްވެސް ބުންޏެވެ. އަހަރެން އޭރު ހުރީ ލޯންޗުގައި ދެކެވުނު މަޖާ އެހާމެ ފޯރިގަދަ ވާހަކައެއްގެ ސަބަބުން ނިކަން މަޖާވެފައެވެ. އެއްވެސް ވިސްނާލުމެއްނެތި އަހަރެން ބުނީމެވެ. “މިހެން ވިދާ ހަދާނަމަ އަހަރެން ބިރުގަނޭ! އެކަމަކު ގުގުރައިން އަހަރެން ބިރުގަންދުވާކަށް ނުކުރޭނެ.”

އަހަރެން އެހެންބުނެ ސަކަގޮތަކަށް ހީގަތީމެވެ. އޭރުވެސް ކުޑަކޮށް ވިދާ ހަދައެވެ. އިރުކޮޅެއް ނުވެ ވާރޭ ތުނިކޮށް ވެހެން ފެށިއެވެ. ދަތުރުގެ ވަރުބަލީގައި ފާލަން މަތީގައި ވާހަކަ ގިނަނުކޮށް ވާރޭ ބޯކޮށްލުމުގެ ކުރިން ރަށުތެރެއަށް އައީމެވެ.

ގުޅުންހުރި ލިޔުންތައް

އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް އެރޭ އުޑުމަތި ސާފުވެފައި މޫސުން ރީތިވެއްޖެއެވެ. ” ކޮބާ ކަލޭ ބުނީމެއްނު މިރޭ ވަރަށް ވިއްސާރަ ވާނެއޭ! މޫސުން ކިޔަން އެނގޭނީ މުސްކުޅިންނަށް.” އަހަރެމެން ވާހަކަ ދައްކަން ތިބީ ކޮޓަރި ކައިރީގައިގައެވެ. ކޮފީ ފޮދުވަރެއް ބޯލަމުން ޖޯން ބުންޏެވެ. ” މުސްކުޅި ނުވިޔަސް ތަޒުރިބާ ހުރިއްޔާ އެނގޭނެ. މިހާރު މޫސުން ކިޔާކަށް މުސްކުޅިންނަކަށްވެސް ނޭނގެ ދޯ! އެވެރިން ކިޔާއެއްޗެއްވެސް ދެފަހަރަކު ދިމައެއް ނުވޭ!” ދެމީހުން ހީނގަތީ އެއްފަހަރާއެވެ.

ކޮންމެއަކަސް އަހަރެންނަށް ނުވިސްނި އޮތްކަމަކީ ޤުރުރަތީ ކަންކަމަކީ އިންސާނުންނަށް އެކަންކަމަށް ގޮތް ކިޔަން އެނގޭނެ ކަންކަމެއް ނޫންނަމެވެ. ކޮންމެމީހަކަވެސް މޫސުން ލަފާކުރަނީއެވެ. ޔަޤީންކަމާއެކު ބުނާކަށް ނޭނގެއެވެ.

އެރޭގެ އަށްގަޑި ބައިވިތަނާ ޖޯން ގުޅާފަ ދަތުރެއް ދާންޖެހިއްޖެކަމަށް ބުންޏެވެ. އަހަރެންވެސް ފެންވަރާލައިގެން ދަތުރުދާން ނިކުންތަނާ ކުއްލިއަކަށް މޫސުން ބަދަލުވާން އުޅޭހެން ހީވެއްޖެއެވެ. ވައި ކޮންމެވެސް ވަރަކަށް ގަދަވާން ފަށާފިއެވެ. ވިދާލާ ވިދުވަރު ގިނަވާން ފަށާފިއެވެ. ވާރޭވެސް ބޯކޮށްލާފިއެވެ. ކުޑައަޅައިގެން ދެމީހުން އެކުއެކީގައި ހިނގާފައި ގޯސް ޖެޓީއާއި ހިސާބަށް ދެވުނުތަނާ ޖޯންއަށް ފޯނުކޯލެއް އައެވެ. އޭނާ އެހިސާބުގައި ހުރި ޝޮޕަކަށް ގޮސްފަ އެބަ އަންނަމޭ ކިޔާފަ ދިޔައީއެވެ. އޭނާ އަންނަންދެން އަހަރެން ސްޓާފު ޖެޓީގައި މަޑުކުރަން ނިންމީމެވެ. އަހަރެން ގޮސް ޖެޓީގައި އެވަގުތު ޑިއުޓީގައި ހުރި މިހާއާއި ވާހަކަ ދައްކަންފެށީމެވެ. އޭނާ ބުންޏެވެ. “މިގޮތަށް ލައިޓިން އަންނަ ގަޑީގައި އަހަރެމެން ރަށުގައި ވަރަށް ބިރުގަނޭ. ތަންތަން ހަލާކުވަނީ.” އެއީ ބޭރުމީހެއް ނަމަވެސް އޭނާ ވާހަކަ ދެއްކީ ކޮށި ދިވެހި ބަހަކުންނެވެ. އޭނާވެސް އެހަކަލަ ވާހަކަތަކެއް ދެއްކުމަށްފަހު އެތަނުން ހިނގައްޖެއެވެ.

ޖެޓީގައި އެވަގުތު ހުރީ އަހަރެން އެކަންޏެވެ. ކުޑަކޮށް ޖެހިލުންވާގޮތް ވާންފެށީ ލޯތަރަތަރަ ޖަހައިގެން ދާވަރަށް ވިދާލުމުންނެވެ. މުޅިތަން އަލިވެގެން ދިޔައެވެ. އެވަގުތު ޖަހާލި ބާރު ގުގުރީގެ އަޑުން ސިއްސައިގެން ގޮސް ކޮޅަށް ހުރި އަހަރެންގެ ހަށިގަނޑު ގުދުވިއެވެ. ހިތަށް ބިރުވެރިކަން އިޙްސާސްވިއެވެ. ހަމަ އެވަގުތު ދެވަނަ ފަހަރަށް ވިދާލިއެވެ. ފަހަރަކަށްވުރެ ފަހަރެއް ދުނިޔެމަތި އަލިވެގެން ދެއެވެ. އެ ވިދުވަރާއެކު އަނެއްކާވެސް ބާރު ގުގުރިއެއް ޖެހިއެވެ. ގުދުވެފައި އޮތް އަހަރެންގެ ހަށިގަނޑު އިތުރަށް ގުދުވިއެވެ. އާއެކެވެ. ކޮންމެ ގުގުރިއަކާއި އެކު އަހަރެން މިހާރުގެ ބަހުންނަމަ “ސައިޒު” ވަމުންދެއެވެ. ދެކަންފަތުގައި އަތްއަޅައިގެން ކުޑަކަކޫ މައްޗަށް ތިރިވެވުނީ ތިންވަނަ ފަހަރު ވިދާލުމާއި އެކުގައެވެ. އެފަހަރު މޫދުގައި އުޅޭ މަސްތައްވެސް ރީތިކޮށް އަހަރެންނަށް ފެނުނެވެ. ބިރުންގޮސް ގައިން ހީބިނަގައިގެން ދިޔައެވެ. މިހާ ފާޑަކަށް ގަބުވިކަހަލައެވެ. އެހިނދުކޮޅުތެރޭގައި  ނިކަން ބާރަށް ގުގުރިއެއް ޖެހިއެވެ. ކުރިން ދެފަހަރު ޖެހި ވަރަށް ވުރެވެސް ބާރަށެވެ. ހީވީ މުޅިދުނިޔެ ކުދިކުދި ވެދާނެ ހެންނެވެ.

އެވަގުތު އަހަރެންގެ ހަނދާނަށް އައީ ހަވީރުގަޑީގައި ޖޯން ކައިރީ ބުނެވުނު ބަހެވެ. އަހަރެން އަވަސް އަވަހަށް މޮޔައަކު ފަދައިން ގޮވަން ފެށީމެވެ. “އަހަރެން ބިރުގަނޭ! އަހަރެން ބިރުގަނޭ! ގުގުރަންޏާއި އަހަރެން ބިރުގަނޭ! އަހަރެން ސަލާމަތްކޮށްދީ! އަހަރެން ބިރުގަނޭ! ޔާ ﷲ އަހަރެން ސަލާމަތްކޮށްދީ!” ތިންވަނަ ގުގުރި ޖެހުމާއި އެކު އަހަރެންގެ ކުށް ވިސްނުނުކަން އެއީ އަހަރެންގެ ނަސީބެވެ. އާއެކެވެ. އޭގެ ފަހުން ގުގުރިއެއް ނުޖަހައެވެ.  އޭގެ އިރުކޮޅެއް ފަހުން ޖޯން ގުޅިއެވެ. އަދި ވިއްސާރަވެ ދަތުރު ކެންސަލު ކުރެވުނު ވާހަކަ ބުންޏެވެ. އިރުކޮޅަކުން އެތާ އިންދާ ކުއްލިއަކަށް ވާރޭ ހުއްޓަލައި ވިއްސާރަ އަލިވެއްޖެއެވެ. އެކަމާ އަހަރެން އަޖައިބުވިއެވެ. އަހަރެން އަވަސް އަވަހަށް ޖެޓީއިން ފައިބައިގެން ޖޯން ފެނޭތޯ ދިޔައީމެވެ. އަހަރެންނަށް ވިސްނާލެވުނެވެ. ވެދާނެއެވެ. އެ ވިއްސާރަ ނުވަތަ އެގުގުރި އެއީ އަހަރެންނަށް އައި ގުގުރިއެކެވެ. އެދުވަހު އަހަރެންނަށް އެހެން ބުނެވުމުން އެބުނެވުނީ ވަރަށް ނުބައި އެއްޗެއްކަން އިޙްސާސް ކޮށްދިނުމަށް ޖެހި 3 ގުގުރި ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. (ނިމުނީ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close